[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 25 –

ރިބާ ނަންގަތް ބާބު

 

﴿وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّمَ الرِّبَا ۚ فَمَن جَاءَهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىٰ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللَّـهِ ۖ وَمَنْ عَادَ فَأُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ [٢٧٥] يَمْحَقُ اللَّـهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗ وَاللَّـهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ [٢٧٦]﴾ [سورة البقرة 275-276]

މާނައީ: “(ނަމަވެސް) ވިޔަފާރި ކުރުންވަނީ ﷲ ހުއްދަ ކުރައްވާފައެވެ. އަދި ރިބާވަނީ ޙަރާމް ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރައްބުގެ ޙަޟްރަތުން ދެއްވާ ވަޢުޡާއި ނަސޭހަތް، އެމީހަކާ ހަމައަށް އައުމުން އެކަން (އެބަހީ: ރިބާ ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. އަދި އެމީހެއްގެ ކަންތައް އޮތީ ﷲ އަށް ޚާއްޞަވެގެންނެވެ. އަދި އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެބައިމީހުންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެބައިމީހުންނީ އެތަނުގައި ދެމިތިބެނިވި ބަޔެކެވެ. [275] ﷲ، ރިބާ އުނިކުރައްވައި، އޭގެ ބަރަކާތް ނެތިކުރައްވައެވެ. އަދި ޞަދަޤާތް އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ ބަރަކާތް އިތުރު ކުރައްވައި، އާޚިރަތުގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި ފާފަވެރި ކޮންމެ ކާފިރަކު ދެކެ، ﷲ ލޯބިވެ ވޮޑިގެނެއް ނުވެއެވެ. [276]”

﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ [٢٧٨] فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّـهِ وَرَسُولِهِ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ [٢٧٩]﴾ [سورة البقرة 278-279]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲއަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުން މުއުމިނުން ކަމުގައިވާނަމަ ރިބާގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ! [278] ފަހެ، ތިޔަބައިމީހުން (ނަށް އަމުރުވެވިގެންވާ ގޮތަށް) ޢަމަލުނުކޮށްފިނަމަ ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙަޟްރަތުން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން ޔަޤީންކޮށް ދެނެގަންނަ ހުށިކަމެވެ! ތިޔަބައިމީހުން (ރިބާ ދޫކޮށް) އެނބުރި ރުޖޫޢަވެ ތައުބާވެއްޖެނަމަ ތިޔަބައިމީހުންގެ ރައުސުލްމާލުތައް ފަހެ، ތިޔަބައިމީހުންނަށް ހުށްޓެވެ. (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި (އުނިވުމުން) ތިޔަބައިމީހުންނަށްވެސް އަނިޔާ ނުލިބޭ ގޮތުގައެވެ. [279]”

﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا الرِّبَا أَضْعَافًا مُّضَاعَفَةً ۖ وَاتَّقُوا اللَّـهَ لَعَلَّكُمْ تُفْلِحُونَ﴾ [سورة آل عمران 130]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ތިޔަބައިމީހުން ރިބާ ނުކާށެވެ! އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.” (ނޯޓު: މި އާޔަތުގައި ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ރިބާ ނުކެއުމަށް އެންގެވުމަކުން، އެނޫން ގޮތެއްގައި ރިބާ ކެއުން ހުއްދައެއް ނުވެއެވެ.)

﴿فَبِظُلْمٍ مِّنَ الَّذِينَ هَادُوا حَرَّمْنَا عَلَيْهِمْ طَيِّبَاتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ اللَّـهِ كَثِيرًا [١٦٠] وَأَخْذِهِمُ الرِّبَا وَقَدْ نُهُوا عَنْهُ﴾ [سورة النساء 160-161]

މާނައީ: “ޔަހޫދީން ކަމުގައިވީ މީހުންނަށް ޙަލާލު ކުރައްވާފައިވާ ރަނގަޅު ތަކެތި، އެބައިމީހުންގެ މައްޗަށް ތިމަންއިލާހު ޙަރާމް ކުރެއްވީ އެބައިމީހުން އަނިޔާވެރިވުމުގެ ސަބަބުންނެވެ. އަދި އެބައިމީހުން ﷲ ގެ މަގުގައި ގިނަގިނައިން ހުރަސްއަޅައި އުޅުމުގެ ސަބަބުންވެސް މެއެވެ. [160] އަދި އެބައިމީހުންނަށް އެކަންތައް ނަހީކުރައްވާފައިވާ ޙާލުގައި އެބައިމީހުން ރިބާ ހިފިކަމުގެ ސަބަބުންނެވެ.”

_______________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ