[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަލަފް އަދި ސަލަފިއްޔާ – 6

ސަލަފުއްޞާލިޙުންގެ މަންހަޖުން ބޭރުވެ ބިދުޢަވެރިވެ ހަވާނަފްސަށް ތަބާވި ބައެއް ބައިގަނޑުތަކާއި އެކަންކަމާ ދެކޮޅަށް ޢިލްމުވެރިން ކުރެއްވި ބައެއް ބޮޑެތި މުހިއްމު މަސައްކަތްތައް:

  • މުސްލިމުންގެ މައްޗަށް ނުޙައްޤުން ކުފުރުގެ ޙުކުމް ޖަހައި އެބައިމީހުންގެ ލޭ ހުއްދަކޮށްގެން ނިކުތް ޚަވާރިޖުން ؛

މިއީ އިސްލާމީ އުންމަތުގައި އެންމެ ފުރަތަމަ ފާޅުވި ބިދުޢަވެރިންނެވެ. މިބައިގަނޑުގެ ފިތުނަ ފާޅުވުމުން ، އޭރު ދުނިޔޭގައި ތިއްބެވި ޞަޙާބީންގެ ތެރެއިން ރަސޫލު ﷲ صلى الله عليه وسلـم ގެ ބޮޑުބޭބޭފުޅު ކަމުގައިވާ ޢަލް-ޢައްބާސްގެފާނުގެ ދަރިކަލުން ޢަބްދު ﷲ رضي الله عنهما ވަޑައިގެން އެބައިގަނޑާ ބައްދަލު ކުރައްވައި ، ޢިލްމީގޮތުން ދަލީލު ދައްކަވައި އެމީހުންގެ ވަހުމީ ބިދުޢަވެރި ފިކުރަށް ރައްދު ދެއްވައި ޙުއްޖަތް ޤާއިމު ކުރެއްވިއެވެ. އަދި އެވަރުންވެސް ޙައްޤަށް ރުޖޫޢަ ނުވެ ބަސް ޤަބޫލު ނުކޮށް މައިތިރި ނުވި މީހުންގެ ނުބައިކަމުން އިސްލާމީ އުންމަތް ސަލާމަތް ކުރެއްވުމަށްޓަކައި ޢަލީގެފާނާ އެކުގައި އެތަކެއް ޞަޙާބީން رضي الله عنهم އާއި ތާބިޢީންނެއް ހަނގުރާމަ ކުރައްވައި އެ އެންމެ ބަލިކުރެއްވިއެވެ.

  • ދެން އެއަށްފަހުު އުފެދުނު ޤަޟާޤަދަރަށް އިންކާރުކޮށް ﷲ ތަޢާލާގެ ފުރިހަމަ ވެގެންވާ ޢިލްމުފުޅަށް ކުޑައިމީސް ބަސްތައް ބުނަން ފެށި ފިކުރުގެ އަހުލުވެރިން ކަމުގައިވާ ޤަދަރިއްޔާއިންގެ ފިތުނަ ފާޅުވުމުން ، އެދުވަސްވަރު ތިއްބެވި ޞަޙާބީންގެ ތެރެއިން ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދު ﷲ رضي الله عنهما ފަދަ ބޭކަލުން އެބައިގަނޑުތަކަށް ރައްދު ދެއްވިއެވެ. (މުސްލިމް: 1/ 36 ، 8). އަދި ޞަޙާބީ ބޭކަލުން رضي الله عنهم ގެ ދަރިވަރުން ކަމުގައިވި ތާބިޢީބޭކަލުންނާއި އެނޫން އިމާމުވެރި ބޭކަލުން ވެސް އެމަގުން ކަންކުރެއްވިއެވެ.

===ނުނިމޭ===