ރަސޫލުން އީމާންވުން
ރަސޫލުންނަކީ ކޮބާ؟
އެއީ ﷲ ތަޢާލާގެ ޝަރީޢަތާއި އަދި އެއިލާހަށްޓަަކައި އަދާކުރުމަށް މީސްތަކުންގެ މައްޗަށް ވާޖިބުވެގެންވާ ކަންތައްތަކާއި އަދި އެނޫނަސް އެބޭކަލުންނަށް ﷲ ތަޢާލާގެ ހަޟްރަތުން އިއްވޭ ވަޙީ އިންސާނުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ﷲ ތަޢާލާ އިންސާނުންގެ ތެރެއިން އިޚްތިޔާރުކުރައްވާފައިވާ ބައެެކެވެ. އޭގެތެރެއިން އެންމެ ފުރަތަމައީ ނޫޙު ޢަލައިހިއްސަލާމެވެ. އަދި އެއްމެެ ފަހުން ފޮޮނުއްވުނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމައެވެ.
ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ. ” مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَـٰكِن رَّسُولَ اللَّـهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّـهُ بِكُلِّ شَيْءٍ عَلِيمًا” – سورة الأحزاب 40 – މާނަ: ” ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި محمد ގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) ﷲ ގެ رسول އާއެވެ. އަދި ނަބީކަން ختم ކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ. “
ރަސޫލުބޭކަލުންނަކީ ﷲ ތަޢާލާ ޚަލްޤުކުރައްވާފައިވާ އިންސާނުންގެ ތެރެއިންވާ ބައެކެވެ. އެއްވެސް ޙާލެއްގައި އެބޭކަލުންނަކީ ރައްބެއްގެ ނުވަތަ އިލާހެއްގެ ދަރަޖައަށް އުފުލިގެންވާބައެއްނޫނެވެ. ﷲ ތަޢާލާ ފިޔަވައި އެބޭކަލުންނަށް ދުޢާ ދެންނެވުމާއި ، ނަދުރުބުނުމާއި އެބޭކަލުންގެ ނަމުގައި ޛަބަޙަކުރުމާއި އަދި މިނޫނަސް އަޅުކަމުގެ އެއްވެސް ވައްތަރެއް އެއިގެ ތެރެއިން އެއްވެސް ބޭކަލަކަށް އަނބުރާލުން ހުއްދަވެގެންނުވެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ” قُل لَّا أَمْلِكُ لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّـهُ ۚ وَلَوْ كُنتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ ۚ إِنْ أَنَا إِلَّا نَذِيرٌ وَبَشِيرٌ لِّقَوْمٍ يُؤْمِنُونَ ” މާނަ : ” ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އިރާދަކުރެއްވި ކަމެއްމެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު، ތިމަންކަލޭގެފާނަށް މިލްކުވެގެނެއް ނުވެތެވެ. އަދި ތިމަންކަލޭގެފާނަށް ޣައިބު އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު ހެޔޮކަންތައް ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުންގައި ނުބީހުނީހެވެ. ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައްޔާއި، إيمان ވާ ބަޔަކަށް އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ. “
ރަސޫލުންނަށް އީމާންވުމުގައި އެކުލެވިގެންވާ ކަންތައްތައް:
1 – އެންމެހައި ރަސޫލުބޭކަލުން ގެންނެވި ރިސާލަތަކީ ﷲ ތަޢާލާގެ ހަޟްރަތުން އައިސްފައިވާ ޙައްޤު ތެދުކަމަށް އީމާންވާން ޖެހެއެވެ. އެއިގެތެރެއިން އެއްވެސް ބޭކަލެއްގެ ރަސޫލުކަމަށް ކާފިރުވެއްޖެ މީހާއީ އެންމެހާ ރަސޫލުބޭކަލުންނަށް ކާފިރުވެއްޖެ މީހެކެވެ. ފަހެ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމަގެ ރަސޫލުކަން ދޮގުކުރާ އަދި އެކަލޭގަފާނަށް ތަބަޢުނުވާ ނަޞާރާއިންނަކީ ޢީސާ ޢަލައިހިއްސަލާމްގެ ރިސާލަތު ދޮގުކުރާ އަދި އީސާ ޢަލައިހިއްސަލާމަށް ތަބަޢުނުވާ މީހުންނެވެ. އެހެނީ ޢިސާ ޢަލައިހިއްސަލާމް ވަނީ އެންމެފަހުގެ ނަބިއްޔާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަަމަ ވަޑައިގަންނަވާނެކަމުގެ ޚަބަރު ދެއްވާފައެވެ.
2 – އެބޭކަލުންގެ ނަންފުޅުތައް އެނގިފައިވާ ބޭކަލުންނަށް ( މިޘާލަކަށް މުޙައްމަދު ، އިބްރާޙީމް ، ޢީސާ ، މޫސާ ، ނޫޙު ޢަލައިހިމުއްސަލާމް ) އަދި މިނޫނަސް އެބޭކަލުންގެ ނަންފުޅުތައް އެނގޭ ބޭކަލުންނަށް އީމާންވުމާއި ، އަދި ނަންފުޅުތައް އެނގެންނެއްކަމުގައި ވިޔަސް ޖުމްލަގޮތެއްގައި އެއްމެހާ ރަސޫލުންނަށް އީމާންވުން.
3 – ޞައްޙަ ގޮތުގައި އެބޭކަލުންގެ ކިބައިން އަހަރެމެންނާއި ހަމައަށް އައިސްފައިވާ އެންމެހައި ޚަބަރުތައް ތެދުކުރުން.
4 – އަހަރެމެންގެ ގާތަށް ފޮނުއްވުނު އެންމެފަހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމަ ގެންނެވި ޝަރީޢަތަށް ޢަމަލުކުރުން. އެކަލޭގެފާނަކީ ރަސޫލުކަން خَتِم ކުރެއްވި ސާޙިބާއެވެ.
ރަސޫލުންނަށް އީމާންވުމުގެތެރެއިން ލިބޭ ބައެއްފައިދާ :
- މީސްތަކުންނަށް ޙައްޤު މަގު ދެއްކެވުމަށާއި ، އަޅުކަންތައް އަދާކުރަންވީ ގޮތް މީސްތަކުންނަށް ބަޔާންކޮށްދެއްވުމަށް ރަސޫލުން ފޮނުއްވާފައިވުމުން ، އަޅުތަކުންގެ މައްޗަށް ވާ ﷲ ތަޢާލާގެ ރަޙުމަތާއި ޢިނާޔަތްތެރިކަން ހާމަވެގެންދެއެވެ.
- އަދި އެ ނިޢުމަތް ދެއްވިކަމަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުވެރިވުން.
– ނުނިމޭ – ( ދެން އޮތް ބައިގައި އިންޝާﷲ އާޚިރަތްދުވަހަށް އީމާންވުމާއި ބެހޭގޮތުން ގެނެސްދެވޭތޯ ބަލާނަމެވެ.)