[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަލަފް އަދި ސަލަފިއްޔާ – 4

ސަލަފުއްޞާލިޙުންގެ ފަހުމު (ދޭހަފުޅު – ވިސްނުންފުޅު) އަދި އިސްލާމް ދީނުގައި އޭގެ ދަރަޖަ:

ޤުރްއާނާއި ސުންނަތަކީ މި އުންމަތުގެ ކަންކަން ޝަރުޢު ކުރުމާއި އެނޫން އެހެން ހުރިހާ ކަމެއްގައި މަރުޖިޢު އަދި މަޞްދަރެވެ. މިއީ މުޅި އިސްލާމީ އުންމަތް އިޖުމާޢުުވެ އިއްތިފާޤުވެފައިވާ ޚިލާފެއް ނެތް ބިންގަލެކެވެ.

ނަމަވެސް މީސްތަކުންގެ ފަހުމުވުމާއި ދޭހަވުމުގައި ތަފާތު އުފެދި އެ ދެ މަޞްދަރުގެ ނައްޞުތައް މާނަކުރުމާއި ތައުވީލު ކުރުމުގައި ޚިލާފު އުފެދެން ފެށި ހިސާބުން ޞައްޙަ މަގުން އެއްކިބާވުމާއި ބިދުޢަތައް ފާޅުވާން ފެށިއެވެ. އަދި ޙައްޤު ގޮތްތަކަކީ އެއީ ކަމުގައި ދޮގު ދަޢުވާތައް ކުރެވެން ފެށި ، ﷲ ގެ ފޮތާއި ނަބިއްޔާ صلى الله عليه وسلـم ގެ ގޮތަށް ތަބާވުމަކީ އެއީ ކަމުގައި މީސްތަކުންގެ މެދުގައި ފެތުރެން ފެއްޓުނެވެ.

އެހިސާބުން، އިހުގެ މަތިވެރި ޤަރުނުތަކުގައި އުޅުއްވި ސަލަފުއްޞާލިޙުންގެ ރަނގަޅު މަގަށް ރުޖޫޢަވެ އެބޭކަލުންނަށް ހެޔޮ ގޮތުގައި ތަބާވުމަށް އުންމަތުގެ މީސްތަކުންނަށް ގޮވާލެވެން ފެއްޓުނެވެ. އަދި އެބޭކަލުން ދީނުގެ ނައްޞުތަކާ މެދުގައި މުޢާމަލާތް ކުރެއްވި ގޮތާއި އެ ނައްޞުތައް އިސްލާމް ދީނުގައި ތަޠްބީޤު ކުރެއްވި ގޮތަށް ޢަމަލު ކުރުމަށް އިރުޝާދުތައް ދެވެން ފެއްޓުނެވެ. އެއާއެކު މި ގޮވާލުމަކީ އިހުގެ ޞާލިޙުންގެ މަގަށް (ސަލަފުއްޞާލިޙުންގެ މަންހަޖަށް) ގޮވާލުން ކަމުގައި ކަނޑައެޅި އެފަދައިން ނަންދެވުނެވެ.

ފަހެ ސަލަފުއްޞާލިޙުންގެ މަންޖެހުގެ ތެރޭގައި ، އެ މަގަށް ތަބާވި ހުރިހާ ބޭކަލުން ހިމެނިގެންވެއެވެ. އޭގެ ތެރޭގައި މި އުންމަތުގެ މަތިވެރި އެންމެހާ މުޖުތަހިދުންނާއި ، ހަތަރު އިމާމުންނާއި އެބޭބޭކަލުންނަށް ތަބާވީހާ ބަޔަކު ހިމެނިގެންވެއެވެ. އަދި އެ މަގަށް ތަބާވާ މީސްތަކުންނަށް “ސަލަފިއްޔާ” ނުވަތަ “ސަލަފިއްޔޫން” (ނުވަތަ “ސަލަފީ”) ފަދަ ލަޤަބުތަކުން ފަހުގެ ޒަމާންތަކުގައި ނިސްބަަަތް ކުރެވެން ފެއްޓުނެވެ.

===ނުނިމޭ===