[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގެ ކުރީ ސަފުން ކުޑަކުދީން ބޭރުކުރުން

ކުޑަކުދިން ބާލިޣުވުމުގެ ކުރީންވެސް ނަމާދަށް ލޯބި ޖެއްސުމަށާއި ނަމާދު ކުރުވުމަށް ހޭނުވުމަށް އިސްލާމްދީން ބާރުއަޅުއްވާފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
( مُرُوا أَوْلَادَكُمْ بِالصَّلَاةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ ، وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرٍ ، وَفَرِّقُوا بَيْنَهُمْ فِي الْـمَضَاجِعِ ) . رواه أبو داود (495) وأحمد (6650) وصححه الألباني في “الإرواء” (247)
މާނައީ: “ތިޔަބައިމީހުންގެ ދަރިންނަށް ހަތް އަހަރު ވުމުން އެކުދިންނަށް ނަމާދުކުރުމަށް އަމުރުކުރާށެވެ. އަދި ދިހަ އަހަރުވުމުން (ނަމާދު ނުކޮށްފިނަމަ) އެކުދިން ގައިގައި ޖަހާށެވެ. (މާނައަކީ އަދަބު ދީގެންވެސް ނަމާދުކުރުވާށެވެ) އަދި އެކުދީންގެ ތަންމަތި ވަކިކުރާށެވެ.”
ޢިލްމުގެ އަހުލުވެރިންނާއި ތަންދޮރުދަންނަ ބޮޑެތި މީހުން ނަމާދުގެ ސަފުގައި އިސްކުރުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރައްވާފައިވެއެވެ. ޙަދީޘްކުރެއްވިއެވެ. (لِيَلِنِي مِنْكُمْ أُولُو الْأَحْلَامِ وَالنُّهَى، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ). رواه مسلم (432) . މާނައީ: “(ޞަފުގައި) އަހަރެންނާ ޖެހިގެން އެންމެ ގާތަށް ތިބޭންވާނީ ތަންދޮރު ދަންނަ ބުއްދިވެރިންނެވެ. ދެން އެބައިމީހުންނާ ޖެހިގެންވާ މީހުންނެވެ. ދެން އެބައިމީހުންނާ ޖެހިގެންވާ މީހުންނެވެ.”
ކުޑަކުދީން އުމުރުން 7 އަހަރުން ފެށިގެން ނަމާދުކުރުވުމަށް ބާރުއެޅުމަށް އަންގަވާފައި، އެކުދީން މިސްކިތުގެ ކުރީ ސަފުން ބޭރުކުރުމަށް ނަބިއްޔާ ޞައްލަﷲ އަންގަވާނޭ ހެއްޔެވެ؟
ނަމާދުގެ ކުރީ ސަފުގައި ޢިލްމުގެ އަހުލުވެރިންނާއި ތަންދޮރުއެނގޭ ބޮޑެތިމީހުން އިސްކުރަން އަންގަވާފައި އޮތުމަކީ އެއްވެސް ޙާލެއްގައި އެބައިމީހުންގެ ކުރީން މިސްކިތަށް އައިސް ކުރީ ޞަފަށްއަރައި އިން ކުއްޖަކު ކުރީ ޞަފުން ބޭރުކުރަން އެންގެވުމެއް ނޫނެވެ. މިއީ ވަރަށް ގިނަ މީހުންނަށް ނުބައިކޮށް ފަހުމްވާ ޙަދީޘެކެވެ. ޙަދީޘްގައި އޮންނަނީ ސަފުހެދުމުގައި ޢިލްމުގެ އަހުލުވެރިންނާއި ތަންދޮރު އެނގޭ ބޮޑެތިމީހުން އިސްކުރުމަށެވެ. އެއީ އެއްވެސް ޙާލެއްގައި ޞަފަށް އަރައިތިބި ބަޔަކު ފަހަތަށް ޖައްސައި އެބައިމީހުންނަށް ޖާގަ ދޭކަށް ނޫނެވެ. ތަންދޮރު އެނގޭ ބޮޑެތި މީހުންވެސް މިސްކިތަށް އައުމުގައި ލަސްވެއްޖެނަމަ، ކުރީ ޞަފައަށް އަރާހުރި ކުޑަކުއްޖަކު ފަހަތަށް ޖައްސާފައި ފަހުން އައި މީހާ އަށް ޖާގަދޭކަށް ނުޖެހޭނެއެވެ. އިމާމާއާ ކައިރިން ޞަފަށް އަރާފައިވާ ބަޔަކީ އެއީ ކުޑަކުދީން ކަމަށްވިޔަސް އެތަން އެމީހުންނަށް (ކުރީން އައުމުގެ ސަބަބުން) ޙައްޤުކަންބޮޑުވެގެންވެއެވެ.
އިބްނު ޙަޖަރުލް ހައިތަމީ ރަޙިމަހުﷲ “އަލްފަތާވާ”ގައި ބަޔާންކުރައްވާފައިވެއެވެ.
“ކުޑަކުއްޖާ، ބޮޑެތިމީހުންނަށްވުރެ ކުރީން ފުރަތަމަ ޞަފަށް އަރައިފިނަމަ، އެކުދީން ޞަފުން ބޭރުކުރުން ބޮޑެތިމީހުންނަށް ހުއްދަވެގެން ނުވެއެވެ.” “الفتاوى” (1/229)
އަލްމާވަރްދީ ރަޙިމަހުﷲ “އަލްއިންޞާފު” ގައި ބަޔާންކުރައްވާފައިވެއެވެ.
“އިބްނު ތައިމިއްޔާ ރަޙިމަހުﷲ އިޚްތިޔާރު ކުރެއްވި ބަސްފުޅަކީ، ކުޑަކުއްޖާ އޭނާ އިސްވި މަޤާމުން، ފަހަތަށް ނުޖެއްސުމެވެ. ވިދާޅުވިއެވެ. އެންމެ ޞައްޙަ ބަސްފުޅަކީ އެއީ އެވެ.” “الإنصاف” (2/41)
އިބްނު ބާޒް ރަޙިމަހުﷲ ވިދާޅުވިއެވެ. “އެންމެ ޞައްޙަ ގޮތަކީ ކުޑަކުދީން ކުރީ ޞަފަށް އަރައިފިނަމަ އެކުދީން ފަހަތަށް ނުޖެއްސުމެވެ. އެކުދީން ފުރަތަމަ ޞަފަށް ނުވަތަ ދެވަނަ ޞަފަށް އަރައިފިނަމަ އެކުދީންގެ ފަހުގައި މިސްކިތަށް އައިމީހުން އެކުދީން ފަހަތަށް ޖައްސައިގެންނުވާނެއެވެ. އެއީ އެހެންމީހުން އެ ޙައްޤަކާހަމައަށް ވާޞިލުނުވި ޙައްޤަކަށް އެކުދީން ވާޞިލްވެއްޖެއެވެ. އެކަމުގައި ވާރިދުވެފައިވާ ޢާއްމު ޙަދީޘްތަކަށް ބަލާއިރު، އެކުދީން ފަހަތަށް ޖެއްސުމަކީ ހުއްދަކަމެއް ނޫނެވެ. އެހެނީ އެކުދީން އެގޮތަށް ޞަފުން ފަހަތަށް ޖެއްސުމުގެ ސަބަބުން އެކުދީން ހިތުގައި ނަމާދާމެދު ނަފުރަތު އުފެދުމާއި، ނަމާދުގެ ކުރީ ޞަފުހޯދުމަށް ނަމާދަށް މައިރާ ދިޔުމަށް ގަދައަޅާ މަސައްކަތްކުރުމުން ދުރުހެލިވެދާނެއެވެ. އެހެންކަމުން އެކުދީން ދުރަށްޖެއްސުމަކީ އެއްގޮތަކަށްވެސް ކުރުން އެކަށީގެންވާ ކަމެއް ނޫނެވެ.
އެކަމަކު މިސާލަކަށް ދަތުރެއްގައި، އެންމެން ޖަމާވެއްޖެނަމަ، ޞަފު ހެދުމުގައި އިސްކަން ދޭނީ ފުރަތަމަ ބޮޑެތި ފިރިހެނުން، ދެން އޭގެ ފަހުގައި ކުޑަކުދިން، ދެން އޭގެ ފަހުގައި އަންހެނުން މިގޮތަށެވެ. މިސްކިތުގެ ޞަފަށް ކުޑަކުދީން އަރާފައި ތިއްބާ އެކުދީން ފަހަތަށް ޖައްސައި އެތަނަށް ބޮޑެތިމީހުން އެރުމަކީ އެއީ ހުއްދަކަމެއް ނޫނެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދިޘްފުޅުގައި އޮތް “އަހަރެންނާ ޖެހިގެން އެންމެ ގާތަށް ތިބޭންވާނީ ތަންދޮރު ދަންނަ ބުއްދިވެރިންނެވެ” ބަސްފުޅުގެ މުރާދަކީ ތަންދޮރު ދަންނަ ބުއްދިވެރީން ނަމާދަށް މައިރާ ދިޔުމަށް ބާރުއެޅުމެވެ. އަދި ނަމާދަށް މައިރާ ދިޔުމުގެ ސަބަބުން އެހެން މީހުނަށްވުރެ އެމީހުން އިސްވުމެވެ. އޭގެ މާނައަކީ އެއްވެސް ޙާލެއްގައި، އެބައިމީހުންގެ ކުރީން ނަމާދަށް ގޮސްތިބި މީހުން ފަހަތަށް ޖެއްސުމެއް ނޫނެވެ. “مجموع فتاوى الشيخ ابن باز” (12/400) .
ޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ.
“ހަމަކަށަވަރުން ކުޑަކުދީންވެސް ތަނަކަށް އިސްވެއްޖެނަމަ އެކުދީންނަށް އެތަން ޙައްޤުކަން ބޮޑުވެގެންވެއެވެ. އެއީ އެކަމުގައި ވާރިދުވެފައިވާ ޢާއްމު ދަލީލުތަކުގައިވާ ގޮތުގެ މަތީންނެވެ. އެހެންބަޔަކު އިސްނުވާ ތަނަކަށް ބަޔަކު އިސްވެއްޖެނަމަ އެ އިސްވިބަޔަކު އެތަނަށް ޙައްޤުކަން ބޮޑުވެގެންވާކަމަށް އައިސްފައިވާ ދަލީލުތަކެވެ. މިސްކިތްތަކަކީ ﷲ ގެ ގެކޮޅުތަކެވެ. އެތަނުގައި ﷲ ގެ އަޅުތަކުން ހަމަހަމަވެގެންވެއެވެ. ކުޑަކުއްޖާ ފުރަތަމަ ޞަފަށް އަރައިފިނަމަ، އަދި އެތަނުގައި އެކުއްޖާ އިށިއިނދެއްނަމަ، އެކުއްޖާ ހުންނަންޖެހޭނީ ހަމަ އެތަނުގައެވެ. އަދި ކުރީ ޞަފުން ކުޑަކުދިން ފަހަތަށް ޖައްސައި، ހުރިހާ ކުޑަކުދިން އެއްޞަފަކަށް އެރުވުމަށް އަހަރެމެން ބުނާނަމަ، އެކަމުގެ ސަބަބުން އެކުދީން ނަމާދުގައި ސަކަރާތްޖެހުމަށް މަގުފަހިވެއެވެ.” “الشرح الممتع” (3/4)
އަދިވެސް ޝައިޚު އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ.
“ޞަފުގައި ކުޑަކުދީން ތިބުމުގެ ސަބަބުން ޞަފު މެދުކެނޑުނުކަމުގައި ވިޔަސް އެކުދީން ޞަފުން ބޭރުކުރުން ހުއްދަވެގެންނުވެއެވެ. އެހެނީ އެކުދީންނަކީވެސް އިންސާނުންނެވެ. ހިލައެއް، ތަނބެއް ނޫނެވެ. އެކުދީން ޞަފުގައި ބައިވެރިކުރުމަކީ ޞަފުމެދުކެނޑޭ ކަމެއް ނޫނެވެ. އަދި އެކުދީން އެކުދީން ޞަފުގައި އިސްވެފައި ތިބި ތަނުން ދުރަށް ޖެއްސުމަކީ އެއްވެސްމީހަކަށް ހުއްދަކަމެއް ނޫނެވެ. ސީދާ އިމާމާގެ ފަހަތުގައި ކުރީ ޞަފުގައި ހުރިކަމުގައިވިޔަސް މެއެވެ. އެއްވެސް މީހަކަށް އެކުދީން ދުރައްޖެއްސުން ހުއްދަވެގެން ނުވެއެވެ. “لقاء الباب المفتوح” (106/24) .

މުހިއްމު ނުކުތާތަކެއް
1- ކުޑަކުދީން ކުރީ ޞަފުން ފަހަތަށް ޖައްސަން ނުޖެހޭ ބައެއް ސަބަބުތައް
ހ- އެކުދީން ނަމާދަށް ލޯބިޖެއްސުމަށް ނަމާދުކުރުވުމަށް އަމުރު އައިސްފައިވުން
ށ- ކުޑަކުދީން ކުރީ ޞަފުން ބޭލުމަށް ޞައްޙަ ޙަދީޘެއް އައިސްފައިނުވުން
ނ- އެކުދީންގެ ހިތުގައި ނަމާދާމެދު ނަފްރަތު އުފެދިދާނެތީ
ރ- އެކުދީން މައިރާ މިސްކިތަށް ދިޔުމާ ނަމާދަށް ފޯރިހުރުމަށް ދުރުހެލިވެދާނެތީ
ބ- ފަހަތުން އެއްތަނެއްގައި ބައިތިއްބައިފިނަމަ ސަކަރާތް ޖަހާފާނެތީ
2- ކުޑަކުދީން މިސްކިތަށް ނަމާދަށް ގެންދާނަމަ މިސްކިތުގެ އަދަބުތައް އެކުދީންނަށް ދަސްކޮށްދޭންޖެހޭނެއެވެ.
3- ޢުމުރުން 7 އަހަރު ނުވާކުދީން އެކުދީން މިސްކިތުގެ އަދަބުތަކަށް ކަމޭ ނުހިތާނަމަ މިސްކިތަށް ގެންދިޔުން ރަނގަޅެއް ނޫނެވެ. މިސްކިތުގެ އަދަބުތަކަށް ކަމޭހިތާނަމަ 7 އަހަރު ނުވާ ކުއްޖެއްވެސް މިސްކިތަށް ގެންދިޔުމަކީ މައްސަލައެއް ނޫނެވެ.
4- މިސްކިތުގައި ކުދީން ސަކަރާތްޖެހުމުން، އެކުދީންނާ ދިމާލަށް ހަޅޭއްލަވާ ތަޅައި ހެދުން ރަނގަޅެއް ނޫނެވެ. އޭރުން އެކުދީން ނަމާދާމެދު ނަފުރަތު ވެދާނެއެވެ. އޭގެ ބަދަލުގައި މިސްކިތުގެ މާތްކަމާއި މިސްކިތުގެ އަދަބުތައް އެކުދިންނަށް ވިސްނާދިނުން މުހިއްމެވެ.

މަރްޖިޢު
https://islamqa.info/ar/127781