[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނިފާސްގެ މުއްދަތު

ނިފާސް އަކީ ވިހެއުމާއި ގުޅިގެން އަންހެނާގެ ފަރުޖުން ބޭރުވާ ލެއެވެ.

 

ނިފާސްގެ މުއްދަތު

ނިފާސްގެ އެންމެ ކުރު މުއްދަތަކަށް ވަކި ޙައްދެއް ނެތެވެ. ވިހެއުމަށްފަހު ކިތަންމެ އަވަހަށް ލޭ ކެނޑި ޠާހިރުވުމުން ހިނައިގަނެ އަޅުކަންކުރަން ފަށަންވީއެވެ. ނިފާސްގެ އެންމެ ދިގު މުއްދަތާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު ހުއްޓެވެ. ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ނިފާސްގެ އެންމެ ގިނަ މިނީ 40 ދުވަހެވެ. މިއީ އެންމެ ޞައްޙަ ބަސްފުޅެވެ. ދަލީލުގެ ގޮތުން ބަލާއިރު އެންމެ ވަރުގަދަ ބަސްފުޅެވެ.
(كَانَتْ النُّفَسَاءُ تَجْلِسُ عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَرْبَعِينَ يَوْمًا ) {رواه أبو داود (139) وقال الألباني حسن صحيح} އުންމު ސަލްމާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ނިފާސްވެރިން އެކަނބަލުންގެ ނިފާސްކަމުގައި ސާޅީސްދުވަހު ތިބެއެވެ.”
އިމާމު ތިރްމިޛީ ރަޙިމަހުﷲ މި ޙަދީޘް ރިވާކުރެއްވުމަށްފަހު ވިދާޅުވިއެވެ.
” أَجْمَعَ أَهْلُ الْعِلْمِ مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالتَّابِعِينَ وَمَنْ بَعْدَهُمْ عَلَى أَنَّ النُّفَسَاءَ تَدَعُ الصَّلَاةَ أَرْبَعِينَ يَوْمًا إِلَّا أَنْ تَرَى الطُّهْرَ قَبْلَ ذَلِكَ ، فَإِنَّهَا تَغْتَسِلُ وَتُصَلِّي ، فَإِذَا رَأَتْ الدَّمَ بَعْدَ الْأَرْبَعِينَ فَإِنَّ أَكْثَرَ أَهْلِ الْعِلْمِ قَالُوا لَا تَدَعُ الصَّلَاةَ بَعْدَ الْأَرْبَعِينَ ، وَهُوَ قَوْلُ أَكْثَرِ الْفُقَهَاءِ وَبِهِ يَقُولُ سُفْيَانُ الثَّوْرِيُّ وَابْنُ الْمُبَارَكِ وَالشَّافِعِيُّ وَأَحْمَدُ وَإِسْحَقُ ” “سنن الترمذي” (1/256) .
“ނިފާސްވެރިން އެކަނބަލުންގެ ނިފާސްކަމުގައި ސާޅިސްދުވަހު ނަމާދުނުކޮށް ތިބުމަށާއި އެކަމަކު އެއަށްވުރެކުރިން ޠުހުރުފެނިއްޖެނަމަ ހިނައިގަނެ ނަމާދުކުރަން ފަށަންޖެހޭނެކަމަށް ހުރިހައި އަޞްޙާބުބޭކަލުންނާއި ތާބިޢީކަލުންނާއި އެއަށްފަހުގައި ވަޑައިގެންނެވި ޢިލްމުވެރިބޭކަލުން އިޖުމާޢުވެވަޑައިގެންފައިވެއެވެ.” ދެން ސާޅީސްދުވަސްފަހުން ލޭފެނިއްޖެނަމަ ދަންނައެވެ. ފަހެ ގިނަޢިލްމުވެރިން ވިދާޅުވެފައިވަނީ އޭނާ ނަމާދު ދޫނުކުރާހުށިކަމެވެ. އެއީ ގިނަ ފިޤްހު ޢިލްމުވެރިންގެ ބަސްފުޅެވެ. އަދި ސުފްޔާނުއް ޘައުރީއާއި އިބްނުލް މުބާރަކާއި ޝާފިޢީ އަދި އަޙްމަދު އަދި އިސްޙާޤުވެސް ވިދާޅުވަނީ މިފަދައިންނެވެ.”

 

ސާޅީސް ދުވަސްވުމަށް ފަހުގައި ލޭ އަންނަ ނަމަ

1- ބައެއް ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި އެއީ ނިފާސްގެ ލެއެއް ނޫނެވެ. އެހެނީ ނިފާސްގެ އެންމެ ދިގު މުއްދަތަކީ ސާޅީސް ދުވަހެވެ. އެހެންކަމުން ސާޅީސް ދުވަސްވުމުން ހިނައިގަނެ އަޅުކަންކުރަން ފަށާށެވެ. އޭގެ ފަހުގައި ލޭ އަންނަނަމަ ތިބާގެ ޙުކުމަކީ ހަމަ ޠާހިރު މީހެއްގެ ޙުކުމެވެ. ލެއަކީ ނިފާސްގެ ލެއެއް ނޫނެވެ. ފަސާދައިގެ ލެއެވެ. ނުވަތަ އިސްތިޙާޟާގެ ލެއެވެ. ކޮންމެ ނަމާދަކަށް ސާފުކޮށް، ވުޟޫކޮށް، ބަންދުކޮށް ނަމާދު ކުރަންޖެހޭނެއެވެ. ޖިމާޢުވުންވެސް ހުއްދައެވެ.

އަދި އަނެއްބައި ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި ނިފާސްގެ ލޭ އަންނަން ފެށި ގޮތަށް މެދުކެނޑުމެއް ނެތި އެ ޞިފައިގައި އަންނަ ނަމަ ބައެއް ކަނބަލުން 60 ދުވަސްވެސް ނިފާސްވެރި ވެދާނެއެވެ. އެ ޙާލަތުގައި ހިނައިގަންނާނީ ނިފާސްގެ ލެއިން އެއްކޮށް ޠާހިރުވުމުންނެވެ. މި ތަނުން ދެވަނަ ރައުޔަކީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އަދި ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީނު ޚިޔާރުކުރައްވާފައިވާ ރައުޔެވެ.

2- ފަހަރެއްގައި ޙައިޟުގެ ލެއަށްވެސް ވެދާނެއެވެ. އެސިފަތައް ލެއިން ފެންނަނަމަ، ޙައިޟުގެ މުއްދަތަށް ބަލާނީއެވެ. އަދި ޙައިޟު ރަނގަޅުވުމުން ހިނައިގަންނާނީއެވެ.

 

ނިފާސްގެ މުއްދަތު ގުނާނީ ކިހިނެއް؟

ނިފާސްގެ މުއްދަތު ގުނާނީ ވިހެއުމުގެ ލޭ ފައިބަން ފެށި ވަޤުތުން ފެށިގެންނެވެ. އެގޮތުން ނިފާސްގެ ލޭ ކެނޑުމުން ހިނައިގަންނާނީއެވެ. އަދި ނިފާސްގެ ސަބަބުން މަނާވެގެން ދިޔަ ކަންތައްތައް އެއަށް ފަހު ހުއްދަވެގެންދާނެއެވެ.

 

މަރްޖިޢުތައް
https://islamqa.info/ar/answers/128877
https://islamqa.info/ar/answers/31803