[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބަލިމީހާ ނަމާދުކުރާނީ ކިހިނެތް؟

ފުރަތަމައީ: ބަލިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ ފަރުޟު ނަމާދުތައް ކުރުމުގައި ކޮޅަށް ހުރުމެވެ. އެއީ ގުދަށް އޮވެގެންވިޔަސްމެއެވެ. ނުވަތަ ފާރުގައި ލެނގިގެން ނުވަތަ އަސާއެއްގެ އެހީ ބޭނުންވާނަމަ އެފަދައިންނެވެ.

 

ދެވަނައީ: ފަހެ، ކޮޅަށް ހުންނަން ނުކުޅެދޭމީހާ ނަމާދުކުރާނީ އިށީނދެ އިނދެއެވެ. އެންމެ ރަނގަޅުގޮތަކީ ދެފައި ވަށްކޮށްގެން އިނުމެވެ.

 

ތިންވަނައީ: ފަހެ، އިށީނދެ އިނދެގެން ނަމާދުކުރުމަށް ނުކުޅެދޭމީހާ ނަމާދުކުރާނީ އޮށޯވެ އޮވެގެންނެވެ. ޤިބުލައާވީ ފަރާތަށް، އޭނާގެ ކަނާއަތް ފަރާތަށް އޮށޯވެ އޮވެގެންނެވެ. ޤިބުލައާވީ ފަރާތަށް އޮންނަން ނުކުޅެދިއްޖެނަމަ އޭނާއެ އޮތް ފަރާތަކަށް ނަމާދުކުރާނީއެވެ. އޭނާގެ ނަމާދު ޞައްޙަވާނެއެވެ. އަލުން އެނަމާދު ކުރާކަށް ނުޖެހޭނެއެވެ.

 

ހަތަރުވަނައީ: ފަހެ، އެއްފަރާތަށް އޮވެގެން ނަމާދުކުރުމަށް ނުކުޅެދޭމީހާ ނަމާދުކުރާނީ އުއްޑުން (އެބަހީ: ބަނޑުފުށް މައްޗަށްވާނެހެން)، އޭނާގެ ފައިތިލަ ޤިބުލައަށްވާގޮތަށް އޮވެގެންނެވެ. އެންމެ ރަނގަޅުގޮތަކީ ޤިބުލައާ ދިމާއަށް ކުޑަކޮށް، ބޯ އުފުލައިގެން އޮތުމެވެ. ފައިތިލަ ޤިބުލައަށް ވާގޮތަށް އޮންނަން ނުކުޅެދިއްޖެނަމަ، އޭނާ އެއޮތް ގޮތަކަށް ނަމާދުކުރާނީއެވެ. އަދި އަލުން އެނަމާދު ކުރާކަށް ނުޖެހޭނެއެވެ.

 

ފަސްވަނައީ: ނަމާދުގައި ރުކޫޢުކޮށް ސަޖިދަކުރުން ބަލިމީހާގެ މައްޗަށް ވާޖިބުވެގެންވެއެވެ. އެކަމަށް ނުކުޅެދިއްޖެމީހާ، އެދެ މަޤާމުގައި އޭނާގެ ބޮލުން އިޝާރާތްކުރާނީއެވެ. ރުކޫއަށްވުރެ ބޮޑަށް ސަޖިދައިގައި ބޯ ތިރިކޮށްލާނީއެވެ. ސަޖިދަކުރުމަށް ނުކުޅެދުނުކަމުގައިވިޔަސް، ރުކޫޢު ކުރެވޭކަމުގައިވަނަމަ ރުކޫޢުކުރާނީއެވެ. އަދި ސަޖިދައިގައި އިޝާރާތްކުރާނީއެވެ. ރުކޫޢުކުރުމަށް ނުކުޅެދުނުކަމުގައިވިޔަސް، ސަޖިދަ ކުރެވޭކަމުގައިވާނަމަ ސަޖިދަކުރާނީއެވެ. އަދި ރުކޫޢުގައި އިޝާރާތްކުރާނީއެވެ.

 

ހަވަނައީ: ރުކޫޢުއާއި ސަޖިދައިގައި އިޝާރާތްކުރުމަށް ނުކުޅެދިއްޖެމީހާ، ސަޖިދައިގައި ލޮލުން އިޝާރާތްކޮށްލާނީއެވެ. ފަހެ، ރުކޫޢުގައި ކުޑަކޮށް އެސްފިޔަ ޖަހާލާނީއެވެ. އަދި ސަޖިދައިގައި ލޯ މަރައިލާނީއެވެ. އަދި ބަލިމީހުންގެ ތެރެއިން ބައެއް މީހުން ޢަމަލުކުރާ ފަދައިން އިނގިލިން އިޝާރާތްކޮށްލުމާމެދު ދަންނައެވެ. ފަހެ، އެއީ ރަނގަޅު ގޮތެއް ނޫނެވެ. ޤުރުއާނާއި ސުންނަތުން އަދި ޢިލްމުވެރިންގެ ބަސްފުޅުތަކުން، އެކަމުގައި އަޞްލެއް އޮތްކަން އެނގިފައެއް ނެތެވެ.

 

ހަތްވަނައީ: ފަހެ، ބޮލުންވެސް އަދި ލޮލުންވެސް އިޝާރާތްކުރުމަށް ނުކުޅެދިގެންވާމީހާ ނަމާދުކުރާނީ އޭނާގެ ހިތުންނެވެ. ފަހެ، ތަކުބީރު ކިޔާ ކިޔަވާނީއެވެ. އަދި ރުކޫޢުކުރުމާއި، ސަޖިދަކުރުމާއި، ޤިޔާމުގައި ހުރުމާ އަދި އިށީނދެ އިނުމުގައި އެކަމަށް އޭނާގެ ހިތުން ނިޔަތްގަންނާނީއެވެ. (އެބަހީ: އެފަދައިން ހިތަށް އަރުވާނީއެވެ.) ޙަދީޘްގައިވެއެވެ.

((لِكُلِّ امْرِئٍ مَا نَوَى)) [متفق عليه]

މާނައީ: “ކޮންމެ މީހަކަށްވެސް ވާހުށީ އެމީހަކު އެ ނިޔަތްގަތް ކަމެކެވެ.”

 

އަށްވަނައީ: ބަލިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަޤުތުގައިކުރުމެވެ. އަދި އޭނާއަށް ކުޅަދާނަވެގެންވީ މިންވަރަކުން ނަމާދުގައި ވާޖިބުވެގެންވާ ހަރަކާތްތައް ކުރުމެވެ. ފަހެ، ކޮންމެ ނަމާދެއް އެނަމާދުގެ ވަޤުތުގައި ކުރުމަށް ދަތިވެއްޖެނަމަ، އޭނާގެ މައްޗަށް އޮތީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު، އަދި މަޣްރިބު ނަމާދާއި ޢިޝާ ނަމާދު ޖަމްޢުކުރުމެވެ. އިސްކޮށް ޖަމްޢުކުރުމެވެ. އެއީ ޢަޞްރު ނަމާދު މެންދެރު ނަމާދުގެ ވަޤުތަށް އަވަސްކުރުމެވެ. އަދި ޢިޝާ ނަމާދު މަޣްރިބު ނަމާދުގެ ވަޤުތަށް އަވަސްކުރުމެވެ. ނުވަތަ ފަސްކޮށް ޖަމްޢުކުރުމެވެ. އެއީ މެންދުރު ނަމާދު ޢަޞްރު ނަމާދުގެ ވަޤުތަށް ލަސްކުރުމެވެ. އަދި މަޣްރިބު ނަމާދު ޢިޝާ ނަމާދުގެ ވަޤުތަށް ލަސްކުރުމެވެ. މީގެ ތެރެއިން އޭނާއަށް ފަސޭހަ ގޮތަކަށް ކުރާނީއެވެ. އަދި ފަތިސް ނަމާދާމެދު ދަންނައެވެ. އެނަމާދު އޭގެ ކުރިން އޮތް ނަމާދާ ނުވަތަ ފަހަށް ނަމާދާ އެއްކޮށް ނުކުރެވޭނެއެވެ.

 

ނުވަވަނައީ: ބަލިމީހާ އޭނާގެ ރަށް ނޫން ރަށަކަށް ބޭސްފަރުވާއަށް ގޮސްއުޅޭނަމަ، ފަހެ އޭނާ ހަތަރު ރަކުޢަތުގެ ނަމާދުތައް ޤަޞްރުކުރާނީއެވެ. އެގޮތުން އޭނާގެ ރަށަށް އެނބުރި އަންނަންދެން، މެންދުރު ނަމާދާއި، ޢަޞްރު ނަމާދު އަދި ޢިޝާ ނަމާދު ދެރަކުޢަތަށް ކުރުކޮށްލާނީއެވެ. އެއީ އޭނާގެ ދަތުރުގެ މުއްދަތު ދިގުވިކަމުގައިވިޔަސް ނުވަތަ ކުރުވިކަމުގައިވިޔަސްމެއެވެ.

والله الموفق.

______________________

مجموع فتاوى ورسائل فضيلة الشيخ محمد بن صالح العثيمين، 15/ 229-230.