އިޙުރާމާއި އެކަމާ ގުޅުންހުރި ކަންކަން ނަންގަތް ބާބު
﴿وَلَا تَحْلِقُوا رُءُوسَكُمْ حَتَّىٰ يَبْلُغَ الْهَدْيُ مَحِلَّهُ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ بِهِ أَذًى مِّن رَّأْسِهِ فَفِدْيَةٌ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ﴾ [سورة البقرة 196]
މާނައީ: “އަދި ހަދްޔު، އެ ކަތިލުމުގެ މަޙައްލަށް ފޯރައްޖައުމަށް ދާންދެން ތިޔަބައިމީހުން ބޯ ނުބާލާށެވެ! ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއްޖެމީހާ ނުވަތަ ބޮލުގައި ބައްޔެއް ހުރެއްޖެމީހާ (އެކަންކަމުގެ ސަބަބުން ބޯބާލައިފިނަމަ) ފަހެ، ރޯދައިން ނުވަތަ ޞަދަޤާތެއް ދިނުމުން ނުވަތަ ކަތިލުމަކުން ފިދުޔައެއް ދިނުން ހުށްޓެވެ.”
﴿فَمَن فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ﴾ [سورة البقرة 197]
މާނައީ: “ފަހެ، އެ މައްސަރުތަކުގައި ޙައްޖު ފަރުޟުކޮށްގެންފި މީހާ (އެބަހީ: ޙައްޖުވުމަށް ޤަޞްދުކޮށް އިޙްރާމު ބަނދެފިމީހާ ދަންނާށެވެ!) ފަހެ، ޙައްޖުވުމުގެ ތެރޭގައި ޖިމާޢުވުމެއް އަދި އުރެދުމެއް އަދި އަރާރުންވުމެއްވެސް ނެތެވެ.”
﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَقْتُلُوا الصَّيْدَ وَأَنتُمْ حُرُمٌ ۚ وَمَن قَتَلَهُ مِنكُم مُّتَعَمِّدًا فَجَزَاءٌ مِّثْلُ مَا قَتَلَ مِنَ النَّعَمِ يَحْكُمُ بِهِ ذَوَا عَدْلٍ مِّنكُمْ هَدْيًا بَالِغَ الْكَعْبَةِ أَوْ كَفَّارَةٌ طَعَامُ مَسَاكِينَ أَوْ عَدْلُ ذَٰلِكَ صِيَامًا لِّيَذُوقَ وَبَالَ أَمْرِهِ ۗ عَفَا اللَّـهُ عَمَّا سَلَفَ ۚ وَمَنْ عَادَ فَيَنتَقِمُ اللَّـهُ مِنْهُ ۗ وَاللَّـهُ عَزِيزٌ ذُو انتِقَامٍ ﴿٩٥﴾ أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ مَتَاعًا لَّكُمْ وَلِلسَّيَّارَةِ ۖ وَحُرِّمَ عَلَيْكُمْ صَيْدُ الْبَرِّ مَا دُمْتُمْ حُرُمًا﴾ [سورة المائدة 95-96]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! (ޙައްޖަކަށް، ނުވަތަ ޢުމްރާއަކަށް) ތިޔަބައިމީހުން އިޙްރާމް ބަނދެގެންތިބެ (އެއްގަމު) ޝިކާރަ ޤަތުލު ނުކުރާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން ޤަޞްދުގައި އެފަދަ ޝިކާރައެއް ޤަތުލުކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހެއްގެ ޖަޒާއަކީ ޤަތުލުކުޅަ އެއްޗަކާ އެއްފަދަ އެއްޗެއް، ނަޢަމްސޫފީގެ ތެރެއިން ދިނުމެވެ. އެ އެއްފަދަ އެއްޗަކާމެދު ޙުކުމްކުރާނީ، ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ދެމީހެކެވެ. (މި ދޭންޖެހޭނީ) ކަޢުބަތުﷲ ގެފުޅަށް ފޯރާ ހަދްޔެއްގެ ގޮތުގައެވެ. ނުވަތަ ކައްފާރާއެއް ދިނުމެވެ. އެއީ މިސްކީނުންނަށް ކާންދިނުމެވެ. ނުވަތަ އެއާ އެއްވަރަށް ރޯދަހިފުމެވެ. އެއީ އޭނާ ކުޅަ ކަންތަކުގެ ނަތީޖާގެ ރަހަ ލިބިގަތުމަށްޓަކައެވެ. (މި އާޔަތް ބާވައިލެއްވުމުގެ) ކުރިން އިސްވެދިޔަ ކަންތައް ﷲ ޢަފޫކުރައްވައިފިއެވެ. އަދި އެކަމަށް އެނބުރި އިޢާދަވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ﷲ ބަދަލުހިއްޕަވާނެއެވެ. ﷲ އީ ބަދަލުހިއްޕެވުމުގެ ވެރި ޢަޒީޒުވަންތަ އިލާހެވެ. [95] ކަނޑުގެ ކެޔޮޅުކަން ކުރުމާއި، އެކަމުންލިބޭ ކާތަކެތި ތިޔަބައިމީހުންނަށް ޙަލާލު ކުރައްވާފައިވެއެވެ. (އެއީ) ތިޔަބައިމީހުންނަށާއި، ދަތުރުވެރިންނަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައެވެ. އަދި ތިޔަބައިމީހުން އިޙްރާމް ބަނދެގެން ތިބިހާހިނދަކު އެއްގަމު ޝިކާރަ ތިޔަބައިމީހުންގެ މައްޗަށް ޙަރާމް ކުރައްވާފައި ވެއެވެ.”
بلوغ المرام من آيات الأحكام ގެ ތަރުޖަމާ