[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الأحزاب ހިތުދަސްކުރުމަށް އަވަސްމަގެއް

މި ސޫރަތް ހިތުދަސްކުރަން ބޭނުންނަމަ، މައިގަނޑު 7 ބަޔަކަށް ސޫރަތް ބަހައިލެވިދާނެއެވެ. މި އަރޓިކަލް ގައި މިގެނެސްދެނީ سورة الأحزاب މައިގަނޑު 7 ބަޔަކަށް ބަހައިލެވިދާނެ ގޮތާއި، މި ސޫރަތުގައިވާ މުހިއްމު ނުކުތާތައް އިސްވެ ދެންނެވި 7 ބައިގެ ދަށުގައި ގިންތި ކުރެވިދާނެ ގޮތެވެ.

 

الأوّل: މާތްﷲއަށް ކިޔަމަންވުމަށް ރަސޫލާ صلى الله عليه وسلم އަށް އަމުރުކުރެވިފައިވެއެވެ. އަދި މުނާފިޤުންނާއި ކާފިރުންނަށް ކިޔަމަންވުމުން ދުރުވުމަށް އަމުރުކުރެވިފައެވެ. މާތްﷲއަށް ވަކީލުކުރުމަށާއި އެކަލާނގެ ބާއްވައިލެއްވި ވަޙީއަށް ތަބަޢަވުމަށްވެސް އަމުރުކުރެވިފައިވެއެވެ. (1 ވަނަ އާޔަތުން 3 ވަނަ އާޔަތަށް)

 

الثّاني: الظهار އާއި التبنّي ގުޅޭ އަޙްކާމްތައް ބަޔާންވެފައިވެއެވެ.

  • الظهار އާއި التبنّي ގުޅޭ އަޙްކާމްތައް ބަޔާންވެފައިވެއެވެ. (4 ވަނަ އާޔަތުން 5 ވަނަ އާޔަތަށް).
  • ﷲ ތަޢާލާ އަށް ފަހު މުއުމިނުން އެންމެ ބޮޑަށް ލޯބިވާންޖެހޭ ފަރާތަކީ ރަސޫލާ صلى الله عليه وسلم ކަން ބަޔާންވެފައިވެއެވެ. (6 ވަނަ އާޔަތް).
  • އެއްކައުވަންތަކަމުގެ ދަޢުވަތު މީސްތަކުންނަށް ބަޔާންކޮށްދެއްވުމަށް ނަބިއްޔުންގެ ކިބައިން މާތް ﷲ އަހުދުކަށަވަރު ހިއްޕަވާފައިވާކަން ބަޔާންވެފައިވެއެވެ. (7 ވަނަ އާޔަތުން 8 ވަނަ އާޔަތަށް).

 

الثّالث: އަޙްޒާބު ހަނގުރާމައިގެ ވާހަކަ ބަޔާންވެފައިވެއެވެ. (9 ވަނަ އާޔަތުން 27 ވަނަ އާޔަތަށް).

  • އަޙްޒާބު ހަނގުރާމައިގެ ދުވަހު މާތްﷲ މުއުމިނުންނަށް ދެއްވި ނަޞްރާއި މަދަދުގެ މަތިން ހަނދާންކޮށްދެވިފައިވެއެވެ. (9 ވަނަ އާޔަތުން 11 ވަނަ އާޔަތަށް).
  • މުނާފިޤުންގެ ބައެއް ސިފަތައް ބަޔާންވެފައިވެއެވެ. (12 ވަނަ އާޔަތުން 20 ވަނަ އާޔަތަށް).
  • ރަސޫލާ صلى الله عليه وسلم އަކީ އެންމެ ހެޔޮ ނަމޫނާކަމާއި ސަޙާބީން އިސްލާމްދީން ފެތުރުއްވުމުގައި ވެވަޑައިގެންނެވި ޤުރުބާނީ ބަޔާންވެފައިވެއެވެ. (21 ވަނަ އާޔަތުން 24 ވަނަ އާޔަތަށް).
  • މި ހަނގުރާމައިގެ އާޚިރު ނަތީޖާ ބަޔާންވެފައިވެއެވެ. އަދި ޔަހޫދީންގެ ނޭއްގާނީކަމުގެ ސަބަބުން ނިކަމެތިކަމާއި ކުރިމަތިލާން ޖެހުނު ގޮތް ސިފަކޮށްދީފައިވެއެވެ. (25 ވަނަ އާޔަތުން 27 ވަނަ އާޔަތަށް).

 

الرّابع: ނަބިއްޔާ صلى الله عليه وسلمގެ އަނބިއަނބިކަނބަލުންނަށް ކުރެވިފައިވާ ބައެއް އަމުރުފުޅުތަކުގެ ބަޔާން އައިސްފައިވެއެވެ.

  • ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންގެ ގޮތުގައި ތިބުމާއި ނުވަތަ އެކަނބަލުން ބޭނުންފުޅުނަމަ ވަރިކުރައްވާނެކަމުގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ހާދިސާއަށް އަލިއަޅުވައިލެވިފައިވެއެވެ. (28 ވަނަ އާޔަތުން 29 ވަނަ އާޔަތަށް).
  • ނަބިއްޔާ صلى الله عليه وسلمގެ އަނބިއަނބިކަނބަލުންގެ މަތިވެރިކަމާއި މި މަތިވެރި ނިޢުމަތުގެ މުޤާބިލުގައި އެކަނބަލުން ކަންތައް ކުރައްވަން ޖެހޭގޮތް ބަޔާންވެފައިވެއެވެ. (30 ވަނަ އާޔަތުން 34 ވަނަ އާޔަތަށް).
  • ބާއްޖަވެރިންގެ 10 ސިފަ ބަޔާންވެފައިވެއެވެ. އަދި ހެޔޮ ޢަމަލުތަކަށް ޘަވާބު ލިބުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވެގެންވާކަން ބަޔާންވެފައިވެއެވެ. (35 ވަނަ އާޔަތް)

 

الخامس: زينب بنت جحش އާއި ޒައިދުގެފާނުގެ ވާހަކަ ބަޔާންވެފައިވެއެވެ. رضي الله عنهما.
• زينب بنت جحش އާއި ޒައިދުގެފާނުގެ ވާހަކަ ބަޔާންވެފައިވެއެވެ. رضي الله عنهما. (36 ވަނަ އާޔަތުން 39 ވަނަ އާޔަތަށް).

  • ނަބިއްޔާ صلى الله عليه وسلم އަކީ އެންމެ ފަހުގެ ނަބިއްޔާކަން ބަޔާންވެފައިވެއެވެ. (40 ވަނަ އާޔަތް)
  • ގިނަގިނައިން ޒިކުރުކުރުމަށް މުއުމިނުންނަށް އަމުރުކުރެވިފައިވެއެވެ. (41 ވަނަ އާޔަތުން 42 ވަނަ އާޔަތަށް).
  • މުއުމިނުންނަށް މާތްﷲ ދެއްވި އަދި ދެއްވަވާނެ ބައެއް ނިޢުމަތްތަކުގެ މައްޗަށް އަލިއަޅުވައިލެވިފައިވެއެވެ. (43 ވަނަ އާޔަތުން 44 ވަނަ އާޔަތަށް).
  • ނަބިއްޔާ صلى الله عليه وسلمގެ ބައެއް ނަންފުޅުތައް ބަޔާންވެފައިވެއެވެ. އަދި މިއީ އެކަލޭގެފާނުގެ ޞިފަފުޅުތަކެއްކަމުގައިވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. (45 ވަނަ އާޔަތުން 46 ވަނަ އާޔަތަށް).
  • އިސްލާމްދީނަށް ދަޢުވަތުދިނުމުގެ ބައެއް އުސްލޫބު ބަޔާންވެފައިވެއެވެ. (47 ވަނަ އާޔަތް)
  • މުނާފިޤުންނާއި ކާފިރުންނަށް ކިޔަމަންވުމުން ދުރުވުމަށް އަމުރުކުރެވިފައެވެ. (48 ވަނަ އާޔަތް)
  • ޖިމާޢުވުމުގެ ކުރިން ވަރިކުރެވިފައިވާ އަންހެނާގެ ޢިއްދަ ބަޔާންވެފައިވެއެވެ. (49 ވަނަ އާޔަތް)

 

السّادس: ނަބިއްޔާ صلى الله عليه وسلم އަށް ޚާއްޞަވެގެންވާ ބައެއް ކަންކަމާއި އެކަލޭގެފާނާމެދު ބަހައްޓަންޖެހޭ ބައެއް އަދަބުތައް ބަޔާންވެފައިވެއެވެ. އަދި ޙިޖާބާއި ގުޅޭ ބަޔާނެއް އައިސްފައިވެއެވެ. (50 ވަނަ އާޔަތުން 59 ވަނަ އާޔަތަށް)

  • ކައިވެނީގެ އަޙްކާމްތަކުގައި ނަބިއްޔާ صلى الله عليه وسلم އަށް ޚާއްސަވެގެންވާ ބައެއް ކަންކަމުގެ ވާހަކަ އައިސްފައިވެއެވެ. (50 ވަނަ އާޔަތުން 52 ވަނަ އާޔަތަށް).
  • ނަބިއްޔާ صلى الله عليه وسلمގެ ގެކޮޅުތަކަށް ވަދެ ނިކުމެ އުޅުމުގައި ގެންގުޅެން ޖެހޭ މިންގަނޑުތަކެއް ބަޔާންވެފައިވެއެވެ. (53 ވަނަ އާޔަތް)
  • ޙިޖާބާއި ގުޅޭ ބަޔާނެއް އައިސްފައިވެއެވެ. (53 ވަނަ އާޔަތުން 55 ވަނަ އާޔަތަށް).
  • ނަބިއްޔާ صلى الله عليه وسلم ގެ މަތިވެރި މަޤާމް ބަޔާންވެފައިވެއެވެ. އަދި އެކަލޭގެފާނަށާއި މުއުމިނުންނަށް އުނދަގޫކުރުން ޙަރާމްވެގެންވާކަން ބަޔާންވެފައިވެއެވެ. (56 ވަނަ އާޔަތުން 58 ވަނަ އާޔަތަށް)
  • މުސްލިމު އަންހެނާ ހެދުން އެޅުމުގައި ތަބަޢަވާންޖެހޭ މިންގަނޑު ބަޔާންވެފައިވެއެވެ. (59 ވަނަ އާޔަތް)

 

السّابع: ޤިޔާމަތްދުވަހުގެ ބައެއް ވާހަކަ ތަކާއި އިންސާނާ ތަކުލީފު އުފުލުމަށް އެއްބަސްވި އެއްބަސްވުމުގެ ވާހަކަ އައިސްފައިވެއެވެ.

  • މުނާފިޤުންނާއި ކާފަރުންނަށްހުރި ޖަޒާގެ ވާހަކަ ބަޔާންވެފައިވެއެވެ. (60 ވަނަ އާޔަތުން 68 ވަނަ އާޔަތަށް)
  • މުއުމިނުންނަށް ދެވިފައިވާ ބައެއް ނަސޭހަތްތައް އައިސްފައިވެއެވެ. (69 ވަނަ އާޔަތުން 71 ވަނަ އާޔަތަށް)
  • އިންސާނާ ތަކުލީފު އުފުލުމަށް އެއްބަސްވި އެއްބަސްވުމުގެ ވާހަކަ އައިސްފައިވެއެވެ. (72ވަނަ އާޔަތުން 73 ވަނަ އާޔަތަށް)