- ނަބަޥީ ޙަދީޘްފުޅުތަކާއި، އެ ރިވާކުރުމަށާއި، އެ ލިޔެ ރައްކާތެރި ކުރުމަށާއި، އޭގެ ސަނަދުތަކަށް ފަރުވާތެރިވެ އޭގެން ޞައްޙަ ނުޞައްޙަ ވަކިކުރުމަށް އަހައްމިއްޔަތުކަން ދިނުން؛
މި ލަނޑުދަނޑިތައް ޙާޞިލު ކުރުމަށްޓަކައި އިސްލާމްދީނުގެ ޢިލްމުވެރިން ވަނީ އެންމެ ކުރިން ސުރެ ވެސް މިކަމަށް އަވަސްވެވަޑައިގެންފައެވެ. އެހެނީ ރިޥާޔަތާއި ސަނަދުގެ ޢިލްމާއި އެއާ ގުޅޭ މުޞްޠަލަޙުލް ޙަދީޘްއާއި ޢިލްމުއްރިޖާލްއާއި ޖަރަޙަވައްތަޢުދީލްއާއި، ޢިލަލް ފަދަ އެހެން ހުރިހާ ޢިލްމަކީ ހުރިހާ އުންމަތްތަކުގެ ތެރެއިން ހަމައެކަނި މިއުންމަތަކަށް ޚާއްޞަވެގެންވާ ޢިލްމެކެވެ.
- ޞަޙާބީންނާއި ތާބިޢީންގެ އަޘަރުތަށް ހޯދައި ބަލައި އެއަށް ފަރުވާތެރިވެ، ދީނުގެ ނައްޞުތައް ފަހުމުވުމުގައި ޞަޙާބީންނާއި ތާބިޢީންގެ ވިސްނުންފުޅު ދެން އެބޭކަލުންގެ ފަހުން އައި މީހުންގެ ފަހުމުގެ މައްޗަށް އިސްކުރުން؛
އެހެނީ އިޚްތިލާފުތަކާއި ބައިބައިވުންތަކުން ސަލާމަތްވުމަށްޓަކައި އޮތް މަގަކީ އެއީ ކަމުގައި ނަބިއްޔާ صلى الله عليه وسلـم ސިފަކުރައްވައި މިފަދައިން ޙަދީޘްފުޅު ކުރައްވާފައިވާތީއެވެ:
“ما أنا عليه وأصحابي”. (رواه الترمذي 2641).
މާނައީ: “ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަޞްޙާބުން ތިއްބެވި ގޮތެވެ”.
އަދި
“خير الناس قرني، ثمَّ الذين يلونهم، ثمَّ الذين يلونهم”. (أخرجه البخاري 3/171 ،ނަންބަރު 2652، ومسلم 4/1963 ، ނަންބަރު 2533)
މާނައީ: “އެންމެ ހެޔޮވެގެންވާ ޤަރުނަކީ ތިމަންކަލޭގެފާނުގެ ޤަރުނެވެ. ދެން އެއާ ޖެހިގެން އޮތް ޤަރުނެވެ. ދެން އެއާ ޖެހިގެން އޮތް ޤަރުނެވެ”.
- އިސްލާމް ދީނުގެ ޢަޤީދާ އެއަކުން ނެގޭނެ ހަމައެކަނި މަޞްދަރަކީ، ޤުރްއާނާއި ސުންނަތް ކަމުގައި ބެލުން؛
ފަހެ ޢަޤީދާގެ އަޞްލަކީ ޣައިބުގައިވާ ކަންކަމެވެ. އަދި ޣައިބުގެ ޢިލްމަކީ ޥަޙީގެ ޒަރިއްޔާއިން މެނުވީ އެނގޭނެ ޢިލްމެއް ނޫނެވެ. އެހެންކަމުން ، ޤުރްއާނާއި ސުންނަތަކީ މާތް ﷲ ގެ ޙަޟްރަތުން އައިސްފައިވާ ޥަޙީ ކަމުގައި ޤަބޫލުކުރުމަކީ ، އެ ދެ މަޞްދަރުން އަންނަ ކޮންމެ ކަމަކަށް ، އަމިއްލަ ބުއްދިއަށް ފެންނަ ނުފެންނަ ގޮތްތަކަށް ނުވަތަ ފާޑުފާޑުގެ ފަލްސަފީ ވިސްނުންތަކަށް ބެލުމެއް ނެތި ، ވާރިދުވެގެން އެއައި ގޮތަށް އިމާންވުން ލާޒިމު ކުރާ ކަމެކެވެ.
===ނުނިމޭ===