ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
ފަނާވެދަނިވި ދުނިޔޭގެ އުފަލާއި އަރާމަށް ހެއްލިގެންނުދިޔުމަށް އިންޒާރުކުރުން
ސޫރަތުގައި އަލިއަޅުވައިލެވިފައިވާ ބައެއް موضوع ތައް
• 1 ވަނަ އާޔަތުން ފެށިގެން ގޮސް 4 ވަނަ އާޔަތާއި ހަމައަށް ޤިޔާމަތްދުވަހު ހިނގާނެ ބައެއް ކަންކަން ބަޔާންވެފައިވެއެވެ.
• އިންސާނުންގެ ތެރެއިން ގިނަ މީހުންވަނީ ދުނިޔޭގެ އުފަލާއި އަރާމަށް ހެއްލިގެންގޮސްފައިކަމާއި ނިޢުމަތްތަކުގެ ވެރި ރަސްކަލާނގެ މަތިން ވަރަށް ބޮޑަށް ޣާފިލުވެފައިވާކަން ބަޔާންކުރައްވައިފައިވެއެވެ. (6 ވަނަ އާޔަތުން 9 ވަނަ އާޔަތަށް)
• މަލާއިކަތްބޭކަލުން އިންސާނުންގެ ޢަމަލުތައް ލިޔުއްވަމުން ގެންދަވާކަން ބަޔާންކުރައްވާފައިވެއެވެ. (10 ވަނަ އާޔަތުން 12 ވަނަ އާޔަތަށް)
• ތަޤްވާވެރިންގެ ނިމުން ހުރިގޮތާއި އަދި ފާޖިރުންގެ ނިމުންހުރިގޮތް ބަޔާންކޮށްދީފައިވެއެވެ. (13 ވަނަ އާޔަތުން 16 ވަނަ އާޔަތަށް)
ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
• عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ
(އެހިނދު) ކޮންމެ نفس އަކަށް، އެ نفس އެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ.
މި އާޔަތުގެ ތަފްސީރުގައިވެއެވެ.
ما قدمت: އެއީ އޭނާ ކުޅަ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތަކެވެ.
ما أخرت: އެއީ އޭނާ ދިރުވައިފައިވާ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް އަދި އޭނާ މަރުވުމަށްފަހު މީސްތަކުން އެކަންކަމަށް ތަބާވި ޢަމަލުތަކެވެ. (تفسير التستري)
މި ތަފްސީރާއި ގުޅޭ ބައެއް ޙަދީޘްތައް
((مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ)) [صحيح مسلم].
މާނައީ: ” ހެޔޮ ކަމަކަށް މަގު ދައްކައިފި މީހަކަށް އެކަން ކުރާ މީހާއަށް ލިބޭ ފަދަ އަޖުރާއި ޘަވާބު ހުއްޓެވެ
ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީސްކުރެއްވިއެވެ..
((وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً، كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَيْءٌ)). [صحيح مسلم].
މާނައީ: “އިސްލާމްދީނަށް ނުރަނގަޅު ސުންނަތެއް ގެނެއްސި މީހަކަށް (އެބަހީ: އިސްލާމްދީނުގެ އަޞްލަކުން ދަލީލު ނުލިބޭ ކަމެއް ގެނެއްސި މީހަކަށް) ފަހެ އޭނާއަށް އެކަމުގެ ފާފައާއި އޭނާއަށް ފަހު އެކަމަށް ޢަމަލުކުރިމީހުންގެ ފާފަ ލިބޭނެއެވެ. އެއީ އެއުރެންގެ(އެބަހީ: އެކަމަށް އޭނާއަށް ފަހު ޢަމަލުކުރި މީހުންގެ) ފާފައިން އެއްވެސް މިންވަރެއް އުނިވުމެއް ނެތިއެވެ.”
• މި ސޫރަތުގެ 7 ވަނަ އާޔަތާއި 8 ވަނައާޔަތުން އެނގޭގޮތުގައި އެންމެ މާތް މަޚްލޫޤަކީ އިންސާނާއެވެ.
• މަލާއިކަތުން އަޅުގަނޑުމެންގެ ޢަމަލުތައް ލިޔުއްވާކަން އެނގުމަކީ އަމިއްލައަށް ނަފްސު ހިސާބުކުރުމަށް ލިބޭ ބޮޑު ބާރެކެވެ.
• يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ
އޭ އިންސާނާއެވެ! ތިބާގެ ވެރި، ދީލަތިވަންތަ އިލާހާމެދު ތިބާ ހެއްލުންތެރިކުޅައީ ކޮންއެއްޗެއް ހެއްޔެވެ؟
ޤިޔާމަތްދުވަހުން ކޮންމެ މީހަކުވެސް ޤިޔާމަތްދުވަހުން މާތްﷲގެ ޙަޟްރަތުގައި އޭނާ ކުޅަ ޢަމަލުތަކާއިމެދު ޖަވާބުދާރީވާންޖެހޭނެއެވެ.
މަޞްދަރު: أول مرة أتدبر القرآن