[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަދަރިފުޅުގެ ޕުއްޕު ދޮއްވުމުން ވުޟޫ ގެއްލޭނެ ހެއްޔެވެ؟

ކުޑަކުއްޖެއްގެ ޢައުރަގުނަވަނުގައި އަތްޖެހުމުން ވުޟޫގެއްލޭނެތޯ ނުވަތަ ނޫންތޯ މި މައްސަލައާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވެއެވެ.
1- ބައެއް ޢިލްމުވެރިން ވިދާޅުވަނީ، ބޮޑެތިމީހުންގެ ޢައުރަގުނަވަނުގައި އަތްލުމުން ވުޟޫ ގެއްލޭ ބީދައިން ކުޑަކުއްޖާގެ ޢައުރަގުނަވަނުގައި އަތްލުމުންވެސް ވުޟޫ ގެއްލޭނެކަމަށެވެ.
ދަލީލަކީ ބުސްރާ ބިންތި ޞަފްޥާން ރަޟިޔަﷲ ޢަންހާގެއަރިހުން ރިވާވެގެން އައިސްފައިވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (( مَنْ مَسَّ ذَكَرَهُ فَلْيَتَوَضَّأْ )) [ أخرجه أبو داود برقم (181) واللفظ له والنسائي برقم (163) والترمذي برقم (82) وقال: حديث حسن صحيح وابن ماجه برقم(4479) و صححه الألباني في الإرواء (1 (150/] މާނައީ: “އެމީހެއްގެ ޛަކަރުގައި އަތް ބީއްސައިފި މީހާ، ފަހެ ވުޟޫކުރުން ހުއްޓެވެ.” އަދި އަބޫ އައްޔޫބު ރަޟިޔަﷲ ޢަންހުއާއި އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވާ ޙަދީޘްގައިވެއެވެ. ((مَنْ مَسَّ فَرْجَهُ فَلْيَتَوَضَّأْ)) [رواية أم حبيبة أخرجها: ابن ماجه برقم (481) وصححها الألباني في الإرواء (1/151) أما حديث أبي أيوب فقال الألباني : لم أقف على إسناده- الإرواء (1/151) މާނައީ: “އެމީހެއްގެ ފަރުޖުގައި އަތް ބީއްސައިފި މީހާ، ފަހެ ވުޟޫކުރުން ހުއްޓެވެ.”
އެބޭކަލުން ވިދާޅުވަނީ އަމިއްލަ ޛަކަރުގައި އަތްލުމާއި އެހެންމީހެއްގެ ޛަކަރުގައި (ކުޑަކުއްޖެއްގެ ޛަކަރުގައި) އަތް ލުމާ ތަފާތެއް ނެތްކަމުގައެވެ. (ބައްލަވާ ” المغني ” 1/118 .) އަދި އަތްލާމީހާގެ ވުޟޫ ގެއްލޭއިރު އަތްލެވުނު މީހާގެ ވުޟޫވެސް ގެއްލޭނޭ ކަމުގައެވެ. (ބައްލަވާ فتاوى اللجنة الدائمة ” 5/ 265. )

2- ދެވަނަ ރައުޔަކީ ކުޑަކުއްޖެއްގެ ޢައުރަގުނަވަނުގައި ބީހިގެން ވުޟޫއެއް ނުގެއްލޭނެކަމަށް ބުނާ ރައުޔެވެ. ބައްލަވާ (” المغني ” 1/118 .) އެބޭކަލުންގެ ދަލީލަކީ ޠުލްޤު ބިން ޢަލީގެ ކިބައިން ނަސާއީ ރިވާ ކުރެއްވި މި ޙަދީޘެވެ. جَاء رَجل فَقَال: يَا رَسُول الله! مَا تَرى فِي رَجل مَسَّ ذَكرُه فِي الصَّلاة؟ قَال: وَهَل هُو إلا بضعة منك ـ؟ (أخرجه الخمسة، وصحَّحه ابن حبان، وقال ابن المديني: هو أحسن من حديث بسرة) މާނައީ: ” މީހަކު އައިސް ކީރިތި ރަސޫލާއަށް ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ޛަކަރުގައި އަތް ލާފައި ނަމާދު ކޮށްފިއްޔާ ކަމުދާނެތޯއެވެ” (މާނައަކީ ވުޟޫ ކަމުދާނެތޯ) އެ ހިނދު ޙަދީޘް ކުރެއްވިއެވެ. ” ފަހެ އެއީ ތިބާގެ ހަށިގަނޑުގެ ގުނަވަނެއް ނޫން އެހެން ކޮން އެއްޗެއްހެއްޔެވެ؟” (މާނައަކީ ހަށިގަނޑުގެ އެހެން ގުނަވަނެއްގައި އަތް ލުމުން ވުޟޫ ނުގެއްލޭ ފަދައިން، ޛަކަރުގައި އަތްލުމުންވެސް ވުޟޫ ނުގެއްލޭނެއެވެ.)

ކުޑަކުއްޖާގެ ޕުއްޕު ދޮއްވުމުން ވުޟޫ ގެއްލޭނެތޯ، ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލު ކުރެވުނެވެ. ޖަވާބުގައި ވިދާޅުވިއެވެ.
“ކުޑަކުއްޖާގެ ޕުއްޕު ދޮއްވުމުން ވުޟޫއެއް ނުގެއްލޭނެއެވެ. އަދި ކިޔެއް ބާލިޣުވެފައިވާ އިންސާނަކު އޭނާގެ ޢައުރާގައި އަތްލިޔަސް ވުޟޫއެއް ނުގެއްލޭނެއެވެ. ޝަހުވަތާއެކު އަތްލުމުން މެނުވީއެވެ. އެހެންކަމުން، ޠުލްޤު ބިން ޢަލީގެ ޙަދިޘާ ބުސްރާ ބިންތި ޞަފްވާންގެ ޙަދީޘް ޖަމާކުރަމުން ބުނަމެވެ.
ޝަހުވަތާއެކު ބީހެއްޖެނަމަ ވުޟޫ ގެއްލޭނެއެވެ. ޝަހުވަތެއް ނެތި ބީހެއްޖެނަމަ ވުޟޫއެއް ނުގެއްލޭނެއެވެ. ( ” لقاء الباب المفتوح ” .)
އަދިވެސް ވިދާޅުވިއެވެ. “އެފަދަ ޙާލަތެއްގައި ވުޟޫކުރާކަށް ނުޖެހޭނެއެވެ. އަތް ދޮވެލީމަ ނިމުނީއެވެ.” “مجموع فتاوى ابن عثيمين” (11/203) .

ޚުލާޞާއަކީ، ބޮޑުމީހެއްގެ އަދި ކުޑަކުއްޖެއްގެ ޢައުރާގައި ބީހުމަކީ ޝަހުވަތްތެރިކަމެއް ނެތި ބީހޭނަމަ ވުޟޫގެއްލޭނެކަމެއް ނޫނެވެ. ކުޑަކުއްޖާގެ ޕުއްޕުދޮއްވާ މީހާއަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ޝަހުވަތާއެކު އެ ކުއްޖާގެ ޢައުރާގައި ބީހޭ މީހެއް ނޫނެވެ.
އެހެންކަމުން ރާޖިޙު ބަސްފުޅެއްކަމުގައި ކުއްޖަކު ޕުއްޕުދޮއްވަން ކުއްޖާގެ އަޢުރަގުނަވަނުގައި މަންމަ އަތްލުމަކުން ވުޟޫއެއް ނުގެއްލޭނެކަމަށް ބުނާ ބަސްފުޅެވެ. މި މައްސަލައަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި އެތައްފަހަރަކު ކުރިމަތިވާ އެހާމެ ޢާއްމުކަމަކަށް ވެފައި އޮތް އިރުވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞަޙާބިއްޔާތުންނަށް، އެކަނބަލުން ކުޑަކުދިންގެ އަޢުރަގުނަވަނުގައި އަތްލައިގެން ވުޟޫ ގެއްލޭނަމަ ވުޟޫކުރަން އަންގަވާނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެހެނީ އެޒަމާނުގައިވެސް ކުދީންގެ ޕުއްޕު ދޮއްވުން ފަދަ ކަންކަން އާދަވެގެން ކުރަމުން އައިސްފައިވަނީ ހަމަ އެކަނބަލުންނެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ޢައުރައިގެ ޙުކުމް ނާންނަ ކުޑަކުދިންނަކީ ޢުމުރުން 7 އަހަރުން ދަށުގެ ކުދިންނެވެ. އެކުއްޖާއަކީ އަމިއްލައަށް ކަންކަން ކުރަން އުނދަގޫ ނުވަތަ ނޭނގޭ ކުއްޖެއްނަމަ 7 އަހަރު ވުމަށްފަހުވެސް މައިންބަފައިންނަށް އެކުއްޖާގެ ޕުއްޕު ދޮއްވާދީ ހެދޭނެއެވެ. މިކަމުގައި ދަލީލަކުން ވަކި ޚާއްޞަ ޢުމުރެއް ކަނޑައަޅާފައެއް ނެތެވެ. އަދި އަނެއްބައި ޢިލްމުވެރިންގެ އަރިހުގައި ކުއްޖާއަށް ތަންދޮރު އެނގެންދެން އެކުއްޖާއަށް ޢައުރައިގެ ޙުކުމެއް ނާންނާނެއެވެ. އަނެއްބައި ޢިލްމުވެރިންގެ އަރިހުގައި މިކަންކަން ބިނާވަނީ ޢުރުފު (އާދަކާދަ) ގެ މައްޗަށެވެ.

މުހިއްމު ނުކުތާތަކެއް
1- ކުޑަކުއްޖަކު ހީސްލާފައިހުރި ތަނެއް، ޕުއްޕުލާފައި ހުރި ތަނެއް ދޮވެ ސާފުކުރުމަކީ، ނެޕީ ނައްޓާ ސާފުކުރުމަކީ، ނަޖިހުގައި އަތްޖެހުމަކީ ވުޟޫ ގެއްލޭ ކަމެއް ނޫނެވެ. އަތް ދޮވެލީމާ ނިމުނީއެވެ.
2- ގާތުން ކިރު ދިނުމަކީ ވުޟޫ ގެއްލޭ ކަމެއް ނޫނެވެ. ކިރަކީ ނަޖިހެއް ނޫނެވެ. ކުޑަ ކުއްޖާ ހޮޑުލިޔަސް އޭގައި އަތްޖެހުނަސް ވުޟޫއެއް ނުގެއްލޭނެއެވެ. އެއީވެސް ނަޖިހެއް ނޫނެވެ.
3- ނުކުޅެދުންތެރިކަމެއް ހުރުމުގެ ސަބަބުން ނުވަތަ ބަލިވުމުގެ ސަބަބުން، ޕުއްޕު ދޮއްވުމުގައި ނުވަތަ ނަޖިހުން ޠާޙިރުވުމުގައި އެހެންމީހުންގެ އެހީތެރިކަން ހޯދަންޖެހޭ މީހުންވެސް ހަމަ މިފަދައެވެ. އެފަދަ ޙާލަތެއްގައިވެސް ޕުއްޕު ދޮއްވައިދޭ މީހާގެ ވުޟޫއެއް ނުގެއްލޭނެއެވެ. އެއީ ބޮޑު މީހެއް ކަމަށްވިޔަސް މެއެވެ.
4- މައިންބަފައިން، މުސްކުޅި ބަލީގެ ސަބަބުން، އެމީހުން ނަޖިހުން ޠާޙިރުކޮށް، ޕުއްޕު ދޮއްވައިދީ ހަދަންޖެހޭ ދަރީން ނުވަތަ އެފަދަ މަޤާމުގައިވާ މީހުންގެ ޙުކުމަކީވެސް ހަމަ މިއީ އެވެ. އެމީހުންގެ ވުޟޫއެއްވެސް ނުގެއްލޭނެއެވެ.
5- ބޮޑު މީހަކު ބޮޑު މީހެއްގެ އަމިއްލަ ޢައުރާގައި، ނުވަތަ އެހެންމީހެއްގެ ޢައުރާގައި ބީހުމުގެ ސަބަބުން ވުޟޫ ގެއްލޭނެތޯ ނުވަތަ ނޫންތޯ، ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ރާޖިޙު ވެގެންވަނީ ޝަހުވަތަކާއެކު ބީހިގެން މެނުވީ ވުޟޫ ނުގެއްލޭނެކަމަށް އޮންނަ ބަސްފުޅެވެ.
6- ޝަހުވަތަކާއެކު ބީހުމުގައިވެސް ތިން ޝަރުޠެއްވެއެވެ. އެއީ ހުރަހަކާ ނުލައި ބީހުމާ، ގަސްތުގައި ބީހުމާ، އަތްތިލައިގެ ބަނޑުފުށް (ހުދުހަން) ބީހުމެވެ. ވީމާ ހަނދާންނެތިގެން ބީހުނަސް ވުޟޫއެއް ނުގެއްލޭނެއެވެ.

މަރުޖިޢުތައް
“مجلة البحوث الإسلامية” (22/62) .
“فتاوى الشيخ ابن باز” (10/139) :
https://islamqa.info/ar/191686