ސަލަފީ މަންހަޖުގެ މައިގަނޑު އުޞޫލުތަކާއި ޝިޢާރުތައް:
މުޅި އިސްލާމީ އުންމަތް އިޖުމާޢުވެފައިވާ ފަދައިން ، މި ދުނިޔެ މަތީގައި އިސްލާމް ދީން އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަޠްބީޤު ކުރެއްވި ބަޔަކީ މި އުންމަތުގެ އެންމެ ފުރަތަމަ ތިން ޤަރުނުގައި އުޅުއްވި ބޭކަލުންނެވެ. ހަމަ އެދުވަސްވަރު މި އުންމަތުގެ ތެރޭގައި ޚިލާފުވުންތަކާއި ޚުރާފާތްތަކާއި ބައިބައިވުންތައް އޭގެ ކުރިތައް މަޑުމަޑުން ފާޅުވަމުން ، އޭގެ މޫތައް ފަތުރަމުުން ގެންދިޔައެވެ.
އަދި ހަމަ އެއާއެކު ބިދުޢަތަކާ ދެކޮޅަށް އިސްލާމީ އުންމަތުގެ ތެރޭގައި ތިއްބެވި ބޮޑެތި ފަރުބަދަތަކާއި މާސިންގާ ކަނޑުތައް ފަދަ ދަންނަބޭކަލުންނާއި އެބޭކަލުންގެ ފަހަތްޕުޅުގައި ތިއްބެވި ދަރިވަރުންނާއި ކިޔަމަންތެރިން ނިކުމެ އެކަންކަމާ ދެކޮޅަށް ނުހަނު ވަރުގަދަޔަށް ހުއްޓުމެއް ނެތި ޖިހާދު ކުރައްވަމުން ގެންދެވިއެވެ. ދުލާއި ޤަލަމުންނެވެ. ބަހާއި ޢަމަލުންނެވެ. ރަށު ތެރެއާއި ޞަޙަރާގައެވެ. އެއްގަމާއި ކަނޑުގައެވެ.
އޭގެ ސަބަބުން ސީދާ މަގުން ކައްސާލައިގެން ދިޔަ އެތައް ބަޔަކަށް ހެޔޮ ވިސްނި ސީދާ މަގަށް އަނބުރާ އާދެވުނެވެ. އަދި ވާނުވާ ސާފުނުވެ ދެދޭ ޚިޔާލުގައި ތިބި މީހުންނަށް ޙައްޤު ފަޅި ޔަޤީންވިއެވެ. ހަމަ އެއާއެކު ސަލާމަތުން ތިބި މީސްތަކުންގެ ޘާބިތުކަން އިތުރަށް މޫލައި ވަރުގަދަވިއެވެ. އަދި އެފަދަ ފިކުރުތަކުގެ ސަބަބުން ފެތުރެމުން ދިޔަ ފަސާދަތައް މުޅިންހެން ހުއްޓި ބިންމަތި އިޞްލާޙުވިއެވެ. ﷲ ތަޢާލާގެ މަދަދާއި ވާޤިފުޅަށް ފަހު ، މިހުރިހާ ކަމެއްވެސް ޙަޤީޤަތުގައި ބިނާވެގެން ދިޔައީ އެބޭބޭކަލުން ހިފެހެއްޓެވި ވަރުގަދަ ހަރުދަނާ އުޞޫލުތަކާއި ޝިޢާރުތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި؛
- ކޮންމެ ކަމެއްގައި ވެސް ﷲ ގެ ފޮތާއި އެކަލާނގެ ރަސޫލާގެ صلى الله عليه وسلـم ގެ ގޮތަށް ރުޖޫޢަވުމާއި އެއީ ކޮންމެ މުސްލިމަކަށް ވެސް ދިމާވާ ހުރިހާ ކަމެއްގައި އެކަމެއްގެ ޙުކުމް ނަގަން ޖެހޭ މަޞްދަރު ކަމުގައި އިޢުތިޤާދު ކުރުން؛
އެއީ މާތް ﷲ ތަޢާލާ ޥަޙީ ކުރައްވާފައިވާ ފަދައިންނެވެ:
﴿وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّـهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا﴾ (سورة الأحزاب : ٣٦)
މާނައީ: ” އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.”.
އަދި ނިސާ ސޫރަތުގައި އެކަލާނގެ ޥަޙީ ކުރައްވާފައި ވެއެވެ:
﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّـهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا﴾ (سورة النساء : ٥٩)
މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ”.
ﷲ އަށް ރައްދުކުރުމަކީ އެކަލާނގެ ބާވައިލެއްވި އެންމެ ފަހުގެ ފޮތަށް ރުޖޫޢަވުމެވެ. ހަމަ އެފަދައިން އެކަލާނގެ ރަސޫލާ صلى الله عليه وسلـم އަށް ރައްދު ކުރުމަކީ އެކަލޭގެފާނު ދިރިހުންނެވި އިރު އެކަލޭގެފާނުގެ ޙުކުމްފުޅަށް ރުޖޫޢަވުމެވެ. އަދި އެކަލޭގެފާނު އަވަހާރަވުމަށް ފަހުގައި އެކަލޭގެފާނުގެ ސުންނަތުން ޝާބިތުވާން ހުރި ޙަދީޘްފުޅުތަކަށް ރުޖޫޢަވުމެވެ.
===ނުނިމޭ===