[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުމައްޔާ رضي الله عنها

الحمد لله رب العالمين والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އެކަމަނާގެ ނަމަކީ ސުމައްޔާ ބިންތި ޚުއްބާޠެވެ. އެކަމަނާއަކީ އަބޫ ޚުޛައިފާ ބުން އަލްމުޣީރާ ބުން ޢަބްދުﷲ ބުން ޢަމްރު ބުން މަޚްޒޫމުގެ އަޅެކެވެ. އަދި އެކަމަނާއަކީ ޢައްމާރު ބުން ޔާސިރުގެ މަންމާފުޅެވެ.

އެކަމަނާއާއި އެކަމަނާގެ ފިރިކަލުންނާއި ދަރިކަލުންވީ އެންމެ ފުރަތަމަ އިސްލާމުވީ މީހުންގެ ތެރެއިންނެވެ. އެންމެ ފުރަތަމަ އިސްލާމްވީ ހަތް ބޭކަލުންގެ ތެރެއިން ހަތްވަނައަށް އިސްލާމްވީ އެކަމަނާއެވެ.

އެކަމަނާގެ ޢާއިލާއަކީ އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ ޢާއިލާއެކެވެ. އެއީ އިސްލާމްވުމުގެ ސަބަބުން އެތަކެއް އަނިޔާއެއް ތަޙައްމުލު ކުރައްވަން ޖެހިވަޑައިގެން ޢާއިލާއެކެވެ. މެންދުރުގެ ހޫނު ގަދަވެގަންނަ ވަގުތު އަވިން ހޫނުވެ ދޮންވެފައިވާ ހިލަތަކުން، ބަނޫ މަޚްޒޫމުގެ މީހުން އެކަމަނާގެ ޢާއިލާއަށް އަނިޔާކުރެއެވެ. އަދި އަބޫޖަހުލު އެކަމަނާގެ ގަޔަށް އެއްޗެއް ހަރާލާ އެކަމަނާ ޤަތުލުކޮށްލިއެވެ. އެކަމަނާއަކީ އިސްލާމްދީނުގެ ފުރަތަމަ ޝަހީދެވެ. އެކަމަނާގެ ފިރިކަލުން ޔާސިރުވެސް އަވަހާރަވީ އަނިޔާ ދެވުމުގެ ސަބަބުންނެވެ. އަދި އެކަމަނާގެ ދަރިކަލުން ޢައްމާރަށްވެސް އެތައް އަނިޔާއެއް ދެވުނެވެ.

އެކަމަނާގެ ޢާއިލާއަށް އަނިޔާކުރަނިކޮށް، އެބޭކަލުންގެ އަރިހުން ވަޑައިގަންނަވަމުން އެއްފަހަރަކު ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«أَبْشِرُوا آلَ عَمَّارٍ، وَآلَ يَاسِرٍ، فَإِنَّ مَوْعِدَكُمُ الْجَنَّةُ» [رواه الحاكم في المستدرك (5666)، وقال “صحيح على شرط مسلم ولم يخرجاه”]

މާނައީ: “ޢައްމާރުގެ ޢާއިލާއެވެ. އަދި ޔާސިރުގެ ޢާއިލާއެވެ. އުފާކުރައްވާށެވެ. ފަހެ، ތިޔަބޭކަލުންނަށް ވަޢުދުވެވޮޑިގެންވާ ތަނަކީ ސުވަރުގެއެވެ.”    

މުޖާހިދު ވިދާޅުވިއެވެ. “އެންމެ ފުރަތަމަ މައްކާގައި އިސްލާމުކަން ފާޅުކުރެއްވީ ހަތް ބޭކަލެކެވެ. އެއީ ރަސޫލުﷲ صلى الله عليه وسلم އާއި، އަބޫބަކުރާއި، ބިލާލާއި، ޚައްބާބާއި، ޞުހައިބާއި، ޢަންމާރު އަދި ސުމައްޔާ – رضي الله عنهم- އެވެ. ފަހެ، ރަސޫލުﷲ صلى الله عليه وسلم އާއި އަބޫބަކުރު رضي الله عنه އެބޭކަލުންގެ ޤަބީލާގެ މީހުން ޙިމާޔަތްކުރިއެވެ. ދެން ތިއްބެވި ބޭކަލުންނާމެދު ދަންނައެވެ. އެބޭކަލުންނަށް ދަގަނޑު ދަހަނާ ލެއްވުމަށްފަހު އިރުގެ ހޫނުން އަނިޔާ ދެވުނެވެ. އަދި އަބޫޖަހުލު ސުމައްޔާގެ އަރިހަށް އައިސް ލޮންސިއަކުން އެކަމަނާ ޤަތުލުކޮށްލިއެވެ،”

_____________________________

މަޞްދަރު: الإصابة في تمييز الصحابة لابن حجر (4 / 2542) ، السيرة النبوية في ضوء المصادر الأصلية لمهدي رزق الله أحمد (1 / 210).