[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞަލާތުއް ނާރިއްޔާ އަކީ އޭގައި ޝިރުކުހިމެނޭ ޞަލަވާތެއް

މި ޞަލަވާތަކީ ކުރީގެ ފޮތްތަކުގައި ވަރަށް ގިނައިން ލިޔެފައި ހުންނަ ޞަލަވާތެކެވެ. އަދި އެ ޞަލަވާތް ކިޔަވާ މީހާއަށް ވަރަށް ގިނަ ކަންކަން ޙާޞިލްކުރެވޭނެ ކަމަށް ފޮތްތަކުގައި ލިޔެފައި ހުރެއެވެ. މިއީ މިހާރުވެސް ބައެއް މީހުން ދޫކޮށްނުލާ ކިޔަމުން އަންނަ ޞަލަވާތެކެވެ.

މި ޞަލަވާތް ކިޔެވުމުގެ ޙުކުމަށް ބަޔާންކުރުމުގެ ކުރިން މި ޞަލަވާތުގައި މިވާ އެއްޗެއްގެ މާނައަށް ބަލައިލާނަމެވެ.

މި ޞަލަވާތުގައި ވަނީ އަންނަނިވި ޢިބާރާތެވެ.
“اللَّهُمَّ صَلِّ صَلَاةً كَامِلَةً وَسَلِّمْ سَلَامًا تَامًّا عَلَى سَيِّدِنَا مُحَمَّدٍ الَّذِيْ  تَنْحَلُّ بِهِ الْعُقَدُ، وَتَنْفَرِجُ بِهِ الْكُرَبُ، وَتُقْضَى بِهِ الْـحَوَائِجُ ، وَتُنَالُ بِهِ الرَّغَائِبُ، وَحُسُنَ الْـخَوَاتِمِ وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيْمِ وَعَلَى آلِهِ وَصَحْبِهِ فِي كُلِّ لَـمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكَ” –

މި ޞަލަވާތުގެ މާނަ
“ޔާ ﷲ. އަހަރެމެންގެ ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް ފުރިހަމަ ޞަލަވާތަކުން ޞަލަވާތެއް ލައްވާ ފުރިހަވެގެންވާ ސަލާމަކުން ސަލާން ލައްވާށިއެވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ ސަބަބުން ގޮށްތައް މޮހިގެންދާ، ހިތާމަތައް ފިލައިގެންދާ، ޙާޖަތްތައް ފުދިގެންދާ، އެދުންތައް ޙާސިލްވެގެންދާ، ހެޔޮ ނިމުން ލިބިގެންދާ، އެކަލޭގެފާނުގެ މޫނުފުޅުގެ މާތްކަމުގެ ސަބަބުން ވިލާތައް ފޮނުއްވާ (ފެން ވެއްސަވާ) ކަލޭގެފާނެއެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށްވެސް (ޞަލަވާތާއި ސަލާމް ލައްވާށިއެވެ) ކޮންމެ ހިނދެއްގައި އަދި ކޮންމެ ނޭވާއެއްގައި އިބައިލާހު ދެނެވޮޑިގެންވާ ހުރިހާ ތަކެތީގެ ޢަދަދަށެވެ. “

މި ޞަލަވާތުގައިވާ ލަފުޒުތަކަށް ބަލައިލުމެއް
تَنْحَلُّ بِهِ الْعُقَدُ – ގޮށްތައް މޮހިގެންދާ – Obstacles are removed
މީގެ މާނައަކީ ކުރިމަތިވާ ހުރަސްތަކުން ސަލާމަތްކުރެއްވުމެވެ. ނުވަތަ ކުރިމަތިވާ ދަތި އުނދަގޫތަކުން ސަލާމަތްކުރެއްވުމެވެ. އަދި އޭގެ އަނެއް މުރާދަކީ އެކަލޭގެފާނުގެ ބަރަކާތުން ކޯފާއިން މިންޖުވުމެވެ.

وَتَنْفَرِجُ بِهِ الْكُرَبُ – ހިތާމަތައް ފިއްލަވައި – Distress is relieved
މީގެ މާނައަކީ ޙަޔާތުގައި ކުރިމަތިވާ ހިތާމަތަކާއި ވޭންތައް އެކަލޭގެފާނުގެ ސަބަބުން ނެތިގެންދާ، އެކަންތައްތައ ފިލައިދާ ފަރާތެވެ.

وَتُقْضَى بِهِ الْـحَوَائِجُ- ޙާޖަތްތައް ފުދިގެންދާ Needs are met-
މީގެ މާނައަކީ އެމީހަކު ޙާސިލްކުރަން ބޭނުންވާ ކަމެއް މިކަމުން ޙާޞިލްވުމެވެ.

وَتُنَالُ بِهِ الرَّغَائِبُ وَحُسُنَ الْـخَوَاتِمِ އެދުންތައް ޙާސިލްވެގެންދާ، ހެޔޮ ނިމުން ލިބިގެންދާ – Desires are fulfilled and a good end may be achieved
މީގެ މާނައަކީ މީހާ ކުރާ އުންމީދުތައް ޙާޞިލްވުމެވެ. އޭގެ ތެރެއިން އެއްކަމަކީ ހެޔޮ ރަނގަޅު ނިމުމެއް ލިބުމެވެ.

وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيْمِ އެކަލޭގެފާނުގެ މޫނުފުޅުގެ މާތްކަމުގެ ސަބަބުން ވިލާތައް ފޮނުއްވާ (ފެން ވެއްސަވާ) – By virtue of whose noble face clouds may be sent
މީގެ މާނައަކީ މި ޞަލަވާތުގައި ޞަލަވާތް ކިޔަވާ މީހާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން މި އެދެނީ، ވާރޭ ފެން ފޮނުއްވައިދެއްވުމަށް ﷲ އަށް ދަންނަވައިދެއްވުމަށެވެ.

 

 

މި ޞަލަވާތް ކިޔެވުމުގެ ޙުކުމަކީ ކޮބާ؟

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ޞަލަވާތް ކިޔެވުމަކީ ޙަރާމް ކަމެކެވެ. މި ޞަލަވާތަކީ ޝިރުކު އޭގައި ހިމެނޭ ބިދުޢައެކެވެ. އެއީ އަންނަނި ސަބަބުތަކަށްޓަކައެވެ.

1- މި ޞަލަވާތުގައި ޝިރުކުގެ ޢިބާރާތްތައް ހިމެނެއެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަތިވެރިކުރުމުގައި ޙައްދު ފަހަނައަޅައި ގޮސްފައިވާތީއެވެ. އޭގެ ތެރޭގައި ކުރިމަތިވާ ދަތި އުނދަގޫތަކުން ސަލާމަތްކުރެއްވުމާއި ހިތާމަތައް ފިއްލެވުމާއި ޙާޖަތްތައް ފުއްދައިދިނުމާއި، އެދުންތައް ޙާޞިލްކުރުމާއި، ހެޔޮ ނިމުން ލިބުމާއި، ވާރޭ ވެއްސަވައިދެއްވުމަށް ﷲ އަށް ދަންނަވައިދެއްވުން އެދި ދެންނެވުން (މެދުވެރި ކުރުމުގެ ޝިރުކު) މިކަން ކަން ހިމެނެއެވެ. މިކަންކަމަކީ ﷲ ފިޔަވައި އެއްވެސް ފަރާތަކަށް މިއިން ކަމެއް ކުރުމުގެ އެއްވެސް ބާރެއް ލިބިގެން ނުވާ ކަންކަމެވެ. އެއީ ކިތަންމެ މާތް އިންސާނަކަށްވިޔަސް، ރަސޫލު ބޭކަލަކަށް ނުވަތަ ނަބީ ބޭކަލަކަށްވިޔަސް، މަލާއިކަތަކަށްވިޔަސް އެފަދަ ކަންކަން ކުރުމުގެ ބާރު ލިބިގެންވާ ނުވެއެވެ. އެއީ ﷲ އަށް އެކަނި ކުރުމުގެ ބާރު ލިބިގެންވާ ކަންކަމެވެ. އުލޫހިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ވީމާ މި ޞަލަވާތުގައި ސާފު ޞަރީޙަ ޝިރުކު ހިމެނެއެވެ. ﷲ ތަޢާލާ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވަޙީކުރެއްވީ މިފަދައިން ވިދާޅުވުމަށެވެ.

قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا ﴿ الجن 21﴾

މާނައީ : “ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުމެއްވެސް، އަދި ތެދުމަގެއް ދެއްކުމެއްވެސް، ތިމަންކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެތެވެ.”

2- ޞަލަވާތުގެ މި ސީޣާއަކީ މިއީ ޤުރުއާނުގައި އަދި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެއްވެސް ޙަދީޘެއްގައި އައިސްފައިވާ ސީޣާއެއް ނޫނެވެ. އަދި ޞަލަވާތް ކިޔަވާ މީހާއަށް މިވެނި އެވެނި ކަމެއް ޙާޞިލްވާނެކަމަށް ފޮތްތަކުގައި ލިޔެފައިވާ ލިޔުންތަކަކީ އެއީ އެއްވެސް ޙާލެއްގައި އެއްވެސް ދަލީލެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކަތަކެއް ނޫނެވެ. މިވެނި ޢަދަދަކަށް މި ޞަލަވާތް ކިޔަވައިފި މީހަކަށް މިވެނި އެވެނި ކަމެއް ޙާޞިލްވާނެކަމަށް ލިޔެފައިވާ ލިޔުންތަކަކީވެސް މީގެ ތެރޭގައި ހިމެނޭ ހަމަ އެއްވެސް އަސްލެއް އެކަމުގައި ނެތް ދޮގުތަކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.

(مَنْ أَحْدَثَ في أَمرِنَا هَذَا مَا لَيسَ مِنهُ فَهُوَ رَدٌّ)، متفق عليه،

މާނައީ: “އަހަރެމެންގެ މި ދީނުގައި ނެތް ކަމެއް (ބިދުޢައެއް) އުފައްދައިފި މީހާ ދަންނައެވެ. ފަހެ، އެކަމެއް ވަނީ (ބާޠިލުވެ) ރައްދުވެގެންނެވެ.”

މުސްލިމްގެ ރިވާޔަތުގައި ވެއެވެ.

(مَن عَمِلَ عَمَلاً لَيسَ عَلَيهِ أَمرُنَا فَهُوَ رَدٌّ).

މާނައީ: ” އަހަރެމެންގެ މި ދީނުގައި ނެތް ޢަމަލެއްކޮށްފިމީހާ ދަންނައެވެ. ފަހެ، އެ ކަމެއް ވަނީ (ބާޠިލުވެ) ރައްދުވެގެންނެވެ.”

 

މި ޞަލަވާތާ ބެހޭގޮތުން ބައެއް ޢިލްމުވެރިން ދެއްވާފައިވާ ފަތުވާ

ޝައިޚް ޢަބްދުއްރަޙްމާން ބިން ނާޞިރުލް ބައްރާކު ވިދާޅުވިއެވެ.

“ނާރިއްޔާ ޞަލަވާތޭ ކިޔާ މި ޞަލަވާތަކީ ޙަރާމް އެއްޗެކެވެ. އޭގައި ހިމެނޭ ޝިރުކާއި ބިދުޢައިގެ ސަބަބުންނެވެ. ޞޫފީންނަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަތިވެރިކުރުމުގައި ޙައްދަފަހަނައަޅައި ދިޔުމާއި، ޝިރުކާއި ކުފުރު އޭގައި ހިމެނޭ ޢިބާރާތްތައް ބޭނުންކޮށްގެން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްތައް ހެދުމުގައި މަޝްހޫރު ބައެކެވެ. އަދި އެ ޞަލަވާތް ތަކުގެ މައްޗަށް، ﷲ ތަޢާލާ އެއްގޮތަކަށްވެސް ބާވައިނުލައްވާ ދަރުމައާއި ޘަވާބާއި މަތްކަމާއި މަތިވެރިކަން އެމީހުން އިތުރު ކުރެއެވެ. މި ޞަލަވާތަށް މިކިޔާ ނަމަކީވެސް މިއީ މުންކަރު ނަމެކެވެ. ނާރިއްޔާ (އަލިފާން) ގެ މުރާދަކީ ކޮބާ ހެއްޔެވެ؟ އޭގެ މާނައަކީ އަލިފާނުން (ނަރަކަ) އިން ސަލާމަތްވުން ހެއްޔެވެ؟ މިއީ އެމީހުންނަށް ކިހިނެއް އެނގުނު ކަމެއް ހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެހެން ޙަދީޘްކުރެއްވީ ހެއްޔެވެ؟ ނޫނެކެވެ. އެއީ ބޮޑު ދޮގެކެވެ.”

 

އައްޝައިޚު ޚާލިދުއް ރިފާޢީ ވިދާޅުވިއެވެ.

“އެއްވެސް ޝައްކެތް ނެތްގޮތުގައި މިކަލިމަތަކަކީ މިއީ އެއްވެސް ގޮތަކުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޘާބިތުވެގެންވާ އަދި ޞައްޙަވެގެންވާ ކަލިމަތަކެއް ނޫނެވެ. މި ޞަލަވާތުގައި ހިމެނިފައިވަނީ ޝިރުކުގެ ޢިބާރާތްތަކެކެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަތިވެރިކުރުމުގައި ޙައްދުފަހަނައަޅައި ދިޔުމުގެ ޢިބާރާތްތަކެކެވެ. ﷲ ނޫން ފަރާތަކަށް އެކަންތައްތައް ނިސްބަތްކުރުން ހުއްދަވެގެންނުވާ ކަންތައްތަކެކެވެ. މިސާލަކަށް ކުރިމަތިވާ ދަތި އުނދަގޫތަކުން ސަލާމަތްކުރެއްވުމާއި ހިތާމަތައް ފިއްލެވުމާއި ޙާޖަތްތައް ފުއްދައިދިނުމާއި، އެދުންތައް ޙާޞިލްކުރުމާއި، ހެޔޮ ނިމުން ލިބުމާއި، ވާރޭ ވެއްސަވައިދެއްވުމަށް ﷲ އަށް ދަންނަވައިދެއްވުން އެދި ރަސޫލާއަށް ދެންނެވުން (މެދުވެރި ކުރުމުގެ ޝިރުކު) ފަދަ ކަންކަމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(أَمَّن يُجِيبُ الـمُضطَرَّ إِذَا دَعَاهُ ويَكشِفُ السُّوءَ ويَجعَلُكُم خُلَفَاءَ الأَرضِ أَإِلَهٌ مَعَ اللَّهِ قَلِيلاً مَا تَذَكَّرُونَ)، النمل: 62″

“މާނައީ : “ނުވަތަ ދަތި އުނދަގޫ ޙާލު ޖެހިފައިވާ މީހާ، އެއިލާހަށް ކުރާހިނދު، އެމީހާގެ ދުޢާ އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ ޚަލީފާއިން ކަމުގައި ތިޔަބައިމީހުންލައްވާ އިލާހު ހެއްޔެވެ؟ ﷲ އާއެކު އެހެން އިލާހަކު ވޭހެއްޔެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.”


 

މަރްޖިޢުތައް

https://islamqa.info/ar/7505

مراجعة في شأن الصلاة النارية، موقع الإسلام اليوم:حكم الصلاة التفريجية أو النارية، خالد عبدالمنعم الرفاعي، طريق الإسلام.-
خزينة الأسرار، لمحمد حقي النازلي: ص170.