ޢިއްޒަތުގެ މަންޒިލެއްގައި ހުރި އިބްލީސް، އެކަމުން ދުރުކޮށްލެވުނީ އޭނާ އެންމެ ސަޖިދައެއް ކުރުން ދޫކޮށްލުމުންނެވެ. އަދި އާދަމުގެފާނު ސުވަރުގެއިން ނެރެލެވުނީ އެންމެ ކެއުމެއް ކައިގެންނެވެ. އަދި ބުޅަލެއް ބަންދުކޮށްގެން (އެމަރުވަންދެން އެއަށް ކާންނުދީ) ގެންގުޅުނު އަންހެނަކު ނަރަކައަށް ވެއްދުނެވެ. އަދި އެމީހެއްގެ އިޒާރު ދަމަމުން ހިނގާފައި ދިޔަ މީހަކު ގަންބަވައިގަތެވެ. ޤިޔާމަތާ ޖެހެންދެން އޭނާ އެތަނުގައި ގެނބެމުން ދާނެއެވެ.
ފާފައަކީ މިފަދަ އެއްޗެކެވެ. ހަލާކުގެ ތެރެއަށް އެއްލާލާނެއެވެ. ފަހެ ތިބާގެ ފާފަތަކާމެދު ބިރުވެތިވާށެވެ. ފާފަކުރާ މީހާއަށް ފާފައަކީ ކުޑަކަމެއްކަމުގައި ހީވުމަކީ ހަލާކުވުމުގެ ޢަލާމާތެކެވެ. އަޅާގެ ކުރިމަތީގައި ފާފަތައް ކުޑަވާ ވަރަކަށް، ﷲ ގެ ޙަޟްރަތުގައި އެކަން ބޮޑުވެގެންދެއެވެ. ފަހެ މީސްތަކުން ކުޑަފާފަތައްކަމުގައި ދެކޭ ކަންކަމަށް ބިރުވެތިވާށެވެ. އެހެނީ އެފާފަތައް ގިނަވެއްޖެނަމަ އެމީހަކު ހަލާކުވެގެން ހިނގައިދާނެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«فَإِنَّمَا مَثَلُ مُحَقَّرَاتِ الذُّنُوبِ كَقَوْمٍ نَزَلُوا فِي بَطْنِ وَادٍ، فَجَاءَ ذَا بِعُودٍ، وَجَاءَ ذَا بِعُودٍ حَتَّى أَنْضَجُوا خُبْزَتَهُمْ » [رواه أحمد وصححه الألباني]
މާނައީ: “ފަހެ ކުދިފާފަތަކަށް ބެލެވޭ ފާފަތަކުގެ މިޘާލަކީ ވާދީއެއްގެ މެދަށް ފޭބި ބައެއްގެ މިޘާލެވެ. ފަހެ (އޭގެ ތެރެއިން މީހަކު) ދަރުކޮޅެއް ހިފައިގެން އާދެއެވެ. އަދި (އެހެން މީހަކުވެސް) ދަރުކޮޅެއް ހިފައިގެން އާދެއެވެ. އެބައިމީހުންނަށް އޭގެން ރޮށި ފިހެވޭވަރަށް (ދަރު) އެއްކުރެވެންދެނެވެ.”
ފާޅުކޮށް ފާފަކުރުމުން ނުވަތަ އެފާފައަކީ މާ ކުޑަކަމެއްގައި ދެކުމުން ނުވަތަ އެއާމެދު އުފާކުރުމުން ނުވަތަ ﷲ ތަޢާލާ އެފާފަ ވަންހަނާކޮށްދެއްވުމުން އެއީ އެއްވެސް ކަމެއް ނޫންކަމުގައި ދެކުމަކީ ފާފަ އިތުރަށް ބޮޑުވެގެންދާ ކަންކަމެވެ.
އަނަސް ބުން މާލިކު ވިދާޅުވިއެވެ.
“ހަމަކަށަވަރުން ތިޔަބައިމީހުން ކުރާ ބައެއް ޢަމަލުތަކަކީ ތިޔަބައިމީހުންގެ ކުރިމަތީގައި އިސްތަށްޓަކަށްވުރެވެސް ކުޑަ އެއްޗެއްކަމުގައި ތިޔަބައިމީހުންނަށް ހީވެއެވެ. އެހެނަސް އެފަދަ ފާފަތަކަކީ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ދުވަސްވަރުގައި ތިމަން ބޭކަލުން ދެކެވަޑައިގަތީ އެކަންކަމީ ހަލާކުކުރުވަނިވި (ބޮޑެތި) ފާފަތައްކަމުގައެވެ.” [رواه البخاري]
= ނުނިމޭ =
_________________________________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.