[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެންގެ ހިތް ވަރަށް ހަރު، ޙައްލަކީ ކޮބާ؟ – 2

  1. ﷲ ގެ ޛިކުރު ގިނައިން ކުރުން

 

ޛިކުރުކުރުމަކީ އުފާ ފާގަތިކަމާއި ރިޒްޤާއި ހައިބަތު ގެނުވައިދޭ ކަމެކެވެ. އަދި އޭގެ ސަބަބުން ﷲ ތަޢާލާ ބައްލަވާ ވޮޑިގެންވާކަން ހިތް މައްޗަށް ގެނެވެއެވެ. އަދި އެއިލާހަށް ގިނައިން އަޅުކަންކުރެވި ރުޖޫޢަވެވި ކުއްތަންވެއެވެ. އަދި އެއީ އެއިލާހުގެ ޢަޛާބުން ނަޖާވެވޭކަމެކެވެ.

މަކްޙޫލު ވިދާޅުވިއެވެ.

“ﷲ ގެ މަތިން ހަނދުމަކުރުމަކީ ބޭހެކެވެ. އަދި މީސްތަކުންގެ މަތިން ހަނދުމަކުރުމަކީ ބައްޔެކެވެ.”

އަލްޙަސަނުލް ބަޞްރީގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. “އަހަރެންގެ ހިތްހަރުކަމުން އެކަމުގެ ޝަކުވާ ދަންނަވަމެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ.

“ﷲ ގެ ޛިކުރުކުރުމުން އެ މަޑުމޮޅިކުރާށެވެ.”

ޛިކުރުކުރުމުގެ ސަބަބުން ދަރަޖަ އުފުލި، ފާފަ ފުހެވި، އާފާތްތަކުން އެއްކިބާވެ، ބޮޑެތި އުނދަގޫތައް ފިލައި، މުޞީބާތްތައް ލުއިވެ، މޭ ތަނަވަސްވެ އަދި ހިތަށް ހަމަޖެހުން ލިބިގެންދެއެވެ.

﴿أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ﴾ [سورة الرعد  ٢٨]

މާނައީ: “ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟

އަދި ނަބިއްޔާ صلى الله عليه وسلمގެ އަރިހުން ވަޞިއްޔަތެއް ކޮށްދެއްވުމަށް އެދިލެއްވި ޞަޙާބީއަށް އެކަލޭގެފާނު އެކަމަށް ވަޞިއްޔަތްކުރެއްވިއެވެ.

((لَا يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللهِ)) [رواه الترمذي]

މާނައީ: “ﷲ ހަނދުމަކޮށް ޛިކުރުކުރުމުގައި ތިބާގެ ދޫ ތެތްކޮށް ބަހައްޓާށެވެ. (އެބަހީ: ވީހާވެސް ގިނައިން އެއިލާހުގެ ޛިކުރުކުރާށެވެ.)”

ﷲ ގެ ޛިކުރުކުރުމުން ހިތްތަކަށް ދިރުން ލިބެއެވެ. ނަބިއްޔާ صلى الله عليه وسلمގ ޙަދީޘްކުރެއްވިއެވެ.

((مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لاَ يَذْكُرُ رَبَّهُ، مَثَلُ الحَيِّ وَالمَيِّتِ)) [متفق عليه]

މާނައީ: “އެމީހެއްގެ ރައްބުގެ ޛިކުރު ކުރާ މީހަކާ، އެއިލާހުގެ ޛިކުރު ނުކުރާ މީހެއްގެ މިޘާލަކީ ދިރިހުރި މީހަކާ މަރުވެފައިވާ މީހެއްގެ މިޘާލެވެ.”

ﷲ ތަޢާލާގެ މަތިވެރިކަން އެނގިއްޖެމީހަކު، އެއިލާހުގެ ޛިކުރު ގިނައިން ކުރާނެއެވެ. އަދި ގިނައިން ޛިކުރުކުރުމަކީ ﷲ އާ އޮންނަ ގުޅުމުގައި ތެދުވެރިކަމުގެ ޢަލާމާތެކެވެ.

 

= ނުނިމޭ =

 

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް