[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޙައްރަމް އަދި ޢާޝޫރާގެ 33 ފައިދާ 1

الحمد لله، والصلاة والسلام على رسول الله
މިއީ މުޙައްރަމް މަހާއި ޢާޝޫރާއާ ގުޅޭ ބައެއް ފައިދާތަކުގެ ޚުލާޞާއެކެވެ. މީގެ ފައިދާ މިންވަރުކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދަންނަވަމެވެ.
1- ﷲ ގެ މައްސަރު ޙުރުމަތްތެރިވެގެންވާ މައްސަރު މުޙައްރަމް މަހަކީ ހިޖުރީ އަހަރުގެ ފުރަތަމަ މައްސަރެވެ. އަހަރުގެ ތެރޭގައި ޖެހިޖެހިގެން އަންނަ ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން ފަހު މައްސަރެވެ. ޛުލް ޤަޢިދާ، ޛުލް ޙިއްޖާ އަދި މުޙައްރަމް އެވެ. އޭގެ ފަހުގައި ރަޖަބެވެ.
﴿إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالأرْضَ مِنْهَا أَرْبَعَةٌ حُرُمٌ ﴾ [التوبة / 36]
މާނައީ: ”ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ ޢަދަދަކީ، ﷲގެ ޙަޟްރަތުގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، ޙުރުމަތްތެރި ވެގެންވެއެވެ. …”
ޙަދީޘްގައި ވެއެވެ.
إِنَّ الزَّمَانَ قَدْ اسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللَّهُ السَّمَوَاتِ وَالأَرْضَ السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا أَرْبَعَةٌ حُرُمٌ ثَلاثَةٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبٌ شَهْرُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ)) [أخرجه البخاري (3197) ومسلم (1679)]

މާނައީ: ” ހަމަކަށަވަރުން އިހު ހުރިގޮތަށް ޒަމާންތަށްވަނީ އެނބުރި އައިސްއެވެ. އެއީ ﷲ، އުޑާއި ބިން ޚަލްޤުކުރެއވިދުވަހު ހުރިގޮތަށެވެ. އަހަރެއްގައި ބާރަ މައްސަރުވެއެވެ. އޭގެތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެންވެއެވެ. ޖެހިޖެހިގެންއަންނަ ތިން މަސް: ޛުލްޤަޢިދާ، ޛުލްޙިއްޖާ އަދި މުޙައްރަމެވެ. އަދި [ހަތަރުވަނައީ] ޖުމާދާއާއި ޝަޢްބާނުގެ ދެމެދަށް އަންނަ މުޟަރުގެ މަސް ރަޖަބެވެ.”
2- މި މަހުގެ މާތްކަމުގެ ތެރެއިން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި މަހަށް ﷲ ގެ މައްސަރުގެ ނަމުން ނަންދެއްވާފައި ވެއެވެ. (ބައްލަވާ ޞަޙީޙު މުސްލިމް 1163) ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ މައްސަރު ﷲ ތަޢާލާއަށް ނިސްބަތްކުރައްވާފައިވާ ނިސްބަތްކުރެވުމަކީ އެއީ މާތްކަމާއި މަތިވެރިކަން ހާމަކުރެއްވުމުގެ ނިސްބަތްކުރެއްވުމެކެވެ. މީގެން ދަލާލަތު ކޮށްދެނީ މި މަހުގެ ޝަރަފުވެރިކަމާއި އިތުރުކަންބޮޑުކަމެވެ. ﷲ ތަޢާލާގެ މަޚްލާޤުތަކުގެ ތެރެއިން ޚާއްޞަ މަޚްލޫޤާތުތައް މެނުވީ އެއިލާހަށް މިގޮތަށް ނިސްބަތްނުކުރައްވައެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އިބްރާހީމް ޢަލައިހިއްސަލާމާއި އިސްޙާޤު ޢަލައިހިއްސަލާމާއި ޔަޢުޤޫބު ޢަލައިހިއްސަލާމާއި އެނޫންވެސް ނަބީބޭކަލުން އެއިލާހުގެ އަޅުތަކުންގެ ގޮތުގައި ނިސްބަތްކުރެއްވި ފަދައިންނެވެ އަދި ގެކޮޅު (ކަޢުބާ) އާއި ޖަމަލުކޮޅު( ޞާލިޙުގެ ފާނަށް ދެއްވުނު މުޢުޖިޒާތް) އެއިލާހަށް ނިސްބަތްކުރެއްވި ފަދައިންނެވެ. (ބައްލަވާ : لطائف المعارف لابن رجب )ص 36 (.
3- ޙުރުމަތްތެރިކުރެއްވިގެންވާ މައްސަރުތަކުގެ ތެރެއިން އެންމެ މާތް މައްސަރަކީ މުޙައްރަމް މަސްކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އަލް ޙަސަނުން ބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ. “ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން އެންމެ މާތް މައްސަރަކީ މުޙައްރަމް މަހެވެ.” އަދިވެސް ވިދާޅުވިއެވެ. “ﷲ ތަޢާލާ އަހަރު ފައްޓަވާފައިވަނީ ޙުރުމަތްތެރިވެގެންވާ މައްސަރަކުންނެވެ. އަދި އަހަރު ނިންމަވާފައިވަނީވެސް ޙުރުމަތްތެރިވެގެންވާ މައްސަރަކުންނެވެ. އަހަރުގެ މައްސަރުތަކުގެ ތެރެއިން ރަމަޟާން މަސް ނެގުމަށްފަހުގައި މާތްކަން ބޮޑުވެގެންވާ މައްސަރެއް މުޙައްރަމް މަސް ނޫނީ ނުވެއެވެ.” (ބައްލަވާ: لطائف المعارف )ص 34 )
4- މުޙައްރަމް މަހުގެވެސް އެންމެ މާތް ދުވަސްތަކަކީ މުޙަރަމް މަހުގެ ފުރަތަމަ ދިހައެއްގެ ދުވަސްތަކެވެ. އަބޫ އުޘްމާނު އައްނަހްދީ ވިދާޅުވިއެވެ. “އެބޭކަލުން ތިން ދިހައެއް މަތިވެރިކުރައްވާކަމުގައިވެއެވެ. އެއީ ރަމަޟާންމަހުގެ ފަހު ދިހައަކާއި ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހައަކާއި މުޙައްރަމް މަހުގެ ފުރަތަމަ ދިހައެކެވެ.” (ބައްލަވާ: لطائف المعارف )ص 35 (. )
5- ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ނަފްސަށް އަނިޔާވެރިވުން (ފާފަކުރުން) ﷲ ތަޢާލާ ވަނީ ނަހީކުރައްވާފައެވެ. فَلا تَظْلِمُوا فِيهِنَّ أَنْفُسَكُم…﴾ [التوبة / 36] މާނައީ: ” ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން އަނިޔާވެރިނުވާހުށިކަމެވެ. …” މި މައްސަރުގައި ކުރާ ނުބައިކަންތައްތަކުގެ ފާފަ އެހެނިހެން މަސްތަކުގައި ކުރާ ފާފަތަކަށްވުރެ ބޮޑުވެގެންވެއެވެ. އެއީ މި މައްސަރުގެ ޙުރުމަތްތެރިކަމާއި މަތިވެރިކަމުގެ ސަބަބުންނެވެ. ޤަތާދާ ރަޙިމަހުﷲ ވިދާޅުވިއެވެ. “ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގައި އަނިޔާވެރިވުން އެހެނިހެން މައްސަރުތަކުގައި އަނިޔާވެރިވުމަށްވުރެ ފާފައިގެ ގޮތުން ބޮޑުވެގެންވެއެވެ. ކޮންމެ ޙާލެއްގައިވެސް އަނިޔާވެރިވުމަކީ އޭގެ ޒާތުގައިވެސް ޙަރާމްކަމަކަށް ވީ ހިނދުވެސް ﷲ ތަޢާލާ ކަންތައްތަކުގެ ތެރެއިން އެއިލާހު އިރާދަކުރައްވާ ކަމެއް މަތިވެރިކުރައްވައެވެ. (ބައްލަވާ: تفسير الطبري ) 14 / 23 8 (، وتفسير ابن كثير 4/ 148 (. )
6- މި މަތިވެރި މައްސަރުގައި ރޯދަހިފުން ގިނަކުރުން ސުންނަތްވެގެންވެއެވެ. ޙަދީޘްގައި ވެއެވެ. ((أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلَاةِ بَعْدَ الْفَرِيْضَةِ صَلَاةُ اللَّيْلِ)) [ رواه مسلم (1163)] މާނައީ: “ރަމަޟާން މަހަށްފަހު އެންމެ އިތުރުކަންބޮޑުވެގެންވާ ރޯދައަކީ ﷲ ތަޢާލާގެ ޙުރުމަތްތެރިވެގެންވީ މުޙައްރަމު މަހުގެ ރޯދައެވެ. އަދި ފަރްޟު ފަސްނަމާދަށްފަހު އެންމެ އިތުރުކަންބޮޑު ވެގެންވީ ނަމާދަކީ ދަމު ނަމާދެވެ.” އިބްނު ރަޖަބު ރަޙިމަހުﷲ ވިދާޅުވިއެވެ. “ރަމަޟާންމަސް ފިޔަވައި އެހެންމަހެއްގައި ރޯދަހިފުން ސުންނަތްވެގެންވާ އެންމެ މާތް މައްސަރަކީ ﷲ ގެ ޙުރުމަތްތެރިވެގެންވާ މުޙައްރަމް މަސްކަމަށް މި ޙަދީޘުން ޞަރީޙަކޮށް ދަލާލަތު ކުރެއެވެ.” (ބައްލަވާ: لطائف المعارف )ص 33(.)
މި ޙަދީޘްގައި މިވަނީ މުޠުލަޤު ސުންނަތް ރޯދައިގެ ވާހަކައެވެ.
7- މުޙައްރަމް މަހުގައި ރޯދަހިފުން މުސްތަޙައްބުވެގެންވުމުގެ މާނައަކީ އެމަހުގައި ސުންނަތް ރޯދަހިފުން ގިނަކުރުމެވެ. މުޅި މަސް އެއްކޮށް ރޯދަހިފުމެއްނޫނެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަމަޟާން މަސް ފިޔަވައި އެހެން އެއްވެސް މައްސަރެއްގައި އެ މައްސަރުއެއްކޮށް ރޯދަ ނުހިއްޕަވާކަމާއި ޝަޢުބާން މަހަށްވުރެ ގިނައިން އެހެން މައްސަރެއްގައި ރޯދަނުހިއްޕަވާކަން ޘާބިތުވެއެވެ. ބައްލަވާ: (صحيح البخاري ) 1969 ، 1971 (، وصحيح مسلم ) 11 56 ، 11 57 (.)
8- ރަމަޟާންމަސް ނެގުމަށްފަހުގައި ދެން ރޯދަހިފުން އެންމެ މާތްވެގެންވަނީ މުޙައްރަމް މަހުގައި ކަމަށް ޞަރީޙަވެފައި އޮތް އިރުވެސް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޙައްރަމް މަހަށްވުރެ ގިނައިން ޝަޢުބާންމަހު ރޯދަ ހިއްޕެވީ ކީއްވެ ކަން ދެނެގަތުން ޢިލްމުވެރިންނަށް އުނދަގޫކަމަކަށް ވެފައިވެއެވެ.
އޭގެ ޖަވާބަކީ،
އެކަލޭގެފާނަށް މުޙައްރަމް މަހުގެ މާތްކަން އެނގިވަޑައިގަތީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފަހުކޮޅު، އޭރު ރޯދަހިފުން (ޢުމުރުން ދުވަސްވެފައިވުމުގެ ސަބަބުން) އެކަލޭގެފާނަށް ބުރަކަމަކަށް ވެފައިވަނިކޮށް ކަމުގައި ބުނެވެއެވެ.
ނުވަތަ އެކަލޭގެފާނަށް އެމައްސަރުގައި (މުޙައްރަމް މަހުގައި) ރޯދަނުހިއްޕެވުނީ ދަތުރުކުރުމާއި ބަލިވުން ނުވަތަ އެނޫންވެސް ޢުޛުރުތަކުގެ ސަބަބުން ކަމުގައިވެސް ބުނެވެއެވެ. (ބައްލަވާ: شرح النووي على مسلم ) 8/ 37 ، 55 (، والمجموع ) 6/ 387 (.)

= އައްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދު ލިޔުއްވާފައިވާ 33 فائدة في المحرم وعاشوراء (މުޙައްރަމް މަހާއި ޢާޝޫރާގެ 33 ފައިދާ) ގެ ތަރުޖަމާ=