[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަދުގެ މަދަނީ ދައުލަތްތަކުގެ ޙަޤީޤަތް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ޢަލްމާނިއްޔަތަށް ގޮވާލާ މީހުން ހިމެނެނީ ދީން އެއްފަރާތްކުރުމަށް ނުވަތަ ދީން ބައިބައިކުރަން އުޅޭ ޖަމާޢަތްތަކުގެ ތެރެއިންނެވެ. އޭގެ ޙަޤީޤީ ތަރުޖަމާއަކީ “ލާދީނިއްޔަތެވެ. އަދި ދިރިއުޅުމުގެ ކަންކަމުން ދީން އެއްފަރާތް ކުރުމެވެ.” އެގޮތުން ދުނިޔަވީ ގިނަކަންކަމުން އެބައިމީހުން ދީން އެއްފަރާތްކުރެއެވެ.

އެބައިމީހުންގެ ތެރެއިން ބައެއް މީހުން ބުނެއެވެ. “އަހަރެން ދެކޭ ގޮތުގައި ދީނުގެ މަފްހޫމަކީ ހަމައެކަނި މިސްކިތެވެ.”

އަދި އޭގެ ތެރެއިން ދީނާ ގުޅުމެއް ނުވާ ބަޔަށް އެބައިމީހުން “މަދަނީ ދައުލަތް” (civil state) އޭ ކިޔައެވެ. އަދި ވަރަށް ގިނަ ބަޔަކަށް ހީވެފައިވަނީ މަދަނީ ދައުލަތަކީ ތަހުޒީބީ ދައުލަތެއްގެ “civilized state” ގެ ގޮތުގައެވެ. ނުވަތަ ޒަމާނީ ދައުލަތެއްގެ ގޮތުގައެވެ. ނުވަތަ ޢަދުލުވެރި ދައުލަތެއްގެ ގޮތުގައެވެ. ނުވަތަ ޤާނޫނީ ދައުލަތެއްގެ ގޮތުގައެވެ.

ނަމަވެސް ޙަޤީޤަތުގައި މަދަނީ ދައުލަތަކީ ޢަލްމާނީ (secular) ދައުލަތެވެ. އެއީ މީސްތަކުންގެ މައްޗަށް ޝަރީޢަތާއި ޤުރުއާނާއި ސުންނަތް ތަންފީޒު ނުކުރާ މަދަނީ ދައުލަތެވެ. އެ ދައުލަތްތަކުގައިވަނީ ޤުރުއާނާއި ސުންނަތާ ގުޅުމެއް ނެތް ޤާނޫނުތަކަކާއި ދުސްތޫރުތަކެކެވެ.

އެގޮތުން މިފަދަ މަދަނީ ދައުލަތެއްގައި އިސްކަންދެނީ ތިމާވެއްޓާއި، ޞިއްޙަތާއި، ފަންނުތަކާއި، ކުޅިވަރުތަކަށެވެ. އަދި ފާޙިޝް ކަންތައްތަކަށް ފަންނުތަކޭ އެބައިމީހުން ކިޔައެވެ. އަދި ބަރަހަނާ ކަމަށް ކުޅިވަރުތަކޭ ކިޔައެވެ. އަދި ކާފިރުކަމަށް މިނިވަންކަމޭ ކިޔައެވެ.

 

ދީނާ ގުޅޭ ގޮތުން މިބައިމީހުންގެ ދެބައެއް ވެއެވެ.

ފުރަތަމަ ބައި: މިއީ އިލްޙާދުގެ ސިފައެވެ. އެއީ މުޅި ދީނަށް އިންކާރުކުރުމެވެ. އަދި ﷲ ވޮޑިގެންވާކަމަށް އިންކާރުކުރުމެވެ. އަދި މުޅި ދީނަށް ދެކޮޅުވެރިވުމެވެ.

ދެވަނަ ބައި: އެބައިމީހުން ﷲ ވޮޑިގެންވާކަމަށް އިންކާރު ނުކުރެއެވެ. ނަމަވެސް އެބައިމީހުން ބުނެއެވެ. އެކަން (އެބަހީ: ދީން) ޙަޔާތުގެ ތެރެއަށް ނުވައްދާށެވެ. އަދި މިކަމާ ބެހޭގޮތުން އެބައިމީހުން ބުނެ އުޅޭ ބަހެއް އޮވެއެވެ. އެއީ “ޤައިޞަރަށް ވީ އެއްޗެއް ޤައިޞަރަށް ދީފައި ﷲ އަށް ވީ އެއްޗެއް ﷲ އަށް ދޭށެވެ.”

ޝައްކެއް ނެތް ގޮތުގައި މިއީވެސް ކުފުރެވެ. އެއީ އެބައިމީހުން ޤަބޫލުކުރާ ގޮތުގައި އިޤްތިޞާދާއި، ސިޔާސަތާއި، ތަޢުލީމާއި، ޚަބަރު ފެތުރުމާއި، އެފަދަ ކަންކަމުގައި ﷲ سبحانه وتعالى އާ ގުޅުމެއް ނުވެއެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއީ ކުފުރެވެ. އެހެނީ ހަމަކަށަވަރުން ﷲ ގެ ޝަރީޢަތް ބާވައިލެއްވީ ހުރިހާ ކަމެއް ޝާމިލުވާ ގޮތުގައެވެ.

﴿فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ﴾ [سورة النساء 65]

މާނައީ: “އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރައްބު ގަންދެއްވައި ވަޙީކުރައްވަމެވެ. އެބައިމީހުންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާންދެން އެބައިމީހުން އީމާނެއް ނުވާނެއެވެ.”

﴿إِنِ الْحُكْمُ إِلَّا لِلَّـهِ﴾ [سورة يوسف 40]

މާނައީ: “ﷲ އަށް މެނުވީ ޙުކުމް ކުރެއްވުމެއްނެތެވެ.”

އެއީ ޙުކުމްކުރުމާއި، އިޤްތިޞާދީ ކަންކަމާއި، ދައުލަތުގެ ކަންކަމާ އަދި އެނޫންވެސް ކަންކަމުގައެވެ.

މިފިކުރު ފެތުރިގެން ދިއުމަށް މެދުވެރިވީ، ޔޫރަޕުގައި މިފަހުން ފާޅުވި ޢިލްމުތަކާއި ދީނާމެދު އަދި ދީނާއި މީސްތަކުންގެ ތެރެއިން ބޮޑުންގެ މަޞްލަޙަތުތަކާމެދު އައި ޢަދާވާތްތެރިކަމާ ގުޅިގެންނެވެ. އެހެނީ ކަނީސާގެ ފާދިރީންނާއި ރަސްރަސްކަލުން ފަދަ މީހުންގެ މެދުގައި އެއްބަސްވުންތަކެއް ހުއްޓެވެ. އަދި މީސްތަކުން އަޅުންގެ ގޮތުގައި ދެމި ތިއްބެވެ. އަދި އެއާއެކު އެބައިމީހުންވީ ބޮޑުވެގެންވާ އަނިޔާވެރިކަމެއްގެ ތެރޭގައެވެ. އެހެންކަމުން އެބައިމީހުން ކަނީސާއާ ދެކޮޅަށް އިހުތިޖާޖު ކުރިއެވެ. އަދި އެބައިމީހުން ވަރަށް ބޮޑަށް އެބައިމީހުންގެ ދީނާ ދެކޮޅުވެރިވިއެވެ. އެގޮތުން އެބައިމީހުންގެ ތެރެއިން މީހަކު ﷲ ތަޢާލާއަށް ނިސްބަތްކޮށް “ކައުނުން ތިބާގެ އަތް ނަގާށޭ” ވެސް ބުންޏެވެ.

މިފަދަ ދެކޮޅުވެރިކަން އުފެދެން މެދުވެރިވި ސަބަބުތަކަކީ، ﷲ ގެ ޝަރީޢަތުގައި ހުރި ކަންކަމެއް ނޫނެވެ. އެހެނީ ﷲ ގެ ޝަރީޢަތުގައި އަނިޔާވެރިކަމެއް ނުވެއެވެ. ޢާންމުންނަކަށްވެސް އަދި އެނޫން ޚާއްޞަ މީހަކަށްވެސް މެއެވެ. ޙާކިމަކަށް އަދި ޙުކުމްވެވޭ މީހަކަށްވެސް މެއެވެ. ޢާލިމަކަށް އަދި ޢިލްމު އުނގެނޭ މީހަކަށްވެސް މެއެވެ. ފަހެ، އެއިން ކޮންމެ މީހަކުވެސް އަނެކާއާމެދު ގުޅުންތަކެއް ވެއެވެ. އަދި އެއިން ކޮންމެ މީހަކަށްވެސް ޙައްޤުތަކެއްވެއެވެ.

އިސްވެ ބަޔާންކުރެވުނު ފަދައިން ޢަލްމާނިއްޔަތުގެ ފިކުރުގެ ބައިތަކެއްވެއެވެ. އެގޮތުން އެއްބަޔަކީ ދައުލަތުން ދީން ވަކިކުރުމެވެ. އަދި އަނެއް ބަޔަކީ ހުރިހާ ކަމަކުން ދީން އެއް ފަރާތްކުރުމެވެ. ހަމައެކަނި ދައުލަތަކުން ނޫނެވެ. ނަމަވެސް މީސްތަކުންގެ ދިރިއުޅުމުގެ ހުރިހާ ކަމަކުން ދީން ދުރުކުރުމެވެ. އެގޮތުން މީސްތަކުންގެ ޝަޚްޞީ ކަންކަމުގެ އިތުރުން މަޝާޢިރުތަކުންވެސް ދީން އެއް ފަރާތްކުރުމެވެ.

މިއީ މުލްޙިދު ޢަލްމާނިއްޔަތެވެ. އެއީ ކޮންމެ ކަމެއް ޠަބީޢަތަށް ނިސްބަތްކުރާ މީހުންނެވެ. އެބައިމީހުން ﷲ އަށް އީމާނެއް ނުވެއެވެ. އެބައިމީހުންގެ ތެރެއިން މީހަކު ބުނެއެވެ. “އިލާހަކު ނުވެއެވެ. އަދި ޙަޔާތަކީ މާއްދީ އެއްޗެކެވެ. މިކަމުގައި ވަނީ ދަރިން ނެރޭ ރަޙިމުތަކަކާއި (މީސްތަކުން މަރުވުމުން އެބައިމީހުން) ދިރުވާލާ ބިންތަކެކެވެ.”

ޢަލްމާނިއްޔީންގެ ތެރެއިން ﷲ ގެ ވޮޑިގެންވާ ކަމަށް އީމާންވާމީހުން ބުނަނީ މިފަދައިންނެވެ. “ކައުނު ޚަލްޤުކުރެއްވީ ﷲ އެވެ. ދެން އެއަށްފަހު އެއިލާހު އެކައުނު ދޫކޮށްލެއްވިއެވެ.” އެއީ މިސާލަކަށް ގަޑި ހަދާ މީހަކު ގަޑިއެއް ހެދުމަށްފަހު އެއަމިއްލައަށް ހިނގަން ދޫކޮށްލާ ފަދައިންނެވެ. އެބައިމީހުން ޤަބޫލުކުރަނީ ޚަލްޤުތަކުން ޚަލްޤުކުރެއްވީ ﷲ އެވެ. އެއަށްފަހު ދެން އެތަކެތިވަނީ ކުރާނެ ކަމެއް ކޮށް، އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލެވިފައެވެ.

__________________________________________

މަޞްދަރު