މުޙައްމަދު ބުން އަލްމުންކަދިރު މަރަށް ޙާޟިރުކުރެއްވުނު ވަގުތުގައި ކީރިތި ކުރެއްވިއެވެ. ފަހެ އެކަލޭގެފާނަށް ދެންނެވުނެވެ. ކަލޭގެފާނު ތިޔަ ކީރިތި ކުރައްވަނީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނު މި ކީރިތި ކުރައްވަނީ ތިމަންކަލޭގެފާނަށް ފާފައެއް ކުރެވިފައިވާތީއެއް ނޫނެވެ. އެހެނަސް ތިމަންކަލޭގެފާނު ބިރުފުޅުގަންނަނީ ފާފައެއް ކުރެވުނުއިރު، އެކަމަކީ ﷲ ގެ ޙަޟްރަތުގައި ބޮޑުކަމެއްކަމުގައި ވާޙާލުވެސް، ތިމަންކަލޭގެފާނަށް އެއީ ކުޑަކަމެއްކަމުގައި ހީވެފައި އޮވެދާނެތީއެވެ.”
ފާފައަކީ ހަމައެކަނި ނަހީކުރައްވާފައިވާ ކަންތައްތައް ކުރުމެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. ހަމަކަށަވަރުން ވާޖިބު ކަންތައްތައް އަދާކުރުމުގައި ފަރުވާ ކުޑަކުރުމަކީވެސް ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.
“ވާޖިބުތައް ދޫކުރެވުމުންނާ އަދި ޙަރާމްކަންތައްތައް ކުރެވުމުންވެސް ފާފަފުއްސެވުމަށް އެދި ދަންނަވާ ތައުބާވާން ޖެހޭނެއެވެ. މީގެ ތެރެއިން ފުރަތަަމަކަމަކީ ވަރަށް ގިނަ މީހުންނަށް ނޭނގޭކަމެކެވެ. (އެބަހީ: ވާޖިބުތައް ދޫކުރެވުމުން ފާފަފުއްސެވުމަށް އެދި ދަންނަވާ ތައުބާވާން ޖެހޭނެކަން ވަރަށް ގިނަ މީހުންނަށް ނޭނގެއެވެ.” [1]
= ނިމުނީ =
[1] مجموع الفتاوى (10/670).
______________________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް