[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގެ ޖަމާޢަތެއް ހަމަވާނީ ކިތައް މީހުން ވީމަތޯ؟

ނަމާދު ކުރުމަށްޓަކައި ޖަމާޢަތެއް ހަމަވާނީ މަދުވެގެން ދެމީހުން ތިބެގެންނެވެ. އެއީ އިމާމަކާއި މައުމޫމެކެވެ. އެއީ މިސްކިތުގައި ހަދާ ޖަމާޢަތެއް ކަމުގައިވިޔަސް އަދި ގޭގައި ހަދާ ޖަމާޢަތެއްކަމުގައި ވިޔަސް މެއެވެ.
އިމާމު ބުޚާރީ ރަޙިމަހުﷲ އޭނާގެ ޞަޙީޙުގައި بَاب اِثْنَانِ فَمَا فَوْقَهُمَا جَمَاعَة (ބާބު: ދެއެއް ނުވަތަ އެއަށްވުރެ އިތުރުވުން އެއީ ޖަމާޢަތެކެވެ.) މިހެން ލިޔުއްވާ ބާބެއްގެ ނަން ދެއްވާފައިވެއެވެ. އަދި އަންނަނިވި ޙަދީޘް އެބާބުގެ ދަށުން ގެންނަވާފައިވެއެވެ.

عَنْ مَالِكِ بْنِ الْحُوَيْرِثِ رضي الله عنه عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ (( إِذَا حَضَرَتْ الصَّلاةُ فَأَذِّنَا وَأَقِيمَا ثُمَّ لِيَؤُمَّكُمَا أَكْبَرُكُمَا )) {البخاري 658 }

މާލިކު ބިން އަލް ޙުވައިރިޘް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. މާނައީ: “ނަމާދު ވަޤުތު ވެއްޖެއްޔާ، ތިދެމީހުން ބަންގިދޭށެވެ އަދި ތިދެމީހުން ޤަމަތްދޭށެވެ. އަދި ތިދެމީހުންގެ ތެރެއިން އެންމެ ބޮޑު މީހާ (ދުވަސްވީ މީހާ) އިމާމަކަށް އަރުވާށެވެ.”
عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَبْصَرَ رَجُلا يُصَلِّي وَحْدَهُ فَقَالَ : (( أَلا رَجُلٌ يَتَصَدَّقُ عَلَى هَذَا ، فَيُصَلِّيَ مَعَهُ )) . {رواه أبو داود (554) وصححه الألباني في صحيح الجامع (2652)}

އަބޫ ސަޢީދުލް ޚުޛްރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މީހަކު އެކަނި ނަމާދުކުރަނިކޮށް ދެކެވަޑައިގެން ޙަދީޘްކުރެއްވިއެވެ. “މިމީހާގެ މައްޗަށް ޞަދަޤާތެއް ކޮށްދޭނެ، މިމީހާއާ އެކުގައި ނަމާދުކުރާނެ މީހަކު ނެތް ހެއްޔެވެ؟”
ޢައްނުލް މަޢްބޫދު ގައި ވެއެވެ. އެއީ އޭނާއަށް ޖަމާޢަތުގެ ޘަވާބު ހޯދައިދިނުމަށެވެ. އޭރުން އޭނާގެ މައްޗަށް ޞަދަޤާތެއް ކުރިފަދައެވެ.
عَنْ أُبَيِّ بْنِ كَعْبٍ رضي الله عنه أن رسول الله صلى الله عليه وسلم قال : ((… صَلاةُ الرَّجُلِ مَعَ الرَّجُلِ أَزْكَى مِنْ صَلاتِهِ وَحْدَهُ ، وَصَلاةُ الرَّجُلِ مَعَ الرَّجُلَيْنِ أَزْكَى مِنْ صَلاتِهِ مَعَ الرَّجُلِ ، وَمَا كَانُوا أَكْثَرَ فَهُوَ أَحَبُّ إِلَى اللَّهِ عَزَّ وَجَلَّ )) {رواه النسائي 843 وأبو داود 554 وصححه الألباني في صحيح الجامع 2242} 

“މީހަކާ އެކުގައި މީހަކު ނަމާދު ކުރުން އޭނާ އެކަނި ނަމާދު ކުރުމަށްވުރެ މާތްކަން ބޮޑުވެގެންވެއެވެ. އަދި މީހަކު ދެމީހަކާ އެކުގައި ނަމާދުކުރުން އޭނާ އެކަކާ އެކުގައި ނަމާދުކުރުމަށްވުރެ މާތްކަން ބޮޑުވެގެންވެއެވެ. އަދި މީހުން ގިނަވީ ވަރަކަށް ﷲ ޢައްޒ ވަޖައްލަގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވެއެވެ.”
ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީއާ ސުވާލު ކުރެވުނުވެ. “ނަމާދެއްގެ ޖަމާޢަތް ހަމަވާނީ ކިތައް މީހުން ވީމަތޯއެވެ؟” ޖަވާބު ދެއްވިއެވެ. “ދެމީހަކު ނުވަތަ އެއަށްވުރެ އިތުރުވުމުން އެއީ ޖަމާޢަތެކެވެ. ޢަދަދު ގިނަވީ ވަރަކަށް މާތްކަން ބޮޑުވެގެންވެއެވެ. ހަމައެއާއެކު، ޖަމާޢަތުގެ ނަމާދުގެ އޭގެ ވަޤުތުގައި މިސްކިތުގައި އަދާކުރުމަކީ (ފިރިހެނުންގެ މައްޗަށް) ވާޖިބެކެވެ. “فتاوى اللجنة الدائمة” (7/289).

 

މުހިއްމު ނުކުތާއެއް

މިތަނުގައި ނަމާދުގެ ޖަމާޢަތް ހެދުމޭ މި އޮތް ބަސްފުޅުގެ މުރާދަކީ އެއްވެސް ޙާލެއްގައި މިސްކިތުގެ ޖަމާޢަތް ދޫކޮށްލާފައި ގޭގައި ފިރިހެނުން ޖަމާޢަތް ހަދައިގެން ނަމާދުކުރުމެއް ނޫނެވެ. މިސްކިތުގައި ޖަމާޢަތުގެ ނަމާދަކީ ފިރިހެނުންގެ މައްޗަށް ވާޖިބެކެވެ. ޝަރުޢީ ޢުޛުރަކާ ލައިގެން މެނުވީ ޖަމާޢަތަށް ލަސްފުން، ޖަމާޢަތް ދޫވުން ހުއްދަވެގެން ނުވެއެވެ. އެފަދަ ޙާލަތެއް މެދުވެރިވެގެން މިސްކިތުގެ ބޮޑު ޖަމާޢަތް ދޫވެއްޖެނަމަ ޖަމާޢަތެއް ހަދައިގެން ނަމާދުކުރެވިދާނެއެވެ.

 

މަރްޖިޢު
https://islamqa.info/ar/answers/52906