ﷲ ތަޢާލާއާ ކުއްތަން ނުކުރުވާ ކޮންމެ ނިޢުމަތެއް ވެގެންދާނީ މުޞީބާތަކަށެވެ.
ފުޟައިލު ބުން ޢިޔާޟު رحمه الله ވިދާޅުވިއެވެ.
“ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް ފަރުވާތެރިވާށެވެ. ފަހެ ބައެއްގެ ކިބައިން ނިޢުމަތެއް ފިލައިދިޔުމަށްފަހު، ވަރަށް މަދުފަހަރެއްގައި މެނުވީ އެބައިމީހުންނަށް އެނިޢުމަތް އަނބުރާ ނުލިބެއެވެ.”
ފަހެ ތިބާގެ ވެރިރައްބަށް ތިބާ އުރެދެމުންދާ ޙާލު އެއިލާހުގެ ނިޢުމަތްތައް ތިބާއަށް ލިބެމުންދާނަމަ އެކަމާމެދު ސަމާލުވާށެވެ.
ﷲގެ ޙަޟްރަތުގައި އަޅާއަށް މަޤާމެއް ލިބިފައިވާ ޙާލު އެއަށް ރައްކާތެރިވެ، އެގޮތުގައި ހުރެ، ދެން އެކަމަށްޓަކައި ﷲ އަށް ޝުކުރުވެރިވެއްޖެނަމަ ދަންނައެވެ. ﷲ ތަޢާލާ އޭނާއަށް އެއަށްވުރެ ބޮޑު ޝަރަފެއް ދެއްވާނެއެވެ.
އަދި އޭނާ ޝުކުރުވެރިވުން ނަގާލައިފިނަމަ ދަންނައެވެ. ﷲ ތަޢާލާ އޭނާއަށް މުހުލަތުދެއްވުމަށްފަހު ދެން ހިއްޕަވާނެއެވެ.
ނިޢުމަތްތައް މެދުނުކެނޑި ލިބެމުންދަނީ ޝުކުރުވެރިވުމުގެ ސަބަބުންނެވެ. ގިނައިން ލިބުން ބިނާވެފައިވަނީ ޝުކުރުވެރިވެވޭ މިންވަރުގެ މައްޗަށެވެ. ޝުކުރުވެރިވުމުގެ ތައުފީޤު، ﷲ ތަޢާލާ އެއިލާހުގެ އަޅަކަށް ދެއްވައިފިނަމަ، އެމީހަކަށް އިތުރަށްވެސް ދެއްވާނެއެވެ.
﴿وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ﴾ [سورة ابراهيم ٧]
މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރައްބު އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާ ހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރުނުކޮށް) ކާފިރުވެއްޖެނަމަ (ދަންނައެވެ!) ހަމަކަށަވަރުން، ތިމަންއިލާހުގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ.”
ﷲއަށް ޝުކުރުވެރިވުމުންނާއި ކިޔަމަންގަތުމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގެ ދޮރުތައް އަޅާއަށް ހުޅުވިގެންދެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ وَلَـٰكِن كَذَّبُوا فَأَخَذْنَاهُم بِمَا كَانُوا يَكْسِبُونَ﴾ [سورة الأعراف ٩٦]
މާނައީ: “ރަށްތަކުގެ އަހުލުވެރިން، އީމާންވެ ތަޤްވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންއިލާހު އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރިއެވެ. ދެން، އެއުރެން ހޯދައި އުޅުނު ޢަމަލުތަކަށްޓަކައި، ތިމަންއިލާހު އެއުރެން ހިއްޕެވީމެވެ”.
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.