ހުކުރު ނަމާދުގެ ޚުޠުބާ ކިޔަން އިމާމާ މިންބަރަށް އަރަމުން ނުވަތަ އަރާފައި ކިޔާނެ ވަކި ޚާއްޞަ ދުޢާއެއް ސުންނަތުގައި ވާރިދުވެފައި ނުވެއެވެ. އަދި ދެ ޚުޠުބާ ދެމެދުގައި އިށީނދެ އިންނަ ވަޤުތު ކިޔާނެ ވަކި ޚާއްޞަ ދުޢާއެއްވެސް ސުންނަތުގައި ވާރިދުވެފައިނުވެއެވެ.
عَنْ عَبْدِ االله بن عمر رضي الله عنهما قَالَ : ( كَانَ النَّبِىُّ صلى الله عليه وسلم يَخْطُبُ خُطْبَتَيْنِ يَقْعُدُ بَيْنَهُمَا ) رواه البخاري (928). ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ވިދާޅުވިއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެ ޚުޠުބާ ދެއްވާކަމުގައިވިއެވެ. އަދި އެދެމެދުގައި އިށީނދެވަޑައިގަންނަވައެވެ.”
ދެން އޮތް އިޝްކާލަކީ ހުކުރު ދުވަހުގެ އިމާމާ މިންބަރަށް އެރީއްސުރެ ހުކުރު ނަމާދު ނިމެންދެން، މި ވަޤުތަކީ މިއީ ހުކުރު ދުވަހުގައި ވާ ދުޢާ އިޖާބަކުރެއްވުމުގެ ވަޤުތު އެ ވަޤުތެއްގައިވާކަމަށް، ބައެއް ޢިލްމުވެރިން އަންނަނިވި ޙަދީޘުން ދަލީލުކޮށް، ވިދާޅުވާ ވަޤުތުކަމުން، އެވަޤުތުގައި ދުޢާ ކުރުމުގެ މައްސަލައެވެ. އެ ޙަދީޘަކީ، އަބޫ މޫސަލް އަޝްޢަރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ހުކުރު ދުވަހުގެ ދުޢާ އިޖާބަކުރެއްވޭ ވަޤުތުކޮޅާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިހެން ޙަދީޘްކުރެއްވީތީ އަހުރެން އަޑުއެހީމެވެ. (هِيَ مَا بَيْنَ أَنْ يَجْلِسَ الإِمَامُ إِلى أَنْ تُقْضَى الصَّلاَةُ) رواه مسلم 853 މާނައީ: “އެވަޤުތުކޮޅު ވަނީ އިމާމު މީހާ މިންބަރުމަތީގައި އިށިއިނުމާ، ނަމާދު ނިމުމާ ދެމެދުއެވެ.”
މި ވަޤުތުކޮޅު ލިބިގަތުމަށްޓަކައި، އިމާމު މީހާއަށްވެސް، ދެ ޚުޠުބާ ދެމެދުގައި ދުޢާކުރެވިދާނެއެވެ. އެކަމަކު އެއީ ސިއްރުންނެވެ. އަދި ދެއަތް ނުއުފުލައެވެ. ހުކުރު ދުވަހު މިންބަރުގައި އިމާމު މީހާ ދެއަތް އުފުލައި ދުޢާކުރުން މަޝްރޫޢުވެގެންވަނީ ވާރޭފެނަށް އެދި ދަންނަވާއިރު އެވެ. އަދި ދެ ޚުޠުބާ ދެމެދުގައި ކިޔާނެ ވަކި ޚާއްޞަ ދުޢާއެއް ސުންނަތުގައި ވާރިދުވެފައި ނުވެއެވެ. ދުޢާކުރާ މީހާ ދުޢާކުރާނީ އޭނާ ބޭނުން ކަމަކަށެވެ. ކުރިން ދެންނެވި ފަދައިން ސިއްރުންނެވެ. އަދި ދެއަތް ނުއުފުލައެވެ.
ޚުޠުބާ އަޑުއަހަން ތިބޭ މީހުންވެސް ހަމަ މިފަދައެވެ. އެ ވަޤުތުކޮޅު ލިބިގަތުމަށްޓަކައި އެމީހުން ދުޢާކުރަން ބޭނުންނަމަ ދުޢާކުރާނީ ސިއްރުންނެވެ. ދެ އަތް ނުއުފުލައެވެ. އެ މަޤާމުގައި ކިޔާނެ ވަކި ޚާއްޞަ ސުންނަތް ދުޢާއެއް ނުވެއެވެ. އެ ވަޤުތުކޮޅު ލިބިގަތުމަށް ދުޢާކުރާ މީހާ އެމީހާ ބޭނުން ކަމަކަށް ދުޢާކުރާނީއެވެ.
ހުކުރު ދުވަހުގައި ދުޢާ އިޖާބަކުރައްވާ ވަޤުތާމެދު ދެ ރައުޔެއް އައިސްފައިވެއެވެ.
1- އެ ވަޤުތުކޮޅު ވަނީ އިމާމު މީހާ މިންބަރަށް އެރީއްސުރެ ނަމާދުކޮށް ނިމުމާ ދެމެދުއެވެ. ދަލީލަކީ މި ޙަދީޘެވެ. އަބޫ މޫސަލް އަޝްޢަރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ހުކުރު ދުވަހުގެ ދުޢާ އިޖާބަކުރެއްވޭ ވަޤުތުކޮޅާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިހެން ޙަދީޘްކުރެއްވީތީ އަހުރެން އަޑުއެހީމެވެ. (هِيَ مَا بَيْنَ أَنْ يَجْلِسَ الإِمَامُ إِلى أَنْ تُقْضَى الصَّلاَةُ) رواه مسلم 853 މާނައީ: “އެވަޤުތުކޮޅު ވަނީ އިމާމު މީހާ މިންބަރުމަތީގައި އިށިއިނުމާ، ނަމާދު ނިމުމާ ދެމެދުއެވެ.”
2- އެ ވަޤުތުކޮޅުވަނީ ހުކުރު ދުވަހުގެ ޢަޞްރު ފަހުން އިރު އޮއްސުމާ ދެމެދުގައެވެ. ދަލީލަކީ ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މި ޙަދީޘެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((يَوْمُ الجُمُعة ثِنْتَا عَشْرَةَ سَاعَةً ، لَا يُوجَدُ فِيهَا عَبْدٌ مُسْلِمٌ يَسْأَلُ اللهَ شَيْئاً إِلَّا آتَاهُ إِيَّاهُ ، فَالْتَمِسُوهَا آخِرَ سَاعَةٍ بَعْدَ العَصْرِ)) [رواه أبو داود (1048) والنسائي (1389) ، وصححه الألباني في ” صحيح أبي داود ” ، والنووي في “المجموع” (4 / 471)] މާނައީ: “ހުކުރު ދުވަހުގައި ބާރަ ސާޢަތްވެއެވެ. މުސްލިމު އަޅަކު އެވަގުތުގައި ﷲއަށް ދެންނެވިކަމެއް ނުދެއްވާ ދޫކޮށް ނުލައްވާނެތެވެ. ޢަޞްރުވަޤުތުގެ ފަހުން އެންމެ ފަހު ސާޢަތުގައި ތިޔަބައިމީހުން އެވަޤުތު ހޯދައިގަންނާށެވެ.”
މުހިއްމު ނުކުތާއެއް
ޚުޠުބާ ކިޔަމުންދާއިރު، ދުޢާކުރުމާއި، ޛިކްރުކުރުމާއި، ޤުރުއާން ކިޔެވުމާއި، ވާހަކަ ދެއްކުމަކީވެސް ނަހީވެގެންވާ ކަމެކެވެ.
މަރްޖިޢުތައް
“الفتاوى الفقهية الكبرى” للحافظ ابن حجر الهيتمي (1/251-252)
“رسائل وفتاوى الشيخ عبد الله أبا بطين” (ص/163).
“مجلة المنار” (6/792).
“فتاوى نور على الدرب” (فتاوى الصلاة/صلاة الجمعة)