ފުރިހަމަ ނަން: މުޙައްމަދު ބުން ޢަބްދުﷲ ބުން ޢަބްދުއްރަޙްމާން ބުން މުޙައްމަދު އަލްޢަޖްލާން
އުފަންވީ: ހިޖުރައިން 1360 ވަނަ އަހަރު، ޤަޞީމުގެ ޢުޔޫނުލްޖިވާގައި
އަވަހާރަވީ: 11 ރަބީޢުލްއާޚިރު 1440 – 18 ޑިސެމްބަރު 2018 ވީ އަންގާރަ ދުވަހު، މައްކާގައި
ޢިލްމު ޙާޞިލުކުރެއްވުން:
ޝައިޚު މަދުރަސީ ތަޢުލީމު ފެއްޓެވީ މަދްރަސަތުލް ބުރައިދާ އަލްފައިޞަލިއްޔާގައެވެ. އެއަށްފަހު، މަޢުހަދުލް ބުރައިދާ އަލްޢިލްމީގައި ކިޔަވާ ވިދާޅުވިއެވެ. ދެން 1383 ވަނަ އަހަރު، ރިޔާޟުގެ ކުއްލިއްޔަތުއް ޝަރީޢާއިން ތަޚައްރުޖުވެވަޑައިގެންނެވިއެވެ.
މިސްކިތްތަކުގައި ގިނަ ޢަދަދެއްގެ އުސްތާޛުންގެ އަރިހުން ޝައިޚު ކިޔަވާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އައްޝައިޚް ޢަބްދުﷲ ބުން ޙުމައިދާއި އައްޝައިޚް ޢަލީ ބުން އިބްރާހީމް އަލްމުޝައިޤިޙާއި ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ، އައްޝައިޚް މުޙައްމަދު ބުން އިބްރާހީމް ހިމެނެއެވެ. رحمهم الله.
ޝައިޚު އަދާކުރެއްވި ވަޒީފާތަކާއި ކުރެއްވި ކަންކަން:
- 1382 ވަނަ އަހަރު މަޢުހަދު އަލްމަދީނަތުލް ޢިލްމީގެ މުދައްރިސެއްގެ ގޮތުގައި ކިޔަވައިދެއްވަން ފެއްޓެވިއެވެ. އަދި އެތަނުގައި ތިން އަހަރު މަސައްކަތް ކުރެއްވިއެވެ.
- 1385 ވަނަ އަހަރު ނަޖްރާނުގައި އަލްމަޢުހަދުލް ޢިލްމީ ހުޅުއްވުމަށް އެތަނަށް ފޮނުއްވުނެވެ. އެއަށްފަހު، ޙަފަރުލްބާޠިނުގެ އަލްމަޢުހަދުލް ޢިލްމީގެ ފުރަތަމަ އަހަރު އެތަނުގެ އިދާރާއާ ހަވާލުވެ ހުންނެވިއެވެ. ދެން އެއަށްފަހު، މައްކާއަށް ވަޑައިގެން، އެތަނުގެ އަލްމަޢުހަދުލް ޢިލްމީގައި މަސައްކަތްކުރެއްވިއެވެ.
- 1388 ވަނަ އަހަރު މަޢުހަދުލް އިދާރާއިން އިނގިރޭސި ބަސް ކިޔެވުމަށް ރިޔާޟަށް ފޮނުއްވުނެވެ.
- އެއަށްފަހު އިމާރާތުގެ (ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ) ރައުސުލްޚައިމާގައި މަޢުހަދެއް ހުޅުއްވާ، އެތަން ހިންގެވުމަށް ރައުސުލްޚައިމާއަށް ފޮނުއްވުނެވެ.
- 1402 ގައި ރައުސުލްޚައިމާގެ މަޢުހަދުގެ ޤިސްމުލް ޖާމިޢީގައި ފިޤުހު ކިޔަވައިދެއްވަމުން، ރިޔާސަތު އަލްމަޙްކަމަތުއްޝަރްޢިއްޔާ ބެހެލެއްޓެވުމާ ހަވާލުވެ ވަޑައިގެންނެވިއެވެ.
- 1413 ވަނަ އަހަރު ޝައިޚު އަމިއްލަފުޅަށް އެދިވަޑައިގެން މައްކާއަށް ބަދަލުވިއެވެ. އަދި މައްކާގެ އަލްމަޙްކަމަތުލް ކުބްރާގެ ޤާޟީއަކަށް ޢައްޔަނު ކުރެވުނެވެ.
- މަސްޖިދުލް ޙަރާމުގައި ކިޔަވައިދެއްވުމަށް ވަގުތު ހުސްކުރެއްވުމަށްޓަކައި ވަޒީފާއިން ވަކިވުމަށް ޝައިޚު އެދިވަޑައިގަތުމުން 1422 ވަނަ އަހަރު އެކަން ހަމަޖައްސަވައިދެއްވިއެވެ.
މީގެ އިތުރުން ޖާމިޢަތުލް އިމާމުގެ ފަރާތުން އިންޑޮނޭޝިއާ، މެލޭޝިއާ، ޖަޕާން އަދި ޗައިނާއަށް ވަޑައިގެން، އެތަންތަނުގައި ޢިލްމީ ދަރުސްތައް ދެއްވިއެވެ. އަދި ހޮންކޮންގްގެ މިސްކިތުގައި ޚުޠުބާ ދެއްވާ، އެތަނުގެ މުސްލިމުންނާއެކު އިމާމުވެ ހުކުރު ނަމާދު ކުރެއްވިއެވެ. އަދި ހޫނު މޫސުމުގައި، رئاسة البحوث العلمية ގެ ފަރާތުން ޢުމާން، ބަޙްރައިން، ޔަމަން އަދި ޤަޠަރަށް ވަޑައިގެން އެތަންތަނުގައި ދަޢުވަތުދޭ މަރުކަޒުތަކުގައި މަސައްކަތް ކުރެއްވިއެވެ.
އަދި ޝައިޚުވަނީ މައްކާގެ ޖާމިޢަތު އުންމުލްޤުރާގައި ފިޤުހު ކިޔަވައިދެއްވާފައެވެ. އަދި ރައުސުލްޚައިމާގައި ޚުޠުބާ ދެއްވާ ހުކުރު ނަމާދާއި ޢީދު ނަމާދުވެސް ކުރެއްވިއެވެ.
އަދި މީގެ އިތުރުން ޙައްޖާ ބެހޭގޮތުން އަލްމަސްޖިދުލްޙަރާމުގެ ފަރާތުން ހިންގާ ހޭލުންތެރިކުރުމުގެ މަސައްކަތްތައް އިޝްރާފުކުރެއްވުމާ ހަވާލުވެ، 22 އަހަރު ވަންދެން ހުންނެވިއެވެ. އަދި މައްކާގެ ވަރަށް ގިނަ މިސްކިތްތަކުގައި ޚުޠުބާ ދެއްވިއެވެ. އަދި إذاعة رأس الخيمة އާއި الإذاعة السعودية އަދި އިމާރާތުގައި ޓީވީ ޗެނަލްތަކުގައި ޢިލްމީ ޕްރޮގްރާމްތައް ހުށަހަޅުއްވައި ދެއްވިއެވެ.
އަލްމަސްޖިދުލްޙަރާމްގައި އިމާމުވެ ނަމާދުކުރެއްވުން:
1389 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 8 ވީ ހޮނިހިރު ދުވަހުގެ ފަތިހު، މަގުތަކުގައި ދުއްވާ އެއްޗެހި ގިނަވެ، މަގުތައް ބާރު ބޮޑުވުމުގެ ސަބަބުން އިމާމަށް މިސްކިތަށް ވަޑައިނުގެންނެވުމުން، އަލްމަސްޖިދުލް ޙަރާމްގައި، ފަތިސްނަމާދު އިމާމުވެ ކުރެއްވީ ޝައިޚް މުޙައްމަދު އަލްޢަޖްލާނެވެ.
ޝައިޚު ދެއްވި ދަރުސްތައް:
އަލްމަސްޖިދުލްޙަރާމްގައި ފިޤުހާއި، ފަރާއިޟާއި، ސިޔަރަތުއް ނަބަވިއްޔާ ކިޔަވައިދެއްވިއެވެ. އަދި ޢިޝާ ނަމާދުގެ ފަހުން ދަރުސްއަށްފަހު، ޙައްޖުވެރިންނާއި ޢުމްރާވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަވަންވެސް އިންނެވިއެވެ. ޝައިޚު މަސްޖިދުލްޙަރާމްގައި ދަރުސް ދެއްވާތާ 25 އަހަރު ވެއްޖެއެވެ.
ޝައިޙުގެ ބައެއް ދަރުސްތައް ބެއްލެވުމަށް: 1 ، 2
ޝައިޚު ކިޔަވައިދެއްވި ފޮތްތައް:
– كتاب فقه المواريث عدة الباحث تأليف الشيخ عبدالعزيز بن رشيد
-كتاب روضة الأنوار في سيرة النبي المختار تأليف صفي الدين المباركفوري
– كتاب شرح منتهي الإرادات المتن للشيخ الفتوحي الشهير بابن النجار والشرح للشيخ منصور بن يونس البهوتي
އަވަހާރަވުން:
ޝައިޚް އަވަހާރަވީ 11 ރަބީޢުލްއާޚިރު 1440 ވީ އަންގާރަ ދުވަހު މައްކާގައެވެ. އަވަހާރަވީއިރު އުމުރުފުޅު 80 އަހަރާ ގާތްކުރެއެވެ. އަދި ޝައިޚުގެ މައްޗަށް ކަށުނަމާދު ކުރެވުނީ ޖެހިގެންއައި ދުވަހުގެ މެންދުރު ނަމާދަށްފަހު، އަލްމަސްޖިދުލްޙަރާމްގައެވެ. އަދި ފަސްދާނުލެވުނީ މައްކާގެ ޝުހަދާއުލްޙަރަމް ޤަބުރުސްތާނުގައެވެ.
اللهم اغفر له واعف عنه وأكرم نزله وتقبل منه.
މަޞްދަރު: أئمة المسجد الحرام في العهد السعودي لعبدالله بن أحمد آل علاف الغامدي (ص: 566 – 569)