- ޤުރްއާނާއި ސުންނަތުން ޘާބިތު ނުވާ އެއްވެސް އަޅުކަމެއް އަމިއްއަށް ގެނެސްނުގަތުން؛
އިސްލާމީ ޝަރީޢަތް އައީ މީސްތަކުންނަށް އެބައި މީހުންގެ ރައްބު ރުހިވޮޑިގެންނަވާ މަގުން އެކަލާނގެއާ ކުށްތަންވުމަށް މަގު ދެއްކުމަށެވެ. އެއީ އެއްވެސް މީހަކަށް އަމިއްލަ އަމިއްލައަށް ހަމަހުރެލާފައި ކަނޑައެޅޭނެ ކަންކަމެއް ނޫނެވެ. އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތް ދެނެގަނެވެން އޮތް ހަމައެކަނި އެކަލާނގެ ފޮތާއި އެކަލާނގެ ފޮނުއްވި ރަސޫލާ صلى الله عليه وسلـم ގެ ސުންނަތުންނެވެ.
އެހެންކަމުން އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވެއެވެ:
“مَن أحدث في أمرنا هذا ما ليس منه، فهو ردٌّ”. (أخرجه البخاري 3/184 ،ނަންބަރު 2697، ومسلم 3/1343 ، ނަންބަރު 1718)
މާނައީ: “ތިމަންބޭކަލުންގެ މިކަމުގެ (ދީނުގެ) ތެރޭގައި އޭގައި ހިމެނިގެން ނުވާ ކަމެއް އީޖާދުކޮށްފި މީހަކަށް އެކަމެއް ވަނީ ރައްދު ކުރެވިގެންނެވެ”.
“مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ”. (أخرجه مسلم 1718)
މާނައީ: “ތިމަންމެންގެ އަމުރެއް އޭގައި ނުވާ ކަމެއް ކޮށްފި މީހާއަށް އެކަމެއް ވަނީ ރައްދުކުރެވިގެންނެވެ”. (މުސްލިމް)
- އެހެން އެންމެހާ މީސްތަކުންނާ ޚިލާފަށް ، މާތް ﷲ ގެ ޙަޟްރަތުން އެކަލާނގެ ދީން މީސްތަކުނަށް ފޯރުކޮށްދެއްވުމުގައި ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންނަކީ މަޢުޟޫމު ބައެއް ކަމުގައި ދެކުން؛
ޞާލިޙު އަޅުވެރިންނާއި ވަލީވެރިންނާ ޚިލާފަށް ، އެންމެހާ ނަބީންނާއި ރަސޫލު ބޭކަލުންނަކީ މާތް ﷲ ގެ ޙަޟްރަތުން އެކަލާނގެ ދީނުގެ ރިސާލަތު ޙަވާލު ކުރެއްވިފައިވާ މާތް މަތިވެރި ބައެކެވެ. އެބޭކަލުން ގެންނަވާ ދީނީ ޙުކުމްފުޅުތަކަކީ ސީދާ މާތް ﷲ ގެ އަމުރުފުޅުތަކެވެ. އެ ޙުކުމްފުޅުތައް ހާމަކުރެއްވުމުގައި އަދި ބަޔާންކޮށްދެއްވުމުގައި ކުށް ޖެހުމަކީ އެކަލާނގެ ދީން މީސްތަކުންނަށް އޮޅި ޙައްޤާއި ބާޠިލު އެއްވުމަށް މެދުވެރިވާނެ ސަބަބެކެވެ.
އެހެންކަމުން މާތް ﷲ ވަނީ އެކަލާނގެ ދީން މީސްތަކުންނަށް ފޯރުކޮށްދިނުމުގެ ވަޒީފާގައި ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުން ކުށާއި ހުރިހާ ޒާތެއްގެ އުނިކަންކަމުން ރައްކާތެރި ކުރައްވާފައެވެ.
އެއާ ޚިލާފަށް އަޅުވެރި ޞާލިޙުންނާއި ވަލީވެރިންނަކީ އެބައިމީހުންގެ ކިބައިން އުނި ކަންކަމާއި ކުށް ފާޅުވާނެ ބައެކެވެ. އެއީ އެބައިމީހުންނަކީ ، ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންގެ ދަރަޖައިގެ މީހުން ކަމުގައި ނުވާތީއެވެ. ނަމަވެސް މީގެ މާނައަކީ އެފަދަ މީސްމީހުންގެ ކިބައިން ކަރާމާތް ތަކާއި އާދައާ ޚިލާފު ކަންކަން މާތް ﷲ ފާޅު ނުކުރައްވާނެ ވާހަކައެއް ނޫނެވެ. ބައެއް ފަހަރު އެފަދަ ކަންކަން މާތް ﷲ ފާޅު ކުރައްވަނީ އެބައިމީހުންގެ އީމާންކަން އިތުރުކޮށްދެއްވައި ދީނުގެ މަތީގައި ޘާބިތު ކުރެއްވުމަށްޓަކައެވެ. އަދި އަނެއްބައި ފަހަރު އެއީ އެބައިމީހުންގެ ދަރަޖައާއި މަންޒިލު މީސްތަކުންގެ މެދުގައި ފާޅު ކުރެއްވުމަށްޓަކައެވެ.
އެގޮތުން މަރިޔަމްގެފާނަށް ވެސް އެކަލާނގެ މިފަދަ ކަރާމާތް ދެއްކެވިއެވެ. މާތް ﷲ ޥަޙީކުރައްވާފައި ވެއެވެ:
﴿كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَا مَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ اللَّـهِ ۖ إِنَّ اللَّـهَ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ﴾ (آل عمران: ٣٧)
މާނައީ: ” އެކަމަނާގެ އަރިހަށް محراب ގެ ތެރެޔަށް زكريّا ގެފާނު، ވެދެވަޑައިގަންނަވާ ކޮންމެފަހަރަކު، އެކަމަނާގެ އަރިހުގައި، ކާތަކެތިވާތީ، އެކަލޭގެފާނު ދެކެވަޑައިގެން ވިދާޅުވެތެވެ. އޭ مريم އެވެ! ކަމަނާއަށް މިތަކެތި ލިބިވަޑައިގަންނަވަނީ ކޮންތާކުންތޯއެވެ؟ އެކަމަނާ ވިދާޅުވެތެވެ. އެއީ، اللَّه ގެ حضرة ންނެވެ. ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެއްވެސް حساب އެއްނެތި رزق ދެއްވަތެވެ”.