[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނިޢުމަތްތަކަށް ޝުކުރުވެރިވުން 1

ތިބާގެ ވެރިރައްބުވަނީ ތިބާއަށް މަތިވެރިވެގެންވާ ނިޢުމަތްތަކެއް ދެއްވާފައެވެ. އަދި އެއިލާހުގެ މަތިވެރިވެގެންވާ ދެއްވުންތަކެއްވެސް ތިބާއަށްވަނީ ދެއްވާފައެވެ. އެއީ ތިބާ އެކަންކަމަށް ޝުކުރުވެރިވުމަށްޓަކައެވެ. މީސްތަކުން ޚަލްޤުކުރައްވައި އެބައިމީހުންނަށް އެއިލާހު އަމުރުކުރެއްވުމުގެ މަޤްޞަދަކީ އެއީއެވެ.

﴿وَاللَّـهُ أَخْرَجَكُم مِّن بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۙ لَعَلَّكُمْ تَشْكُرُونَ﴾ [سورة النحل ٧٨] 

މާނައީ: “ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭގޮތުގައިވާ ޙާލު، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ ﷲއެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. އެއީ ތިޔަބައިމީހުން، ޝުކުރުކުރުމަށްޓަކައެވެ.”

އަދިވެސް އެއިލާހު އަންގަވާފައިވަނީ އެއިލާހަށް ޝުކުރުވެރި ނުވާ އަޅަކީ ޙައްޤުގޮތުގައި އެއިލާހަށް އަޅުކަންކުރާ މީހެއް ނޫންކަމުގައެވެ.

﴿وَاشْكُرُوا لِلَّـهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ﴾ [سورة البقرة ١٧٢]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި ﷲއަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެއިލާހަށް ޝުކުރުވެރިވާށެވެ.”

އެއިލާހު މިބިމަށް އެންމެ ފުރަތަމަ ފޮނުއްވި ރަސޫލާ (ނޫޙު ޢަލައިހިއްސަލާމް) އަކީ ޝުކުރުވެރި އަޅެއްކަން ބަޔާންކުރައްވާ އެއިލާހު ވަޙީކުރެއްވިއެވެ.

﴿ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ ۚ إِنَّهُ كَانَ عَبْدًا شَكُورًا﴾  [سورة الإسراء ٣]

މާނައީ: “ތިމަންއިލާހު ނޫޙުގެފާނާ އެކުގައި އުފުއްލެވި ދަރިފަސްކޮޅުގެ މީހުންނޭވެ! ހަމަކަށަވަރުން، ޝުކުރުވެރިވާ އަޅަކު ކަމުގައި އެކަލޭގެފާނުވިއެވެ.”

އަދި މޫސާ ޢަލައިހިއްސަލާމަށް ދެއްވުނު ނަބީކަމާއި ބަސްވަޙީކުރެއްވުމުގެ ނިޢުމަތަށްޓަކައި ޝުކުރުވެރިވުމަށް އެއިލާހު އެކަލޭގެފާނަށް އަމުރުކުރެއްވިއެވެ.

﴿قَالَ يَا مُوسَىٰ إِنِّي اصْطَفَيْتُكَ عَلَى النَّاسِ بِرِسَالَاتِي وَبِكَلَامِي فَخُذْ مَا آتَيْتُكَ وَكُن مِّنَ الشَّاكِرِينَ﴾ [سورة الأعراف ١٤٤]

މާނައީ: “އެއިލާހު ވަޙީކުރެއްވިއެވެ. އޭ މޫސާގެފާނެވެ! ތިމަންއިލާހު ރުސޫލުކަމާ އަދި ބަސްވަޙީ ކުރެއްވުމުން މީސްތަކުންގެ މައްޗަށް ހަމަކަށަވަރުން، ކަލޭގެފާނު ޚިޔާރު ކުރައްވައިފީމެވެ. ފަހެ، ތިމަންއިލާހު ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި ޝުކުރުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!”

އަދި އެއިލާހުގެ ޚަލީލު އިބްރާހީމް ޢަލައިހިއްސަލާމަކީ ޝުކުރުވެރި އަޅެއްކަން ބަޔާންކުރައްވާ އެއިލާހު ޘަނާގެ ބަސްވަޙީކުރެއްވިއެވެ.

﴿شَاكِرًا لِّأَنْعُمِهِ ۚ اجْتَبَاهُ وَهَدَاهُ إِلَىٰ صِرَاطٍ مُّسْتَقِيمٍ﴾  [سورة النحل ١٢١]

މާނައީ: “އެއިލާހު ދެއްވި ނިޢުމަތްތަކަށް، ޝުކުރުކުރައްވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އެއިލާހު، އެކަލޭގެފާނު ޚިޔާރުކުރެއްވިއެވެ. އަދި ސީދާވެގެންވާ މަގަށް، އެކަލޭގެފާނަށް މަގު ދެއްކެވިއެވެ.”

އަދި އެކަންކުރުމަށް ދާވޫދު ޢަލައިހިއްސަލާމުގެ އާލުންނަށް އެއިލާހު އަމުރުކުރެއްވިއެވެ.

﴿اعْمَلُوا آلَ دَاوُودَ شُكْرًا ۚ وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ﴾  [سورة سبإ ١٣]

މާނައީ: “އޭ ދާވޫދުގެފާނުގެ އާލުންނޭވެ! (އެއިލާހަށް) ޝުކުރުވެރިވުމުގެ ގޮތުން ތިޔަބައިމީހުން (ހެޔޮ) ޢަމަލުކުރާށެވެ! އަދި ތިމަންއިލާހުގެ އަޅުތަކުންގެ ތެރެއިން ގިނައިން ޝުކުރުވެރިވާ މީހުން ވަރަށް މަދެވެ.”

އަދި އެއިލާހުގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށްވެސް އެކަމަށް އަމުރުކުރެއްވިއެވެ.

﴿بَلِ اللَّـهَ فَاعْبُدْ وَكُن مِّنَ الشَّاكِرِينَ﴾  [سورة الزمر ٦٦]

މާނައީ: “އަދި ކިއެއް ހެއްޔެވެ. ހަމައެކަނި ﷲއަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ޝުކުރުކުރާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!”

އަދި އެއިލާހަށާއި، (އެމީހެއްގެ) މައިންބަފައިންނަށް ޝުކުރުކުރުމަށް އެއިލާހު ވަޞިއްޔަތްކުރެއްވިއެވެ.

﴿أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ﴾  [سورة لقمان ١٤]

މާނައީ: “ތިމަންއިލާހަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ! އެނބުރި ރުޖޫޢަވުން ވަނީ، ހަމަ ތިމަންއިލާހުގެ ޙަޟްރަތަށެވެ.”

އަދި ޝުކުރުވެރިވުމަށް، ނަބީބޭކަލުން އެބޭކަލުންގެ ޤައުމުގެ މީހުންނަށް އަމުރުކުރެއްވިއެވެ. އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިއެވެ.

﴿فَابْتَغُوا عِندَ اللَّـهِ الرِّزْقَ وَاعْبُدُوهُ وَاشْكُرُوا لَهُ ۖ إِلَيْهِ تُرْجَعُونَ﴾  [سورة العنكبوت ١٧]

މާނައީ: “ފަހެ، ތިޔަބައިމީހުން ﷲގެ ޙަޟްރަތުން ރިޒްޤަށް އެދޭށެވެ! އަދި އެއިލާހަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އަދި އެއިލާހަށް ތިޔަބައިމީހުން ޝުކުރުކުރާށެވެ! ތިޔަބައިމީހުން ރުޖޫޢަކުރައްވާހުށީ ހަމަ އެއިލާހުގެ ޙަޟްރަތަށެވެ.”

 

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް