ޙައްޖުކުރާގޮތާއި މައްކާއަށް ވަނުން ނަންގަތް ބާބު
﴿وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى﴾ [سورة البقرة 125]
މާނައީ: “އަދި އިބްރާހީމުގެފާނު ހުންނެވި ތަން (އެބަހީ: ނަމާދު ކުރެއްވުމަށް ނުވަތަ ގެފުޅު ބިނާކުރެއްވުމަށް ހުންނެވި ތަން) އެއީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއްކަމުގައި ބަލައި، ބޭނުން ހިފާށެވެ!”
އަދި އެހެން ޤިރާއަތެއްގައިވެއެވެ.
﴿وَاتَّخَذُوا﴾
މާނައީ: “ތަނެއްކަމުގައި ބަލައި، ބޭނުން ހިފައެވެ!”
﴿إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّـهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّـهَ شَاكِرٌ عَلِيمٌ﴾ [سورة البقرة 158]
މާނައީ: “ހަމަކަށަވަރުން ޞަފާއާއި މަރްވާވަނީ ﷲގެ ޝަޢާއިރުގެ (އެބަހީ: ފާޅުގައި އަޅުކަން ކުރުމަށް ލައްވާފައިވާ ތަންތަނުގެ) ތެރެއިންނެވެ. ފަހެ، ގެފުޅަށްގޮސް ޙައްޖުވާ މީހާ ނުވަތަ ޢުމްރާވާ މީހާ، އެ ދެތަނުގައި ހިނގައި ސަޢުޔުކުރުމަކުން އެމީހާގެ މައްޗަކަށް ކުށެއް ނެތެވެ. އަދި (ފަރުޟުގެ އިތުރަށް) ހެޔޮކަމެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ﷲއީ (އެފަދަ މީހުންނަށް) ޝުކުރުވެރިވެވޮޑިގެންވާ (އެބަހީ: އެބައިމީހުންނަށް ހެޔޮ ޖަޒާދެއްވާ) މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”
އަދި އެހެން ޤިރާއަތެއްގައިވެއެވެ.
﴿أن لا يَطُوْفُ﴾
މާނައީ: “އެ ދެތަނުގައި ހިނގައި ސަޢުޔު ކުރުމަކުން އެމީހާގެ މައްޗަކަށް ކުށެއް ނެތްކަން ކަށަވަރެވެ.”
﴿فَإِذَا أَمِنتُمْ فَمَن تَمَتَّعَ بِالْعُمْرَةِ إِلَى الْحَجِّ فَمَا اسْتَيْسَرَ مِنَ الْهَدْيِ ۚ فَمَن لَّمْ يَجِدْ فَصِيَامُ ثَلَاثَةِ أَيَّامٍ فِي الْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌ كَامِلَةٌ ۗ ذَٰلِكَ لِمَن لَّمْ يَكُنْ أَهْلُهُ حَاضِرِي الْمَسْجِدِ الْحَرَامِ ۚ وَاتَّقُوا اللَّـهَ وَاعْلَمُوا أَنَّ اللَّـهَ شَدِيدُ الْعِقَابِ﴾ [سورة البقرة 196]
މާނައީ: “ފަހެ، ތިޔަބައިމީހުންނަށް އަމާންކަން ލިބިއްޖެނަމަ ޢުމްރާއަށްފަހު، ޙައްޖާ ހަމައަށް ދާންދެން އަރާމު ލިބިގެންފިމީހާ (އެބަހީ: ޙައްޖުގެ ދުވަސްވަރުގައި ޢުމްރާގެ އަޅުކަން ނިމި އިޙްރާމު ކަނޑައިފުމުން، އިޙްރާމުގެ ސަބަބުން ޙަރާމްވާ ކަންތައްތައް ހުއްދަވުމަށްފަހު، މައްކާގައި ހުރެ އަލުން ޙައްޖަށް އިޙްރާމު ބަނދެފި މީހާ) ހަދްޔުގެ ތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުށްޓެވެ. ފަހެ، އެފަދަ އެއްޗެއް ނުލިބިއްޖެމީހާ ޙައްޖުގެ ތެރޭގައި ތިން ދުވަހު، އަދި ޙައްޖުން އެނބުރި އައުމަށްފަހު ހަތް ދުވަހު ރޯދަހިފުން ހުށްޓެވެ. އެއީ ފުރިހަމަ ދިހަ ދުވަހެވެ. އެކަންއޮތީ އެމީހެއްގެ އަހުލުވެރިން ޙުރުމަތްތެރި ވެގެންވާ މިސްކިތް ހުރި ރަށުގެ ވަޒަންވެރިން ކަމުގައި ނުވާ މީހަކަށެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އަދި ހަމަކަށަވަރުން ﷲއީ ޢުޤޫބާތް ގަދަފަދަވެގެންވާ އިލާހުކަން ތިޔަބައިމީހުން ދަންނާށެވެ!”
އަދި ޝާއްޛު ޤިރާއަތެއްގައިވެއެވެ.
﴿فصيام ثلاثة أيام متتابعات﴾
މާނައީ: “ވިދިވިދިގެން ޙައްޖުގެ ތެރޭގައި ތިން ދުވަހު ރޯދަހިފާށެވެ.”
﴿فَإِذَا أَفَضْتُم مِّنْ عَرَفَاتٍ فَاذْكُرُوا اللَّـهَ عِندَ الْمَشْعَرِ الْحَرَامِ ۖ وَاذْكُرُوهُ كَمَا هَدَاكُمْ وَإِن كُنتُم مِّن قَبْلِهِ لَمِنَ الضَّالِّينَ [١٩٨] ثُمَّ أَفِيضُوا مِنْ حَيْثُ أَفَاضَ النَّاسُ وَاسْتَغْفِرُوا اللَّـهَ ۚ إِنَّ اللَّـهَ غَفُورٌ رَّحِيمٌ [١٩٩] فَإِذَا قَضَيْتُم مَّنَاسِكَكُمْ فَاذْكُرُوا اللَّـهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا ۗ فَمِنَ النَّاسِ مَن يَقُولُ رَبَّنَا آتِنَا فِي الدُّنْيَا وَمَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ [٢٠٠]﴾ [سورة البقرة 198-200]
މާނައީ: “ދެންފަހެ، ތިޔަބައިމީހުން ޢަރަފާތުން އެނބުރި އައުމުގެ ދަތުރު ފަށައިގަންނަހިނދު، المشعرالحرام މަޝްޢަރުލް ޙަރާމްގައި (އެބަހީ: މުޒްދަލިފާ ނިމޭ ތަނުގައިވާ ޤުޒަޙު ފަރުބަދަ ކައިރީގައި) ތިޔަބައިމީހުން ﷲ ހަނދުމަކުރާށެވެ! (އެބަހީ: ތަލްބިޔާ ކިޔައި، ދުޢާ ކުރާށެވެ!) އަދި އެއިލާހު ތިޔަބައިމީހުންނަށް ތެދުމަގު ދައްކަވައި އެންގެވި ފަދައިން ތިޔަބައިމީހުން އެއިލާހު ހަނދުމަކުރާށެވެ! އޭގެކުރިން ތިޔަބައިމީހުން ވެފައިވީ މަގުފުރެދިގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. [198] ދެން (ޢަރަފާތުން މުޒްދަލިފާއަށް) އެނބުރި އަންނަ މީސްތަކުންނާއެކު ތިޔަބައިމީހުންވެސް އެނބުރި އަންނާށެވެ! އަދި ތިޔަބައިމީހުން ﷲގެ ޙަޟްރަތުން ފާފަ ފުއްސަވައި ދެއްވުމަށް އެދޭށެވެ! ހަމަކަށަވަރުން ﷲއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހެވެ. [199] ފަހެ، ތިޔަބައިމީހުންގެ ޙައްޖުގެ އަޅުކަންތައް އަދާކޮށް ނިމިއްޖެހިނދެއްގައި ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކާބަފައިން ހަނދުމަކޮށް އުޅުނު ފަދައިން ނުވަތަ އެއަށްވުރެ ގަދަވެގެންވާ ހަނދުމަކުޅައުމަކުން ތިޔަބައިމީހުން ﷲހަނދުމަކުރާށެވެ! އަޅަމެންގެ ވެރިރައްބެވެ! ދުނިޔޭގައި އަޅަމެންނަށް (ހެޔޮކަން) ދެއްވާނދޭވެއޭ ކިޔައި ދުޢާކުރާ މީހުން މީސްތަކުންގެ ތެރެއިންވެއެވެ. އެއިން މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތެވެ. [200]”
﴿وَاذْكُرُوا اللَّـهَ فِي أَيَّامٍ مَّعْدُودَاتٍ ۚ فَمَن تَعَجَّلَ فِي يَوْمَيْنِ فَلَا إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلَا إِثْمَ عَلَيْهِ ۚ لِمَنِ اتَّقَىٰ ۗ وَاتَّقُوا اللَّـهَ وَاعْلَمُوا أَنَّكُمْ إِلَيْهِ تُحْشَرُونَ﴾ [سورة البقرة 203]
މާނައީ: “ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައި ﷲހަނދުމަކޮށް (ތަކުބީރު ކިޔައި) އުޅޭށެވެ! ފަހެ، ދެ ދުވަހުގެ ތެރޭގައި (އެކަން ނިންމައި އެނބުރި ދިޔުމަށް) އަވަސްވެގަތްމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. އަދި (ތިންދުވަހަށް) ލަސްކުޅަމީހާގެ މައްޗަކަށްވެސް ފާފައެއް ނެތެވެ. އެއީ، ތަޤުވާވެރިވެއްޖެ މީހަކަށެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އަދި ހަމަކަށަވަރުން ތިޔަބައިމީހުން މަޙްޝަރަށް ފޮނުއްވާނީ، އެއިލާހުގެ ޙަޟްރަތަށްކަން، ތިޔަބައިމީހުން ދަންނާށެވެ!”
﴿يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْمُشْرِكُونَ نَجَسٌ فَلَا يَقْرَبُوا الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هَـٰذَا﴾ [سورة التوبة 28]
މާނައީ: “އީމާންވެއްޖެ މީސްތަކުންނޭވެ! މުޝްރިކުންނަކީ ނަޖިސް ބަޔެއްކަން ކަށަވަރެވެ. ފަހެ، މިއަހަރަށްފަހު ޙުރުމަތްތެރިވެގެންވާ މިސްކިތާ އެބައިމީހުން، ކައިރިވިޔަ ނުދޭހުށިކަމެވެ!”
﴿وَإِذْ بَوَّأْنَا لِإِبْرَاهِيمَ مَكَانَ الْبَيْتِ أَن لَّا تُشْرِكْ بِي شَيْئًا وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ [٢٦] وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ [٢٧] لِّيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّـهِ فِي أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ ۖ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ [٢٨] ثُمَّ لْيَقْضُوا تَفَثَهُمْ وَلْيُوفُوا نُذُورَهُمْ وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ [٢٩]﴾ [سورة الحج 26-29]
މާނައީ: “އިބްރާހީމުގެފާނަށް ގެފުޅު ހުންނަތަން ތިމަންއިލާހު ދެއްކެވިހިނދު ހަނދުމަކުރާށެވެ! (ތިމަންއިލާހު އެންގެވީމެވެ.) ކަލޭގެފާނު ތިމަންއިލާހަށް އެއްވެސް އެއްޗެއް ޝަރީކުނުކުރައްވާށެވެ! އަދި ޠަވާފުކުރާ މީހުންނަށާއި، ޤާއިމުވެތިބޭމީހުންނަށާއި، ރުކޫޢުކޮށް ސަޖިދަކުރާ މީހުންނަށްޓަކައި ކަލޭގެފާނު ތިމަންއިލާހުގެ ގެފުޅު ޠާހިރުކުރައްވާށެވެ! [26] އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެބައިމީހުން ކަލޭގެފާނުގެ އަރިހަށް އަންނާނެއެވެ. [27] އެއީ އެބައިމީހުންނަށްހުރި (ދީނީ އަދި ދުނިޔަވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެބައިމީހުން ﷲގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ. ނަޢަމްސޫފީގެ ނިޢުމަތް އެބައިމީހުންނަށް ދެއްވިކަމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތިޙާލުގައިވާ ފަޤީރުންނަށް (އެއިން) ކާންދޭށެވެ! [28] ދެން އެބައިމީހުންގައިވާ ކުނި މިލަތައް، އެއުރެން ފިލުވާހުށިކަމެވެ! އަދި އެބައިމީހުންގެ ނަދުރުތައް ފުއްދާހުށިކަމެވެ! އަދި ޒަމާންވީ ގެފުޅުގައި އެބައިމީހުން ޠަވާފުކުރާހުށިކަމެވެ! [29]”
﴿وَالْبُدْنَ جَعَلْنَاهَا لَكُم مِّن شَعَائِرِ اللَّـهِ لَكُمْ فِيهَا خَيْرٌ ۖ فَاذْكُرُوا اسْمَ اللَّـهِ عَلَيْهَا صَوَافَّ ۖ فَإِذَا وَجَبَتْ جُنُوبُهَا فَكُلُوا مِنْهَا وَأَطْعِمُوا الْقَانِعَ وَالْمُعْتَرَّ ۚ كَذَٰلِكَ سَخَّرْنَاهَا لَكُمْ لَعَلَّكُمْ تَشْكُرُونَ﴾ [سورة الحج 36]
މާނައީ: “ތިޔަބައިމީހުންނަށްޓަކައި ޖަމަލުވެސް ﷲގެ ޝަޢާއިރުތަކުގެ ތެރެއިން ތިމަންއިލާހު ލެއްވީމެވެ. އޭގައި ތިޔަބައިމީހުންނަށް ހެޔޮކަމެއްވެއެވެ. ފަހެ، އެތަކެތި ބަނދެ (ކަތިލާހިނދުގައި) އެތަކެތީގެ މައްޗަށް ﷲގެ އިސްމުފުޅު ތިޔަބައިމީހުން ކިޔާށެވެ! ފަހެ، އެތަކެތި (މަރުވެ) ވެއްޓުމުން އެއިން ތިޔަބައިމީހުން ކާށެވެ! އަދި އެއަށްއެދި އެއްޗެއް ދިނުމަށް އެދޭ ފަޤީރުންނާއި، އެއްޗެއް ދިނުމަށް ނޭދޭ ފަޤީރުންނަށްވެސް އެއިން ކާންދޭށެވެ! އެފަދައިން ތިޔަބައިމީހުންނަށްޓަކައި ތިމަންއިލާހު އެތަކެތި ޚިދުމަތްތެރިކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން ޝުކުރު ކުރުމަށްޓަކައެވެ.”
﴿لَّقَدْ صَدَقَ اللَّـهُ رَسُولَهُ الرُّؤْيَا بِالْحَقِّ ۖ لَتَدْخُلُنَّ الْمَسْجِدَ الْحَرَامَ إِن شَاءَ اللَّـهُ آمِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ﴾ [سورة الفتح 27]
މާނައީ: “ހަމަކަށަވަރުން ﷲ، އެއިލާހުގެ ރަސޫލާއަށް ހުވަފެންފުޅު ސީދާކުރައްވައި، ޙައްޤުގޮތުގައި ތެދުކޮށްދެއްވިއެވެ. ހަމަކަށަވަރުން ﷲ އިރާދަކުރެއްވިނަމަ ތިޔަބައިމީހުން އަމާންކަމާއެކުގައި، ޙުރުމަތްތެރިވެގެންވާ މިސްކިތަށް ވަންނާނެކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ބޯތައް ބާލާ ޙާލުގައި، އަދި ކުރުކޮށް ކޮށާ ޙާލުގައެވެ.”
ޙައްޖު ފާއިތުވުމާއި ޙައްޖުކުރުމަށް މަގު ބަންދުވުން ނަންގަތް ބާބު
﴿فَإِنْ أُحْصِرْتُمْ فَمَا اسْتَيْسَرَ مِنَ الْهَدْيِ ۖ وَلَا تَحْلِقُوا رُءُوسَكُمْ حَتَّىٰ يَبْلُغَ الْهَدْيُ مَحِلَّهُ﴾ [سورة البقرة 196]
މާނައީ: “ފަހެ، އެކަމުގައި ތިޔަބައިމީހުން އިޙްޞާރުވެއްޖެނަމަ، (އެބަހީ: ދެކޮޅުވެރި ބަޔެއްގެ ސަބަބުން ނުވަތަ އެނޫން ކަމެއްގެ ސަބަބުން ނަމަވެސް ޙައްޖުވުމަށް ނުވަތަ ޢުމްރާވުމަށް ދިޔުމުގެ މަގު ބަންދުވެއްޖެނަމަ) ހަދްޔުގެ ތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުށްޓެވެ. އަދި ހަދްޔު، އެތަކެތި ކަތިލަންވާ ހިސާބަށް ފޯރައްޖައުމަށް ދާނދެން ތިޔަބައިމީހުން ބޯ ނުބާލާށެވެ!”
﴿هُمُ الَّذِينَ كَفَرُوا وَصَدُّوكُمْ عَنِ الْمَسْجِدِ الْحَرَامِ وَالْهَدْيَ مَعْكُوفًا أَن يَبْلُغَ مَحِلَّهُ﴾ [سورة الفتح 25]
މާނައީ: “އެބައިމީހުންނީ ކާފިރުވެ އަދި ޙުރުމަތްތެރިވެގެންވާ މިސްކިތުން ތިޔަބައިމީހުން އެއްކިބާކުރި މީހުންނެވެ. އަދި ގެފުޅަށް ހަދިޔާކުރެވޭ ތަކެތި، އެތަކެތި ކަތިލަންވާ ހިސާބަށް ދިޔަނުދީ ހިފެހެއްޓި މީހުންނެވެ.”