ނަސްޚުވުމުގެ ޝަރުޠުތައް:
ނަސްޚުވާ ނައްޞުތަކުގެ ޝަރުޠުތަކެއްވެއެވެ. އޭގެ ތެރޭގައި:
- ދެ ދަލީލު ޖަމްޢު ނުކުރެވުން: ފަހެ ދެ ދަލީލު ޖަމްޢުކުރެވޭނަމަ އެތަނުން އެއްވެސް ދަލީލެއް ނަސްޚުވިކަމަށް ނުބުނާނެއެވެ. އޭރުން ދެދަލީލަށްވެސް ޢަމަލުކުރެވޭނެއެވެ.
- ނާސިޚުކުރާ ދަލީލު މަންސޫޚަށްވުރެ ފަސްކަން އެނގުން: އެކަން އެނގޭ ހުށީ ޝަރުޢީ ނައްޞަކުން ނުވަތަ ޞަޙާބީ ބޭކަލެއްގެ ބަސްފުޅަކުން ނުވަތަ އެދަލީލުތަކުގެ ތާރީޚު އެނގުމުންނެވެ.
ޝަރުޢީ ނައްޞަކުން އެކަން އެނގޭ ގޮތުގެ މިސާލަކީ: ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((كُنْتُ أَذِنْتُ لَكُمْ فِي الِاسْتِمْتَاعِ مِنَ النِّسَاءِ، وَإِنَّ اللهَ قَدْ حَرَّمَ ذَلِكَ إِلَى يَوْمِ الْقِيَامَةِ)) [1]
“މުތުޢާ ކައިވެނިކުރުމަށް ތިމަންކަލޭގެފާނު މީގެ ކުރިން ހުއްދަ ދެއްވީމެވެ. އެހެނަސް ޤިޔާމަތާ ހަމައަށް ދާންދެން އެއީ ޙަރާމްކަމެއްކަމުގައި ﷲ ތަޢާލާ ލައްވައިފިއެވެ.” (މުތުޢާ ކައިވެންޏަކީ ވަކި މުއްދަތެއް ކަނޑައަޅާފައި ކުރާ ކައިވެންޏެވެ.)
ޞަޙާބީ ބޭކަލެއްގެ ބަސްފުޅަކުން އެކަން އެނގޭ ގޮތުގެ މިސާލަކީ: ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.
“ކީރިތި ޤުރުއާނުން ބާވައިލެއްވުނު އާޔަތްތަކުގެ ތެރޭގައި ދިހަ ފަހަރު ގާތުން ދިނުމުން އެއްކިރުގެ ގޮތުން ޙަރާމްވާކަން ބާވައިލެއްވުނެވެ. ދެން އެއަށްފަހުގައި އެކަންވަނީ ފަސް ފަހަރު ގާތުން ދިނުމަށް ބަދަލުކުރެވި ނަސްޚުކުރެވިގެންނެވެ.” [2]
އެދަލީލުތަކުގެ ތާރީޚު އެނގިގެން އެކަން އެނގޭ ގޮތުގެ މިސާލަކީ: އަންނަނިވި އާޔަތެވެ.
﴿الْآنَ خَفَّفَ اللَّـهُ عَنكُمْ ﴾ [سورة الأنفال ٦٦]
މާނައީ: “މިހާރު ﷲ ތިޔަބައިމީހުންގެ ކިބައިން ލުއިކުރައްވައިފިއެވެ.”
މިއާޔަތުގައި މިވާ “މިހާރު” މިލަފްޡުން ދަލީލުކުރަނީ މިޙުކުމަކީ ކުރީގެ ޙުކުމަށް ވެރު ފަހުން ބާވައިލެއްވުނު ޙުކުމެއްކަމެވެ.
ހަމަ އެފަދައިން ނަބިއްޔާ صلى الله عليه وسلم ހިޖުރަކުރެއްވުމުގެ ކުރިން ކަމެއްގެ ޙުކުމް ބަޔާންކުރެއްވުމަށް ފަހުގައި ދެން ހިޖުރަކުރެއްވުމަށް ފަހު އެއާ ޚިލާފު ޙުކުމެއް ބަޔާންކުރައްވައިފިނަމަ ދެވަނަ ނައްޞު ވާހުށީ ކުރީ ނައްޞު ނަސްޚުކުރާ ނާސިޚަށެވެ.
- ނާސިޚުކުރާ ދަލީލު ޘާބިތުވުން: ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މަންސޫޚަށްވުރެ ނާސިޚު ވަރުގަދަވާން ޖެހޭނެއެވެ. ނުވަތަ އެފަދަ ދަލީލަކަށް ވާންޖެހޭނެއެވެ. އެގޮތުން އާޙާދު ޙަދީޘެއް ޘާބިތުވިޔަސް އާޙާދު ޙަދީޘަކުން މުތަވާތިރު ޙަދީޘެއް މަންސޫޚު ނުވާނެއެވެ.
އެހެނަސް އެކަމުގައި އެންމެ ބުރަދަން ހުރި ބަސްފުޅަކީ މަންސޫޚަށްވުރެ ނާސިޚު ވަރުގަދަވާން ނުޖެހޭނެ ކަމެވެ. އަދި އެފަދަ ދަލީލަކަށް ވާން ނުޖެހޭނެ ކަމެވެ. އެހެނީ މަންސޫޚުވަނީ ޙުކުމެވެ. އަދި ޙުކުމެއް މަންސޫޚުވުމަށް މުތަވާތިރުވާކަށް ނުޖެހޭނެއެވެ.
= ނުނިމޭ =
————————————
الأصول من علم الأصول لفضيلة الشيخ محمد بن صالح العثيمين – رحمه الله –
[1] رواه مسلم / كتاب: النكاح / باب: نكاح المتعة، وبيان أنه أبيح، ثم نسخ، ثم أبيح، ثم نسخ، واستقر تحريمه إلى يوم القيامة / رقم: 1406.
[2] رواه مسلم / كتاب: الرضاع / باب: التحريم بخمس رضعات/ رقم: 1452.