[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަރަބިބަސް ކިޔެވުމަށް އެހީއެއް – 11 –

الجُمْلَةُ الاِسْمِيّةُ (އިސްމީ ޖުމްލަ)

 

 

ޢަރަބި ބަހުގައި ޖުމްލަ ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ الجملة الاسمية އަދި الجملة الفعلية އެވެ.

الجملة الاسمية އަކީ އިސްމަކުން ފެށޭ ޖުމްލައެވެ. الجملة الاسمية ގެ ދެ އަސާސި ރުކުނެއްވެއެވެ. އެއީ مُبْتَدَأ އާއި خَبَر އެވެ. ދެ ރުކުނަކީ ވެސް އިސްމެވެ. މުބްތަދާ އަކީ އެއާބެހޭގޮތުން ވާހަކަ ދެކެވޭ މަރްފޫޢު އިސްމެވެ. (މަރްފޫޢު = އުބުފިލީގެ ޙާލަތް)

ޖުމްލަ އިސްމިއްޔާ ފެށޭނީ މުބްތަދާއިންނެވެ. مبتدأ ގެ މާނައަކީ އެއިން ފެށެވޭ އެއްޗެވެ.

مثال : الطالبُ جديدٌ

(ދަރިވަރު އަލެވެ.)

މިޖުމްލަ ފެށިފައިވަނީ الطالب އިންނެވެ. الطالب އަކީ އިސްމެކެވެ. އެހެންކަމުން މިއީ جملة اسمية އެކެވެ. މިޖުމްލައިގެ މުބްތަދާއަކީ الطالب އެވެ. އެހެނީ ޖުމްލަ ފެށިފައިވަނީ މި އިސްމުންނެވެ. އަދި މިޖުމްލައިގައި ވާހަކަ މިދެކެވޭނީ ދަރިވަރާ ބެހޭގޮތުންނެވެ. الطالبُ އޮތީ އުބުފިލީގެ ޙާލަތުގައެވެ. (އިސްމެއްގެ ޙާލަތް އަންގައިދެނީ އެއިސްމުގެ ފަހު އަކުރުގައި އޮންނަ ފިލިންނެވެ. الطالبُ ގައި އެންމެ ފަހު އަކުރު އެވަނީ އުބުފިލި ޖެހިގެންނެވެ. އެހެންކަން الطالبُ އަކީ މަރްފޫޢު އިސްމެކެވެ. އެބަހީ: އުބުފިލީގެ ޙާލަތުގައި އޮތް އިސްމެކެވެ.)

ޚަބަރަކީ އެއެއްޗެއްގެ ސަބަބުން ޖުމްލަ ފުރިހަމަވެގެންވާ މަރްފޫޢު އިސްމެވެ. މިޘާލަކަށް الطالبُ ކިޔާ ފަށާފައި ދެން އެހިސާބުން ހުއްޓާލަފިއްޔާ އަޑު އަހާމީހުންނަށް އެއްޗެއް ދޭހަވާވަރަށް ޖުމްލަ ފުރިހަމައެއް ނުވެއެވެ. އަޑު އަހާމީހުން ހިތަށް އަރާނީ ދަރިވަރު ކިހިނެއްވީހޭ، ދަރިވަރު މޮޅީހޭ، ދިގީހޭ ، ކުރީހޭ؟ އެހެންކަމުން އަޑުއަހާ މީހުންނަށް ފައިދާ ކުރަނިވި ޖުމްލައަކަށް ނުވެއެވެ. ނަމަވެސް الطالبُ އަށް ފަހު جديدٌ އޭ ބުނެފިނިމަ އެހިސާބުން ފައިދާކުރަނިވި ފުރިހަމަ ޖުމްލައެއް ފޯރުކޮށްދެވުނީއެވެ. އަޑުއަހަން ތިބި މީހުން އިންތިޒާރު ކުރި، ދަރިވަރާއި ބެހޭ ޚަބަރު ގެނެވުނީއެވެ.

އެހެންކަމަން ޚަބަރަކީ އެމީހަކު ޖުމްލައެއް ފެށި އިސްމަކާއި ގުޅޭގޮތުން ގެންނަ ޚަބަރެކެވެ. (ފެށި ވާހަކައަކަށް ޚަބަރެއް ނުގެންނަނީސް އެވާހަކަ ފުރިހަމައެއްނުވެއެވެ.)

الطالب جديدٌ މިޖުމްލާގައި ޚަބަރަކީ جديدٌ އެވެ. އަދި جديدٌ އެއޮތީ މުބްތަދާ ފަދައިން މަރްފޫޢުކޮށެވެ .

 

 

*****************************

ޢަރަބިބަސް ކިޔެވުމަށް އެހީއެއް: އެހެންބައިތައް