[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމަވެސް އެމީހުން ތިބީ ޣާފިލުކަމެއްގެތެރޭގައި މޫނުއަނބުރާލައިގެންނެވެ.

ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާކަމާއިމެދު އަޅުގަނޑުމެންގެ ތެެރެއިން އެއްވެސް މީހަކު ޝައްކެއް ނުކުރާނެއެވެ. މީސްތަކުންގެ އުޅުމާއި ގުޅުންތަކަށް އަންނަމުންދާ ބަދަލެވެ. “ދުނިޔެ” ހޯދުމުގައި މަޝްޣޫލުވުމުގެ ސަބަބުން މީސްތަކުންނަށް އެބައިމީހުންގެ އުފެދުން  ވެސް ހަނދާންނެތިފައިވާކަހަލައެވެ. އެބައިމީހުން ނެތުމުގެ ތެރޭން ވުޖޫދަށް ގެންނަވައި ފުރިހަމަކަން ދެއްވައި އަތްފައިގައި ބާރުޖައްސަވައިދެއްވައި ރިޒްޤު ތަނަވަސް ކޮށްދެއްވީ ކޮންފަރާތަކުންކަން މީސްތަކުން ވަނީ ހަނދާންނެތިފައެވެ. ކިޔަމަންތެރިވެ ބޯލަނބަން ޖެހޭ ފަރާތެއް ނުވާކަހަލައެވެ. އަރައި ނުގަންނަ ފާފައެއް ނެތެވެ. ލަދުވެތި ކަމުގެ ސިފަ އެއީ އެބައިމީހުން ދަންނަ އެއްޗެއް ކަމުގައި ނުވެއެވެ. އެއްގަމާއި ކަންޑުގައި ފަސާދަވަނީ އާއްމުވެފައެވެ. ކޮރަޕްޝަން ވަނީ މުޅި މުޖުތަމަޢުއަށް ފެތުރިފައެވެ. އަމާނާތްތެރިކަން ވަނީ ގެއްލިފައެވެ. ﷲ ތަޢާލާ މަތިވެރި ކުރައްވައި ދަރަޖައުފުއްލެވި އިންސާނުންގެ ފުރާނައަކީ އެއްވެސް އަގެއްހުރި އެއްޗެއް ކަމުގައި ނުވެއެވެ. މަރާލެވުނު މީހާއަށް އޭނާ މި މަރާލެވުނީ ކޮންސަބަބަކާއި ހުރެކަމެއް ނޭންގެއެވެ. އަދި މަރާލި މީހާއަށްވެސް ތިމަންނާ އޭނަ މިމަރާލީ ކޮންސަބަބަކާއި ހުރެކަމެއް ނޭންގެއެވެ. ޖެހިލުމެއްނެތި މީހުން މަރަނީއެވެ. ލޮބުވެތި އަޚުންނޭވެ! މިދުވަސް އަންނާނޭކަން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މީގެކުރިން އަޅުގަނޑުމެންނަށް އަންގަވާދެއްވާފައެވެ. ޤިޔާމަތުގެ ޢަލާމާތްތަކުގެ ގޮތުގައެވެ. ޤިޔާމަތްދުވަހަކީ މި ދުނިޔޭގެ ނިމުން އަންނާނެ ދުވަހެވެ. އެދުވަސް ވަނީ ވަރަށް ކައިރީގައެވެ.  އެއީ މީސްތަކުން ދުނިޔޭގައި ކުޅަހައި ޢަމަލެއްގެ ޙިސާބުބެއްލެވޭނޭ ދުވަހެވެ. ޢަމަލުގެ ފަތްތައް ހުޅުވާލެވޭނޭ ދުވަހެވެ. އެއްވެސް ކަމެއް އެދުވަހުން ސިއްރުވެ ވަންހަނާވެގެން ނުވެއެވެ. އެހެނީ ޤިޔާމަތުގެ ކުދި ޢަލާމާތްތަކުގެ ގޮތުގައި އެކަލޭގެފާނު ޞައްލައްﷲ ޢަލައިހި ވަޞައްލަމަ އުންމަތަށް ޚަބަރު ދެއްވާފައިވާ ވަރަށްގިނަ ޢަލާމާތްތައް ފާޅުވެއްޖެކަމުގައި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އަޅުގަނޑުމެން ވޭތުކުރަމުން މިދަނީ ފަހުޒަމާނުގެ ދުވަސްތަކެވެ. އެހެންނަމަވެސް ގިނަބަޔަކަށް އެކަން އިޙްސާސް ވާހެނެއް ހިޔެއްނުވެއެވެ.

ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅާއިމެދު ފުންކޮށް ވިސްނާށެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ” اقْتَرَ‌بَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُّعْرِ‌ضُونَ ﴿*﴾ مَا يَأْتِيهِم مِّن ذِكْرٍ‌ مِّن رَّ‌بِّهِم مُّحْدَثٍ إِلَّا اسْتَمَعُوهُ وَهُمْ يَلْعَبُونَ ” – سورة الأنبياء 1-2 – މާނަ : ” މީސްތަކުންނަށް އެބައިމީހުންގެ ޢަމަލުތަކުގެ ޙިސާބުބެއްލެވުމުގެ ވަޤުތު ކައިރިވެއްޖެއެވެ. ނަމަވެސް އެބައިމީހުން ތިބީ އެކަމާއިމެދު ޣާފިލުވެ މޫނުއަނބުރައިލައިގެންނެވެ. ﷲ ތަޢާލާގެ ހަޟްރަތުން  ޤުރުއާންގެ އާޔަތެއް  އެބައިމީހުންނާއި ހަމައަށް އަތުވެއްޖެ ނަމަ ކުޅެކުޅެ ތިބެ ފުރައްސާރަކުރާ ހާލު މެނުވީ އެބައިމީހުން އެ ޤުރުއާން އަޑުނާހައެވެ. “

ޢަމަލުތައް ޙިސާބުކޮށްލެވޭ ދުވަހަށްޓަކައި އަޅުގަނޑުމެން ތައްޔާރުކުރީ ކޮންފަދަ ޢަމަލުތަކެއްތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ. އެދުވަހުގައި ޢަދުލު އިންސާފުގެ ތިލަފަތް ޤާއިމުކުރެވޭނެއެވެ. ޢަމަލުތައް ވަޒަން ކޮށްލެވޭނެއެވެ. ނަމަވެސް އެދުވަހު ޢަމަލު ކުރުމެއް ނެތެވެ. ޢަމަލުކުރުން އޮތީ މިއަދު ދުނިޔެމަތީގައެވެ. އެދުވަހަށްޓަކައި ތައްޔާރުވާން އޮތްތަނަކީ ދުނިޔެއެވެ. ފަނާވެދަނިވި މި ދުނިޔޭގައި 30 އަހަރު ނުވަތަ 40 ނުވަތަ 60 އަހަރުގެ ހޭދަކޮށްފައި ދާއިރު ، ޤިޔާމަތްދުވަހަށް އެއްޗެއް ރައްކާ ނުކުރެވުނު މީހަކަށްވުރެ އަބާއްޖަވެރިޔަކީ ކާކުތޯއެވެ. މަރުވެގެން މި ދުނިޔެ ދޫކޮށްފައި ދާންޖެހޭނީ ކޮންދުވަހަކުން ކަމެއް އެއްވެސް މީހަކަށްނޭންގޭނެއެވެ. ކައިވެއްޏެއް ކުރެވެންދެން ނުވަތަ ދަރިޔަކު ލިބެންދެން ނުވަތަ 30 އަހަރު ފުރެންދެން ދުނިޔޭގައި ހުންނާނެކަމަށް ތިބާ ޔަޤީންކުރަނީހެއްޔެވެ. ހަމަކަށަވަރުން މަރު ހިއްޕެވުމުގެ ވަޤުތު އައުމުން މަލަކުލް މަވްތު އެމީހެއްގެ މަރު ، ﷲ ތަޢާލާގެ އިޒްނަޢާއި އެކު ހިއްޕަވާނެއެވެ. ލަހެއް ފަހެއް ނުކުރެވޭނެއެވެ. އެހެން ކަމުން އެވަޤުތު އައުމުގެ ކުރިން ތިމާގެ ޢަމަލުތައް ﷲ ރުއްސަވާ މަގަށް އިސްލާޙް ކުރާށެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ” فَمَن ثَقُلَتْ مَوَازِينُهُ فَأُولَـٰئِكَ هُمُ الْمُفْلِحُونَ ” – سورة المؤمنون102 – މާނަ : ” ފަހެ އެމީހެއްގެ ހެޔޮޢަމަލުތަކުގެ ތިލަފަތް ބަރުވެއްޖެ މީހާ ދަންނާށެވެ. ފަހެ ކާމިޔަބު ލިބުނު މީހުންނަކީ ހަމަ އެބައިމީހުންނެވެ. “

“وَمَنْ خَفَّتْ مَوَازِينُهُ فَأُولَـٰئِكَ الَّذِينَ خَسِرُ‌وا أَنفُسَهُمْ فِي جَهَنَّمَ خَالِدُونَ” – سورة المؤمنون103 – މާނަ : ” ފަހެ އެމީހެއްގެ ހެޔޮޢަމަލުތަކުގެ ތިލަފަތް ލުއިވެއްޖެ މީހާ ދަންނާށެވެ. ފަހެ އެއީ އަމިއްލަ ނަފްސުތައް ގެއްލެނިވިކުރި މީހުންނެވެ. އެއީ ނަރަކައިގައި ދެމިތިބޭނޭ މީހުންނެވެ.”

އަދި ޤިޔާމަތް ދުވަހަކީ އެންމެހާ ސިއްރުތައް ފަޅައި އަރުވާލެވޭދުވަހެވެ. ކޮންމެ މީހަކަށްވެސް އެމީހެއް ކުޅަހައި ޢަމަލެއް އެފަތަކުން ފެންނާނޭ ޢަމަލުގެ ފަތެއް އެމީހަކަށް ދެވޭނެއެވެ. ﷲ ތަޢާލާ ވަހީކުރައްވާފައި ވެއެވެ. ” وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَ‌هُ فِي عُنُقِهِ ۖ وَنُخْرِ‌جُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورً‌ا ” – سورة الإسراء13 – މާނަ : ” އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ ޢަމަލުތައް، އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި ޤިޔާމަތް ދުވަހުން، ތިމަންރަސްކަލާނގެ އެމީހާއަށް ފޮތެއް( ޢަމަލުގެ ފަތް) ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ ޙާލުގައި، އޭނާ ދެކޭނެތެވެ.”

އަދި  އޭނާއަށް ބުނެވޭނެއެވެ. ” اقْرَ‌أْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ” – سورة الإسراء14 – މާނަ : ” ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް ޙިސާބު ކުރާ މީހަކަށް، ތިބާގެ އަމިއްލަ ނަފްސު ފުދެއެވެ.”

އެއީ ތިބާގެ ޢަމަލުތަކުގެ ރެކޯޑެވެ. މިހާރުވެސް ތިބާ ކުރަމުންގެންދާ ޢަމަލު ރެކޯޑުކުރެވެމުން ލިޔެވެމުން އެބަދެއެވެ. ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާ ޙާލު، ތިބާގެ ޢަމަލުތައް ލިޔުއްވަނީ އެކަމަށް އެއިލާހު ތަޢާލާ ކަނޑައަޅުއްވަފައިވާ ޚާއްސަ މަލާއިކަތުންނެވެ. އެއީ ޤިޔާމަތް ދުވަހުގައި އެފަތް ތިބާއަށް ދެއްކުމަށްޓަކައެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައި ވެއެވެ. ” وَإِنَّ عَلَيْكُمْ لَحَافِظِينَ ﴿*﴾ كِرَ‌امًا كَاتِبِينَ ﴿*﴾ يَعْلَمُونَ مَا تَفْعَلُونَ ” – سورة الإنفطار 10،11،12 – މާނަ : ” އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ ملائكة ންވެއެވެ. ﴿*﴾ އެއީ މާތްވެގެންވާ، ލިޔުއްވާ މަލާއިކަތުންނެވެ. ﴿*﴾ ތިޔަބައިމީހުން ކުރާ ކަންތައް އެ މަލާއިކަތުން ދެނެވަޑައިގެންވެތެވެ. “

ޢަމަލުގެ ފަތުގައި އެބޭކަލުން ނުލިޔުއްވައި އެއްވެސް އެއްޗެއް ދޫކުރައްވާފައި ނުވެއެވެ. ހުރިހާ ޢަމަލެއް އެފަތުގައި ވަނިކޮށް އެ  އެދުވަހުގައި އިންސާނާ ދެކޭނެއެވެ. އެންމެހާ މީސްތަކުން މަޙްޝަރުކުރެވޭ ދުވަހުގައެވެ. އެއްވެސް މީހަކު ފިލަންދާނެތަނެއް އެދުވަހުގައި ނެތެވެ. ” وَيَوْمَ نُسَيِّرُ‌ الْجِبَالَ وَتَرَ‌ى الْأَرْ‌ضَ بَارِ‌زَةً وَحَشَرْ‌نَاهُمْ فَلَمْ نُغَادِرْ‌ مِنْهُمْ أَحَدًا ” – سورة الكهف47 – މާނަ ” އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ލުހެލައްވައި، ފުނޑުފުނޑުކޮށްލައްވާ ދުވަސް ހަނދުމަކުރާށެވެ! (އެދުވަހުން) ބިންގަނޑު ހަމަހަމަވެ ފާޅުވެގެންވާތީ ތިބާދެކޭނޫއެވެ. އަދި އެއުރެން މަޙުޝަރަށް ފޮނުއްވާހުށީީމެވެ. ފަހެ، އޭގެތެރެއިން ހަމައެކަކުވެސް ދޫނުކުރައްވާހުށީމެވެ. “

އޭނާ މީސްތަކުންނާއި ސިއްރުން ކުރި ޢަމަލުކަށް ދާންދެން އެފަތުގައި ފެންނަން ހުންނާނެއެވެ. އެކަން ބަޔާން ކޮށްދެއްވާ ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ” وَوُضِعَ الْكِتَابُ فَتَرَ‌ى الْمُجْرِ‌مِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَـٰذَا الْكِتَابِ لَا يُغَادِرُ‌ صَغِيرَ‌ةً وَلَا كَبِيرَ‌ةً إِلَّا أَحْصَاهَا ۚ وَوَجَدُوا مَا عَمِلُوا حَاضِرً‌ا ۗ وَلَا يَظْلِمُ رَ‌بُّكَ أَحَدًا ” – سورة الكهف 49 – މާނަ : ” އަދި ކޮންމެ މީހަކުމެ ކޮށްފައިވާ ޢަމަލުތަކުގެ ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާމެދު، ކުށްވެރިން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި عمل ތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ. “

ލޮބުވެތި އަޚުންނޭވެ. އެއީ ބިރުވެރިކަން އިންތިހާއަށް ބޮޑުވެގެންވާ ދުވަހެކެވެ. އެއްވެސް މީހަކަށް އަނެއްމީހާގެ ކިބައިން ފައިދާއެއް ނުކުރާނެ ދުވަހެވެ. އެމީހަކު ކޮށްފައިވާ ކަމެއް އެމީހަކަށެވެ. ބިރުވެރިކަން ބޮޑު އެދުވަހުގައި މިންޖުވެ ސަލާމަތްކަން ލިބެންއޮތީ އެމީހެއްގެ ޢަމަލުގެ ފަތް ކަނައަތަށް ލިބޭމީހުންގެ ތެރެއިންވެވިގެންނެވެ. އެކަމަށްޓަކައި މަސައްކަތް ކުރަން އޮތްތަނަކީ މި ދުނިޔޭގައި ލިބިބިފައިވާ ކުޑަކުޑަ ވަޤުތުކޮޅެވެ. ކުޅިވަރާއި މަޖަލުގައި ޒުވާންކަން ނަގާނުލާށެވެ. ﷲ ގެ ޒިކުރުން ޣާފިލުވެ ނަމާދު އަޅާ މީހުންގެ ތެރެއިން ތިބާ ނުވާށެވެ. ހަޤީޤީ މަންޒިލަށް( ސުވަރުގެއަށް) ވާޞިލުވުން އެއީ ތިބާގެ މަޤުޞަދަަކަށް ހަދާށެވެ. ތިބާގެ އުމުރު ހޭދަކުރިގޮތާއި މެދު އެދުވަހުގައި ސުވާލުކުރެވޭނެވެ. ޒުވާންކަން ހޭދަކުރިގޮތާއި މެދު ސުވާލު ކުރެވޭނެއެވެ. އަރުޝީގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާދުވަހުގައި ، އަރުޝީގެ ހިޔާވަހިކަން 7 ބަޔަކަށް ލިބިގެންދެއެވެ. އިރު ލޮންސިއެއްގެ މިންވަރަށް ކައިރި ކުރެވުގެންވާ ދުވަހުގައި ، މީސްތަކުން އެބައިމީހުންގެ ގައިން ނުކުންނަ ދަލުގެ ތެރޭގައި އެކި މިންވަރަށް ޣަރަޤުވެގެންދާ ދުވަހުގައި ، އަރުޝީގެ ހިޔާވަހިކަން ލިބިގެންދާ މީހުންގެ ތެރެއިން ވުމުގެ ފުރުޞަތު ﷲ ތަޢާލާ ތިބާއަށް ވަނީ ދެއްވާފައެވެ. ނަަމަވެސް އެއީ މިއަދު ދުނިޔޭގައި ތިބާ އެ ފުރުޞަތުގެ ބޭނުން ހިފައިފިނަމައެވެ. އާދެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަޞައްލަމަ އެހަތް ވައްތަރުގެ މީހުންގެ ތެރޭގައި ބަޔާންކޮށްދެއްވާފައިވާ އެއްވައްތަރަކީ ” وَشَابٌّ نَشَأَ فِى عِبَادَةِ اللَّهِ ( رواه البخاري) މާނަ : ” ﷲ ތަޢާލާއަށް އަޅުވެތިވުމުގައި ބޮޑުވަމުން އައި އަޅުވެރި ޒުވާނާ “ އެވެ. އެހެން ކަމުން މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ.

ޢަމަލުތަކުގެ ފަތް ދެވުމުން މީސްތަކުންގެ ޙާލު ހުންނާނެ ގޮތް ﷲ ތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި ޞިފަކޮށްދެއްވާފައެވެ. ކަނައަތަށް ޢަމަލުގެ ފަތް ލިބޭ މީހުންނާއި ބެހޭގޮތުން އެއިލާހު ވަޙީކުރައްވާފައިވެއެވެ. ” فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَ‌ءُوا كِتَابِيَهْ ﴿*﴾ إِنِّي ظَنَنتُ أَنِّي مُلَاقٍ حِسَابِيَهْ ﴿*﴾ فَهُوَ فِي عِيشَةٍ رَّ‌اضِيَةٍ ﴿*﴾ فِي جَنَّةٍ عَالِيَةٍ ﴿*﴾ قُطُوفُهَا دَانِيَةٌ ﴿*﴾ كُلُوا وَاشْرَ‌بُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ ” މާނަ : ” ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ!  ﴿*﴾ ހަމަކަށަވަރުން، ތިމަންގެ ޙިސާބު ކުރިމަތިލާންޖެހޭނެކަން ތިމަންނާއަށް ޔަޤީން ވިއެވެ. ﴿*﴾ ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. ﴿*﴾ މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ. ﴿*﴾ އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ. ﴿*﴾ އަންގަވާނެތެވެ. އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ عمل ތަކުގެ ޖަޒާއެއްގެ ގޮތުންނެވެ. “

އަދި ވައަތަށް ޢަމަލުގެ ފަތް ލިބޭ މީހުންނާއި ބެހޭގޮތުން އެއިލާހު ވަޙީކުރައްވާފައިވެއެވެ. ” وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ ﴿*﴾ وَلَمْ أَدْرِ‌ مَا حِسَابِيَهْ ﴿*﴾ يَا لَيْتَهَا كَانَتِ الْقَاضِيَةَ ﴿*﴾ مَا أَغْنَىٰ عَنِّي مَالِيَهْ ۜ ﴿*﴾ هَلَكَ عَنِّي سُلْطَانِيَهْ ﴿٢٩﴾ خُذُوهُ فَغُلُّوهُ ﴿*﴾ ثُمَّ الْجَحِيمَ صَلُّوهُ ﴿*﴾ ثُمَّ فِي سِلْسِلَةٍ ذَرْ‌عُهَا سَبْعُونَ ذِرَ‌اعًا فَاسْلُكُوهُ  ” މާނަ : ” އަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ ﴿*﴾ އަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ! ﴿*﴾ އޭ ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީނަމަ، ކޮންފަދަހެއްޔެވެ!  ﴿*﴾ ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. ﴿*﴾ ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ. ﴿*﴾ ( މަލާއިކަތުންނަށް ﷲ އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ! ﴿*﴾ ދެން އޭނާ ނަރަކަޔަށް ވައްދާށެވެ! ﴿*﴾ ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ! “

އަޅުގަނޑުމެން ޢާފިލުކަމުގެ ނިދިން ހޭލަންވެއްޖެއެވެ. ކުރިމަތީގައި އޮތް ބޮޑުވެގެންވާ ދުވަހަށް ތައްޔާރުވާކަށް އަދިވެސް ނުވޭތޯއެވެ! އެއީ މީސްތަކުން އެބައިމީހުންގެ ވެރި ރައްބުގެ ކުރިފުޅުމަތީގައި ކޮޅަށް ތިބެންޖެހޭ ދުވަހެވެ. އެދުވަސް ވަނީ ވަރަށް ކައިރީގައެވެ. ނަމަވެސް މީސްތަކުންގެ ތެރެއިން ގިނަަބަޔަކު ވަނީ ޣާފިލުކަމުގެ ތެރޭ އެދުވަހަށް ފުރަގަސް ދީގެންނެވެ.

ދުޢާ އަކީ ﷲ ތަޢާލާ ރުއްސަވާ މަގުގައި ޘާބިތުވެތިބޭ ބަޔެއްކަމުގައި އަޅުގަނޑުމެން އެންމެން ލައްވައި އަދި ބިރުވެރިކަމުން ފުރިގެންވާ ޤިޔާމަތް ދުވަހުގައި ޢަމަލުތަކުގެ ފަތް ކަނައަތަށް ލިބޭ މީހުންގެ ތެރެއިން ﷲ ތަޢާލާ އަޅުގަނޑުމެން އެންމެން ލެއްވުމެވެ.