[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަތަނުތައް ހިދުތަސްކުރުން 1

ޝަރުޢީ ޢިލްމަކީ އެކުއެކީ އުނގެނެވޭ ވަރަށް ވުރެ މާ ތަނަވަސް ޢިލްމެކެވެ. ބުއްދިވެރިޔަކީ އެއިން އެންމެ މުހިންމު ބައިތައް އުނގެނޭ މީހާއެވެ. އެކަމުގައި ތޫނު ފިލި ބޭކަލުން އެބޭކަލުންނަށް އިވޭ އެންމެ ހެޔޮ ބަސްތައް ލިޔެ އުޅެއެވެ. އަދި އެބޭކަލުން ލިޔުނު އެންމެ ރަނގަޅު މަޢުލޫމާތުތައް ދަސްކުރެއެވެ. އަދި ދަސްކޮށްފައިވާ އެންމެ ރަނގަޅު މަޢުލޫމާތުތައް މީސްތަކުންނަށް ކިޔައިދެއެވެ. މަތަނުތައް ދަސްނުކޮށް ޢިލްމުވެރިޔާ ޢިލްމުވެރިއަކަށް ނުވާނެއެވެ. (މަތަނަކީ ކޮންމެ ޢިލްމެއްގެވެސް އެންމެ އަސާސީ މަޢުލޫމާތުތައް ހުންނަ ފޮތްތަކެވެ.)

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“މަތަނުތައް ދަސްކޮށްފި މީހަކު ފަންނުތައް ޙާޞިލުކޮށްފިއެވެ.”

އަދި އައްރަޙަބީ رحمه الله ވިދާޅުވިއެވެ.

“އަދި ތިންބައިކޮށް ދެބައަކީ މިކަން ފުރިހަމަކޮށްދޭ ކަމެވެ. *** ފަހެ ހިތުދަސްކުރާށެވެ. އެހެނީ ހިތުދަސްކުރާ ކޮންމެ މީހެއް އިމާމަކަށް ވާނެއެވެ.”

(މިޅެން ބައިތުތަކުގައި އަލި އަޅުވާލެވިފައިވަނީ ވާރުތަ މުދާ ބަހާ ގޮތަށެވެ. އެގޮތުން މިތަނުގައި “ތިންބައިކޮށް ދެބައި”ގެ ވާހަކަ ގެންނަވާފައި އެވަނީ ވާރުތަވެރިންނަށް ކީރިތި ޤުރުއާނުގައި ކަނޑައަޅުއްވާފައިވާ މިންވަރުތައް ބަޔާންކޮށްދީ ނިންމާލަމުންނެވެ. ދެން އިޝާރާތް އެކުރައްވަނީ މިފަދަ ކަންތައްތައް ހިތުދަސްކުރުމުގެ މުހިންމުކަމަށެވެ.)

ޢިލްމުގެ އަޞްލުތައް ހިތުދަސްނުކޮށް ޢިލްމުގައި ފުންނާބު އުސް މީހަކަށް ނުވާނެއެވެ. އުންމަތުގައި ޢިލްމުގެ ހުރިހާ ފަންނެއްވެސް ދެމި އެބައޮތެވެ. ފަހެ އޭގެ ތެރެއިން އެންމެ ވާޖިބުކަން ބޮޑު އެންމެ މުހިންމު އަދި އެންމެ ފައިދާ ބޮޑު ޢިލްމުތައް އުނގެނޭށެވެ. އަދި ކޮންމެ ފަންނެއްގައިވެސް ޚުލާޞާ ފޮތެއް ހިތުދަސްކުރާށެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“ޢިލްމުގެ ކޮންމެ ބާބެއްގައިވެސް، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އައިސްފައިވާ ކޮންމެވެސް މިންވަރެއް އުނގެނެވޭތޯ މަސައްކަތްކުރާށެވެ.” [1]

ދެން އެއަށްފަހުގައި ތަފްޞީލީ ފޮތްތަކާއި ޢިލްމުގެ ކަނޑުތަކުގެ ތެރެއަށް ފީނާށެވެ. އަދި ޢިލްމުގެ އަހުލުވެރިންގެ އަރިހުން އެކިޔަވާށެވެ. އެގޮތުން ޢިލްމާއި ޢަމަލުގައިވެސް ނަމޫނާ ބޭފުޅުންގެ އަރިހުން އުނގެނޭށެވެ.

މުޙައްމަދު ބުން ސީރީން رحمه الله ވިދާޅުވިއެވެ.

“ހަމަކަށަވަރުން މި ޢިލްމަކީ ދީނެކެވެ. (އެބަހީ: ޝަރުޢީ ޢިލްމު ގުޅިފައިވަނީ އިސްލާމްދީނާއެވެ.) ފަހެ ތިޔަބައިމީހުން މިދީން އުނގެނެނީ ކާކުގެ ގާތުންތޯ ރަނގަޅަށް ބަލާށެވެ.”

ޢިލްމުގެ ތެރެއިން އެންމެ ފައިދާ ބޮޑު ޢިލްމަކީ އެޢިލްމެއް ރަނގަޅަށް އުނގެނި މުރާޖަޢާކުރެވޭ ޢިލްމެވެ.

= ނުނިމޭ =

_________________________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް

[1] الفتاوى 10/664