- އިސްލާމީ ޝަރީޢަތާއި އޭގެ ހަމަތަކާއި އުޞޫލުތައް އާލާވޭވޭ އޮންނާނެ ކަމަށް އީމާންވުން؛
މިދީނަކީ ޤިޔާމަތާ ހަމަޔަށް އޮންނާނެ ޝަރީޢަތެކެވެ. މިޝަރީޢަތަކީ އެންމެ ފަހުގެ ޝަރީޢަތެވެ. މީގެ ފަހުން އިތުރު އެހެން ޝަރީޢަތެެއް ދެން ނާންނާނެއެވެ. މީގެ މާނައަކީ ޤިޔާމަތާ ހަމައަށް މިދީނުގެ ޙުކުމްފުޅުތަކާއި އުޞޫލުތަކާއި ޤަވާޢިދުތައް ފޯރާނެ ވާހަކައެވެ. އަދި މިދީނަށް ކުރިމަތިވާ ގޮންހުންތަކާއި ދީނުގެ ޢަދުވުންގެ ކިބައިން އަންނަ ޙަމަލާތަކުން ސަލާމަތް ކުރެއްވުމަށްޓަކައި މާތް ﷲ އެކިއެކި ސަބަބުތައް މެދުވެރި ކުރައްވާނެ ވާހަކައެވެ.
އެގޮތުން އިސްލާމް ދީނުގެ އަޞްލުތަކާއި އުޞޫލުތައް އޮޅުވާލައި ނުވަތަ ނައްތާލުމައްޓަކައި ކާފަރުންނާއި މުނާފިޤުން ރާވާ ރޭވުންތަކުން މިދީން ޙިމާޔަތް ކުރުމަށްޓަކައި އިހުގައިވެސް މާތް ﷲ ޢިލްމުވެރިންނާއި މުޖާހިދުން ފާޅުކުރެއްވި ފަދައިން ތާއަބަދުމެ އެފަދަ ބޭކަލުން ފާޅުވޭވޭ ހުންނާނެއެވެ. އެކި ފަހަރު ދުނިޔޭގެ އެކި ހިސާބުތަކުގައެވެ. އަދި އެކި ފަހަރު އެކި ޢަދަދުުންނެވެ.
އެބޭކަލުުންގެ މަސައްކަތަކަށް ވާނީ އިސްލާމް ދީނުގެ ޙުކުމްތަކާއި ބިންގާ އާރޯކަން މަތީގައި ޘާބިތު ކުރެއްވުމެވެ. އަދި އަލަށް އުފެދިގެން އަންނަ މައްސަލަތަކާއި ކަންކަމުގެ ޙައްލުތައް އިސްލާމް ދީނުގެ އުޞޫލުތަކާއި ޤަވާޢިދުތަކުގެ ތެރެއިން ނެރެފާޅުކުރައްވައި މީސްތަކުންނަށް އެކަންކަމުގެ ޙައްލު ހޯއްދަވައި ދެއްވުމެވެ. އަދި އަނަރޫފަވަމުން ދާ އިސްލާމީ އުންމަތް އަލުންބަލުން ދިރުވައި ކޮޅަށް ނެގުމެވެ.
ރަސޫލާ صلى الله عليه وسلـم ޙަދީޘްފުޅު ކުރައްވާފައިވެއެވެ:
“إنّ الله عز وجل يبعث لهذه الأمة على رأس كلِّ مئة سنة مَن يجدّد لها دينَها”. (أخرجه أبو داود 6/ 349، ނަންބަރު: 4291 )
މާނައީ:”ހަމަޔަޤީނުންވެސް ، ކޮންމެ ސަތޭކަ އަހަރެއްގެ ކުރީކޮޅު މި އުންމަތައްޓަކައި މިދީން އައުކުރައްވާނެ ބޭކަލަކު ﷲ ޢައްޒަވަޖައްލަ ފޮނުއްވާނެއެވެ”.
===ނުނިމޭ===