[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވާކަމުގައި ހެކިދިނުމަށް ގޮވައިލުން ނަންގަތް ބާބު – 3 –

عن ابن عباس رضى الله عنهما أن رسول الله صلى الله عليه وسلم لَمَّا بَعَثَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُعَاذًا إلى الْيَمَنِ، قال له: ((إِنَّكَ تَأْتِي قَوْمًا مِنْ أَهْلِ الْكِتَابِ، فَلْيَكُنْ أَوَّلُ مَا تَدْعُوهُمْ إِلَيْهِ شَهَادَةَ أَنْ لَا إِلَهَ إِلَّا اللَّهُ))

وفي رواية: ((إِلَى أَنْ يُوَحِّدُوا اللَّهَ فَإِنْ هُمْ أَطَاعُوا لِذَلِكَ فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي كُلِّ يَوْمٍ وَلَيْلَةٍ، فَإِنْ هُمْ أَطَاعُوا لِذَلِكَ فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً، تُؤْخَذُ مِنْ أَغْنِيَائِهِمْ، فَتُرَدُّ فِي فُقَرَائِهِمْ، فَإِنْ هُمْ أَطَاعُوا لِذَلِكَ، فَإِيَّاكَ وَكَرَائِمَ أَمْوَالِهِمْ، وَاتَّقِ دَعْوَةَ الْمَظْلُومِ، فَإِنَّهُ لَيْسَ بَيْنَهَا وَبَيْنَ اللَّهِ حِجَابٌ)) [أخرجاه في الصحيحين]

މާނައީ: މާތް ﷲ އެ ދެބަފައިކަނބަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބުން ޢައްބާސްގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم، މުޢާޛު رضى الله عنه ޔަމަނަށް ފޮނުއްވަމުން ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ކަލޭގެފާނު ތިޔަ ވަޑައިގަންނަވަނީ އަހުލުކިތާބީންގެ ބައެއްގެ ގާތަށެވެ. އެންމެ ފުރަތަމަ އެބައިމީހުންނަށް لَا إِلَهَ إِلَّا اللَّهُ އަށް (އެބަހީ: ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް) ހެކިދިނުމަށް ދަޢުވަތު ދެއްވާށެވެ.”

އެހެން ރިވާޔަތެއްގައި ވެއެވެ. “ﷲ އެއްކައުވަންތަ ކުރުމަށް ދަޢުވަތު ދެއްވާށެވެ. ފަހެ، އެކަމުގައި އެބައިމީހުން ކަލޭގެފާނަށް ކިޔަމަންތެރިވެއްޖެނަމަ، ކޮންމެ ރެޔަކާއި ދުވާލު ފަސް ނަމާދު އެބައިމީހުންގެ މައްޗަށް ﷲ ފަރުޟުކުރެއްވިކަން އަންގަވާށެވެ. ފަހެ، އެކަމުގައި އެބައިމީހުން ކަލޭގެފާނަށް ކިޔަމަންތެރިވެއްޖެނަމަ، އެބައިމީހުންގެ މައްޗަށް ﷲ ޒަކާތް ފަރުޟުކުރެއްވިކަން އަންގަވާށެވެ. ޒަކާތް ނެގޭނީ އެބައިމީހުންގެ ތެރެއިން މުއްސަނދިންގެ އަތުންނެވެ. އަދި އެ ޒަކާތް ދެވޭނީ އެބައިމީހުންގެ ތެރެއިން ފަޤީރުންނަށެވެ. ފަހެ އެކަމުގައި އެބައިމީހުން ކަލޭގެފާނަށް ކިޔަމަންތެރިވެއްޖެނަމަ، އެބައިމީހުންގެ އަގުބޮޑެތި، މޮޅެތި މުދަލުން ޒަކާތް ނެގުމުން ރައްކާތެރިވެލައްވާށެވެ. އަދި އަނިޔާ ލިބިފައިވާމީހާގެ ބަދުދުޢާއިން ސަލާމަތްވެލައްވާށެވެ. އެހެނީ ހަމަކަށަވަރުން އޭނާގެ އެބަދުދުޢާއާއި ﷲ އާ ދެމެދު އެއްވެސް ފަރުދާއެއް ނުވެއެވެ.”

 

ސުވާލު 4:

– بَعَثَ ގެ މާނައަކީ ކޮބައި ހެއްޔެވެ؟ އަދި އެކަލޭގެފާނު (އެބަހީ: މުޢާޛު رضي الله عنه) ފޮނުއްވީ ކީއްކުރަން ހެއްޔެވެ؟ އަދި އެކަލޭގެފާނު ފޮނުއްވީ ކޮންއިރަކު ހެއްޔެވެ؟

– އަހުލުކިތާބީންގެ މުރާދަކީ ކޮބައި ހެއްޔެވެ؟

– އަދި أَطَاعُوا لِذَلِكَ  އަދި افْتَرَضَ ގެ މާނައަކީ ކޮބައި ހެއްޔެވެ؟

– އަދި މިޙަދީޘްގައިވާ صَدَقَة ގެ މުރާދަކީ ކޮބައި ހެއްޔެވެ؟

– އަދި إِيَّاكَ މިބަހުގެ މާނައަކީ ކޮބައި ހެއްޔެވެ؟ އަދި كَرَائِمَ أَمْوَالِهِمْ އަކީ ކޮބާ ހެއްޔެވެ؟

– اتَّقِ دَعْوَةَ الْمَظْلُومِ ގެ މާނައަކީ ކޮބައި ހެއްޔެވެ؟

– މިބާބަށް (ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވާކަމުގައި ހެކިދިނުމަށް ގޮވައިލުން ނަންގަތް ބާބަށް) ދަލީލު ކުރަނީ މިޙަދީޘްގެ ކޮންބަޔަކުން ހެއްޔެވެ؟

– މިޙަދީޘުން ލިބޭ ފައިދާތައް ބަޔާންކޮށްދޭށެވެ؟

ޖަވާބު:

– މި ޙަދީޘްގައިވާ بَعَثَ އަކީ ނަބިއްޔާ صلى الله عليه وسلم މުޢާޛު رضي الله عنه  ޔަމަނަށް ފޮނުއްވުމެވެ. އެބަހީ: އެކަލޭގެފާނު (މުޢާޛު رضي الله عنه ) ފޮނުއްވީ އިސްލާމްދީނުގެ ދަޢުވަތުދެއްވާ އަދި އިސްލާމްދީން އުނގަންނައިދެއްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި އެބައިމީހުންގެ މެދުގައި ޙުކުމް ކުރައްވާ ޙާކިމެއްގެ ގޮތުގައެވެ. އެކަލޭގެފާނު ފޮނުއްވީ ހިޖުރައިން 10 ވަނަ އަހަރުގައެވެ.

– އަހުލު ކިތާބީންގެ މުރާދަކީ ޔަހޫދީންނާއި ނަޞާރާއިންނެވެ.

– أَطَاعُوا لِذَلِكَ  ގެ މާނައަކީ އެބައިމީހުން އެކަމަށް ހެކިވެ އަދި އެއާ އެއްގޮތަށް ޢަމަލު ކުރުމެވެ. (ކިޔަމަންތެރިވުމެވެ.) އަދި افْتَرَضَ ގެ މާނައަކީ ލާޒިމްވުން އަދި ވާޖިބުވެގެންވުމެވެ.

– މިޙަދީޘްގައިވާ صَدَقَة ގެ މުރާދަކީ ޒަކާތެވެ.

– إِيَّاكَ މިބަހުގެ މާނައަކީ “ތިބާ ހުށިޔާރުވާށޭ” މިއެވެ. އަދި كَرَائِمَ أَمْوَالِهِمْ އަކީ އެންމެ ރަނގަޅު އަދި އެންމެ މަންފާބޮޑު އަދި އެންމެ އަގުބޮޑު މުދަލެވެ.

– اتَّقِ دَعْوَةَ الْمَظْلُومِ ގެ މާނައަކީ ތިބާއާއި އެބައިމީހުންގެ ބަދުދުޢާއާ މެދުގައި ހުރަހެއް ލާށެވެ. އެއީ އަނިޔާވެރިކަން ދޫކޮށް، ޢަދުލުވެރިކަން ޤާއިމްކުރައްވައިގެންނެވެ.

– މިބާބަށް (ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވާކަމުގައި ހެކިދިނުމަށް ގޮވައިލުން ނަންގަތް ބާބަށް) ދަލީލު ކުރަނީ: ((فَلْيَكُنْ أَوَّلُ مَا تَدْعُوهُمْ إِلَيْهِ شَهَادَةَ أَنْ لَا إِلَهَ إِلَّا اللَّهُ))

މާނައީ: “އެންމެ ފުރަތަމަ އެބައިމީހުންނަށް ” لا إله إلا الله”  އަށް (އެބަހީ: ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް) ހެކިދިނުމަށް ދަޢުވަތު ދެއްވާށެވެ.

– މިޙަދީޘުން ލިބޭ ފައިދާތައް:

(1) ދީނުގެ ވާޖިބުތަކުގެ ތެރެއިން އެންމެ ފުރަތަމަ ވާޖިބަކީ ތައުޙީދެވެ. (އެބަހީ: ﷲ އެއްކައުވަންތަ ކުރުމެވެ.) ދީނުގެ ހުރިހާ ކަމެއްގެ ކުރިން އަދި ކިއެއްތަ، ނަމާދަށްވުރެވެސް ކުރިން ތައުޙީދަށް ގޮވައިލުމެވެ.

(2) ދީނުގެ ތަޢުލީމު ދިނުމުގައި ތަރުތީބުން ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުން. އަދި ދީނަށް ގޮވައިލުމުގައި އެންމެ ފުރަތަމަ އެންމެ މުހިއްމު މައްސަލަ ބަޔާންކޮށްދިނުން. ދެން އެއާއި ޖެހިގެންވާ މައްސަލަތައް މުހިންމުކަމުގެ ތަރުތީބުން ބަޔާންކޮށްދިނުން.

(3) ނަމާދަކީ ޝަހާދަތުގެ ދެކަލިމައަށް ފަހުގައި، އިންސާނާ އަދާކުރަންޖެހޭ އެންމެ މަތިވެރި ވާޖިބެވެ.

(4) ޒަކާތަކީ ނަމާދަށްފަހު އެންމެ ވާޖިބުކަން ބޮޑު ރުކުނެވެ.

(5) ޒަކާތް ނެގޭނީ މުއްސަނދިން އަތުންނެވެ. އަދި އެ ޒަކާތް ދެވޭނީ ފަޤީރުންނަށެވެ. (އަދި ކީރިތި ޤުރުއާނުގައި އަންގާވާފައިވާ އުޞޫލުންނެވެ.)

(6) ޒަކާތް ނެގުމުގައި ހަރަކާތްތެރިވާ ފަރާތުން، އެހެން މީސްތަކުންގެ އަތުން ޒަކާތް ނަގާއިރު (މިސާލަކަށް ގެރިބަކަރިން ޒަކާތް ނަގާއިރު) އެމީހުންގެ އަތުގައިވާ އެންމެ މޮޅެތި، އެންމެ ރީތި، އެންމެ އަގުބޮޑު އަދި އެންމެ މަންފާބޮޑު މުދާ ނެގުން ހަރާމްވެގެންވެއެވެ.

(7) އެހެން މީސްތަކުންނަށް އަނިޔާވެރިވުމަކީ ޙަރާމް ކަމެއްކަމާއި އަނިޔާ ލިބިފައިވާމީހާގެ ބަދުދުޢާއިން ރައްކާތެރިވުން. އެހެނީ އަނިޔާ ލިބިފައިވާމީހާގެ ދުޢާއަކީ އެ ދުޢާއާއި ﷲ އާ ދެމެދު އެއްވެސް ފަރުދާއެއް ނުވާ ދުޢާއެކެވެ.

*  *  *  *

–އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

 

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް