އިސްލާމްދީން އަޅުގަނޑުމެންނަށް އަމުރުކުރަނީ ސާފު އިޢުތިޤާދުގެ މަތީގައި ތިބުމަށާއި އެންމެހާ ހަޑި މުޑުދާރުކަމުން ހިތް ސާފުތާހިރުކޮށް، އެއިން ދުރުވުމަށެވެ. އަދި ޝުބުހަތަކާއި ޝަހުވަތްތަކުން ހިތް ކިލަނބުކުރުން އިސްލާމްދީން ނަހީކުރެއެވެ. )ޝުބުހައަކީ: އެކަމަކީ ޙަލާލުކަމެއް ތޯ ނުވަތަ ޙަރާމްކަމެއް ތޯ ގިނަ މިހުންނަށް ނޭނގޭ އަދި އޮޅުންއަރާ ކަންކަމެވެ. އެކަންކަން އޮޅުން ފިލުވުމަށް ރުޖޫޢަވާން ޖެހޭނީ ޢިލްމުވެރިންނަށެވެ.)
ނަބީކަމުގެ ވޮށާ މީސްތަކުން ދުރުވެފައިވާ ޒަމާނެއްގައި ދީނުގައި ހިފެހެއްޓުމުގެ ޙާޖަތް މިއަދު މިވަނީ ވަރަށް ބޮޑުވެފައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((لاَ يَأْتِي عَلَيْكُمْ زَمَانٌ إِلَّا الَّذِي بَعْدَهُ شَرٌّ مِنْهُ)) [رواه البخاري]
މާނައީ: “ތިޔަބައިމީހުން އުޅޭ ދުވަސްވަރަށްވުރެ ދެން ޖެހިގެން އަންނަ ދުވަސްވަރު، އެއަށް ވުރެ ނުބައިވާނެއެވެ.”
ފިތުނައިގެ ހުތުރުކަމަކީ އެކަމުގެ ތެރެއަށް ވަދެއްޖެމީހަކު ކިލަނބުކޮށްލާ ކަމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((مَنْ تَشَرَّفَ لَهَا تَسْتَشْرِفْهُ)) [رواه البخاري]
މާނައީ: “އެކަމުގެ ތެރެއަށް (އެބަހީ: ފިތުނައިގެ ތެރެއަށް) ވަދެއްޖެމީހަކު ހަލާކުކޮށްލާނެއެވެ.”
ސީދާވެގެންވާ އިސްލާމްދީން އައިސްފައިވަނީ ދެ ނޫރުކަމުގައިވާ ކީރިތި ޤުރުއާނާއި ސުންނަތުގައި ހިފެހެއްޓުމަށް ބާރު އަޅަމުންނެވެ. އަދި އެ ނޫން ތަކެތީގެ ތެރެއިން ހިތް ފާސިދުކޮށްލާ ކަންކަންވަނީ ނަހީކުރަައްވާފައެވެ. ހިތުގެ ތެރެއަށް ޝުބުހައެއް ވަދެއްޖެނަމަ އެ ނެރުމަކީ އުނދަގޫ ކަމެކެވެ.
= ނުނިމޭ =
_________________________________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.