[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުދީން ޤުރުއާން ހިތުދަސްކުރުވުމަށް ކުރެވިދާނެ ދިހަ ކަމެއް

މަންމަޔަކު ބައްޕަޔަކު ދަރިފުޅަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ، ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ ދަރިފުޅަށް ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމެވެ. އެކަންކުރުމަށްޓަކައި މަސައްކަތްކުރަން ޖެހެއެވެ. ތިރީގައި މި ލިޔެލަނީ މިކަމަށް ބާރުއެޅުމުގެ ގޮތުން ޢަމަލުކުރެވިދާނެ ގޮތެވެ.
1- ﷲ އަށް ނިޔަތް ޚާލިޞްކޮށް، ތިމާގެ ދަރިފުޅަކީ ކީރިތި ޤުރުއާން ހިތުދަސް ކުއްޖަކަށް ހެދުމުގެ ޢަޒުމް ހިތުގައި ކަނޑައަޅުއްވާށެވެ. ދަރިފުޅު ލިބިމުގެ ކުރިންވެސް ޢަޒުމް ކަނޑައެޅިދާނެއެވެ.
2- ދަރިފުޅަށް މަންމަ ބަނޑު ބޮޑުއިރު ކީރިތި ޤުރުއާން ގިނަ ގިނައިން އަޑުއަހާށެވެ. ދަރިފުޅު ބަނޑުގައި އޮންނަ އިރުވެސް ބޭރުން އިވޭ އަޑުތައް ދަރިފުޅަށް އިވޭކަމަށާއި އެއަޑުތައް ދަރިފުޅު އަޑު އަހާކަމަށް ދިރާސާތަކުން ދައްކައެވެ. އަދި މަންމަ ކީރިތި ޤުރުއާން ކިޔަވައި އަޑުއަހާ ހެދުމަކީ މަންމަގެ ނަފްސިއްޔަތަށް ހަމަޖެހުމާއި ހަމަހިމޭންކަން ގެނުވާނޭ ކަމެކެވެ.
3- ދަރިފުޅަށް ގާތުން ދިނުމުގެ މުއްދަތުގައިވެސް ވީހާ ގިނައިން ދަރިފުޅަށް ކީރިތި ޤުރުއާން އިއްވާށެވެ. ކޮންމެ ދުވަހަކު އެއްގަޑިއެއްގައި މިކަން ކުރެވިދާނެއެވެ. ގާތްގަނޑަކަށް 15 ވަރަކަށް މިނެޓަށް ވިޔަސް އެންމެ ރަނގަޅެވެ. މި މުއްދަތަކީވެސް ދަރިފުޅު ކަންކަން ދަސްކުރާ މުއްދަތެވެ. ޢާއްމުގޮތެއްގައި ބަލާއިރު ދަރިފުޅު ދުނިޔެއަށް އުފަންވުމަށްފަހު ދަރިފުޅު ހޭދަކުރާ މަރުޙަލާތަކުގެ ތެރެއިން ހުރިހާ މަރުޙަލާއަކީވެސް އުނގެނުމުގެ މަރުޙަލާތަކެވެ. މި މަރުޙަލާތަކުގައި ޤުރުއާން އަޑުއިއްވުމުގެ ބޭނުމަކީ ދަރިފުޅު ޤުރުއާނަށް ލޯބިޖެއްސުމެވެ. އަދި އެ އަޑުއެހުމުގެ ބަރަކާތް ޙާޞިލްކުރުމެވެ.
4- ދަރިފުޅަށް ވާހަކަ ދެއްކޭވަރު ވުމުން، ޚާއްޞަކޮށް ދަރިފުޅަށް ފެންނަ ހިސާބުގައި މައިންބަފައިން ކޮންމެ ދުވަހަކުވެސް ކީރިތި ޤުރުއާނުން މިންވަރެއް ކިޔެވުމަކީ، ވަރަށް މުހިއްމު ކަމެކެވެ. މިކަމުގެ ސަބަބުން ކީރިތި ޤުރުއާން ކިޔެވުމަށް ދަރިފުޅު ޝަޢުޤުވެރިވާނެއެވެ.
5- ދަރިފުޅަށް މުޞްޙަފެއް ހަދިޔާކުރާށެވެ. އެއްޗެހި މިލްކުކުރުމަކީ ނުވަތަ އަމިއްލަ އެއްޗެއް އަތުގައި އޮތުމަކީ ކުދިން ވަރަށް ލޯބިކުރާ ކަމެކެވެ. އެގޮތުން ބައެއްމީހުން ކުޅޭ އެއްޗިހި، ބޯޅަ، ފޮތް އަދި ބައެއް މީހުން ޓެބްލެޓްފަދަ ތަކެތި ދަރިފުޅަށް ހަދިޔާކުރަމުއެވެ. ދަރިފުޅުގެ އަމިއްލަ އެއްޗެއްގެ ގޮތުގައި މުޞްޙަފެއް އޭނާއަށް ޚާއްޞަކޮށް ހަދިޔާކުރުމަކީ އެ މުޞްޙަފާ ހެދީ އެދަރިފުޅު އުޅުމަށް، އާދެ އެ މުޞްޙަފުން ކީރިތި ޤުރުއާން ކިޔެވުމަށް ބާރުއަޅާނޭ ކަމެކެވެ.
6- ކީރިތި ޤުރުއާނުން ސޫރަތެއް ދަސްވުމުން، ފޮތެއް ދަސްވުމުން އެކަން ފާހަގަކޮށް، އެކަމާ އުފާކޮށް ޙަފުލާ ބާއްވައި ހަދިޔާ ދީ ހެދިދާނެއެވެ. އަދި މި ފަދަ ޙަފްލާތަކަށް ކުއްޖާގެ އެކުވެރިންނާއި ޢާއިލާގެ މީހުންނަށް ދަޢުވަތު ދެވިދާނެއެވެ. މިކަމުގެ ސަބަބުން އިތުރަށް ޙިފްޒުކުރުމަށް ކުއްޖާއަށް ބާރުލިބޭނެއެވެ.
7- ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މުބާރާތްތަކުގައި ބައިވެރިކުރަން ދަރިފުޅަށް ބާރު އެޅިދާނެއެވެ. މިގޮތުން މިފަދަ މުބާރާތްތަކަށް ކަނޑައެޅިފައިވާ މުޤައްރަރު ދަސްކުރުމަކީ ދަރިފުޅު ކުރާ ހިތުން ކުރާނޭ ކަމެކެވެ.
8- ޤުރުއާން ހިތުދަސްކުރުވުމުގައި ލަނޑުދަނޑި ކަނޑައަޅައިގެން ތާވަލަކާ އެއްގޮތަށް މަސައްކަތްކުރާށެވެ. އަދި އެތާވަލާ އެއްގޮތަށް ކުރިއަށް ދާ މިންވަރު ފެންނަން ހުރުމަކީ ކުދީން އެ ލަނޑު ދަނޑި ޙާސިލްކުރުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ. މިސާލަކަށް މިކަން ކުރުމުގައި ކުރެހުން ބޭނުން ކުރެވިދާނެއެވެ. 10 ސޫރަތް ހިތުދަސްކުރާނަމަ 10 ތަރި ނުވަތަ އޭނޫންވެސް ކޮންމެވެސް ބައްޓަމެއް ކުރަހާ، ހިތުގަސްވާ ކޮންމެ ސޫރަތަކާއެކު ބައްޓަމެއްގައި ކުލަޖައްސާ، ކުރިއަށްދާ މިންވަރު ފެންނަން އިންނަގޮތަށް ހެދިދާނެއެވެ. މިއީވެސް ކުދީން ޝަޢުޤުވެރިކުރުވުމަށްޓަކައި ކުރެވިދާނެ ކަމެކެވެ.
9- މިކަމުގައި އެކި އެކި ވަސީލަތްތައް ބޭނުން ކުރެވިދާނެއެވެ. އެގޮތުން އޯޑިޔޯ، ވީޑިޔޯ އަދި ޤުރުއާން ހިތުދަސްކުރުމަށް ހަދާފައި ހުންނަ އެޕްތައްވެސް ބޭނުން ކުރެވިދާނެއެވެ.
10- ދަރިފުޅު ޤުރުއާން ހިތުދަސްކުރާ ކިލާހަކަށް ފޮނުވިދާނެއެވެ. ގޭތެރޭގައި ކުދީން ވާދަކުރާ ގޮތަށް ހިފްޒުކުރުމުގެ މުބާރާތެއް ވެސް ބޭއްވިދާނެއެވެ. އަދި އެފަދަ މުބާރާތަކުން އެއްވަނަ ހޯދާ ކުއްޖަކަށް ރަނގަޅު އިނާމެއް ދެވިދާނެއެވެ.

މިގޮތުން ކުރެވިދާނެ ވަރަށް ގިނަ ކަންކަން ހުންނާނެއެވެ. އެކަންކަން ބިނާވާނީ ކުއްޖާގެ ޢުމުރަށާއި، ކުއްޖާއަށް މާބޮޑަށް މަޖުބޫރުނުކޮށް ކުއްޖާގެ ހިތުގައި ޝަޢުޤުވެރިކަން އުފެއްދުމުގެ މައްޗަށެވެ. މިކަމުގައި މުހިއްމީ ދުޢާކުރުމާއެކު ހުއްޓާނުލާ މަސައްކަތްކުރުމެވެ.