[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޣީބަބުނުން

އެމީހެއްގެ އަމިއްލަ ނަފްސު ޢިއްޒަތްތެރިކުރުމަށް އެދޭމީހާ އެނަފްސު ރައްކާތެރިކޮށް ހިމާޔަތްކުރާނެއެވެ. އަދި އަމިއްލަ ނަފްސުގެ އެއްވެސް އަގެއް ނުވާކަމަށް ދެކޭނަމަ އޭގެ ލަގަން ދޫކޮށްލާނެއެވެ. އަދި ނިކަމެތިކަމަށް ވެއްޓޭނެއެވެ. އަދި ފައިކައްސާލާފަދަ ކަންކަމުގައި ރައްކާތެރި ނުވާނެއެވެ.

މީސްތަކުންގެ ކިބައިގައި ޢައިބާ އުނިކަންވެއެވެ. އަދި މަގުން ކައްސާލުމާއި ނޭދެވޭ ސިފަތައް ހުރެއެވެ. ފަހެ ތިބާއަށް މީހަކާ ބެހޭ ގޮތުން ވާހަކައެއް އެނގިއްޖެނަމަ، އެއްވެސް މީހަކަށް ނޭނގޭ ވާހަކައެއް ތިބާއަށް އެނގިއްޖެކަމުގައި ހީނުކުރާށެވެ. އަދި އެއްވެސް މީހަކަށް ނުކުރެވޭނެ މޮޅުކަމެއް ކުރެވޭނެކަމަށްވެސް ހީނުކުރާށެވެ. ތައުފީޤު ލިބިގެންވާ މީހަކީ އޭނާގެ އަމިއްލަ ޢައިބުތަކާމެދު މަޝްޣޫލުވުމުގެ ސަބަބުން އެހެން މީހުންގެ ޢައިބުތައް ނުފެންނަ މީހާއެވެ.

ޣީބަ ބުނާމީހާ އޭނާގެ ދީންވެރިކަން ފަސާދަކޮށްލައެވެ. ފަހެ ސަލާމަތްކަން ހުރީ އެކަމުން ދުރުހެލިވެގެންނެވެ.

ޢަބްދުﷲ ބުން އަލްމުބާރަކު رحمه الله ވިދާޅުވިއެވެ.

“ސިންގާއެއް ފެނުމުން ފިލާހެން، ޣީބާ ބުނާ މީހާގެ ކިބައިން ފިލާށެވެ.”

ޣީބާއަކީ ނުބައިކަން ގެނުވައިދޭ ކަމެކެވެ.

ޙަސަނުލް ބަޞްރީ رحمه الله ވިދާޅުވިއެވެ.

“ﷲ ގަންދީ ބުނަމެވެ. ބައެއް ބަލިތައް ހަށިގަނޑު ފަނާކޮށްލާ ވަރަށް ވުރެވެސް އަވަހަށް، އަޅާގެ ދީންވެރިކަމަށް ޣީބައިން އަސަރުކުރެއެވެ.”

އެންމެ ޢަޖައިބުކުރަނިވި ކަމަކީ ޣީބަ ބުނާމީހާ އޭނާއަށްވުރެ މަތީ މީހަކާމެދު މެނުވީ (ޢާންމު ގޮތެއްގައި) ޣީބަ ނުބުނާ ކަމެވެ. ފަހެ އޭނާއަށްވުރެ ނިކަމެތި މީހެއްނަމަ، އެމީހެއްގެ ޣީބަ ބުނުމުގެ ބަދަލުގައި އޭނާއާމެދު ޙަމްދަރުދީ ވާތަން ފެނެއެވެ.

އިސްލާމްދީން ވަނީ ހަވާނަފްސާ ދެކޮޅަށް ހަނގުރާމަކޮށްފައެވެ. އަދި ތިބާ އެމީހެއްގެ ޣީބަ ތިޔަ ބުނި މީހަކަށް ތިބާގެ ހެޔޮކަންތައްތައް ދިނުން އެއީ އެކަމުގެ ޖަޒާކަމުގައި އިސްލާމްދީނުގައިވަނީ ލައްވާފައެވެ. އެކަން އެގޮތަށް ހަމަޖައްސާފައިވަނީ ޣީބައިން މީސްތަކުން ދުރުކުރުމަށެވެ.

އަލްއިމާމުއް ޝާފިޢީ رحمه الله ވިދާޅުވިއެވެ.

“ތިމަން އެއްވެސް މީހަކާމެދު ޣީބަ ބުނާނަމަ، ތިމަންގެ މަންމާފުޅާމެދު ޣީބަ ބުނާނަމެވެ. ފަހެ ތިމަންގެ ހެޔޮކަމަށް އެންމެ ޙައްޤުކަން ބޮޑީ އެކަމަނާއެވެ.”

އަލިފާންގަނޑު ދަރު ކާލާ ފަދައިން، ޣީބައަކީ ހެޔޮކަންތައްތައް ކާލާ އަލިފާނެކެވެ. ޣީބާ ބުނުމަކީ ހިތްހަރުކަމާއި ދުލުގެ ނުބައިކަން ގެނުވައި ކަމެކެވެ. ޢިލްމުވެރިން އެކަމުގެ މައްޗަށް ބިރުވެތިވެ ވަޑައިގެންނެވިއެވެ.

އިމާމުލް ބުޚާރީ رحمه الله ވިދާޅުވިއެވެ.

“ޣީބަ ބުނުމަކީ ޙަރާމްކަމެއްކަމުގައި އެނގުނު ފަހުން ދުވަހަކުވެސް ތިމަން އެއްވެސް މީހެއްގެ ޣީބާ ނުބުނަމެވެ.”

މީސްތަކުންގެ އަބުރާމެދު ވާހަކަ ދެއްކުމުން ރައްކާތެރިވާށެވެ. އަދި ތާކުންތާކު ނުޖެހޭ ބަސްތައް ބުނުމުން ދުރުހެލިވާށެވެ. އޭރުން ތިބާގެ ނަފްސު ޠާހިރުވެ، މީސްތަކުންގެ ލޯބި ލިބި އަދި ﷲ ތަޢާލާގެ ޙަޟްރަތަށް ކުއްތަން ވެވޭނެއެވެ.

= ނިމުނީ =

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް