ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
ވަޙީއަކީ ޝައްކުކުރެވެން ނެތް ޙައްޤު ތެދުކަން ބަޔާންކޮށްދެއްވާފައިވެއެވެ.ސޫރަތުގައި އަލިއަޅުވައިލެވިފައިވާ ބައެއް موضوع ތައް
الم ﴿١﴾
غُلِبَتِ الرُّومُ ﴿٢﴾
فِي أَدْنَى الْأَرْضِ وَهُم مِّن بَعْدِ غَلَبِهِمْ سَيَغْلِبُونَ ﴿٣﴾
فِي بِضْعِ سِنِينَ ۗ لِلَّـهِ الْأَمْرُ مِن قَبْلُ وَمِن بَعْدُ ۚ وَيَوْمَئِذٍ يَفْرَحُ الْمُؤْمِنُونَ ﴿٤﴾
މާނައީ: “ا ل م (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.) [1] (ޢަރަބީންނާ) އެންމެ ކައިރި ބިމުގައި (ފާރިސީންގެ އަތުން) ރޫމީން ބަލިވެއްޖެއެވެ. އަދި އެބައިމީހުން ބަލިވުމުގެ ފަހަށް، މަދު އަހަރުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދާނެއެވެ. (އެބަހީ: ފާރިސީންގެ މައްޗަށެވެ.) އޭގެ ކުރިންވެސް އަދި އޭގެ ފަހުންވެސް ހުރިހާކަމެއް މިލްކުވެގެންވަނީ، ﷲ އަށެވެ. އަދި އެދުވަހުން މުއުމިނުން އުފާކުރާނެއެވެ. [2-4]”
* ރޫމުގެ މީހުން ތަރައްޤީވެ ކުރިއަރާފައިވުމުން އެބައިމީހުން އެ ތިބީ ހައްޤު މަގުގައިކަމަށް އީމާންކަން ބަލިކަށި ބައެއް މުސްލިމުންނަށް ހީވެދާނެއެވެ. އަދި ތަހްޒީބާއި ތަމައްދުންގައި އެހެން ޤައުމުތައް ފަހަތުގައި އެވަނީ އެބައިމީހުން ބާޠިލްގެ މަތީގައި ތިބުމުން ކަމުގައި ހީވެދާނެއެވެ. މި ޒަމާނުގައި މިފަދައިން ހީކުރާ މުސްލިމުން އަދި މާ ގިނައެވެ. މިއީ ނުރަނގަޅު ޤަބޫލުކުރުމެއްކަން މި ސޫރަތުގައި ބަޔާންކޮށްދީފައިވެއެވެ.
* މި ސޫރަތުގައި މާތް ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތައް ޙަޔާތުގެ އެކި މައިދާންތަކުގެ އަލީގައި ބަޔާންކޮށްދީފައިވެއެވެ.
– ތާރީޚީ ގޮތުން: ރޫމީންނާއި ފާރިސީންނާއި ދެމެދު މުސްތަޤްބަލުގައި ހިނގާނެ ހަނގުރާމައެއްގެ ޚަބަރު ދީފައިވުން. (2 ވަނަ އާޔަތުން 4 ވަނަ އާޔަތަށް)
– އިޤްތިޞާދީ ގޮތުން: ޒަކާތުގެ ފައިދާތަކާއި ރިބާގެ ގެއްލުންތައް ބަޔާންވެފައިވެއެވެ. އަދި ރިބާ ޙަރާމްކުރައްވާފައިވާކަންވެސް ބަޔާންކުރައްވާފައިވެއެވެ. (39 ވަނަ އާޔަތް)
وَمَا آتَيْتُم مِّن رِّبًا لِّيَرْبُوَ فِي أَمْوَالِ النَّاسِ فَلَا يَرْبُو عِندَ اللَّـهِ ۖ وَمَا آتَيْتُم مِّن زَكَاةٍ تُرِيدُونَ وَجْهَ اللَّـهِ فَأُولَـٰئِكَ هُمُ الْمُضْعِفُونَ ﴿٣٩﴾
މާނައީ: “އަދި މީސްތަކުންގެ މުދަލުން ރިބާގެ ގޮތުގައި އިތުރުވުމަށްޓަކައި ތިޔަބައިމީހުން ދިން އެއްޗެއް، ﷲ ގެ ޙަޟްރަތުގައި އިތުރުވެގެން ނުދާނެތެވެ. އަދި ﷲ ގެ ވަޖުހުފުޅު އެދިގެން ޒަކާތުގެ ގޮތުން ތިޔަބައިމީހުން ދިން އެއްޗަކާމެދު (ދަންނާށެވެ!) އިތުރުކުރާ ބަޔަކީ ހަމަ އެބައިމީހުންނެވެ.”
– އިޖްތިމާޢީ ގޮތުން: ޒަވާޖީ ޙަޔާތެއް ބާއްޖަވެރިވުމަށްޓަކައި ބޭނުންވާ ތިން ރުކުން ބަޔާންވެފައިވެއެވެ. އެއީ އެކަކު އަނެކަކަށް ހިތްހަމަޖެހުން ހޯދައިދިނުމާއި ދެމަފިރިންގެ ދެމެދުގައި ކުލުނުވެރިކަން އޮތުމާއި (މަވައްދަތު އޮތުމާއި) ރަޙްމަތް އޮތުމެވެ.
وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴿٢١﴾
މާނައީ: “ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެއިލާހު ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.”
– އިންސާނާގެ އަޞްލަކީ ވެލިކަން ބަޔާންކުރައްވާފައިވެއެވެ.
وَمِنْ آيَاتِهِ أَنْ خَلَقَكُم مِّن تُرَابٍ ثُمَّ إِذَا أَنتُم بَشَرٌ تَنتَشِرُونَ ﴿٢٠﴾
މާނައީ: “އަދި އެއިލާހު ތިޔަބައިމީހުން ވެލީން އުފެއްދެވުންވަނީ، އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ދެން އެހިނދު، ތިޔަބައިމީހުން އިންސާނުންގެ ގޮތުގައި (ބިމުގައި) ފެތުރިގެންވަމުއެވެ.”
– އުޑުތަކާއި ބިން ހެއްދެވުމުގެ ވާހަކަ އައިސްފައިވެއެވެ.
وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافُ أَلْسِنَتِكُمْ وَأَلْوَانِكُمْ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّلْعَالِمِينَ ﴿٢٢﴾
މާނައީ: “އުޑުތަކާއި ބިން ހެއްދެވުމާއި، ތިޔަބައިމީހުންގެ ދޫތަކާއި (އެބަހީ: ބަސްތަކާއި) ކުލަތައް ތަފާތުވެފައިވާކަމީ، އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން، އެކަމުގައި (އެފަދަ ކަންތައް) ދަންނަމީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.”
– ރޭގަނޑާއި ދުވާލުގެ ވާހަކަ އައިސްފައިވެއެވެ.
وَمِنْ آيَاتِهِ مَنَامُكُم بِاللَّيْلِ وَالنَّهَارِ وَابْتِغَاؤُكُم مِّن فَضْلِهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَسْمَعُونَ ﴿٢٣﴾
މާނައީ: “އަދި ރޭގަނޑާއި ދުވާލުގެ ވަގުތުގައި ތިޔަބައިމީހުން ނިދާ ނިދުމާއި، އެއިލާހުގެ ފަޟްލުވަންތަކަމުގެ ތެރެއިން އެދި ތިޔަބައިމީހުން މަސައްކަތްކުރުންވަނީ، އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެކަމުގައި އަހާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.”
– ވިދުވަރާއި ވާރޭގެ ވާހަކަ އައިސްފައިވެއެވެ.
وَمِنْ آيَاتِهِ يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ السَّمَاءِ مَاءً فَيُحْيِي بِهِ الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ ﴿٢٤﴾
މާނައީ: “އަދި ތިޔަބައިމީހުންނަށް ބިރުދެއްކެވުމުގެ ގޮތުންނާއި (ވާރެއާމެދު) އެދުންވެރި ކުރެއްވުމުގެ ގޮތުން، ވިދުވަރު ތިޔަބައިމީހުންނަށް ދެއްކެވުމާއި، ބިންގަނޑު މަރުވުމަށްފަހު އުޑުން ފެން ވެއްސަވައި، އެ ފެނުގެ ސަބަބުން އެ ބިން އަލުން ދިރުއްވާކަން ވަނީ، އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން، ވިސްނާބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.”
އިސްވެ މިދެންނެވި ހެކިތަކާއި މެދު ވިސްނާ ފިކުރުކޮށްފިމީހަކަށް، ﷲ ތަޢާލާއަކީ އެއްކައުވަންތަ ޚާލިޤްކަމާއި ވަޙީއަކީ ޙައްޤު ތެދުކަން ޔަޤީންވާނެއެވެ.
ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
* ރޫމުގެ ވާހަކަ މި ސޫރަތުގައި އައިސްފައިވުމުގެ އެއް ސަބަބަކީ އެކި ޒަމާންތަކުގައި އެބައިމީހުންގެ މީސްތަކުންގެ އުނދަގޫތައް މުސްލިމުންނަށް ފޯރާފައިވާތީއެވެ. އަދި އެބައިމީހުންނަށް ލިބިފައިވާ ތަރައްޤީއާއި ތަމައްދުންގެ ސަބަބުން ބައެއް މުސްލިމުން ފިތުނަވެރިވާތީއެވެ. އަދި ޤިޔާމަތާ ހަމައަށް އެންމެ މީހުން ގިނަވާނީ އެބައިމީހުންކަމުގައި ވާތީއެވެ.
ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްފުޅެއްގައިވެއެވެ.
((تَقُومُ السَّاعَةُ وَالرُّومُ أَكْثَرُ النَّاسِ)) [رواه مسلم]
މާނައީ: “ޤިޔާމަތްވާހިނދު އެންމެ ބޯ ގިނަ ޖަމާޢަތަކީ ރޫމީންގެ ޖަމާޢަތެވެ.”
މި ސަބަބުތަކަށްޓަކައި ރޫމީންގެ މައްޗަށް މުސްލިމުންނަށް ނަޞްރު ލިބިދާނެކަމާއިމެދު ބައެއް މީހުން ޝައްކުކޮށްފާނެއެވެ. މި ސޫރަތް ބާއްވައިލެއްވުމުން މުސްލިމުން އެބައިމީހުންގެ މައްޗަށްވެސް ނަޞްރު ހޯދާނެ ކަމުގެ ޔަޤީންކަން މުސްލިމުންނަށް ލިބުނެވެ.
* ޒިކުރުކުރުމަކީ އަޅުކަންތަކުގެ ތެރެއިން އެންމެ މާތް އެއް އަޅުކަމެވެ. އަދި އެއީ ދޫމައްޗަށް އެންމެ ލުއި އަޅުކަމެވެ. އަދި އެއީ މީޒާނުގައި އެންމެ ބަރު އަޅުކަން ވެސްމެވެ. އެކަމަށް ވަކި ވަގުތެއް ކަނޑައެޅިފައި ނުވެއެވެ. މުޅި ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް އެއަޅުކަން އަދާކުރެވޭނެއެވެ.
فَسُبْحَانَ اللَّـهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ ﴿١٧﴾
މާނައީ: “ފަހެ، ތިޔަބައިމީހުން ރޭގަނޑުގެ ތެރެޔަށް ވަންނަހިނދުގައްޔާއި، ފަތިހުގެ ތެރެޔަށް ތިޔަބައިމީހުން ވަންނަހިނދު، ﷲ އަށް ތަސްބީޙަ ކިޔައި ނަމާދުކުރާށެވެ!”
وَلَهُ الْحَمْدُ فِي السَّمَاوَاتِ وَالْأَرْضِ وَعَشِيًّا وَحِينَ تُظْهِرُونَ ﴿١٨﴾
މާނައީ: “އުޑުތަކާއި، ބިމުގައި އެންމެހާ ތަޢުރީފާއި ޘަނާ މިލްކުވެގެންވަނީ އެއިލާހަށެވެ. އަދި އަނދިރިވަމުން އަންނަ ވަގުތުގައްޔާއި، ތިޔަބައިމީހުން މެންދުރުގެ ތެރެއަށް ވަންނަހިނދުގައި ﷲ އަށް ތިޔަބައިމީހުން ތަސްބީޙަ ކިޔައި ނަމާދުކުރާށެވެ!”
* ދުނިޔޭގައި އަޅުގަނޑުމެންނާ ކުރިމަތިވާ މުޞީބާތްތަކާއި، ކާރިޘާތަކުގެ މައިގަނޑު ސަބަބަކީ އަޅުގަނޑުމެންނަށް ކުރެވޭ ފާފަތަކެވެ.
ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ ﴿٤١﴾
މާނައީ: “މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެބައިމީހުން ކުރި ބައެއް ޢަމަލުގެ ރަހަ އެބައިމީހުންނަށް ދެއްކެވުމަށެވެ. (އެއީ) އެބައިމީހުން (ތައުބާވެ) ރުޖޫޢަވުމަށްޓަކައެވެ.”
* ދިގު ޢުމުރެއް ލިބިފައި، މާތްﷲގެ ރުއްސެވުމާއި ފުއްސެވުން އަދައިގެން ހެޔޮ ޢަމަލުތައް ކުރުމުގައި އެ ޢުމުރު ހޭދަކުރާ މީހާއަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ. އަދި އެމީހެއްގެ ޢުމުރު ބޭކާރު ވާހަކަތަކާއި ކަންތައްތަކާއި ޝަހްވަތުގެ އެދުންތައް ފުރިހަމަ ކުރުމުގައި ނަގާލި މީހާއަށް ހުރި ގެއްލުމާއި ހަލާކުގެ ބޮޑު ކަމާއެވެ.
اللَّـهُ الَّذِي خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِن بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِن بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚيَخْلُقُ مَا يَشَاءُ ۖ وَهُوَ الْعَلِيمُ الْقَدِيرُ ﴿٥٤﴾
މާނައީ: “ބަލިކަށިކަމުގެ ތެރެއިން ތިޔަބައިމީހުން ހެއްދެވި އިލާހީ ﷲ އެވެ. ދެން ބަލިކަށިކަމަށްފަހު، ބާރެއްލައްވައި އަދި ބާރަށްފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވީވެސް އެއިލާހެވެ. އެއިލާހު އިރާދަކުރައްވާ އެއްޗެއް އެއިލާހު ޚަލްޤުކުރައްވައެވެ. އަދި އެއިލާހީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ އިލާހެވެ.”
ވާރޭ ވެހޭ މަންޒަރު ސިފަކޮށް ލިޔުންތެރިން ވަނީ އެތަކެއް ލިޔުމެއް ލިޔެފައެވެ. ޅެންވެރިންވަނީ އެތަކެއް ޅެމެއް ހަދާފައެވެ. ކުރެހުންތެރިންވަނީ އެތަކެއް ކުރެހުމެއް ކުރަހާފައެވެ. ޤުރުއާނާއި ސުންނަތުގައިވެސް ވާރެޔާއި ގުޅޭ އެތަކެއް ނައްޞުތަކެއްވަނީ އައިސްފައެވެ. އަދި އެކަން ހިނގާގޮތްވަނީ ބަޔާންކުރައްވާފައެވެ. ޢަރަބި ޝާޢިރުންނާއި އަދީބުންގެ އިތުރުން އެކި ބަސްބަހުގެ ފުންނާބު އުސް އެތަކެއް ލިޔުންތެރީންނަކާއި ޅެންވެރިންނެއްވަނީ މި ޞިފަކުރުމާމެދު އާޝޯހުވެ، އެކަމާއިމެދު ވާހަކަ ދައްކަވާފައެވެ .
اللَّـهُ الَّذِي يُرْسِلُ الرِّيَاحَ فَتُثِيرُ سَحَابًا فَيَبْسُطُهُ فِي السَّمَاءِ كَيْفَ يَشَاءُ وَيَجْعَلُهُ كِسَفًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِ ۖ فَإِذَا أَصَابَ بِهِ مَن يَشَاءُ مِنْ عِبَادِهِ إِذَا هُمْ يَسْتَبْشِرُونَ ﴿٤٨﴾
މާނައީ: “ﷲ އީ، ވައިރޯޅިތައް ފޮނުއްވައި، އަދި އެ ވައިރޯޅިތައް ވިލާތައް އުފުލައި، އަދި އެއިލާހު އިރާދަކުރައްވާ ފަދައަކުން އުޑުގައި އެ ވިލާތައް ފަތުރުއްވައި، އަދި އެ ވިލާތައް ވަކިވަކިވެގެންދާ އެތިކޮޅުތަކެއް ކަމުގައި ލައްވާ އިލާހެވެ. ފަހެ، އެ ވިލާތަކުގެ ތެރެއިން ކެރި ނުކުންނާތީ ތިބާޔަށް ފެންނާނެތެވެ. ފަހެ، އެއިލާހުގެ އަޅުތަކުންގެ ތެރެއިން އެއިލާހު އިރާދަކުރައްވާ ބަޔަކަށް އޭގެ ނިޢުމަތް ދެއްވައިފިނަމަ، އެހިނދު ކުއްލިޔަކަށް އެބައިމީހުން އުފާ ޙާޞިލުކުރެއެވެ.”
وَإِن كَانُوا مِن قَبْلِ أَن يُنَزَّلَ عَلَيْهِم مِّن قَبْلِهِ لَمُبْلِسِينَ ﴿٤٩﴾
މާނައީ: “އަދި އޭގެކުރިން އެބައިމީހުންގެ މައްޗަށް ވާރޭ ވެއްސެވުމުގެކުރިން އުންމީދު ކެނޑި، މާޔޫސްވެފައި ތިބިބަޔަކު ކަމުގައި އެބައިމީހުން ވިއެވެ.”
فَانظُرْ إِلَىٰ آثَارِ رَحْمَتِ اللَّـهِ كَيْفَ يُحْيِي الْأَرْضَ بَعْدَ مَوْتِهَا ۚ إِنَّ ذَٰلِكَ لَمُحْيِي الْمَوْتَىٰ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٥٠﴾
މާނައީ: “ފަހެ، ﷲ ގެ ރަޙްމަތުގެ އަސަރުތައް ދެކެބަލާށެވެ! ބިންގަނޑު މަރުވުމަށްފަހު، (ވާރޭގެ ސަބަބުން) އެއިލާހު އެ ބިންގަނޑު ދިރުއްވަނީ ކޮންފަދައަކުން ހެއްޔެވެ؟ ހަމަކަށަވަރުން، އެއިލާހީ، މަރުވެފައިވާ މީހުން ދިރުއްވާ އިލާހުކަން ކަށަވަރެވެ. އެއިލާހީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އިލާހެވެ.
الم ﴿١﴾
غُلِبَتِ الرُّومُ ﴿٢﴾
فِي أَدْنَى الْأَرْضِ وَهُم مِّن بَعْدِ غَلَبِهِمْ سَيَغْلِبُونَ ﴿٣﴾
فِي بِضْعِ سِنِينَ ۗ لِلَّـهِ الْأَمْرُ مِن قَبْلُ وَمِن بَعْدُ ۚ وَيَوْمَئِذٍ يَفْرَحُ الْمُؤْمِنُونَ ﴿٤﴾
މާނައީ: “ا ل م (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ ﷲ އެވެ.) [1] (ޢަރަބީންނާ) އެންމެ ކައިރި ބިމުގައި (ފާރިސީންގެ އަތުން) ރޫމީން ބަލިވެއްޖެއެވެ. އަދި އެބައިމީހުން ބަލިވުމުގެ ފަހަށް، މަދު އަހަރުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދާނެއެވެ. (އެބަހީ: ފާރިސީންގެ މައްޗަށެވެ.) އޭގެކުރިންވެސް އަދި އޭގެފަހުންވެސް ހުރިހާކަމެއް މިލްކުވެގެންވަނީ، ﷲ އަށެވެ. އަދި އެދުވަހުން މުއުމިނުން އުފާކުރާނެއެވެ. [2-4]”
“މިއާޔަތުގެ ޢިލްމީ ދިރާސާ:
ތާރީޚީ ޙަޤީޤަތެއް:
ބީޒަންޓޭނިއަން އިންބުރާޠޯރިއްޔާއާއި ފާރިސްގެ ރަސްކަމާދެމެދުގައި ހަނގުރާމަތަކެއް ކުރެވުނުކަން ތާރީޚުގެ ފޮތްތަކުން ސާބިތުވެފައިވެއެވެ. ބީޒަންޓޭނިއަން އިންބާރާޠޯރިއްޔާއަކީ ރޯމް އިންބުރާޠޯރިއްޔާގެ އިރުމަތީ ފަޅިއަށް ކިޔުނުނަމެކެވެ. ރޯމްގެ ރަސްކަން ފުޅާވުމުގެ ސަބަބުން ދެބައަކަށް ބަހައިލީއެވެ. އެއީ ބަޙުރުލް މައްޔިތު ނުވަތަ ޑެޑްސީގެ އައްސޭރީގެ ސަރަޙައްދުތަކުގައި ކުރެވުނު ހަނގުރާމައެކެވެ. އަދި އެހަނގުރާމާގައި ރޯމަނުންގެ މައްޗަށް ފާރިސީން ބޮޑުވެގެންވާ ކާމިޔާބީއެއް ހޯދިއެވެ. އެއީ މީލާދީ ސަނަތުން 619ވަނަ އަހަރުއެވެ.
މިހަނގުރާމާގައި ރޯމަނުންނަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އަދި އެދުވަސްވަރުގެ އެންމެންވެސް ހީކުރީ ބައިޒަންޓޭނިއަން އެމްޕަޔަރ ނުވަތަ އިންބުރާޠޯރިއްޔާގެ ނިމުން އައީކަމުގައެވެ. އެހެންނަމަވެސް އެއްވެސްބަޔަކު ވެދާނެކަމަށް އުންމީދުނުކުރި ކަމެއްވީއެވެ. 627ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ނާނީފިޔާއޭ (Nineveh) ކިޔުނު ސަރަޙައްދުގައި ބީޒަންޓީނިއަނުންނާއި ފާރީސީންގެ މެދުގައި އެހަނގުރާމާގައި ރޯމަނުން ފާރިސީން ބަލިކޮށް ރޯމަނުން އަތުން އަތުލާފައިވާ ބިންތައް އަލުން އެމީހުންގެ އަތްމައްޗަށް ގެނައެވެ.
ސައިންޓިފިކް ޙަޤީޤަތް: ބިމުގެ ސަޠަޙާގައި ހުރި އަޑިގުޑަންތައް ބަލައި ދިރާސާކުރުމުގެ ގޮތުން ޖައްވުން ނަގާފައިވާ ފޮޓޯތަކުން ބިމުގައި ހުރި އަޑިގުޑަންތަކުގެ ފުންމިނާއި އުސްމިން ދެނެގަނެވުނެވެ. މިދެންނެވުނު ފޮޓޯތަކުން ސާބިތުވާގޮތުގައި ހިކިފަސްތަނުގައި ހުރި އެންމެ ފުން އަޑިގަނޑަކީ ފަލަސްޠީނުގައިވާ ބަޙުރުލް މައްޔިތު (Dead sea) ގެ އައްސޭރީގައި ނުވަތަ ކައިރީގައި އޮންނަ ޞަރަޙައްދެކެވެ. ޑެޑްސީއަކީ ބުޙައިރާއެކެވެ. ބުޙައިރާގެ މާނައަކީ ވަށައިގެން ހިކިފަސްތަން އޮންނަ ލޮނު ފެންގަޑެކެވެ. ބިމުގެ ސަޠަޙައަށްވުރެ އެސަރަޙައްދު 395 މީޓަރު ފުނެވެ. އެކަން ސެޓެލައިޓުތަކުން ނަގާފައިވާ ފޮޓޯތަކުންވަނީ ސާބިތުވެފައެވެ.
މިޒަމާނުގެ ޖިއޮލޮޖީ ޢިލްމުގެ އެތައް މިންގަނޑަކުން ކުރެވުނު އެތައް ދިރާސާއެއްގެ އަލީގައި ސާބިތުވެފައިވާ ގޮތުގައި ބިމުގައިވާ އެންމެ ތިރި ސަރަޙައްދަކީ ޑެޑްސީގެ ވާދީއެވެ. ނުވަތަ غور بحر الميت އެވެ.( Dead Sea Depression) މިސަރަޙައްދަކީ ކަނޑުގެ ސަޠަހައަށްވުރެ އަޑީގައި ނުވަތަ ފުނުގައިވާ ބޮޑު ބިމުގެ ސަރަޙައްދެކެވެ. ބިމުގެ ގޮތުން ބަލާނަމަ ނުހަނު ފަސްގަނޑު ރަނގަޅު ސަރަޙައްދެކެވެ. އަދި ޑެޑްސީ އޮންނަނީ މިވާދީގެ އެންމެ ތިރި ނުވަތަ ފުން ސަރަޙައްދުތަކުގައެވެ. އެހެނީ ޑެޑްސީގެ ސަޠަޙައިގެ ލެވެލްއަކީ ކަނޑުގެ ސަޠަޙައިގެ ލެވެލްއަށްވުރެ 400އެއްހާ މީޓަރު ފުނެވެ. އަދި އެބުޙައިރާގެ ފުން ސަރަޙައްދުތަކުގެ ސަޠަޙަ ކަނޑުގެ ސަޠަޙައަށްވުރެ ގާތްގަނޑަކަށް 800 މީޓަރު ބިމުގެ ސަޠަޙައަށްވުރެ ފުންވާނެ ކަމުގައި ސައިންސްވެރިން ވިދާޅުވެއެވެ. އަދި ޑެޑްސީގެ އައްސޭރިފަށަކީ ބިމުގައިވާ ހިކިފަސް އެންމެ ތިރި ސަރަޙައްދެވެ. ކަނޑުގެ ސަޠަޙައަށްވުރެ 413 މީޓަރު ތިރީގައެވެ.
މިއާޔަތުގައިވާ އިޢުޖާޒް:
މިއާޔަތުގައިވާ އިޢުޖާޒު ދެބާވަތެއްކަމުގައި ބުނެވިދާނެއެވެ. އެއީ ތާރީޚީ އިޢުޖާޒާއި ސައިންޓިފިކް އިޢުޖާޒެވެ. ތާރީޚީ އިޢުޖާޒަކީ މިއާޔަތްތަކުގައި ރޯމަނުން ފާރިސީންގެ މައްޗަށް 1 އަހަރާއި 9އަހަރާ ދޭތެރޭގެ މުއްދަތެއްގެ ތެރޭގައި ކާމިޔާބު ހޯދާނެކަމަށް އަންގަވާފައިވަނިކޮށް 7 އަހަރު ފަހުން ރޯމަނުން ފާރިސީންގެ މައްޗަށް ކާމިޔާބު ހޯދިއެވެ. މިއާޔަތަށް ޤުރައިޝުވަންހައިގެ މުޝްރިކުން ނުހަނު މަލާމާތްކޮށް އުޅުނެވެ. އެބައިމީހުން އަދި އެޒަމާނުގެ އެއްވެސް ބަޔަކު ރޯމަނުންނަށް އަލުން ކާމިޔާބު ލިބިދާނެކަމުގައި ހީނުކުރެއެވެ.
ސައިންޓިފިކް އިޢުޖާޒަކީ އެޒަމާނުގައި އެއްވެސް ބައަކަށް ހޯދިފައިނުވާ މުހިންމު ޖިއޮލޮޖިކަލް އަދި ޖިއޮގުރަފިކަލް ޙަޤީޤަތެއް މިއާޔަތުގައި ބަޔާންވެފައިވުމެވެ. އެއީ ބިމުގައިވާ އެންމެ ތިރި ނުވަތަ އެންމެ ފުން ހިކިފަސްތަނަކީ ކޮބައިކަމެވެ. މިޒަމާނުގައި ބޭނުންކުރާ ވަސީލަތްތައް އަދި މިންކުރުމުގެ އުޞޫލުތައް ނެތި މިފަދަ ޙަޤީޤަތެއް އިންސާނުންނަށް ދެނެގަނެވުމަކީ ކުރެވޭނެކަމެއް ނޫނެވެ. އެހެންކަމުން މިއާޔަތުން ނުހަނު ސާފުކޮށް ކީރިތި ޤުރުއާނަކީ އިންސާނެއްގެ ބަހެއް ނޫންކަން ސާބިތުވެއެވެ.” [[1]]
މަޞްދަރު: أول مرة أتدبر القرآن
ކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް
[[1]] މި ސޫރަތުގެ 2 ވަނަ އާޔަތުގައިވާ އިޢުޖާޒުގެ މި މަޢުލޫމާތު ނަގާފައިވަނީ ޝިފްޒާން އަޙްމަދު ލިޔުއްވާފައިވާ ލިޔުމަކުންނެވެ.