[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަލަފް އަދި ސަލަފިއްޔާ – 10

ފަހެ ސަލަފުއްޞާލިޙުންގެ މަންހަޖަށް ގޮވާލާ ދަޢުޥަތުގެ ވެގެން ގޮސްފައިވަނީ މިވީހާތަނަށް އުފެދިފައިހުރި ހުރިހާ ފައި ކައްސާލުންތަކާއި ، ގޯސް ދޭހަވުންތަކާއި ، ކަސިޔާރު ވިސްނުންތަކާއި ، އެކިއެކި ބާވަތްބާވަތުގެ ބިދުޢަތަކާއި ، ޚުރާފާތްތަށް އިޞްލާޙުކޮށް ހެޔޮމަގަށް ގެނައުމަށްޓަކައި ދެމިއޮތް ގޮވާލުމެއް ކަމުގައެވެ. އިސްލާމް ދީނުގެ އަޞްލު ޙައްޤު މަގަށް މީސްތަކުން އެނބުރައި ޖަމާކޮށް އެއްކުރާ ދަޢުޥަތެއް ކަމުގައެވެ.

އެހެންކަމުން ، މަތީގައި ބަޔާންވެދިޔަ ޙަޤީޤަތްތަކުން ސާފުވެ ހާމަވެގެން ދަނީ ، ސަލަފިއްޔަތަކީ ދީނުގެ ނައްޞުތަކާއި ގުޅިފައިވާ ދީނުގެ ޘަޥާބިތުތަކުގައި ގަދައަށް ހިފެހެއްޓުމަށް ގޮވާލައި ، އިސްލާމް ދީނުގެ އަޞްލުތައް އޭގެ މުލުން ފެށިގެން ސާފު ސީދާކަން މަތީގައި ރައްކާތެރިކުރާ މަންހަޖެއް ކަމެވެ.

އެއީ އެއްވެސް ޙާލެއްގައި އެހެން ހުރިހާ މުސްލިމުންނާ އެކަހެރިކޮށް ވަކިން އޮންނަ މުސްތަޤިއްލު ބައިގަނޑެއް ނޫންކަމެވެ. ނުވަތަ އެބައިމީހުންނާ ވަކިވެގަނެފައިވާ ވަކި ޖަމާޢަތެއް ވެސް ނޫނެވެ. ނުވަތަ މި އުންމަތުގެ އެންމެން ބަލައިގަނެފައިވާ ހަތަރު މަޛްހަބާ ދުރުވެގަނެގެން އުޅޭ މަޛްހަބެއް ވެސް ނޫނެވެ.

އަދި އެއީ ވަކި ފަރުދީ ޝަޚްޞަކަށް ނިސްބަތްވެ ކަނު ތަޢައްޞުބެއް ގެންގުޅޭ އެކަނިމާ އެކަނި އޮންނަ ފިރުޤާއެއްވެސް ނޫނެވެ. ހަމައެފަދައިން ސަލަފީ މަންހަޖަކީ އެއްވެސް ޙާލެއްގައި މުޢުތަބަރު ފިޤުހީ މައްސަލަތަކުގައި ވަކި ރަޢުޔެއް އަނެކުންގެ މައްޗަށް ލާޒިމްކުރާ މަންހަޖެއް ވެސް ނޫނެވެ.

ކުރިން އިޝާރާތް ކުރެވުނު ފަދައިން ، ބަހަވީ ގޮތުން ސަލަފީގެ މާނައަކީ ، އިހުގެ މީހުންނަށް ނިސްބަތްވާ މީހާއެވެ. އެއީ ވޭތުވެދިޔަ މާޒީގައި އުޅެގޮސްފައިވާ ފަރާތްތަކެވެ. އަދި އިޞްޠިލާޙި ގޮތުން އެއީ ، މާތް ﷲ ގެ ކައު އިތުރު ރަސޫލާ صلى الله عليه وسلـم އާއި އެކަލޭގެފާނުގެ މިތުރު ޞަޙާބީންނާއި އެބޭކަލުންނަށް ތަބާވެ އެބޭކަލުންގެ ފިޔަވަޅު މަތީގައި ހިނގައި ފިޔަވަޅު އަޅަމުން ދިޔަ އެންމެހާ މުސްލިމުންނެވެ.

އެހެންކަމުން ،  ޤުރްއާނާއި ޙަދީޘަކީ އިސްލާމް ދީނުގެ އަސާސީ ދެ މަޞްދަރު ކަމުގައްޔާއި ، އެ ދެ މަޞްދަރުން ޘާބިތުވާ އެއްވެސް ޙުކުމަކަށް ދެކޮޅު ހެދުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭ ކަމެއް ނޫންކަމަށާއި ، މާތް ޞަޙާބީންނަށް އިޙްތިރާމު ކުރުމާއި އެބޭކަލުންނަށް ތަބާވުމާށާއި ، އެބޭކަލުންނީ މި ބިންމަތީގައި އިސްލާމް ދީން އެންމެ ފުރިހަމަ ޞައްޙަ ގޮތުގައި ތަންފީޛު ކުރެއްވި ބޭކަލުން ކަމަށް އެއްބަސްވެ އެގޮތުގެ މަތިން ޢަމަލުކުރާ ކޮންމެ މީހަކީ ސަލަފީއެކެވެ.

އެއީ އެމީހަކު އަމިއްލައަށް ތިމަންނަ މިއީ ސަލަފީއެއް ކަމުގައި އިރުއިރުކޮޅާ ހަރުއަޑުން ބުނެ ދަޢުޥާ ނުކުރިޔަސް މެއެވެ.

===ނުނިމޭ===