އެންމެ މޮޅުއިތުރު ދުޢާއަކީ، ތިބާގެ ވެރިރައްބުގެ ޙަޟްރަތުން އެއިލާހުގެ ރުއްސެވުމާއި ނިޢުމަތްތަކަށް ޝުކުރުކުރުމާ އަދި އަޅުކަންކުރުމުގެ ވާތްގަށް އެދި ދެންނެވުމެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ.
“އެންމެ ފައިދާ ބޮޑު ދުޢާއަކީ ކޮބައިތޯ ވިސްނާ ފިކުރުކުރީމެވެ. ފަހެ އެނގިގެން ދިޔައީ، އެއީ ﷲގެ ރުއްސެވުން އެދި އެއިލާހުގެ ވާތްގަށް އެދުންކަމުގައެވެ. ދެން އެއަށްފަހު ފާތިޙާ ސޫރަތުގެ އަންނަނިވި އާޔަތުގައި އެކަން ބަޔާންވެގެންވާކަން އެނގުނެވެ.
﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾ [سورة الفاتحة ٥]
މާނައީ: “އަޅަމެން އަޅުކަންކުރަނީ، ހަމައެކަނި އިބައިލާހަށެވެ. އަދި އަޅަމެން ވާގިއެދެނީ، ހަމައެކަނި އިބައިލާހުގެ ޙަޟްރަތުންނެވެ.” “[1]
ޝުކުރުކުރުމުގެ މަޤާމު، ﷲ ގެ ޢަދުއްވަށް (އެބަހީ: އިބިލީހަށް) އެނގުނު ހިނދު އަދި އެއީ އެންމެ މަތިވެރި މާތް އަޅުކަންތަކުގެ ތެރެއިން އަޅުކަމެއްކަމުގައި އޭނާއަށް އެނގުނު ހިނދު، އެކަމުން މީސްތަކުން ދުރުކުރުމަކީ އޭނާގެ މަޤްޞަދުކަމުގައި ހެދިއެވެ.
﴿ثُمَّ لَآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَائِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَاكِرِينَ﴾ [سورة الأعراف ١٧]
މާނައީ: “ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަ މީހުންނަކީ، ޝުކުރުކުރާ މީހުން ކަމުގައި އިބައިލާހު ދެކެވޮޑިއެއް ނުގަންނަވާނެއެވެ.”
ޝުކުރުވެރިވާ މީހުންނަކީ މީހުންގެ ތެރޭގައި މަދުބަޔެކެވެ. ފަހެ އެމަދު އަދި ބަރަކާތްތެރި ޖަމާޢަތާ އެކުގައިވާށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ﴾ [سورة سبإ ١٣]
މާނައީ: “އަދި ތިމަންއިލާހުގެ އަޅުތަކުންގެ ތެރެއިން ގިނައިން ޝުކުރުވެރިވާ މީހުން ވަރަށް މަދެވެ.”
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް
[1] مدارج السالكين (1/78)