މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
ކެތްތެރިކަމުގެ ފޮނި ނަތީޖާ
މި ސޫރަތުގެ މުހިއްމު ނުކުތާތައް
- އިސްވެދިޔަ އުއްމަތްތަކުގެ ވާހަކަތައް އެހާ ތަފްޞީލްކޮށް ނަބިއްޔާ صلى الله عليه وسلم ބަޔާންކޮށްދެއްވައިފައިވުމުން އެކަލޭގެފާނުގެ ނުބުއްވަތުގެ ތެދުކަން ހާމަވެއެވެ.
- ހަސަދަވެރިކަމުގެ އާޚިރު ނަތީޖާއަކީ ހަސަދަލާމީހުން ދެރަވެ ނިކަމެތިވެގެން ދިޔުމެވެ.
- ޢިއްފަތްތެރިންނަށް ދުނިޔެއާއި އާޚިރަތުގައިވެސް މޮޅުކަމާއި މަތިވެރިކަން ލިބޭނެއެވެ.
- ދޮގު ހެދުމުން އާޚިރުގައި ލިބޭނީ ދެރައާއި ހިތާމައެވެ. ޔޫސުފުގެފާނުގެ އަޚުންނާއި العزيز ގެ އަނބިކަނބަލުންނަށް ކުރިމަތިވާ ކަންކަމަކީ މިކަމުގެ ހެއްކެކެވެ.
- ޢިލްމު އުނގެނުމުގެ މުހިއްމުކަން މި ސޫރަތުން އެނގެއެވެ. ޔޫސުފުގެފާނުވަނީ ޔަޢުޤޫބުގެފާނުގެ ޝަރީޢަތާއި މިޞްރުގެ ޤާނޫނުތައް އުނގެނިވަޑައިގެންފައެވެ.
- މާތް ﷲގެ ރަޙްމަތުން ނާއުއްމީދުވުމުގެ ނުބައިކަން ބަޔާންވެފައިވެއެވެ.
- ނަބީބޭކަލުންނާއި އެބޭކަލުންނަށް ތަބަޢަވާ މުއުމިނުންނަށް އިމްތިޙާންތައް ކުރިމަތިވުމަކީ ކައުނީ ސުންނަތެކެވެ.
- މަޢާފުކުރުމުގެ މާތްކަން ބަޔާންވެގެންވެއެވެ. އަދި އެއީ ޞާލިޙް އަޅުތަކުންގެ ސިފައެއްކަން މިސޫރަތުން އެނގެއެވެ.
- ކަމެއް ހިންގެވުމަށް ﷲ އިރާދަކުރައްވާފައިވާ ގޮތަކަށް އެކަމެއް ހިނގާނެއެވެ. އެނޫން ގޮތަކަށް އެކަން ހިނގުމަށް އަޅާ ބޭނުންވިކަމުގައިވިޔަސް މެއެވެ.
﴿وَاللَّـهُ غَالِبٌ عَلَىٰ أَمْرِهِ﴾ [سورة يوسف 21]
މާނައީ: “އަދި ﷲ އީ، އެއިލާހުގެ ކަންތައްތައް ހިންގެވުމުގައި، ބާރުވެރިވަންތަ އިލާހެވެ.”
މި ސޫރަތުން ލިބިދޭ ބައެއް ޢިބްރަތްތައް
- އިޙްސާންތެރިވުމާއި މީސްތަކުންނަށް ހެޔޮފޯރުވުމުގެ ވާހަކަ މިސޫރަަތުގައި އެތަކެއް ފަހަރު އައިސްފައިވެއެވެ.
وَلَمَّا بَلَغَ أَشُدَّهُ آتَيْنَاهُ حُكْمًا وَعِلْمًا ۚ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿22﴾ [سورة يوسف 22]
މާނައީ: “އެކަލޭގެފާނު ފުރާ ފުރިހަމަވީހިނދު، ތިމަންއިލާހު އެކަލޭގެފާނަށް حكمة އާއި، علم ދެއްވީމެވެ. إحسان ތެރިންނަށް ތިމަންއިލާހު ޖަޒާދެއްވަނީ އެފަދައިންނެވެ.”
وَدَخَلَ مَعَهُ السِّجْنَ فَتَيَانِ ۖ قَالَ أَحَدُهُمَا إِنِّي أَرَانِي أَعْصِرُ خَمْرًا ۖ وَقَالَ الْآخَرُ إِنِّي أَرَانِي أَحْمِلُ فَوْقَ رَأْسِي خُبْزًا تَأْكُلُ الطَّيْرُ مِنْهُ ۖ نَبِّئْنَا بِتَأْوِيلِهِ ۖ إِنَّا نَرَاكَ مِنَ الْمُحْسِنِينَ﴿٣٦﴾
މާނައީ: “އަދި (ރަސްގެފާނުގެ خادم ންގެ ތެރެއިންވާ) ދެކުއްޖަކުވެސް އެކަލޭގެފާނުގެ އަރިހުގައި ޖަލަށްލެވުނެވެ. އޭގެ ތެރެއިން އެކަކު ދެންނެވިއެވެ. ހަމަކަށަވަރުން، ރާހެދުމަށް، ތިމަން މޭބިސްކަދުރުން ދިޔަ ފެލާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. އަދި އަނެކަކު ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންގެ ބޮލުގައި ރޮށިތަކެއް ބަހައްޓައިގެން ދަނިކޮށް، ދޫނި އެއިން ކާތީ ތިމަންނާއަށް ހުވަފެނުން ފެނުނެވެ. މިކަމުގެ މާނަ ތިމަންމެންނަށް ކަލޭގެފާނު ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، ތިމަންމެން ކަލޭގެފާނު ދެކެނީ، إحسان ތެރިންގެ ތެރެއިންވާ ބޭކަލަކު ކަމުގައެވެ.”
وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي الْأَرْضِ يَتَبَوَّأُ مِنْهَا حَيْثُ يَشَاءُ ۚ نُصِيبُ بِرَحْمَتِنَا مَن نَّشَاءُ ۖ وَلَا نُضِيعُ أَجْرَ الْمُحْسِنِينَ ﴿٥٦﴾
މާނައީ: “އެފަދައިން އެކަލޭގެފާނު ބޭނުންފުޅު ތަނެއްގައި ހުންނެވޭނެ ގޮތަށް ތިމަންއިލާހު އެކަލޭގެފާނު (مصر ގެ) ބިމުގައި ބާރުވެރި ކުރެއްވީމެވެ. ތިމަންއިލާހު އިރާދަކުރައްވާ ބަޔަކަށް، ތިމަންއިލާހު رحمة ލައްވަމެވެ. އަދި إحسان ތެރިންގެ ދަރުމަ، ތިމަންއިލާހު ގެއްލެނި ނުކުރައްވާ ހުށީމެވެ.”
قَالُوا يَا أَيُّهَا الْعَزِيزُ إِنَّ لَهُ أَبًا شَيْخًا كَبِيرًا فَخُذْ أَحَدَنَا مَكَانَهُ ۖ إِنَّا نَرَاكَ مِنَ الْمُحْسِنِينَ ﴿٧٨﴾
މާނައީ: “އެބައިމީހުން ދެންނެވިއެވެ. އޭ العزيز އެވެ! ހަމަކަށަވަރުން، އޭނާގެ قدر ވެރި މުސްކުޅި ބައްޕައެއްވެއެވެ. ފަހެ، ތިމަންމެންގެ ތެރެއިން އެކަކު އޭނާގެ ބަދަލުގައި ހިފަހައްޓަވާށެވެ! ހަމަކަށަވަރުން، ތިމަންމެން ކަލޭގެފާނު ދެކެނީ، إحسان ތެރިންގެ ތެރެއިންނެވެ.”
قَالُوا أَإِنَّكَ لَأَنتَ يُوسُفُ ۖ قَالَ أَنَا يُوسُفُ وَهَـٰذَا أَخِي ۖ قَدْ مَنَّ اللَّـهُ عَلَيْنَا ۖ إِنَّهُ مَن يَتَّقِ وَيَصْبِرْ فَإِنَّ اللَّـهَ لَا يُضِيعُ أَجْرَ الْمُحْسِنِينَ ﴿٩٠﴾
މާނައީ: “އެބައިމީހުން ދެންނެވިއެވެ. ހަމަކަށަވަރުން، ތިޔައީ يوسف ގެފާނު ތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަކީ، يوسف ގެފާނީމެވެ. އަދި މިއީ ތިމަންކަލޭގެފާނުގެ أخ އާއެވެ. ހަމަކަށަވަރުން، اللَّه ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންފިއެވެ. ހަމަކަށަވަރުން، تقوى ވެރިވެ ކެތްތެރިވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، إحسان ތެރިންގެ ދަރުމަ، اللَّه ގެއްލެނި ނުކުރައްވާނެއެވެ.”
- ﷲ ތަޢާލާ ޔޫސުފް އަލައިހިއްސަލާމް އަށް ދެއްވި ނިޢުމަތްތަކާއި ހުނަރުތައް ބޭނުން ކޮށްގެން ﷲގެ މަގަށް ދަޢުވަތު ދެއްވިއެވެ. މިގޮތުން އެކަލޭގެފާނަށް މާތްﷲ ދެއްވި ހުވަފެން ތައުބީރު ކުރުމުގެ ޢިލްމު އެކަލޭގެފާނު ބޭނުން ކުރައްވާފައިވަނީ ﷲގެ މަގަށް ދަޢުވަތު ދިނުމުގައެވެ. މާއްދީ ފައިދާ އަކަށް ނޫނެވެ.
- ޔަޢުޤޫބް އަލައިހިއްސަލާމް ވަރަށް ފުރިހަމައަށް މާތް ﷲ އަށް ވަކީލުކުރެއްވިކަން މިސޫރަތުން އެނގިގެންދެއެވެ. މިގޮތުން ކަންކަމުގައި މާތްﷲ އަށް އިތުބާރު ކުރައްވާ، ސަބަބު ތަކުގައި ހިއްޕެވިއެވެ. އެކަލޭގެފާނު ދަރިން ހަސަދަވެރިންގެ ނުބައިކަމުން ސަލާމަތްކުރުމުގެ ފިޔަވަޅެއްގެ ގޮތުން، އެއްދޮރަކުން ނުވަންނަން އަމުރު ކުރެއްވިއެވެ.
- ޔައުޤޫބުގެފާނަށް މުސީބާތަކަށް ފަހު މުސީބާތެއް ޖެހެމުން ދިޔަ އިރުވެސް، އެކަލޭގެފާނު މާތް ﷲ އާމެދު ގޯސްކޮށް ހީ ނުކުރައްވައެވެ. އަދި ކިއެއްތަ، މުސީބާތްތައް އިތުރުވި ވަރަކަށް މާތް ﷲ އާއިމެދު ރަނގަޅު ހީތައް ކުރުން އިތުރުކުރެއްވިއެވެ.
﴿عَسَى اللَّـهُ أَن يَأْتِيَنِي بِهِمْ جَمِيعًا﴾
މާނައީ: “ﷲ އެއެންމެން ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދެއްވާށިއެވެ.”
﴿وَقَالَ نِسْوَةٌ فِي الْمَدِينَةِ امْرَأَتُ الْعَزِيزِ تُرَاوِدُ فَتَاهَا عَن نَّفْسِهِ﴾
މާނައީ: “(މިކަންތަކުގެ ޚަބަރު ފެތުރިގެން ދިއުމުން) ރަށުތެރޭގެ އަންހެނުންގެ ބަޔަކު ބުންޏެވެ. ޢަޒީޒްގެ އަންހެނުން އެކަނބުލޭގެ އަޅުކުއްޖާގެ ކިބައިން ނުބައި ކަންތަކަށް އެދެނީއެވެ.”
ރަށުތެރޭގެ އަންހެނުން އެއަންހެނާގެ ނަން ސީދާ ނުބުނެއެވެ. އެކަމަކު އެމީހުން ބުނީ “ޢަޒީޒްގެ އަންހެނުން” މިގޮތަށެވެ. އެއީ އެބައި މީހުން ބޭނުންވީ މިޚަބަރު ވީހާވެސް ބޮޑަށް ފެތުރިގެން ދިއުމެވެ. މަތީ މަޤާމުތަކުގައި ތިބޭ މީހުނާއި ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް އަހަން އިންސާނުންގެ ނަފްސުތަށް ވަރަށް ބޮޑަށް ބޭނުންވެއެވެ. އެފަދަ ވާހަކަތަކަށް މީސްތަކުން ވަރަށް އަވަހަށް ލެނބެއެވެ.
- ﴿قَالَ يَا بُنَيَّ لَا تَقْصُصْ رُؤْيَاكَ عَلَىٰ إِخْوَتِكَ فَيَكِيدُوا لَكَ كَيْدًا ﴾
މާނައީ: “އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ. ތިބާއަށް ފެނުނު ހުވަފެން ތިބާގެ ބޭބެމެނަށް ކިޔައިނުދޭށެވެ. ފަހެ އެބައިމީހުން ތިބާއަށް ނުބައި ރޭވުމެއް ރާވައިފާނެއެވެ.”
ތިބާގެ ބައްޕަ އަބަދުވެސް ތިބާއަށް ހެޔޮ އެދޭނެއެވެ. ނަމަވެސް ތިބާގެ އަޚާ ފަހަރުގައި ތިބާ ކުރިއެރުމަށް ނޭދިދާނެއެވެ.
- ﴿وَاسْتَبَقَا الْبَابَ وَقَدَّتْ قَمِيصَهُ مِن دُبُرٍ وَأَلْفَيَا سَيِّدَهَا لَدَى الْبَابِ﴾
މާނައީ: “އަދި އެ ދެމީހުންމެ ދޮރާ ދިމާއަށް އަވަސްވެގެންފިއެވެ. އަދި އެކަނބުލޭގެ އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން (ހިފައި) ވީދައިލިއެވެ. އަދި ދޮރުކައިރިން އެކަނބުލޭގެ ފިރިމީހާ އެ ދެމީހުންނަށް ފެނުނެވެ.”
ޔޫސުފްގެފާނަކީ ޢަޒީޒްގެ އަޅެއްކަމުގައި ވީނަމަވެސް، މި އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ “سَيِّدَهَا” އެވެ. އެކަނބުލޭގެގެ ސާހިބު މީހާ މިހެންނެވެ. “سَيِّدَهَما” އެދެމީހުންގެ ސާހިބުމީހާ މިގޮތަށް ވަޙީ ނުކުރައްވައެވެ. އެއީ މުސްލިމެއްގެ މައްޗަށް ކާފިރެއްގެ ސާހިބުވަންތަކަން ނުވާތީއެވެ.
- އުމުރުން ދުވަސްވީ މީހުންގެ ކިބައިން މާފު ހޯދުމަށްވުރެ، ޒުވާނުންގެ ކިބައިން މާފު ހޯދަން މާފަސޭހަ ވާނެއެވެ. ޔޫސުފްގެފާނަށް އަނިޔާވެރިވި އަޚުން އެކަލޭގެފާނުގެ ކިބައިން މާފަށް އެދުމުން މާފު ކޮށްދެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
﴿لَا تَثْرِيبَ عَلَيْكُمُ الْيَوْمَ﴾
މާނައީ: “މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ.”
އެއަޚުން އެމީހުންގެ ބައްޕާފުޅު ޔަޢުޤޫބްގެފާނުގެ ކިބައިން މާފަށް އެދުމުން ޔަޢުޤޫބުގެފާނު ދެންނެވީ މިފަދައިންނެވެ.
﴿سَوْفَ أَسْتَغْفِرُ لَكُمْ رَبِّي﴾
މާނައީ: “ތިޔަބައިމީހުންނަށް ފާފަފުއްސެވުމަށް އެދި ތިމަންކަލޭގެފާނުގެ ވެރިރައްބުގެ حضرة އަށް دعاء ކުރައްވާ ހުށީމެވެ.”
- ﴿وَقَدْ أَحْسَنَ بِي إِذْ أَخْرَجَنِي مِنَ السِّجْنِ وَجَاءَ بِكُم مِّنَ الْبَدْوِ مِن بَعْدِ﴾
މާނައީ: “އަދި ތިމަން ޖަލުން ނެރުއްވުމާއި ބަދަވީންގެ ދިރިއުޅުމުން ތިޔަބައި މީހުން ގެންނެވިކަމާއި، މި ހުރިހަ ކަމެއްގައި ތިމަންނާއަށް އެއިލާހު ރަނގަޅު ގޮތް މެދުވެރިކޮށް ދެއްވިއެވެ.”
މިތަނުގައި ޔޫސުފްގެފާނު ޒިކުރު ކުރެއްވީ ޖަލުން ނެރުއްވި ވާހަކައެވެ. އެކަލެގެފާނު އެވަޅު ތެރެއިން ސަލާމަތްވާނެ ގޮތް މިންވަރު ކުރެއްވި ވާހަކަ ޒިކުރު ނުކުރައްވައެވެ. އެހަނދާންތައް އެފަދަ ވަގުތެއްގައި ގެނައުން މުނާސަބެއް ނުނެވެ. އެހަނދާން ތަކުރާރު ކުރުމަކީ އެކަލޭގެފާނުގެ އަޚުން ކުޑައިމީސްކުރެވޭނެ ކަމެއްކަމުގައި ވާތީއެވެ. ޔޫސުފްގެފާނު އެނިއުމަތުގެ ވާހަކަ ނުދެއްކެވީއެވެ.
____________________________________________________
މަޞްދަރު: أول مرة أتدبر القرآن