[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒިނޭ އަށް މަގުފަހިވާ ސަބަބުތައް (ފަސްވަނަ ބައި) : ބަރަހަނާ މަންޒަރުތައް ބެލުން

5- ޒިނޭއަށް މަގުފަހިވާ އެންމެ ބޮޑު އެއްކަމަކީ ޒިނޭއަށް މަގުފަހިވާފަދަ މަންޒަރުތައް ބެލުމެވެ. ބެލުންތިރި ކުރުމަށް ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވެއެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކީން މި ދެއަމުރު ކުރައްވާފައިވެއެވެ.
﴿قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَٰلِكَ أَزْكَىٰ لَهُمْ إِنَّ اللَّـهَ خَبِيرٌ بِمَا يَصْنَعُونَ﴾ {سورة النور ٣٠}

މާނައީ: “މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު އަންގަވާށެވެ. އެގޮތް އެބައިމީހުންނަށްޓަކައި، ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން، ﷲ އީ، އެބައިމީހުން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”
وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِ‌هِنَّ وَيَحْفَظْنَ فُرُ‌وجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ‌ مِنْهَا وَلْيَضْرِ‌بْنَ بِخُمُرِ‌هِنَّ عَلَىٰ جُيُوبِهِنَّ {النور 31}

މާނައީ: “އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު އަންގަވާށެވެ. އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ.”
ބެލުމަކީ ލޮލޮގެ ޒިނޭއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

 ( فَالْعَيْنَانِ زِنَاهُمَا النَّظَرُ، وَالأُذُنَانِ زِنَاهُمَا الاسْتِمَاعُ، وَاللِّسَانُ زِنَاهُ الْكَلامُ، وَالْيَدُ زِنَاهَا الْبَطْشُ، وَالرِّجْلُ زِنَاهَا الْخُطَا، وَالْقَلْبُ يَهْوَى وَيَتَمَنَّى، وَيُصَدِّقُ ذَلِكَ الْفَرْجُ وَيُكَذِّبُهُ { في رواية لمسلم } “ފަހެ ދެލޮލުގެ ޒިނޭއަކީ ބެލުމެވެ. އަދި ދެކަންފަތުގެ ޒިނޭ އަކީ އަޑުއެހުމެވެ. އަދު ދުލުގެ ޒިނޭއަކީ ވާހަކަދެއްކުމެވެ. އަދި އަތުގެ ޒިނޭއަކީ ހިފުމެވެ. އަދި ހިތް އެކަމަށް އެދުންވެރިވެ ގޮވައެވެ. އަދި ލަދުވެތި ގުނަވަން އެކަން ތެދުކޮށް އަދި ނުވަތަ ދޮގުކުރެއެވެ.”
އިބްނުލް ޤައްޔިމް ރަޙިމަހުﷲ ލިޔުއްވާފައިވާ ފޮތް އަލްޖަވާބުލް ކާފީގައި ބަޔާންކުރައްވާފައިވެއެވެ. “ފަހެ ލޮލުން ބަލާ ބެލުމަކީ ޝަހުވާނީ އެދުންތަކަށް ގެންގޮސްދޭ ޛަރީޢާ ނުވަތަ ވާސިތާއެވެ. ބެލުން ރައްކާތެރިކުރުމުގެ އަޞްލަކީ ލަދުވެތި ގުނަވަން ރައްކާތެރިކުރުމެވެ. ފަހެ އެމީހެއްގެ ލޮލުގެ ބެލުން އިމެއްނެތި ދޫކޮށްލައިފި މީހާ ހަލާކުގެ ތެރެއަށް ވެއްޓިއްޖެއެވެ.”
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަލީ ރަޟިޔަﷲ ޢަންހުއަށް ޙަދީޘްކުރެއްވިއެވެ.

((يَا عَلِيُّ لَا تُتْبِعِ النَّظْرَةَ النَّظْرَةَ فَإِنَّ لَكَ الأُولَى وَلَيْسَتْ لَكَ الآخِرَةُ)) {رواه الترمذي 2701 وهو في صحيح الجامع 7953 }

“އޭ ޢަލީ އެވެ. ތިބާ އެއް ބެލުމާ ވިދިގެން އަނެއް ބެލުން ނުބަލާށެވެ. ފަހެ، ތިބާއަށް ލިބިގެންވަނީ ފުރަތަމަ ބެލުމެވެ. އެހެން ބެލުންތައް ތިބާއަށް ލިބިގެން ނުވެއެވެ.”
މި ޙަދީޘްގެ މުރާދަކީ ގަޞްދަކާ ނުލައި ކުއްލިއަކަށް ފެންނަ ފެނުމެވެ. އެ ބެލުމުން އެ ފެންނަ ފެނުމަކުން ތިބާގެ މައްޗަކަށް ފާފައެއް ނެތެވެ. ދެން އޭގެ ފަހުގައި ގަޞްދުގައި ބެލުމަކީ ތިބާއަށް ކުރުން ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި އޭގެ މާނައަކީ ފުރަތަމަ ބެލުން ދިގު ދަންމާ ވާހަކައެއްވެސް ނޫނެވެ.
އަދިވެސް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ. “ޢާއްމުކޮށް އިންސާނާއަށް ދިމާވާ އެންމެހާ ޙާދިޘާތަކަކީ ލޮލުގެ ބެލުމުގެ ސަބަބުން ދިމާވާ ކަންކަމެވެ. ފަހެ، ހަމަކަށަވަރުން ލޮލުން ބަލައިލެވޭ ބެލުމަކީ ޚިޔާލު އުފެދޭ ކަމެކެވެ. އަދި ޚިޔާލު އެކަމަށް ފިކުރު އުފައްދައެވެ. އަދި އެ ފިކުރުތައް ޝަހުވަތްތެރިކަން އުފައްދައެވެ. އެއަށްފަހު ޝަހުވަތްތެރިކަން ހިތްޖެހުން އުފައްދައެވެ. އަދި އެ ހިތްޖެހުން ވަރުގަދަވެ ނުގުޑާވަރު ޢަޒުމަކަށް އެކަން ބަދަލުވެއެވެ. ފަހެ، ޔަޤީން ކަށަވަރުކަމާއެކުގައި އެކަން މަނާކުރާނެ އެއްޗެއް ނެތް ހިނދުގައި ޢަމަލު (ޒިނޭ) ކުރާނެއެވެ. އެހެން ވުމުން ބުނެވެއެވެ. ބެލުން ތިރިކުރުމުގެ މައްޗަށް ކެތްތެރިވުން، އޭގެފަހުގައި އަޅާ ވޭނަށް ކެތްތެރިވުމަށްވުރެ ފަސޭހަވެގެންވެއެވެ.”
ޖާހިލިއްޔަ ޒަމާނުގައިވެސް ބަރަހަނާވުން މުޝްރިކުންގެ އަޅުކަމުގެ ތެރޭގައި ކަޢުބާވަށައިގެން ޠަވާފުކުރާއިރު އެމީހުން ހުއްދަކޮށްފައިވާ އިރުވެސް ބަރަހަނާ ވާ މީހާއަށް ދިމާލަށް ބެލުމާ މެދު އެމީހުންގެ ވިސްނުން ހުރި ގޮތް ބަލާލާށެވެ.
عَنِ ابْنِ عَبَّاسٍ، قَالَ كَانَتِ الْمَرْأَةُ تَطُوفُ بِالْبَيْتِ وَهِيَ عُرْيَانَةٌ فَتَقُولُ مَنْ يُعِيرُنِي تِطْوَافًا تَجْعَلُهُ عَلَى فَرْجِهَا وَتَقُولُ الْيَوْمَ يَبْدُو بَعْضُهُ أَوْ كُلُّهُ فَمَا بَدَا مِنْهُ فَلاَ أُحِلُّهُ فَنَزَلَتْ هَذِهِ الآيَةَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ‏{صحيح مسلم‏ 3028}

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. (ޖާހިލިއްޔަ ޒަމާނުގައި މުޝްރިކު) އަންހެނުން ޠަވާފު ކުރާ ކަމުގައިވީ އޮރިޔާމުންތިބެއެވެ. އަދި ބުނެއެވެ. “ޠަވާފުކުރާ އިރުގައި ލަދުވެތިގުނަވަން ނިވާކުރުމަށް ލާނޭ ފޭރާމެއް އަހަރެންނަށް ދޭނީ ކާކު ހެއްޔެވެ؟” ދެން އޭނާ މިފަދައިން ކިޔައެވެ. “މިއަދު މިތަން އެއްކޮށް ނުވަތަ މިތަނުގެ ބައެއް ފެންނާނެއެވެ. ފެންނާން އޮތް ބަޔަކީ އަހަރެން ކަލޭމެންނަށް (ބެލުން) ހުއްދަކުރާ ބައެއް ނޫނެވެ.” ދެން މިކަމާ ގުޅޭގޮތުން މި އާޔަތް ބާވައިލައްވައިފިއެވެ. خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ “ތިޔަބައިމީހުން ނަމާދުކުރާ ކޮންމެ ހިނދެއްގައި ޒީނަތްތެރިކަން ހިފާހުށިކަމެވެ.”
އެމީހުން އަޅުކަމުގެ ތެރޭގައި ކުރާ ކަމެއްގައިވެސް ހަށިގަނޑުން ކަޝްފުވާ ބަޔަށް ބެލުން ހުއްދަ ނުކުރެއެވެ. އެގޮތަށް އެމީހުން ޠަވާފުކުރަނީ އެމީހުން ޤަބޫލުކުރާ ގޮތުގައި އެމީހުން ލާ ހެދުމަކީ، ހެދުން ލައިގެން ފާފަކުރެވޭ އެކަމުގެ ސަބަބުން އެ ހެދުމުގައި ފާފަ “އުނގުޅިފައި” އޭގެ “އަސަރު” ހުންނަ އެއްޗަކަށްވާތީ އެ ބާލާފައި ޠަވާފުކުރަނީއެވެ.
ދީވާނު ޢަންތަރާ ބިން ޝައްދާދު ގައިވެއެވެ.
وَأَغُضُّ طَرْفَيَّ مَا بَدَتْ لِيْ جَارَتِي . . . حَتَّى يُوَارِيْ جَارَتِيْ مَأْوَاهَا
މާނައީ: “އަދި އަހަރެންގެ އަންހެން އަވަށްޓެރިޔާ އޭނާގެ ގެއަށްވަންނަން އައުމުން އަހަރެން ދެލޯމަރަމެވެ. އެއީ އޭނާ އޭނާގެ ގޯތިތެރެ ނިވާކޮށްފުމަށް (ދޮރު ލައްޕައިފުމަށް) ދަންދެނެވެ.”
ދިވެހި މުޖުތަމަޢުގައި ޒިނޭއަށް މަގުފަހިވާ އެންމެ ބޮޑު އެއްސަބަބަކީ ބަރަހަނާ މަންޒަރުތައް ބެލުމެވެ. ޕޮރނޮގްރަފީއެވެ. އެއްވެސް ހުރަހެއް ނެތި އެމީހަކު ބޭނުން ވަޤުތެއްގައި ބޭނުން ތަނެއްގައި ހުރެ “ލޮލުގެ ޒިނޭ” ކުރުމުގެ ފުރުޞަތު މިއަދު ކޮންމެ މީހެއްގެ “އަތުގައި” އޮވެއެވެ. އަދި ހިތާމައާއެކު ދަންނަވަންޖެހެނީ މިއަދު ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު މި ލޮލުގެ ޒިނޭއަށް ދެވިހިފާފައިވާ ކަމެވެ.
މިކަމުގެ ނުރައްކާތެރިކަން ނުފޯރާ މުޖުތަމަޢުގެ އެއްވެސް ގިންތިއެއް ނެތެވެ. ކުޑަކުދީންނަށް ދަންދެން މިފަދަ ފިލްމުތައް ބަލާ މިފަދަ ވެބްސައިޓުތަކަށް ވަނުމުގެ ނަތީޖާއެއްގެ ގޮތުން ކައިވެންޏާ ހަމައަށް ދާއިރު، ޒިނޭ ނުކުރާ ޢިއްފަތްތެރި ކުއްޖަކު ހޯދުމަކީ ނާދިރުކަމަކަށް ވެފައިވެއެވެ.
ޕޯރންއަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ޕޯރންއަކީ އެޑިކްޓްވާ އެއްޗެއްކަމަށް ސައިންސުވެރިން ކަނޑައަޅާފައިވެއެވެ. އަދި ޕޯރންއަކީ އޭގެ ސަބަބުން އިންސާނާގެ ސިކުނޑިއަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާ އެއްޗެއްކަމަށް ދިރާސާތަކުން ހާމަވެފައިވެއެވެ. އަދި ޕޯރން ބެލުމަށް ދެވިހިފުމުގެ ސަބަބުން ސިކުނޑިއަށް ކުރާ އަސަރަކީ މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންތައްތައް ކުރުމުން ސިކުނޑީގެ ސެލްތަކަށް ކުރާފަދަ އަސަރުތަކެއް ކަމަށް މިކަމާބެހޭގޮތުން ހޯދާ ބަލާ ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ. މިކަމާހުރެ، ޕޯރން އެންމެ ބޮޑަށް ފެތުރިފައިވާ އެއްޤައުމުކަމުގައިވާ އެމެރިކާގައި ޕޯރންއާ ދެކޮޅަށް ވަރަށް ވަރުގަދަ ހަނގުރާމައެއް އިޢުލާނުކޮށްފައިވެއެވެ. “ފައިޓް ދަ ނިއު ޑްރަގް” ގެ ނަމުގައެވެ. މި ކެމްޕޭނު ހިންގަނީ މުސްލިމުންނެއް ނޫނެވެ. ކާފަރުންނެވެ. ޕޯރންގެ އަޞްލު ޙަޤީޤަތް ދެނެގަންނަން ބޭނުންވާނަމަ އަދި އޭގެ ސަބަބުން ކުރާ އަސަރު މިންކޮށްލަން ބޭނުންނަމަ މި ވެބްސައިޓަށް www.fightthenewdrug.org ވެންނެވުމުން އެ މަޢުލޫމާތު ލިބޭނެއެވެ. މީގައި ހުރި ގިނަ މަޢުލޫމާތު ތަކަކީ އަޅުގަނޑުމެންނަށް ޙައިރާންކަން ގެނެސްދޭނެ މަޢުލޫމާތެވެ.
ޢަޖައިބުވާންޖެހޭ ކަމަކީ ޕޯރންގެ އުނދަގޫބޮޑުވެގެން އެކަމުގެ ގެއްލުން ނުކަތާ ހިސާބަށް ގޮސް މުޖުތަމަޢުތައް ހަލާކުވެ ބޮއްސުންލާތީ އެކަމާ ދެކޮޅަށް އެތައް މިލިޔަން ޑޮލަރެއް ޚަރަދުކޮށް ބޮޑެތި ކެމްޕޭންތައް ހިންގަމުންދާއިރު މުސްލިމުން ކަމަށް ދަޢުވާކުރާ މުޖުތަމަޢުތަކުގައި ބެލުން ތިރިކުރުމަށް، ޙަރާމް މަންޒަރުތައް ނުބެލުމަށް، ލޮލުގެ ޒިނޭ ނުކުރުމަށް، ލޯ ލައްވައި ބެލުން ދެއްވި ފަރާތުން އަމުރު އައިސްފައި އޮންނައިރުވެސް، ބައެއް ނަޖިސް ބުޑިސްޓު ޤައުމުތަކުގައި ޕޯރން މަނާކޮށްފައި އޮންނައިރުވެސް، ރިވެތި އަޚްލާޤުގެ ކުރިބޯށިތައް އެދީނެއްގައިވާ އިސްލާމްދީނުގައި އެކަމަށް ބާރުއަޅުއްވާ ތަކުރާރުކޮށް އަންގަވާފައި އޮންނައިރުވެސް ޕޯރން ބްލޮކް ނުކުރެވޭތީއެވެ. އިންޓަރނެޓުގެ ޙައްދެއްނެތް މިނިވަންކަމަކީ އިންސާނީ ޙައްޤަށްވެފައިވާއިރު، އެ ޕޯރނުގެ ސަބަބުން އެ ލިބޭ ގެއްލުންތަކުގެ ތެރޭގައި “އިންސާނިއްޔަތު” ވެއްޔާ މޮޑެވިގެންދިޔުން، ހަނގާކުރުން، ޖިންސީ ގޯނާ، ރޭޕްކުރުން ފަދަ ކަންތައްތައް އިންތިހާއަށް މުޖުތަމަޢުގައި އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު މިކަންކަމުގެ އަޞްލު ސަބަބުކަމުގައިވާ ޕޯރން، މަނާކުރުމަށް އެއްވެސް މުއައްސަސާއަކުން އެކަށީގެންވާ ފިޔަވަޅެއް ނާޅަނީ ކީއްވެތޯ ސުވާލު އުފެދެއެވެ.
ރޭޕްކުރެވޭ އަންހެނުންނާއި ޖިންސީ ގޯނާކުރެވޭ މީހުންގެ ޙައްޤުގައިވެސް ޕޯރން މަނާކުރަން ޖެހެއެވެ. ޒިނޭ ކުރުން ޙައްދުފަހަނަ އަޅާފައިވާތީވެސް ޕޯރން މަނާކުރަން އެބަޖެހެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ޕޯރން ބްލޮކް ކޮށްފައިވާ ޤައުމުތަކުގައި ޒިނޭއާއި ފާޙިޝް ޢަމަލުތަކާއި ރޭޕް އަދި ޖިންސީ ގޯނާގެ ޢަމަލުތައް އިންތިހާއަށް މަދެވެ. އެމެރިކާއާއި ސަޢޫދީ ޢަރަބިއްޔާގެ ތަފާސް ޙިސާބުތައް އަޅާކިޔުމުން މިތަފާތު ފެންނާނެއެވެ. އަދި ދިވެހި ރާއްޖެއާ ސަޢޫދީ ޢަރަބިއްޔާގެ ތަފާސް ހިސާބުތައް އަޅާކިޔުމުންވެސް މިތަފާތު ފެންނާނެއެވެ. ސަޢޫދީ ޢަރަބިއްޔާއަކީ ޕޯރން މަނާކޮށްފައިވާ ޤައުމެކެވެ.
ބެލުން ރައްކާތެރިކުރުމަށް އޮތް އެންމެ މޮޅު ގޮތަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންގެވި ގޮތެވެ.

( يَا مَعْشَرَ الشَّبَابِ مَنْ اسْتَطَاعَ مِنْكُمْ الْبَاءَةَ فَلْيَتَزَوَّجْ ؛ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ ) {رواه البخاري (1905) ومسلم (1400)}

“އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަވެގެންވާ މީހާ ފަހެ ކައިވެނިކުރާހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެއީ ބެލުން ތިރިކުރެވި، ލަދުވެތިގުނަވަން ރައްކާތެރިކުރެވޭ ކަމެކެވެ. އަދި އެކަމަށް ކުޅަދާނަކަން ލިބިގެންނުވާ މީހާ ފަހެ އޭނާގެ މައްޗަށް ވަނީ ރޯދަ ހިފުމެވެ. ހަމަކަށަވަރުން އެއީ އޭނާއަށްޓަކައިވާ ރައްކާތެރިކަމެކެވެ.”
ޒިނޭ ހުއްޓުވުމަށްޓަކައި، ރޭޕް މަދުކުރުމަށްޓަކައި، ޖިންސީގޯނާ މަދުކުރުމަށްޓަކައި، ޕޯރން ބްލޮކް ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.

(ނުނިމޭ)