[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

أضحية ގެ ގޮތުގައި ހާލެއް ނުވަތަ ކުކުޅެއް ކަތިލުން

الحمد لله رب العالمين والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އުޟުޙިޔާގެ ތަޢާރުފު

 

އަރަބި ބަހުގައި:

أضحية މިލަފުޒު ނެގިފައިވާ މައިގަނޑު ކަލިމައަކީ ضَحْوَة އެވެ. މިކަލިމައިގެ މާނައަކީ އިރު އެރުމަށްފަހު އޮންނަ ދުވާލުގެ ވަގުތެވެ.

ޢަރަބި ބަހުގައި އުޟްޙިޔާއަށް أُضْحِيَّة ، إضْحِيَّة ، ضَحِيَّة އަދި أضْحاة ކިޔައެވެ. ލުޣަވީ ގޮތުން الأُضْحِيَّةُ ކިޔަނީ އަޟްޙާ ޢީދު ދުވަހު ކަތިލާ ކަންބަޅިއަށެވެ. އެއީ ޟުޙާ ވަގުތަށް ނިސްބަތްކޮށްފައެވެ .[1]

ޢިލްމުވެރީންގެ އިސްތިލާހުގައި:

أضحية އަކީ ﷲ تعالى އަށް ކުށްތަން ވުމުގެ ގޮތުން ނައަމްސޫފީގެ ބާވަތްތައް أيام النحر ގެ ދުވަސްތަކުގައި ޚާއްސަ ޝަރުތުތަކަކާއެކު ކަތިލުމެވެ.[2]

أيام النحر ގެ ދުވަސްތަކަކީ ޙައްޖުމަހުގެ ދިހަވަނަދުވަހުން ފެށިގެން ތޭރަވަނަ ދުވަހުގެ އިރުއޮއްސުމުގެ ނިޔަލަށެވެ.

އުޟުހިޔާ ކަތިލުން ޝަރުޢުވެފައިވާ ކަމުގެ ދަލީލު

 

ކީރިތި ޤުރުއާނުން:

(فَصَلِّ لِرَبِّكَ وَانْحَرْ)  [الكوثر: 2]       

“ފަހެ ކަލޭގެފާނުގެ ވެރި رب އަށް ނަމާދުކޮށް ޤުރުބާން ކުރައްވާށެވެ.”

މިއާޔަތުގައި (انحر) މިކަލިމައިގެ މުރާދަކީ ޤުރުބާންކަތިލުން ކަމަށް ابن عباس رضي الله عنه ގެ އަރިހުންނާއި އަދި قتادة رحمه الله ގެ އަރިހުން حسن ދަރަޖައަށް ދާފަދަ ސަނަދަކުން ابن جرير الطبري رحمه الله  ރިވާކުރައްވާފައި ވެއެވެ.[3]

رسول الله صلى الله عليه وسلم ގެ ސުންނަތުން:

އިމާމުލް ބުޚާރީ ރިވާކުރައްވާފައިވެއެވެ. އަނަސްގެފާނުގެ ވިދާޅުވިއެވެ.

((…وَضَحَّى بِالْمَدِينَةِ كَبْشَيْنِ أَمْلَحَيْنِ أَقْرَنَيْنِ))[4]

މާނައީ: “އަދި ދަޅުފަޅާފައި ހުރި ދެ أملح ކަންބަޅި ބަކަރި، އެކަލޭގެފާނު މަދީނާގައި ކަތިލެއްވިއެވެ.”

أملح ގެ މާނަ އަކީ އެއްޗެއްގައި ކަޅުކުލައަށް ވުރެއް ހުދު ކުލަ ގިނަވުމުވެ.

އިޖުމާއުން:

أضحية ކަތިލުމަކީ ދީނުގައި ޝަރުޢު ކުރެވިފައިވާ ކަމެއް ކަމުގައި ޢިލްވެރިން އިޖުމާއު ވެވަޑައިގެންފައިވެއެވެ.[5]

އުޟުޙިޔާއެއްގެ ގޮތުގައި ކަތިލުން ހުއްދަކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ބާވަތްތައް

 

އުޟްޙިޔާގެ ގޮތުގައި ބަކަރިއާއި ކަންބަޅި ބަކަރިއާއި ގެރިއާއި އަދި ޖަމަލު ކަތިލެވިދާނެކަމަށް ޖުމްލަގޮތެއްގައި ހުރިހާ މަޛްހަބެއްގެ ޢިލްމުވެރީންވެސް އިއްތިފާގެ ވެވަޑައިގަންނަވައެވެ.[6]  [7]

މިކަމާ ބެހޭގޮތުން ޒާދުލް މަޢާދުގައި ހަދުޔާއި އުޟްޙިޔާއާއި އަދި ޢަޤީޤާ ކަތިލުމާއި ބެހޭ فصل ގައި ابن القيم رحمه الله ވިދާޅުވެފައިވެއެވެ.

“އަންޢާމު ސޫރަތުގައި ޒިކުރު ކުރެވިފައިވާ އަށް ވައްތަރުގެ (ނަޢަމްސޫފިއަށް) މިކަން ޚާއްސަ ވެގެން ވެއެވެ. އެކަލޭގެފާނު صلى الله عليه وسلم އަދި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ އަރިހުން ހަދުޔާއި އުޟްޙިޔާއާއި އަދި ޢަޤީޤާ ކަތިލުމުގައި މިނޫން ބާވަތަކުން ކަތިލެއްވިކަން އިނގޭކަށެއްނެތެވެ.”[8]

އަންޢާމު ސޫރަތުގައި ޒިކުރު ކުރެވިފައިވާ އަށް ވައްތަރަކީ ބަކަރިއާއި، ކަންބަޅިއާއި، ގެރިއާއި، އަދި ޖަމަލު، މިއިން ކޮންމެ ބާވަތެއްގެ އަންހެން އަދި ފިރިހެން ވައްތަރެވެ.

މިކަމުގެ ދަލީލަކީ:

(وَلِكُلِّ أُمَّةٍ جَعَلْنَا مَنْسَكاً لِيَذْكُرُوا اسْمَ اللَّهِ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الأَنْعَامِ) [ الحج 34 ]

“އަދި ކޮންމެ އުންމަތަކަށްވެސް ޤުރުބާންކުރާނެ ތަނަކާއި ވަގުތެއް ތިމަން ރަސްކަލާނގެ ލެއްވީމެވެ. އެއީ އެބައިމީހުންނަށްޓަކައި ނިޢުމަތެއްގެ ގޮތުގައި ނަޢަމުސޫފި ރިޒްޤުކުރެއްވި ކަމަށްޓަކައި އެބައިމީހުން ﷲގެ އިސްމުފުޅު ޛިކުރުކުރުމަށެވެ.”

أضحية ގެ ގޮތުގައި ހާ އަދި ކުކުޅު ފަދަ ތަކެތިކަތިލުން

 

މިގޮތުން އުޟުޙިޔާގެ ގޮތުގައި އިސްވެ ބަޔާންކުރެވުނު ނަޢަމްސޫފީގެ ބާވަތްތައް ފިޔަވައި އެހެން އެއްޗެއް ކަތިލެވިދާނެކަމާ މެދު ޖުމްހޫރު ޢިލްވެރީންގެ މެދުގައި ޚިލާފެއް ނެތެވެ(އެބަހީ ހަތަރު މަޛުހަބުގެ ޢިލްމުވެރީންގެވެސް ޤައުލަކީ މީއެވެ).[9]

ކުރީގެ މަޝްޙޫރު ޢިލްމުވެރީންގެ ތެރެއިން ابن حزم الظاهري – رحمه الله – ވަނީ މިކަމުގައި ޚިލާފު ވެވަޑައިގެންފައެވެ. އެކަލޭގެފާނުގެ އަރިހުގައި ހަތަރެސްފައި ޖަހައިގެން ހިނގާ ޖަނަވާރުތަކުގެ ތެރެއިން އެއެއްޗެއްގެ މަސް ޙަލާލު ހުރިހާ ހަޔަވާނެއް ޢުޟްޙިޔާގެ ގޮތުގައި ކަތިލެވިދާނެއެވެ. އަދި ދޫނީގެ ބާވަތްތަކުގެ ތެރެއިންވެސް އެއެއްޗެއްގެ މަސް ޙަލާލު ކޮންމެ އެއްޗެއް ކަތިލެވިދާނެއެވެ.[10]

ދެފަރާތުގެ ދަލީލުތައް

ޖުމްހޫރު ޢިލްމުވެރީންގެ ދަލީލު:

رسول الله صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ އަރިހުން އުޟްޙިޔާ ކަތިލުމުގައި ނަޢަމުސޫފީގެ ބާވަތްތައް މެނުވީ އެހެން ބާވަތެއް ކަތިލެއްވިކަން ސާބިތުނުވުމެވެ.[11] [12]

އަދި އުޟުޙިޔާ ކަތިލުމަކީ އަޅުކަމަކަށް ވުމުން އެކަން ކުރަންޖެހޭނީ ޝަރުޢީ ދަލީލެއް އޮވެގެންނެވެ. އަދި މުދަލުގެ ޒަކާތުގައިވެސް ވަކި ބާވަތްތަކެއްގެ ޖަނަވާރު ކަނޑައެޅިފައިވާ ފަދައިން އުޟުޙިޔާގައިވެސް ވަކިބާވަތްތަކެއްގެ ޖަނަވާރު ޚާއްސަ ކުރެވިފައިވެއެވެ.

އިބުނު ޙަޒަމު رحم الله ގެންނަވާ ދަލީލުތައް:

1 (صحيح) عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :  (( قَالَ مَنْ اغْتَسَلَ يَوْمَ الْجُمُعَةِ غُسْلَ الْجَنَابَةِ ثُمَّ رَاحَ فَكَأَنَّمَا قَرَّبَ بَدَنَةً وَمَنْ رَاحَ فِي السَّاعَةِ الثَّانِيَةِ فَكَأَنَّمَا قَرَّبَ بَقَرَةً وَمَنْ رَاحَ فِي السَّاعَةِ الثَّالِثَةِ فَكَأَنَّمَا قَرَّبَ كَبْشًا أَقْرَنَ وَمَنْ رَاحَ فِي السَّاعَةِ الرَّابِعَةِ فَكَأَنَّمَا قَرَّبَ دَجَاجَةً وَمَنْ رَاحَ فِي السَّاعَةِ الْخَامِسَةِ فَكَأَنَّمَا قَرَّبَ بَيْضَةً… ))[13]

އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ. ހަމަކަށަވަރުން رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  ޙަދީޘްފުޅުކުރެއްވިއެވެ.

“ޖުނުބުން ތާހިރުވާ މީހަކު ހިނައިގަންނަ ފަދައިން، ހުކުރުދުވަހު ހިނައިގަނެގެން ހުކުރު ނަމާދަށްދާމީހާ ދަންނައެވެ. ފަހެ އެދުވަހު (ގެ ފުރަތަމަ ސާޢަތުގައި ހުކުރު ނަމާދަށް) ހިނގައްޖެމީހާ ޖަމަލަކުން ކުއްތަންވިފަދައެވެ. އަދި އެދުވަހުގެ ދެވަނަ ސާޢަތުގައި (ހުކުރުނަމާދަށް) ހިނގައްޖެމީހާ ގެރިއަކުން ކުއްތަންވިފަދައެވެ. އަދި އެދުވަހުގެ ތިންވަނަ ސާޢަތުގައި (ހުކުރުނަމާދަށް) ހިނގައްޖެމީހާ ދަޅުފަޅާފައި ހުރި ކަންބަޅި ބަކަރިއަކުން ކުއްތަންވިފަދައެވެ. އަދި އެދުވަހުގެ ހަތަރުވަނަ ސާޢަތުގައި (ހުކުރުނަމާދަށް) ހިނގައްޖެމީހާ ކުކުޅަކުން ކުއްތަންވިފަދައެވެ. އަދި އެދުވަހުގެ ފަސްވަނަ ސާޢަތުގައި (ހުކުރުނަމާދަށް) ހިނގައްޖެމީހާ ބިހަކުން ކުއްތަންވިފަދައެވެ.”

އުޟުހިޔާއަކީ ކުއްތަން ވުމަކަށްވާތީ މިޙަދީޘްފުޅުގައި ކުކުޅަކާއި އަދި ބިހުން ކުއްތަންވުން ޒިކުރުކުރެވިފައިވާތީ އުޟުޙިޔާގެ ގޮތުގައި ކުކުޅެއްވެސް ކަތިލުން އެއީ ހުއްދަކަމެއްކަމުގައި އިބުނު ޙަޒަމް ދެކިލައްވައެވެ.

ނަމަވެސް މިއަށް ޖުމްހޫރު ޢިލްމުވެރީން ދެއްވާފައިވާ ޖަވާބަކީ މިޙަދީޘް އުޟުޙިޔާގެ މައްސަލާގައި ދަލީލަކަށް ނުފުދޭކަމަށެވެ. އެހެނީ މިހަދީޘުން އިސްތިދުލާލުކޮށްގެން އުޟުޙިޔާއެއްގެ ގޮތުގައި ކުކުޅު ކަތިލެވިދާނެ ކަމަށް ބުނާނަމަ ބިހެއްވެސް އުޟުޙިޔާގެ ގޮތުގައި ކަތިލެވިދާނެ ކަމަށް ބުނުން ލާޒިމު ވާތީއެވެ. އެގޮތައް އެކަން ކުރެވިދާނެކަމަށް އިބުނު ޙަޒަމުވެސް ދެކިވަޑައި ނުގަންނަވައެވެ. އެހެންކަމުން މިޙަދީޘްގައި “ކުއްތަން” ވުމޭ ބުނެވޭ ބަހުގެ މާނައަކީ ކަތިލުމުގެ މާނައެއް ނޫނެވެ. ނަމަވެސް މިތަކެތިން ޞަދަގާތް ކުރި މީހަކަށް ލިބޭ ދަރުމަ އެމީހަކަށް ޙާޞިލުވާނެކަމެވެ.[14]

  1. قول بلال رضي الله عنه : “مَا أُبَالِي لَوْ ضَحَّيْتُ بِدِيكٍ، وَلَأَنْ أَتَصَدَّقَ بِثَمَنِهَا عَلَى يَتِيمٍ أَوْ مُغَبَّرٍ أَحَبُّ إِلَيَّ مِنْ أَنْ أُضَحِّيَ بِهَا”. [15]

ބިލާލު رضي الله عنه ގެ ބަސްފުޅު: ”އުޟްޙިޔާއެއްގެ ގޮތުގައި ޙާލެއްވިޔަސް ކަތިލެވެންޏާ، އެއީ މައްސަލައެއް ކަމުގައި ދެކިވަޑައި ނުގަންނަވަމެވެ. އަދި އުޟުޙިޔާއެއް ކަތިލުމަށް އެކުރާ ހޭދައިގެ ބަދަލުގައި، ޔަތީމު ކުއްޖަކަށް ނުވަތަ ޙާލުގައި ޖެހިފައިވާ މީހަކަށް ޞަދަޤާތްކުރުން ތިމަންކަލޭގެފާނަށް މާ ލޮބުވެތިކަން ބޮޑެވެ.”

 

عن ابن عباس أنه جلس مع أصحابه ، ثم أرسل بدرهمين فقال : “اشتروا بهما لحما”، ثم قال : “هذه أضحية ابن عباس”

އިބުނު އައްބާސް ގެ ކިބައިން ރިވާވެފައި ވެއެވެ. އެއްދުވަހަކު އެކަލޭގެފާނުގެ އެކީގައި އުޅުއްވާބޭފުޅުންނާއި އެކު އިންނެވިއެވެ. ދެން ދެ ދިރުހަމު ދެއްވާފައި [އެކަލޭގެފާނުގެ އަޅަކު] ފޮނުއްވުމަށް ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. (މިއަށް އެއްގަމު މަސްގަންނާށެވެ). ދެން އެއަށް ފަހު ވިދާޅުވިއެވެ. (މިއީ އިބުނު އައްބާސްގެ އުޟުޙިޔާއެވެ).[16]

މިދެއަޘަރަށް ޖުމްހޫރު ޢިލްވެރީން ދެއްވާފައި ވާ ޖަވާބަކީ މިއަޘަރުފުޅުތަކުން ނަޢަމުސޫފީގެ ބާވަތްތައް ނޫން އެހެނިހެން ބާވަތްތައް ކަތިލުން ހުއްދަކަމަށް ދަލާލަތު ނުކުރާކަމަށެވެ. އެޒަމާނުގައި ބައެއްބޭލަނުންނަށް އުޟުޙިޔާ ކަތިލުން ވާޖިބުކަމަށް ހީވާންފެށީމާ އެކަން އެއީ ވާޖިބެއް ނޫންކަމަށް ބަޔާންކޮށްދިނުމަށް އެތައް ޞަޙާބީ ބޭކަލުން ޢުޟުހިޔާ ކަތިލުން ދޫކޮށްލާފައި ވެއެވެ.[17] އަދި ގައިމުވެސް އުޟުހިޔާއެއް ކަތިނުލައްވާކަން މީސްތަކުންނަށް ސާބިތުވާފަދަ ކަންތައްތައް ކުރެއްވިއެވެ. އެގޮތުން އުޟުޙިޔާ ކަތިލުމުގެ ބަދަލުގައި އެހެނި ހެން ހެޔޮ ކަންތައްތަކަށް އިސްކަންދެއްވާފައިވެއެވެ. މިދެ އަޘަރުފުޅުގައިވެސް މިވަނީ މިފަދަ ދެޙާދިޘާއެވެ.

 

ރާޖިހު

މިމައްސަލާގައި ބުރަވެވޭ ޤައުލަކީ ކުކުޅު އަދި ހާ އުޟުޙިޔާގެ ގޮތުގައި ކަތިނުލެވޭނެއޭ ވިދާޅުވާ ޢިލްމުވެރީންގެ ޤައަލުވެ. އެހެނީ އެންމެ ހެޔޮ ހިދާޔަތަކީ رسول الله صلى الله عليه وسلم ގެ ހިދާޔަތެވެ. އަދި އެއަށްފަހު އެކަލޭގެފާނުގެ އަޞްހާބުބޭކަލުން ހިންގެވި މަގެވެ. އެކަލޭގެފާނާއި އެކަލޭގަފާނުގެ އެއްވެސް ޞަޙާބީ ބޭކަލެއްގެ އަރިހުން ޞަރީޙަ ކޮށް އެކަން ސާބިތުވެފައި ނުވާތީ އެންމެ ރައްކާތެރި މޮޅުގޮތަކީ އެފަދައިން ކަންތައް ނުކުރުމެވެ.

މިގޮތުން މިމައްސަލައިގައި މިފަދައިން ބުރަވެވަޑައިގެންފައިވާ ބައެއް ޢިލްމުވެރިންނަކީ إمام النووي[18]، ابن القيم[19] އަދި صالح العثيمين[20] އެވެ.

މީގެ މުރާދަކީ ޢީދުދުވަހު ކުކުޅު ފަދަ އެއްޗެއް ކަތިނުލެވޭނެ ވާހަކައެއް ނޫނެވެ. ނަމަވެސް އުޟުޙިޔާގެ ގޮތުގައި، އެނިޔަތުގައި ނަޢަމުސޫފީގެ ބާވަތްތައް ފިޔަވައި އެހެނިހެން ބާވަތްތަށް ކަތިނުލެވޭނެ ވާހަކައެވެ.

والله تعالى أعلم

 


[1]  الصحاح للجوهري / ص 1750 / مجلد 2/ طبعة: دار الفكر

[2]  أحكام الأطعمة د.وليد / ص 138-139 / طبعة: دار النفائس

[3]  التفسير الصحيح لحكمة بشير / ص 675 / مجلد 4 / طبعة: دار المآثر

[4]  صحيح البخاري / كتاب الحج / باب: من نهر هديه بيده / حديث رقم: 1712

[5]  المغني لإبن قدامة / ص 94 / مجلد 11 / طبعة: دار الكتب العربي

[6] ބައްލަވާ فقه الإسلامي وهبة الزحيلى / ص 2720/ مجلد 4 / طبعة: آفاق معرفة متجددة

[7] ބައްލަވާ موسوعة الفقهية الكويتية

[8]  زاد المعاد / ص285 / مجلد 2 / طبعة: مؤسسة الرسالة

[9] ބައްލަވާ فقه الإسلامي وهبة الزحيلى / ص 2719/ مجلد 4 / طبعة: آفاق معرفة متجددة

[10]  المحلى لإبن حزم / ص 891 / طبعة: بيت الأفكار الدولية

[11]  فقه الإسلامي وهبة الزحيلى / ص 2719-2720 / مجلد 4 / طبعة: آفاق معرفة متجددة

[12]  زاد المعاد / ص285 / مجلد 2 / طبعة: مؤسسة الرسالة

[13]  رواه البخاري / كتاب الجمعة / باب: فضل الجمعة الجمعة / حديث رقم: 881

[14] المفصل في أحكام الأضحية لحسام الدين / ص 49

[15] اخرجه عبدالرزاق في المصنف (4 / 385)

[16]  معرفة السنن والآثار للبيهقي / ص 15 / مجلد 14 / طبعة: دار الوفاء مع غيره

[17] ބައްލަވާ المفصل في أحكام الأضحية لحسام الدين / ص 49

[18] ބައްލަވާ المجموع للنووي / ص 222 / مجلد 8 / طبعة: دار إحياء التراث العربي

[19] ބައްލަވާ زاد المعاد / ص285 / مجلد 2 / طبعة: مؤسسة الرسالة

[20] ބައްލަވާ أحكام الأضحية والذكاة لعثيمين