[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޙައްރަމް އަދި ޢާޝޫރާގެ 33 ފައިދާ 4

26- ޢަރަފާތް ދުވަހަކީ ޢާޝޫރާ ދުވަހަށްވުރެ މާތް ދުވަހެކެވެ. ޢަރަފާތްދުވަހުގެ ރޯދައަކީ ދެއަހަރުގެ ފާފަ ފުހެލޭ ރޯދައެކެވެ.
އެކަމުގެ ޙިކުމަތެއްކަމުގައި ބުނެވެއެވެ. ޢާޝޫރާ ދުވަސް ނިސްބަތްވަނީ މޫސާ ޢަލައިހިއްސަލާމަށެވެ. ޢަރަފާތް ދުވަސް ނިސްބަތްވަނީ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. އެއީ އަހަރެމެންގެ ޝަރީޢަތަށް ލިބިގެންވާ ޚާއްޞަ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. އެހެންކަމުން އެދުވަސް ޢާޝޫރާ ދުވަހަށް ވުރެ މާތްވީއެވެ. މާތްކަން އިތުރުވީ އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަރަކާތަށްޓަކައެވެ.
އަދި އެކަމުގެ ޙިކުމަތެއްކަމުގައި މިހެންވެސް ބުނެވެއެވެ. ޢަރަފާތް ދުވަސް ވަނީ ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރެއްގައެވެ. އަދި ޢަރަފާތްދުވަސް ހިމެނިގެންވާ މަހުގެ ކުރީގެ މަހަކީވެސް ޙުރުމަތްތެރިވެގެންވާ ޛުލްޤައިދާ މަހެވެ. އަދި ޢަރަފާތް ދުވަސް ހިމެނިގެންވާ މައްސަރުގެ ފަހުގައިވާ މައްސަރަކީވެސް ޙުރުމަތްތެރިވެގެންވާ މައްސަރެއް ކަމުގައިވާ މުޙައްރަމް މަހެވެ. ޢާޝޫރާ އާ ޚިލާފަށެވެ. (ބައްލަވާ بدائع الفوائد ) 4/ 211(، وفتح الباري ) 4/ 249 (.)
އަދި އެކަމުގެ ޙިކުމަތެއްކަމުގައި މިހެންވެސް ބުނެވެއެވެ. ޢާޝޫރާ ދުވަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ މޫސާގެފާނުގެ މައްޗަށް، އެކަލޭގެފާނު އެކަލޭގެފާނުގެ ޢަދުއްވުގެ ކިބައިން ސަލާމަތްކުރެއްވުމުން، ނިޢުމަތް ފުރިހަމަ ކުރެއްވި ދުވަހެވެ. އަދި ޢަރަފާތް ދުވަހުގައި، ރިސާލަތު ފުރިހަމަ ކުރެއްވުމުން، ﷲ ސުބްޙާނަހޫ ވަތަޢާލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިޢުމަތް ފުރިހަމަކުރެއްވިއެވެ. ޖިސްމާނީ/ހަށިގަނޑުގެ ގޮތުން ނިޢުމަތް ފުރިހަމަވުމަށްވުރެ ދީނުގެ ގޮތުން ނިޢުމަތް ފުރިހަމަވުން މާ މަތިވެރިވެގެންވެއެވެ. އެހެންކަމުން ޘަވާބުގެ ތަފާތުކަން މި އައީ ނިޢުމަތް ފުރިހަމަވުމުގެ ބާވަތް ތަފާތުވުމުގެ ސަބަބުންނެވެ. މިއީ ދީނުގެ ނިޢުމަތެވެ. އެއީ ޖިސްމާނީ/ހަށިގަނޑުގެ ނިޢުމަތެކެވެ.
27- ޢާޝޫރާ ދުވަހަކީ ﷲ ގެ ދުވަސްތަކުގެ ތެރެއިން މަތިވެރި ވެގެންވާ ދުވަހެކެވެ. ޙަދީޘްގައިވާ ގޮތުގެ މަތީންނެވެ. (ޙަދީޘްގައިވެއެވެ. إِنَّ عاشُوراءَ يَوْمٌ مِنْ أيَّامِ للهِ ». رواه مسلم) 1892 (.މާނައީ: “ހަމަކަށަވަރުން ޢާޝޫރާ ދުވަހަކީ ﷲ ގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ.” ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. وَذَكِّرْهُم بِأَيَّامِ اللَّـهِ ﴿إبراهيم 5﴾ މާނައީ: “އަދި އެއުރެންނަށް ﷲ ގެ ދުވަސްތައް ހަނދުމަކޮށްދެއްވާށެވެ.” ﷲ ތަޢާލާ އެދުވަހުގައި މޫސާ ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުންގެ ކިބައިން ނަޖާކުރެއްވިއެވެ. މި ނިޢުމަތަށް ޝުކުރު އަދާކުރުމުގެ ގޮތުން މޫސާ ޢަލައިހިއްސަލާމު ރޯދަހިއްޕެވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ރޯދަ ހިއްޕެވިއެވެ. އަދި އެދުވަހުގައި ރޯދަ ހިފުމަށް މުސްތަޙައްބު ކަމެއްގެ ގޮތުގައި އަމުރު ކުރެއްވިއެވެ. މޫސާ ޢަލައިހިއްސަލާމަށް ތަބާވުމުގެ ގޮތުންނެވެ. ނިޢުމަތްތައް އާވާހިނދު އެ ނިޢުމަތްތަކަށް އެ ނިޢުމަތްތައް ދެއްވިކަމުގެ މައްޗަށް ޝުކުރު ކުރުމުގެ ގޮތުންނެވެ. (ބައްލަވާ لطائف المعارف )ص 96 (، بتصرُّف يسير.)
عَنِ ابْنِ عَبَّاسٍ رَضِيَ للهُ عَنْهُمَا، أَنَّ رَسُولَ اللهِ صَلَّى للهُ عَلَيْهِ وَسَلَّمَ قَدِمَ الـمَدِينَةَ، فَوَجَدَ اليَهُودَ صِيامًا يَوْمَ عاشُوراءَ، فَقالَ لَهُمْ: «ما هَذا اليَوْمُ الَّذِي تَصُومُونَهُ؟ ،»فَقالُوا: هَذا يَوْمٌ عَظِيمٌ، أَنْجَى للهُ فِيهِ مُوسَى وَقَوْمَهُ، وَغَرَّقَ فِرْعَوْنَ وَقَوْمَهُ -وفي رواية: هَذا اليَوْمُ الَّذِي أَظْهَرَ له فِيهِ مُوسَى وَبَنِي إِسْائِيلَ عَلَى فِرْعَوْنَ-، فَصامَهُ مُوسَى شُكْرًا؛ فَنَحْنُ نَصُومُهُ. فَقالَ رَسُولُ للهِ « : صَلَّى للهُ عَلَيْهِ وَسَلَّمَ فَنَحْنُ أَحَقُّ وَأَوْلَى بِمُوسَى مِنْكُمْ »؛ فَصامَهُ رَسُولُ لله ، صَلَّى للهُ عَلَيْهِ وَسَلَّمَ وَأَمَرَ بِصِيامِهِ (رواه البخاري ) 3943 (، ومسلم ) 113 0 ( واللفظ له.)
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގެންނެވި ހިނދު، ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަހިފާތީ ދެކެވަޑައިގަތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެމީހުންނަށް ދެންނެވިއެވެ. “ކަލޭމެން ތިޔަ ރޯދަހިފާ ދުވަހަކީ ކޮން ދުވަހެއް ހެއްޔެވެ؟” އެބައިމީހުން ބުންޏެވެ. “މިއީ މަތިވެރިވެގެންވާ ދުވަހެކެވެ. މޫސާ ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ޤައުމު ފިރުޢައުނާއި އޭނާގެ ޤައުމުގެ ކިބައިން ﷲ ތަޢާލާ ނަޖާކުރެއްވި ދުވަހެވެ.” – އެހެން ރިވާޔަތެއްގައި، “ފިރުޢައުނުގެ މައްޗަށް މޫސާ ޢަލައިހިއްސަލާމަށާއި ބަނީ އިސްރާއިލަށް ނަޞްރު ދެއްވި ދުވަހެވެ. މޫސާ ޢަލައިހިއްސަލާމް ޝުކުރުވެރި ވުމުގެ ގޮތުން ރޯދަ ހިއްޕެވިއެވެ. އެހެންވެ އަހަރެމެންވެސް ރޯދަ ހިފަނީއެވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އަހަރެމެން ކަލޭމެންނަށްވުރެ މޫސާ ޢަލައިހިއްސަލާމަށް (މޫސާގެފާނަށް ދެއްވި ނިޢުމަތަށް ޝުކުރުވެރިވުމަށް) ޙައްޤުކަން އަދި އިތުރުކަން ބޮޑެވެ.”
28- ޢާޝޫރާ ދުވަސް އަހަރެމެންނަށް ހަނދާންކޮށްދެނީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ އޮންނަ ހަރުދަނާ ގުޅުމެވެ. އެބައިމީހުން ދިރިއުޅޭ ޒަމާންތަފާތުވެފައި ދިރިއުޅޭ ތަންތަން ދުރުވެފައިވީނަމަވެސް މެއެވެ. އަދި މުސްލިމުންގެ މެދުގައި އީމާންކަމުގެ އެއްބައިވަންތަކަން ޙަޤީޤަތަކަށް ހެދުމާއި ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްޓަކައި އެއިލާހުގެ މުއުމިނު އަޅުތަކުންދެކެ ލޯބިވުމުގެ ބޭނުންތެރިކަން އެދުވަސް އަހަރެމެންނަށް ހަނދާންކޮށްދެއެވެ.
وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ﴿التوبة 71﴾ މާނައީ: ” މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ.”

29- ޢާޝޫރާ ދުވަހަކީ ޝުކުރުކުރުމުގެ ދުވަހެވެ. މިންޖުކޮށްދެއްވުމަށް އެދުމާއި ﷲ ގެ ނަޞްރަށް އެދުމުގެ ދުވަހެވެ. އެދުވަހުގައި މޫސާ ޢަލައިހިއްސަލާމަށް އެކަލޭގެފާނުގެ އަރިހުގައި ތިބި މީހުން ބުންޏެވެ. إِنَّا لَمُدْرَكُونَ ﴿الشعراء 61﴾ ” “ހަމަކަށަވަރުން، އެއުރެން އަހަރެމެން އަތުލައިގަންނާނެތެވެ.” ޖަވާބަކީ، كَلَّا إِنَّ مَعِيَ رَبِّي سَيَهْدِينِ ﴿الشعراء 62﴾ މާނައީ “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ރައްބު ތިމަންނާއާއެކު (ނަޞްރު ދެއްވުމުގައި) ވޮޑިގެންވެއެވެ. އެއިލާހު ތިމަންނާއަށް މަގުދައްކަވާނެތެވެ.”
30- ޢާޝޫރާ ދުވަސް މަތިވެރިކުރުމަކީ ޖާހިލިއްޔަ ޒަމާނުގައިވެސް ކޮށް އުޅުނު ކަމެކެވެ. ޖާހިލިއްޔަތުގައި އެބައިމީހުން އެދުވަސް މަތިވެރިކޮށް އުޅުނެވެ. ރޯދަ ހިފައި އުޅުނެވެ. އެދުވަހުގައި އެބައިމީހުން ކަޢުބާގައި އުރަލައްވައި ހެދިއެވެ. އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިފަދައިންނެވެ. (صحيح البخاري ) 1893 ، 1592 (، وصحيح مسلم ) 112 5 (.)
31- ޢާޝޫރާ ދުވަސް މަތިވެރިކުރުން ވަނީ ރޯދަހިފައިގެންނެވެ. އެއީ ޢަދުއްވުން ހަލާކު ކުރެއްވުމާއި، މުސްލިމުން ނަޖާކުރެއްވުމުގެ ނިޢުމަތުގެ މައްޗަށް ﷲ އަށް ޝުކުރުކުރުމުގެ ގޮތުންނެވެ. ﷲ ތަޢާލާ އެއިލާހުގެ ޢަދުއްވުންނާއި އެއިލާހުގެ ރަސޫލުންގެ ޢަދުއްވުންނާމެދު ކަންތައްކުރެއްވިގޮތް އެދުވަހުގައި އަހަރެމެން ހަނދާންކުރަންޖެހެއެވެ.
32- ޢާޝޫރާ ދުވަހުގައި ވަރަށް ގިނަ ބިދުޢަތައް ހަދައެވެ. އޭގެތެރޭގައި ބައެއް ބިދުޢައިގެ އަހުލުވެރިން، އެދުވަހަކީ ޙުސައިން ރަޟިޔަﷲ ޢަންހު ޝަހީދުވި ދުވަސް ކަމުގައިވާތީ އެދުވަސް ހިތާމަފާޅުކުރާ ދުވަހެއްގެ ގޮތުގައި ހެދުމާއި، ހިތާމަފާޅުކުރުމާއި ހަޅޭއްލެވުމާއި އަންނައުނު ވީދުމާއި، ކޯތާފަތުގައި ތެޅުމާއި، ވަޖިދުވުން ފަދަ ކަންތައްތައް ކުރެއެވެ. މިއިން އެއްވެސްކަމަކީ ﷲ ގެ ދީނުގައި ވާ ކަމެއް ނޫނެވެ. އަދި އެއީ ޖާހިލިއްޔަތުގެ ކަންތައްތަކުގެ ތެރެއިން ވާ ކަންކަމެވެ. ޙަދީޘްގައި ވެއެވެ. (لَيْسَ مِنَّا مَنْ ضَرَبَ الخُدُودَ، وَشَقَّ الجُيُوبَ، وَدَعا بِدَعْوَى الجاهِلِيَّةِ) رواه البخاري ) 12 94 (، ومسلم ) 103 (.މާނައީ: “ކޯތާފަތުގައި ތަޅާ، އަންނައުނު ވީދާ، ޖާހިލިއްޔަތުގެ ގޮވާލުމަށް ގޮވާލާ މީހަކީ އަހަރެމެންގެ ތެރެއިން ވާ މީހެއް ނޫނެވެ.” މުއުމިނު އަޅާއަށް އޮންނަނީ މުޞީބާތުގެ ވަޤުތުގައި ކެތްތެރިވުމާއި ޘަވާބަށް އެދުމާއި ﷲ ގެ ޤަދަރަށް ރުހުމެވެ.
33- މިދުވަހުގައި ވަރަށް ގިނަ މީހުންގެ ސިކުނޑިތަކާ ޝައިޠާނާ ކުޅިފައިވެއެވެ. އަދި ޝައިޠާނާ އެބައިމީހުން މުއުމިނުންގެ މަގުން ދުރުކޮށް އެއްކިބާކޮށްފައިވެއެވެ. އެބައިމީހުންގެ ތެރެއިން މިދުވަސް ހިތާމަ ފާޅުކުރާ ތަޢުޒިޔާގެ ދުވަހެއްގެ ގޮތުގައި ހަދާ މީހުންނާއި، އެދުވަސް ލަވަކިޔާ މަޖާކުރާ އިޙްތިފާލަކަށް ހަދާމީހުންނާއި، އެ ދުވަހުގައި ޙަފުލާތައް ބާއްވައި އެދުވަހަށް ޚާއްޞަކޮށް ކާތަކެތި ހަދާ މީހުންވެއެވެ. މިއީ ޔަހޫދީންނާއި ނަޞާރާއިންނާ އެބައިމީހުން އެދުވަސް މަތިވެރިކުރާ މަތިވެރިކުރުމުގައި އެއްގޮތް ވުމެވެ. މިއީ ބިދުޢައިގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި ދީނުގައި އަލަށް އުފައްދާފައިވާ ކަމެކެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހު ލޯބިވެވޮޑިގެންވާ އަދި ރުހިވޮޑިގެންވާ ކަންކަމަށް އަޅަމެންނަށް ތައުފީޤު ދެއްވުން އެދި އެއިލާހަށް ދަންނަވަމެވެ.
والحمد لله رب العالمين
ނިމުނީ
= އައްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދު ލިޔުއްވާފައިވާ 33 فائدة في المحرم وعاشوراء (މުޙައްރަމް މަހާއި ޢާޝޫރާގެ 33 ފައިދާ) ގެ ތަރުޖަމާ=