ސުވާލު:ކީރިތި ޤުރްއާނުގައި، ﷲ ޞުބްޙާނަހޫ ވަތަޢާލާ އެކި ޞީޣާތަކުން ވަޙީ ކުރައްވާފައިވަނީ ކީއްވެ؟ ޤުރުއާނުގައި ބަދަލު ނަންތައް އައިސްފައިވާއިރު އެކަލާނގެ އަމިއްލަފުޅަށް ވަޙީކުރައްވާފައިވާ ފަދައިންނާއި، ޖަމާއަތެއްގެ ގޮތުގައާ އަދި ތިންވަނަ ފަރާތެއްގެ ނަޒަރުން ވަޙީ އައިސްފައިވަނީ ކީއްވެ؟
ﷲ އަށް حمد ކުރަމެވެ.
އަޅުގަނޑުމެން ދެނެގަންނަން ޖެހޭ ހަޤީޤަތަކީ، ޤުރުއާން ބާވައިލެއްވިފައިވަނީ ޢަރަބި ބަހުންކަމެވެ. އެގޮތުން ޢަރަބިބަހުގެ ޤަވާއިދުގައި، ވާހަކަ ދައްކާފަރާތުން އެކި ޞީޣާތަކުގައި ވާހަކަދެކެވެއެވެ. މިސާލަކަށް ވާހަކަދައްކާ ފަރާތުން އަމިއްލައަށް މުޚާޠަބުކުރާ ފަދައިން ވާހަކަ ދެއްކުމާއި، ޖަމާއަތެއްގެ ގޮތުގައި ވާހަކަ ދެއްކުމާ އަދި ތިން ވަނަ ފަރާތެއްގެ ނަޒަރުން ވާހަކަ ދެއްކުން ހިމެނެއެވެ. މިއީ ޢަރަބި ބަހުގެ ބަލާޣާތްތެރިކަމާއި، ފަސާޙާތްތެރިކަމުގެ ފަންނުގައިވާ ކަމެކެވެ.
ޤުރުއާނުގެ މުޢުޖިޒާތްތަކުގެ ތެރޭގައި، ޢަރަބިންގެ ތެރެއަށް އެމީހުންގެ ބަހުން ޤުރުއާން ބާވައިލެއްވުން ހިމެނޭއިރު، އޭގެ ބަލާޣާތްތެރިކަމާއި މެދު ޝައްކުކުރެވޭނެ ޖާގައެއްނެތެވެ.
ޑރ. ޢަބްދުލް މުޙްސިން އަލް މުޠައިރީގެ “دعاوي الطاعنين في القرآن الكريم” (ޞަފްޙާ 304) ގައި ވެއެވެ.
“ޢަރަބި ބަހުން އެއްޗެއް ބަޔާންކޮށްދިނުމުގެ އުސްލޫބުތަކުގެ ތެރޭގައި، ވާހަކަދައްކާ ފަރާތުން އަމިއްލައަށް މުޚާޠަބުވެވޭގޮތަށް (ތިމަންނަ އެވެނި މިވެނި ގޮތަކަށް ކަންތައްކޮށްފީމެވެ. ތިމަންނަ ގޮސްފީމެވެ. ތިމަންނަ އަމުރުކުރަނީ މިފަދައިން ކަންތައްކުރުމަށެވެ.) މިފަދައިން ބުނުމާ އަދި ބައެއް ފަހަރު އަމިއްލައަށް އެހެން މީހުންނާއި މުޚާޠަބުކޮށް (އެވެނި މީހަކު ތިޔަބައިމީހުންނަށް އެވެނި މިވެނި ގޮތަކަށް އަމުރުކުރެއެވެ. އަދި އެމީހަކު އެވެނި ކަމެއް މަނާ ކުރެއެވެ. އަދި ތިޔަބައިމީހުން މިފަދައިން ކަންތައްކުރުމަށް އެމީހަކު ލޯބިކުރެއެވެ.) މިފަދައިން ބުނުން ހިމެނެއެވެ. އަމީރަކު ނުވަތަ ވެރިޔަކު ޤައުމާއި ނުވަތަ ލަޝްކަރާއި މުޚާތަބުކޮށް، އަމީރު އެދެނީ، ޤައުމުގެ ރައްޔިތުން މިފަދައިން ކަންތައްކުރުމަށެވެ. މިހެން ބުނުމުން ވާހަކަ ދައްކަނީ އަދި އަމުރު އައީވެސް އަމީރުގެ ފަރާތުންކަން އެނގިގެންދެއެވެ.
[އަމީރަކީ ތިމަންނައެވެ. އަދި ތިމަންނަ އަމުރުކުރަނީ މިފަދައިންނެވެ.] ބުނުމަށްވުރެ ކުރީގައި ބުނެވުނު ގޮތް މާ ފުރިހަމަވެފައި ބަލާޣާތްތެރިއެވެ.
ޤުރުއާންގައިވާ އާޔަތްތައްވެސް ބާއްވައިލެއްވިފައިވަނީ މި ބުނެވުނު ފަދައިންނެވެ. މިގޮތް ފެނި، ޢަރަބި ބަސް ނޭނގޭ މީހުން ކުށްހީތައްކޮށް އުޅެއެވެ. އަދި އެކަލާނގެ ވަޙީ ބަސްފުޅުތައް އެކި ޞީޣާތަކުގައި އައިސްފައިވަނީ ކީއްވެތޯ ސުވާލުކުރެއެވެ. މިސާލަކަށް، [ ކުރީގެ ފޮތްތައް ތެދުކުރާ ޙާލުގައި، ޙައްޤުގޮތުގައި ކަލޭގެފާނަށް އެކަލާނގެ ފޮތް (އެބަހީ: ކީރިތި ޤުރުއާން) ބާވައިލެއްވިއެވެ.] (ސޫރަތުލް އާލްޢިމްރާން 2) މިފަދައިން ވަޙީކުރެއްވުމުގެ ބަދަލުގައި ވަޙީކުރައްވަނ ޖެހެނީ “އޭ މުޙައްމަދުގެފާނެވެ! ކުރީގެ ފޮތްތައް ތެދުކުރާ ޙާލު ތިމަންރަސްކަލާނގެ ފޮތް (އެބަހީ:ޤުރުއާން) ބާވައިލެއްވިއެވެ.” މިފަދައިންކަމަށް އެބައިމީހުން ބުނެއެވެ. އަދި (“ދިރިދެމިވޮޑިގެންވާ، ދާއިމަށް ޤާއިމްވެވޮޑިގެންވާ ރަސްކަލާނގެ އީ ﷲ އެވެ.”) މިފަދައިން ބުނުން، [ތިމަންރަސްކަލާނގެ އީ ﷲ އެވެ. ދިރިދެމިވޮޑިގެންވާ، ދާއިމަށް ޤާއިމްވެވޮޑިގެންވާ އިލާހަކީ، ތިމަން އިލާހެވެ.) މިގޮތަށް ބުނުމަށްވުރެ ބަލާޣާތްތެރިވެފައި އަޑުއަހާލަންވެސް ފަސޭހައެވެ.” ޝައިޚުގެ ބަސްފުޅުގެ ޚުލާޞާކޮށް ނިމުނީއެވެ.
އިސްވެދިޔަ މިސާލުތަކަށް ބެލިކަމުގައިވިއަސް، ޢަރަބި ބަހުގައި ވާހަކަދައްކާ ފަރާތުން އުސްލޫބު ބަދަލުކުރެވޭކަން ހާމަވެގެންދެއެވެ. އެހުންނަ މަޤާމަކާ ގުޅޭގޮތަކަށެވެ. މިއީ، ޢަރަބި ބަހުގެ ބަލާޣާތްތެރިކަމުގައި ‘އަލް އިލްތިފާތު’ ނަމަކަށް ކިޔާ ފަންނެކެވެ.
ޒަރަކްޝީ ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ.
“އިލްތިފާތަކީ ޖުމްލައެއް ނުވަތަ ވާހަކައެއް އޮތްގޮތް ނޫން އެހެންގޮތަކަށް ބަދަލުކޮށްލުމެވެ. އޭގެ ސަބަބުން އަޑުއަހާލަން ފަސޭހަވެ، އަޑުއަހާމީހާ ފޫހިވުމުންނާއި ތަކުރާރުވުންތަކުން ދުރުކޮށްލަދެއެވެ. އެހެނީ، ޝާއިރަކު ވިދާޅުވެފައިވާ ފަދައިން “އިންސާނާގެ ނަފްސަށް ހިތްހަމަޖެހުން ލިއްބައިދެނީ އޭނާ އެއް ހާލަތުން އެހެން ހާލަތަކަށް ބަދަލުވެވުމުންނެވެ.” ‘މިންޙާޖް އަލް ބުލަޣާ’ ކިޔާ ފޮތުގައި ޙާޒިމް ވިދާޅުވެފައިވެއެވެ. “އެބޭފުޅުން ޢަރަބި ބަހުގައި ބޭނުންކުރާ ބަދަލުނަންތައް (ޟަމީރުތައް) ތަކުރާރުވެފައި ހުންނާތީ އުދަނގޫވެގެން، އެބަދަލުކޮށް ހައްދަވައެވެ. އެގޮތުން، ވާހަކަދައްކާ ފަރާތުގެ ބަދަލުނަން، ޣައިބުގެ ބަދަލުނަމަށް ބަދަލުކޮށް ހައްދަވައެވެ. އަދި ވާހަކަ ދައްކާ ފަރާތު ނަމުގެ ބަދަލުގައި ބަދަލުނަން ބޭނުންކުރެއެވެ. އަދި ބައެއް ފަހަރު ވާހަކަ ދައްކާ ފަރާތުން އަމިއްލައަށް ދައްކާ ވާހަކައެއް ގޮތަށް ބުނުމާއި، އަމިއްލަ ނަފްސަށް މުޚާޠަބުވެވޭގޮތަށް ވާހަކަދެއްކުމާއި، އަނެއްބައި ފަހަރު ޣައިބުގައިވާ މީހަކު ވާހަކަދައްކާ ފަދައިން ވާހަކަ ބަދަލުކޮށް ހައްދަވައެވެ. އޭގެ ސަބަބުން ބަދަލުނަންތައް އޮޅުންއެރުމުގެ ބަދަލުގައި، އެއް ޖުމްލަ އަނެއް ޖުމްލައާއި ގުޅި، ވާހަކައަށް އިތުރު ރީތިކަމަކާއި ފަސޭހަ ކަމެއް ގެނުވަދެއެވެ.”
މިވާހަކަ ކޮޅަށްފަހު ޒަރަކްޝީ ރަޙިމަހު ﷲ، މީގެ ބައިތަކާއި ބާލާޣީގޮތުން ލިބޭ ފައިދާތައް “އަލް ބުރުހާން ފީ ޢުލޫމުލް ޤުރުއާން” ގައި ގެންނަވާފައިވެއެވެ. (3 / 314-330)
_____________________________