އިސްތިސްޤާ ނަމާދުގެ ޙުކުމްތައް ނަންގަތް ބާބު
﴿وَإِذِ اسْتَسْقَىٰ مُوسَىٰ لِقَوْمِهِ﴾ [سورة البقرة 60]
މާނައީ: “މޫސާގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށްޓަކައި ފެނަށް އެދިވަޑައިގެން ދުޢާ ކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ!”
﴿وَيَا قَوْمِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا﴾ [سورة هود 52]
މާނައީ: “އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތަށް، ފާފަފުއްސެވުންއެދި ދަންނަވާށެވެ. ދެން އެއިލާހަށް ތައުބާވާށެވެ! އޭރުން ތިޔަބައިމީހުންގެ މައްޗަށް އުޑުން ބޯކޮށް ގިނައިން (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެއެވެ.”
އަދި سورة نوح ގެ 10 ވަނަ އާޔަތާއި 11 ވަނަ އާޔަތުގައިވެސް މިފަދައިން އައިސްފައިވެއެވެ.
﴿وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ وَلَـٰكِن كَذَّبُوا فَأَخَذْنَاهُم بِمَا كَانُوا يَكْسِبُونَ﴾ [سورة الأعراف 96]
މާނައީ: “ރަށްތަކުގެ އަހުލުވެރިން އީމާންވެ ތަޤުވާވެރިވީނަމަ، ހަމަކަށަވަރުން އުޑުންނާއި ބިމުން، ތިމަންއިލާހު އެބައިމީހުންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެބައިމީހުން ދޮގުކުރިއެވެ. ދެން، އެބައިމީހުން ހޯދައި އުޅުނު ޢަމަލުތަކަށްޓަކައި، ތިމަންއިލާހު (ކޯފާގެ ޢަޛާބުން) އެބައިމީހުން ހިއްޕެވީމެވެ.”
﴿وَأَن لَّوِ اسْتَقَامُوا عَلَى الطَّرِيقَةِ لَأَسْقَيْنَاهُم مَّاءً غَدَقًا﴾ [سورة الجن 16]
މާނައީ: “އެބައިމީހުން ތެދުމަގުގައި ސީދާވެ ތިބެއްޖެނަމަ، ތިމަންއިލާހު ހަމަކަށަވަރުން އެބައިމީހުންނަށް ގިނަވެގެންވާ ފެން (އެބަހީ: ރިޒްޤު ތަނަވަސްކުރެއްވުން) ދެއްވާހުށީމެވެ.”