ނަސްޚުނުވާނޭ ނައްޞުތައް:
އަންނަނިވި ނައްޞުތަކަކީ ނަސްޚުނުވާނޭ ނައްޞުތަކެވެ.
- ޚަބަރުތައް: އެހެނީ މަންސޫޚުވާނީ ޙުކުމްތަކެވެ. ޚަބަރެއް ނަސްޚުވެއްޖެނަމަ ދެޚަބަރުންކުރެ ކޮންމެވެސް އެއް ޚަބަރެއް ދޮގު ޚަބަރަކަށް ވާނެއެވެ. ފަހެ ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ގެންނަވާ ޚަބަރެއްގައި ދޮގެއް އެކުލެވިގެން ނުވާނެއެވެ.
އެހެނަސް އޭގެން އިސްތިޘްނާ ކުރެވޭ އެއް ޙާލަތެއް ވެއެވެ. އެއީ ބައެއް ފަހަރު ޚަބަރެއްކަމަށް ދޭހަވެދާނެފަދަ ގޮތަކަށް ޙުކުމްތައް އައިސްފައި ހުރެއެވެ. (އެހެނަސް ޙަޤީޤަތުގައި އެއީ ޙުކުމެއް ބަޔާންކުރާ ނައްޞެކެވެ.) އެޙާލަތުގައި އެ ނަސްޚު ވެދާނެއެވެ. އޭގެ މިސާލަކީ:
﴿يَا أَيُّهَا النَّبِيُّ حَرِّضِ الْمُؤْمِنِينَ عَلَى الْقِتَالِ ۚ إِن يَكُن مِّنكُمْ عِشْرُونَ صَابِرُونَ يَغْلِبُوا مِائَتَيْنِ ۚ وَإِن يَكُن مِّنكُم مِّائَةٌ يَغْلِبُوا أَلْفًا مِّنَ الَّذِينَ كَفَرُوا بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ﴾ [سورة الأنفال ٦٥]
މާނައީ: “އޭ ނަބިއްޔާއެވެ! (ދީނުގެ ދިފާޢުގައި) ހަނގުރާމަކުރުމަށް މުއުމިނުތަކުންނަށް ކަލޭގެފާނު ހިތްވަރުދެއްވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ކެތްތެރި ވިހި މީހުން ތިބިނަމަ (ކާފިރުންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. (އެބަހީ: އެފަދައިން ކުރިމަތިލާށެވެ.) އަދި ތިޔަބައިމީހުންކުރެ، ސަތޭކަމީހުން ތިބިނަމަ، ކާފިރުވި މީހުންގެ ތެރެއިން އެއްހާސްމީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. (އެބަހީ: އެފަދައިން ކުރިމަތިލާށެވެ.) އެހެނީ އެއުރެންނަކީ ނުވިސްނޭ ބަޔެކެވެ.”
ފަހެ ހަމަކަށަވަރުން ޚަބަރެއްގެ ޞީޣާގައި މިނައްޞު އައިސްފައިވާ އޮތްކަމުގައިވިޔަސް މީގައި އެކުލެވިގެން މިވަނީ އަމުރެކެވެ. އެހެންކަމުން ޖެހިގެން އޮތް އާޔަތުގައި އެކަން ވަނީ ނަސްޚުކުރައްވާފައެވެ.
﴿الْآنَ خَفَّفَ اللَّـهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًا ۚ فَإِن يَكُن مِّنكُم مِّائَةٌ صَابِرَةٌ يَغْلِبُوا مِائَتَيْنِ ۚ وَإِن يَكُن مِّنكُمْ أَلْفٌ يَغْلِبُوا أَلْفَيْنِ بِإِذْنِ اللَّـهِ ۗ وَاللَّـهُ مَعَ الصَّابِرِينَ﴾ [سورة الأنفال ٦٦]
މާނައީ: “މިހާރު ﷲ ތިޔަބައިމީހުންގެ ކިބައިން ލުއިކުރައްވައިފިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި ބަލިކަށިކަމެއްވާކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، ﷲގެ އިޛުނަފުޅުން ތިޔަބައިމީހުންކުރެ ކެތްތެރި ސަތޭކަ މީހުން ތިބިނަމަ، އެއުރެންގެ ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. (އެބަހީ: އެފަދައިން ކުރިމަތިލާށެވެ.) އަދި ތިޔަބައިމީހުންކުރެ އެއްހާސް މީހުންނަށް އެއުރެންގެ ދެހާސް މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. (އެބަހީ: އެފަދައިން ކުރިމަތިލާށެވެ.) އެއީ ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.”
- ހުރިހާ ޒަމާނަކާއި ތަނަކަށްވެސް އެންމެ މަޞްލަޙަތު ހުރި ޙުކުމްތައް: އެގޮތުން މާތް ﷲ ގެ އެއްކައުވަންތަކަމާއި އީމާންކަމުންގެ އަސާސީ ކަންކަމާއި އަޅުކަމުގެ މައިގަނޑު ކަންކަމާއި ތެދުވެރިކަމާއި ޢިއްފަތްތެރިކަމާއި ދީލަތިކަމާއި ކެރުންތެރިކަންފަދަ ރިވެތި އަޚުލާޤުގެ ކަންކަން ނަސްޚުނުވެއެވެ. ފަހެ އެފަދަ ކަންކަމަށް ކުރައްވާފައިވާ އަމުރުފުޅުތައް ނަސްޚެއް ނުވާނެއެވެ.
އަދި ހަމަ އެގޮތަށް ހުރިހާ ޒަމާނަކާއި ތަނެއްގައިވެސް ހުތުރުކަމަށް ބެލެވޭނެ ކަންކަން ނަސްޚެއް ނުވާނެއެވެ. އެގޮތުން ޝިރުކާއި ކުފުރާއި ދޮގުހެދުމާއި ނުބައިކަންކަމާއި ދަހިކަމާއި ފިނޑިކަންފަދަ ނޭދެވޭ އަޚްލާޤީ ސިފަތައް ނަސްޚު ނުވެއެވެ. އެހެނީ ހުރިހާ ޝަރުޢީ ޙުކުމެއް އައިސްފައިވަނީވެސް އަޅުތަކުންނަށް މަޞްލަޙަތުހުރި ކަންކަން ގެނެސްދިނުމަށެވެ. އަދި ފަސާދަވަނިވި ކަންކަން ދުރުކުރުމަށެވެ.
= ނުނިމޭ =
————————————
الأصول من علم الأصول لفضيلة الشيخ محمد بن صالح العثيمين – رحمه الله –