[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

النسخ ٤

މަންސޫޚުވެފައިވާ ނައްސުތައް ތިން ބަޔަކަށް ބެހިގެންވެއެވެ.

ފުރަތަމައީ: ޙުކުމް ނަސްޚުވެފައި ލަފްޡު ދެމިއޮތުން: ކީރިތި ޤުރުއާނުގައި މަންސޫޚުވެފައިވާ އާޔަތްތަކުގެ ތެރޭގައި ގިނައީ މިބާވަތެވެ.

އޭގެ މިސާލަކީ آية المصابرة ގެ ނަމުން މަޝްހޫރުވެފައިވާ އާޔަތެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿إِن يَكُن مِّنكُمْ عِشْرُونَ صَابِرُونَ يَغْلِبُوا مِائَتَيْنِ﴾ [سورة الأنفال ٦٥]

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ކެތްތެރި ވިހި މީހުން ތިބިނަމަ (ކާފިރުންގެ) ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. (އެބަހީ: އެފަދައިން ކުރިމަތިލާށެވެ.)”

އޭގެ ޙުކުމް ނަސްޚުކުރައްވާފައިވަނީ އަންނަނިވި އާޔަތުންނެވެ.

﴿الْآنَ خَفَّفَ اللَّـهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًا ۚ فَإِن يَكُن مِّنكُم مِّائَةٌ صَابِرَةٌ يَغْلِبُوا مِائَتَيْنِ ۚ وَإِن يَكُن مِّنكُمْ أَلْفٌ يَغْلِبُوا أَلْفَيْنِ بِإِذْنِ اللَّـهِ ۗ وَاللَّـهُ مَعَ الصَّابِرِينَ﴾ [سورة الأنفال ٦٦]

މާނައީ: “މިހާރު ﷲ ތިޔަބައިމީހުންގެ ކިބައިން ލުއިކުރައްވައިފިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި ބަލިކަށިކަމެއްވާކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، ﷲގެ އިޛުނަފުޅުން ތިޔަބައިމީހުންކުރެ ކެތްތެރި ސަތޭކަ މީހުން ތިބިނަމަ، އެއުރެންގެ ދުއިސައްތަ މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. (އެބަހީ: އެފަދައިން ކުރިމަތިލާށެވެ.) އަދި ތިޔަބައިމީހުންކުރެ އެއްހާސް މީހުންނަށް އެއުރެންގެ ދެހާސް މީހުންގެ މައްޗަށް ގަދަވެގަނެވޭނެތެވެ. (އެބަހީ: އެފަދައިން ކުރިމަތިލާށެވެ.) އެއީ ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.”

ލަޒްޡު މަންސޫޚު ނުވެ ޙުކުމް މަންސޫޚުވުމުގެ ޙިކުމަތަކީ އެލަފްޡު ކިޔެވުމުގެ ޒަރީޢާއިން ޘަވާބު ލިބި ނަސްޚުކުރެއްވުމުގެ ޙިކުމަތް އުންމަތަށް ހަނދުމަކޮށްދިނުމެވެ.

 

ދެވަނައީ: ލަފްޡު ނަސްޚުވެފައި އޭގެ ޙުކުމް ދެމިއޮތުން: ރަޖަމާ ބެހޭ އާޔަތަކީ މިފަދަ އާޔަތެކެވެ.

ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމުގައި އިބްނު ޢައްބާސް ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

ހަމަކަށަވަރުން ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ވިދާޅުވިއެވެ. “ރަޖަމުކުރުމުގެ އާޔަތް ﷲ ތަޢާލާ ބާވައިލެއްވިއެވެ. ފަހެ ތިމަން ބޭކަލުން އެއާޔަތް ކިޔެވީމެވެ. އަދި އޭގައިވާ ޙުކުމް ތިމަންބޭކަލުންނަށް ވިސްނި އެކަން ދެނެގަތީމެވެ. ރަސޫލާ صلى الله عليه وسلم ވަނީ އޭރު ބައެއް މީހުން ރަޖަމުކުރައްވާފައެވެ. އަދި ތިމަންބޭކަލުންވެސް އެކަލޭގެފާނު އަވަހާރަވުމަށްފަހު ބައެއް މީހުން  ރަޖަމުކުރީމެވެ. ފަހެ ތިމަންކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވަނީ ދިގު ޒަމާންތަކަކަށް ފަހު މީހަކު އައިސް ބުނެދާނެތީއެވެ. “ﷲގެ ފޮތުގައި ރަޖަމުގެ ވާހަކަ ބަޔާންކުރައްވާފައިވާކަން ނުފެނެއެވެ.” ފަހެ އޭގެ ސަބަބުން ﷲ ތަޢާލާ ބާވައިލައްވައި، ލާޒިމުކުރައްވާފައިވާ ކަމެއް ދޫކޮށްލުމުން އެބައިމީހުން މަގު ފުރެދިދާނެއެވެ. ހަމަކަށަވަރުން ރަޖަމަކީ ޒިނޭކޮށްފައިވާ މީހުންގެ ތެރެއިން މުޙުޞަނު ފިރިހެހެނުންނާއި މުޙްޞަނު އަންހެނުންކުރެ ހެކިވެރިންގެ ހެކިބަހުން ނުވަތަ ބަނޑުބޮޑުވުމުގެ ސަބަބުން ނުވަތަ އިޢުތިރާފުވުމުގެ ސަބަބުން ޘާބިތުވެއްޖެމީހެއްގެ މައްޗަށް، ﷲގެ ފޮތުގައި ކަނޑައަޅުއްވާފައިވާ ކަމެކެވެ.” [1]

ލަފްޘު ނަސްޚުކުރައްވާފައި ޙުކުމް ނަސްޚުނުކުރެއްވުމުގެ ޙިކުމަތަކީ ކީރިތި ޤުރުއާނުގައި ނުވާ ލަފްޡުތަކާމެދު ޢަމަލުކުރުމުގައި އުންމަތް އިމްތިޙާނުކުރެއްވުމެވެ. އަދި ﷲ ތަޢާލާ ބާވައިލެއްވި ތަކެއްޗާމެދު (އެބަހީ: ޤުރުއާނާއި ސުންނަތާމެދު) އެބައިމީހުންގެ އީމާންކަން އިމްތިޙާނުކުރެއްވުމެވެ. އެއީ ޔަހޫދީންގެ ގޮތާ ޚިލާފުވޭތޯ ބެއްލެވުމަށްޓަކައެވެ. އެހެނީ އެބައިމީހުން މަސައްކަތްކުރީ ތައުރާތުގައިވާ ރަޖަމުގެ ނައްޞު ފޮރުވުމަށެވެ.

 

ތިންވަނައީ: ޙުކުމާއި ލަފްޡުވެސް ނަސްޚުވުން: އެއީ އިސްވެ ބަޔާންކުރެވުނު ދިހަ ފަހަރު ގާތުން ކިރު ދިނުމުގެ މައްސަލާގައި ޢާއިޝާ رضي الله عنها ގެ އަރިހުން އައިސްފައިވާ ޙަދީޘްގައިވާ ފަދައިންނެވެ.

 

ނާސިޚުކުރާ ނައްޞުތައް ހަތަރު ބަޔަކަށް ބެހިގެންވެއެވެ.

ފުރަތަމައީ: ޤުރުއާނުން ޤުރުއާން ނަސްޚުވުން: އޭގެ މިސާލަކީ آية المصابرة ގެ ނަމުން މަޝްހޫރުވެފައިވާ އާޔަތެވެ.

ދެވަނައީ: ސުންނަތުން ޤުރުއާން ނަސްޚުވުން: މިމައްސަލާގައި އެކަށީގެންވާ މިސާލެއް ތިމަން ނުދެކެމެވެ.

ތިންވަނައީ: ޤުރުއާނުން ސުންނަތް ނަސްޚުވުން: އޭގެ މިސާލަކީ ބައިތުލް މަޤްދިސްއަށް (ނަމާދުގައި) ކުރިމަތިލުމަށް ސުންނަތުގައި އައިސްފައިވާ އަމުރު، ކަޢުބާއަށް ކުރިމަތިލުމަށް ކީރިތި ޤުރުއާނުގައި އައިސްފައިވާ އަމުރުން ނަސްޚުވުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ ۗ﴾ [سورة البقرة ١٤٤]

މާނައީ: “ފަހެ، ޙުރުމަތްތެރިވެގެންވާ މިސްކިތާ (އެބަހީ: ކަޢުބަތުﷲ ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! އަދި ތިޔަބައިމީހުންތިބި ކޮންމެ ތަނެއްގައިމެ، އެފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ!”

ހަތަރުވަނައީ: ސުންނަތުން ސުންނަތް ނަސްޚުވުން: އޭގެ މިސާލަކީ އަންނަނިވި ޙަދީޘްބަސްފުޅެވެ.

((وَنَهَيْتُكُمْ عَنِ النَّبِيذِ فِي هَذِهِ الْأَوْعِيَةِ، فَاشْرَبُوا بِمَا شِئْتُمْ، وَلَا تَشْرَبُوا مُسْكِرًا)) [2]

މާނައީ: “އަދި މި ކަންވާރުތަކުގައި ނަބީޛު ބުއިން ތިމަންކަލޭގެފާނު ނަހީކުރެއްވީމެވެ. ފަހެ ދެން ތިޔަބައިމީހުން ބޭނުން އެއްޗެއްގައި އެބޮއެ އުޅޭށެވެ. އެހެނަސް މަސްތުވާ އެއްޗެއް ނުބޯށެވެ.”

(ނަބީޛަކީ: ފެން އެއްޗަކަށް ކަދުރު ނުވަތަ އެފަދަ އެހެން މޭވާއެއް އަޅާފައި ބެހެއްޓުމަށް ފަހު ހަދާ ބުއިމެކެވެ. އެ މާގިނަ ދުވަހު އެގޮތަށް ބަހައްޓައިފިނަމަ ރަލަށް ބަދަލުވާނެއެވެ. އެޙާލަތުގައި އެބުއިން ހުއްދައެއް ނުވާނެއެވެ. މިޙަދީޘްގައި ނަސްޚުވެފައި މިވަނީ ބައެއް ވައްތަރުގެ ކަންވާރުގައި އެފަދައިން ނަބީޛު ހަދާއިރު ބެހެއްޓުމެވެ. އެއީ އެފަދަ ކަންވާރުތަކުގައި ބަހައްޓާފައި ހުންނަ ނަބީޛު ވަރަށް ފަސޭހައިން ރަލަށް ބަދަލުވާތީއެވެ. އަދި މީސްތަކުންނަށް ރަލަށް ބަދަލުވިކަން ނޭނގި ރާ ބޮވިދާނެތީއެވެ. ފަހުން އެކަމަށް ސަމާލުވުމަށް އިރުޝާދު ދެއްވުމަށް ފަހު އެކަލޭގެފާނު އެވަނީ އެފަދަ ކަންވާރުތައް ބޭނުންކުރުމަށް ހުއްދަ ދެއްވާފައެވެ. ބައްލަވާ: معالم السنن للخطابي (4/268))

= ނުނިމޭ =

————————————

الأصول من علم الأصول لفضيلة الشيخ محمد بن صالح العثيمين – رحمه الله –

މިލިޔުމުގެ އެހެންބައިތައް

 

[1] رواه البخاري / كتاب: الحدود / باب: الاعتراف بالزنا / رقم: 6829 ، ورواه مسلم / كتاب: الحدود / باب: رجم الثيب في الزنى / رقم: 1691.

[2] رواه أحمد 13487 ، وأبو يعلى 3707 ، وانظر: صحيح مسلم / كتاب: الجنائز / باب: استئذان النبي صلى الله عليه وسلم ربه عز وجل في زيارة قبر أمه / رقم: 977.