[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

النَّسْخ ۱

ތަޢުރީފު:

ޢަރަބި ބަހުގައި النَّسْخ ގެ މާނައަކީ: ފޮހެލުމެވެ. އަދި ބަދަލުކުރުމެވެ.

އަދި ޝަރުޢީ އިޞްޠިލާޙުގައި ނަސްޚަކީ: ޝަރުޢީ ދަލީލެއްގެ ޙުކުމް ނުވަތަ އޭގެ ލަފްޡު، ކީރިތި ޤުރުއާން ނުވަތަ ސުންނަތުގެ ދަލީލަކުން އުފުއްލެވުމެވެ.

މިތަނުގައި ޙުކުމް އުފުއްލެވުމުގެ” މުރާދަކީ: މިސާލަކަށް ވާޖިބުކަމުން މުބާޙުކަމަށް ބަދަކުރެއްވުމެވެ. ނުވަތަ މުބާޙުކަމުން ޙަރާމްކަމަށް ބަދަލުކުރެއްވުމެވެ.

ޝަރުޠެއް މަދުވެގެން ނުވަތަ މަނާކުރާކަމެއް މެދުވެރިވެގެން ޙުކުމް ބަދަލުވުން މީގެ ތެރޭގައި ނުހިމެނޭނެއެވެ. މިސާލަކަށް ނިޞާބު ހަމަނުވާތީ ޒަކާތް ދިނުން ވާޖިބުނުވުން ނުވަތަ ހައިޟުވުމުން ނަމާދު ވާޖިބުނުވުމަކީ ނަސްޚުވުމެއް ނޫނެވެ.

މިތަނުގައި “ނުވަތަ އޭގެ ލަފްޡު”ގެ މުރާދަކީ: ޝަރުޢީ ދަލީލުގެ ލަފްޡެވެ. އެހެނީ:

– ނަސްޚުވާއިރު ޙުކުމް ނަސްޚުވެފައިވާ ލަފްޡު ނަސްޚު ނުވެދާނެއެވެ.

– ނުވަތަ ޙުކުމް ނަސްޚުނުވެ ލަފްޡު ނަސްޚު ވެދާނެއެވެ.

– ނުވަތަ ޙުކުމާއި ލަފްޡުވެސް ނަސްޚު ވެދާނެއެވެ.

 

ނަސްޚުވުމަކީ ބުއްދީގެ ދަލީލާއި ޝަރުޢީ ދަލީލުންވެސް ހުއްދަކަމެވެ.

ބުއްދީގެ ދަލީލުން އެކަން ޖާއިޒުވާ ގޮތަކީ: ފަހެ ހުރިހާ ކަމެއް ކުރެއްވުމުގެ ބާރާއި ޙުކުމްކުރެއްވުމުގެ ބާރުވެސްވަނީ ﷲ ތަޢާލާގެ އަތްޕުޅުގައެވެ. އެހެނީ އެއިލާހީ ހުރިހާ އެއްޗެއް ހައްދަވާ ގެންގުޅުއްވާ ރަސްވަންތަ އިލާހެވެ. އެއިލާހުގެ ޙިކުމަތްވަންތަކާއި ރަޙްމަތްވަންތަކަން ނިޔާކުރާ ގޮތުގެ މަތިން އެއިލާހުގެ އަޅުތަކުންގެ މައްޗަށް ޝަރުޢުކުރައްވައެވެ. ފަހެ ވެރިކަން ލިބިފައިވާ ފަރާތެއް އެފަރާތެއްގެ ބާރުގެ ދަށުގައިވާ ބައެއްގެ މައްޗަށް އެފަރާތެއް ބޭނުންވާ ގޮތަކަށް އަމުރުކުރުމަށް ބުއްދީގެ ދަލީލު މަނައެއް ނުކުރެއެވެ.

އެއަށްފަހު އެއިލާހުގެ ޙިކުމަތްވަންތަކާއި ރަޙްމަތްވަންތަކަން ނިޔާކުރައްވާފައިވާ ގޮތަކީ އެއިލާހުގެ އަޅުތަކުންގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރާނޭކަން އެއިލާހު މޮޅަށް ދެނެވޮޑިގެންވާ، އެބައިމީހުންގެ މަޞްލަޙަތުތަކާ ގުޅިފައިވާ ކަންތައްތައް އެބައިމީހުންގެ މައްޗަށް ޝަރުޢުކުރެއްވުމެވެ.

ފަހެ މަޞްލަޙަތަކީ އެކި ޙާލަތްތަކާއި ޒަމާންތަކަށް ތަފާތުވެގެންދާ އެއްޗެކެވެ. ހަމަކަށަވަރުން ބައެއް ޙުކުމްތައް ބައެއް ޙާލަތްތަކުގައި ނުވަތަ ވަގުތުތަކުގައި އެންމެ މަޞްލަޙަތުހުރި ޙުކުމްތަކަށްވެފައި އަނެއްބައި ޙުކުމްތައް އެހެން ވަގުތުތަކުގައި ނުވަތަ ޙާލަތްތަކުގައި އެންމެ މަޞްލަޙަތުހުރި ޙުކުމަށް ވެދާނެއެވެ. އަދި ﷲ އީ އެކަންކަން މޮޅަށް ދެނެވޮޑިގެންވާ ޙިކުމަތްވަންތަ އިލާހެވެ.

 

ނަސްޚުވާކަމުގެ ޝަރުޢީ ދަލީލުތަކެއް ވެއެވެ. އޭގެ ތެރޭގައި:

  1. ﴿مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا﴾ [سورة البقرة ١٠٦]

މާނައީ: “ތިމަންއިލާހު ނަސްޚުކުރައްވައިފި އާޔަތެއް ނުވަތަ ތިމަންއިލާހު ހަނދުމަނައްތަވައިފި އާޔަތެއްގެ ބަދަލުގައި، އެއަށްވުރެ ހެޔޮ ނުވަތަ ހަމަ އެފަދަ އާޔަތެއް ތިމަންއިލާހު ގެނެސްދެއްވާ ހުށީމެވެ. “

  1. ﴿الْآنَ خَفَّفَ اللَّـهُ عَنكُمْ﴾ [سورة الأنفال ٦٦]

މާނައީ: “މިހާރު، ﷲ ތިޔަބައިމީހުންގެ ކިބައިން ލުއިކުރައްވައިފިއެވެ.”

﴿فَالْآنَ بَاشِرُوهُنَّ﴾  [سورة البقرة ١٨٧]

މާނައީ: “ފަހެ، މިހާރު ތިޔަބައިމީހުން އެކަނބަލުންނާ ބީހިއުޅޭށެވެ! (އެބަހީ: ރަމަޟާންމަހުގެ ރޭތަކުގައި އަނބިންނާ ޖިމާޢުވުން ހުއްދަ ކުރައްވައިފިއެވެ.)”

ފަހެ ހަމަކަށަވަރުން، މިއީ އިހުގެ ޙުކުމް ބަދަލުވިކަން ބަޔާންކޮށްދޭ ނައްޞުތަކެކެވެ.

  1. ((نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ فَزُورُوهَا)) [1]

މާނައީ: “ތިޔަބައިމީހުން ގަބުރުސްތާނަށް ޒިޔާރަތްކުރުން ތިމަންކަލޭގެފާނު ނަހީކުރެއްވީމުއެވެ. ފަހެ، ތިޔަބައިމީހުން އެ ތަނަށް ޒިޔާރަތްކުރާށެވެ!”

ފަހެ ހަމަކަށަވަރުން މިއީ ފިރިހެނުން ގަބުރުސްތާނުތަކަށް ޒިޔާރަތްކުރުން ނަހީކުރައްވާފައި ދެން އެއަށްފަހު އެކަން ނަސްޚުވިކަން އަންގައިދޭ ނައްޞެކެވެ.

= ނުނިމޭ =

_____________________________________________________

لأصول من علم الأصول لفضيلة الشيخ محمد بن صالح العثيمين – رحمه الله –

 

މިލިޔުމުގެ އެހެންބައިތައް

 

[1] رواه مسلم / كتاب: الجنائز / باب: استئذان النبي صلى الله عليه وسلم ربه عز وجل في زيارة قبر أمه / رقم: 977 ، وكتاب: الأضاحي / باب: بيان ما كان من النهي عن أكل لحوم الأضاحي بعد ثلاث في أول الإسلام، وبيان نسخه وإباحته إلى متى شاء / رقم: 1977.