[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙަސަދަވެރިކަން 4

ރަޖާއު ބުން ޙައިވާ رحمه الله ވިދާޅުވިއެވެ.

“މަރުގެ މަތިން ގިނައިން ހަނދުމަކުރުމަކީ ޙަސަދައާއި (އެކަށީގެންނުވާ ކަންކަމުގައި) އުފާފާޅުކުރުމުން ދުރުކޮށްދޭ ކަންކަމެވެ.”

ފަހެ ތިބާގެ ހިތުން ޙަސަދަ ފިލުވައިލުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ. އަދި ޙަސަދަވެވޭ މީހާއަށް މާތްކޮށް ހިތައި އިޙްސާންތެރިވާށެވެ. އަދި އޭނާއަށްޓަކައި ދުޢާކޮށްދޭށެވެ. އަދި އޭނާގެ މަތިވެރިކަމުގެ ވާހަކަ މީސްތަކުންނަށް ހާމަކޮށްދޭށެވެ. އަދި ތިބާގެ ނަފްސުގެ މައްޗަށް ގަދަވެ، ހިތުގައިވާ ޙަސަދަ ފޮހެލާށެވެ. އަދި ތިބާގެ މުސްލިމު އަޚާ ތިބާއަށް ވުރެ މޮޅުވުމަށް އެދޭ ފަދަ މީހަކަށް ވާށެވެ.

އިބްނު ރަޖަބު رحمه الله ވިދާޅުވިއެވެ.

“މިއީ (އެބަހީ: އިސްވެ ބަޔާންވެ ދިޔަ ކަންތައްތައް ކުރުމަކީ) އީމާންކަމުގެ ދަރަޖަތަކުން ކުރެ އެންމެ މަތިވެރި އެއް ދަރަޖައެވެ. އަދި އެކަންކުރާ މީހަކީ އޭނާ އެ އެދޭ ކަންތައްތައް އޭނާގެ އަޚާއަށްވެސް އެދޭ، ފުރިހަމަ މުއުމިނެކެވެ.” [1]

ފަހެ ޙަސަދަ އެ ރައްދުވާ މީހަކީ އަނިޔާ ލިބިގެންވާ، ކެތްތެރިވުމާއި ތަޤްވާވެރިވުމަށް އަމުރުވެވިގެންވާ މީހެކެވެ. ފަހެ ޙަސަދަވެރިޔާގެ އުނދަގޫތަކަށް ކެތްތެރިވާށެވެ. އަދި އޭނާއަށް ޢަފޫކޮށް މަޢާފުކުރާށެވެ. މަތިވެރިކަން ހުރީ ހަމަ ތިބާއަށެވެ.

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

“ނަފްސަށް ކުރިމަތިވާ އެންމެ ދަތި އުނދަގޫ އެއްކަމަކީ ޙަސަދަވެރިކަމުގެ ހުޅުކޮޅާއި ދެކޮޅުވެރިންގެ އުނދަގޫ، އެބައިމީހުންނަށް އިޙްސާންތެރިވެގެން ނައްތާލުމެވެ. ﷲ ގެ ޙަޟްރަތުގައި މަތިވެރި ދަރަަޖައެއް ލިބިފައިވާ މީހަކަށް މެނުވީ އެކަމުގެ ތައުފީޤު ލިބިގެން ނުވެއެވެ. ފަހެ ޙަސަދަވެރިޔާގެ އުނދަގުލާއި ނުބައިކަމާއި ގޯނާއާއި ޙަސަދަ އިތުރުވާ ވަރަކަށް، ފަހެ ތިބާ އެ ޙަސަދަވެރިންނަށް ހުރި އިޙްސާންތެރިކަމާއި ނަސޭޙަތް ދިނުމާއި ކުލުނުވެސް އިތުރުކުރާށެވެ.”[2]

= ނިމުނީ =

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް

[1]  جامع العلوم والحكم (2/462)

[2] بدائع الفوائد (2/468)