[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބްރާހީމްގެފާނުގެ ވާހަކަ – 5

ފިނި އަލިފާން

 

މިކަމާމެދު ކަންތައް ކުރާނެ ގޮތަކާމެދު މަޝްވަރާކުރަން އެބައިމީހުން ތަނަކަށް ޖަމާވެއްޖެއެވެ. އެބައިމީހުން ބުންޏެވެ. ދެން އަހަރެމެން ކަންތައްކުރާނީ ކިހިނެތް ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އިބްރާހީމްގެފާނު އަހަރެމެންގެ އިލާހުންތަކަށް އިހާނެތިކޮށް ހިތައިފިއެވެ. މިކަމުގައި އަހަރެމެން އިބްރާހީމްގެފާނަށް ދޭނީ ކޮން އަދަބެއް ހެއްޔެވެ؟ އެބައިމީހުންގެ ޖަވާބު ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައި ވެއެވެ.

﴿قَالُوا حَرِّقُوهُ وَانصُرُوا آلِهَتَكُمْ إِن كُنتُمْ فَاعِلِينَ﴾ [سورة الأنبياء 68]

މާނައީ: އެބައިމީހުން ބުންޏެވެ. ތިޔަބައިމީހުން ކަމެއްކުރާ ކަމުގައިވާނަމަ، އެކަލޭގެފާނު (އިބްރާހީމްގެފާނު) އަންދާލާށެވެ! އަދި ތިޔަބައިމީހުންގެ އިލާހުންތަކަށް ނަޞްރު ދޭށެވެ”!

ދެން މިބައިމީހުން އިބްރާހީމްގެފާނު އަންދާލުމަށް މަސައްކަތް ފެށިއެވެ. އެބައިމީހުން ބޮޑު އަލިފާންގަނޑެއް ރޯކުރިއެވެ. ދެން އެއަށްފަހު އެބައިމީހުން އިބްރާހީމްގެފާނު އެ އަލިފާންގަނޑުގެ ތެރެއަށް އެއްލާލިއެވެ.

ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

އެ ބޮޑު، ހޫނު އަލިފާންގަނޑުން ﷲ ތަޢާލާ އިބްރާހީމްގެފާނު ސަލާމަތްކުރެއްވިއެވެ. އެ އަލިފާންގަނޑަށް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿قُلْنَا يَا نَارُ كُونِي بَرْدًا وَسَلَامًا عَلَىٰ إِبْرَاهِيمَ﴾ [سورة الأنبياء 69]

މާނައީ: “(ދެން އެބައިމީހުން އެކަލޭގެފާނު އަލިފާންގަނޑަށް އެއްލާލި ހިނދު) ތިމަން އިލާހު ވަޙީ ކުރެއްވީމެވެ. އޭ އަލިފާނެވެ! އިބްރާހީމްގެފާނުގެ މައްޗަށް ފިނި އެއްޗެއް ކަމުގައްޔާއި، އަމާން އެއްޗެއް ކަމުގައި ވާށެވެ”!

އަލިފާނަކީ ކިހާ ހޫނު އެއްޗެއްކަން ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

އަލިފާނާ ގާތް ވިޔަސް، ތިޔަކުދިންގެ މަންމަމެން އެކަން މަނާކުރަނީ، އެ އަލިފާނުގެ ހޫނުކަމުން ތިޔަކުދިން ސަލާމަތްކުރުމަށެވެ.

ﷲ ތަޢާލާ އިރާދަކުރެއްވުމުން، އަލިފާންވެސް އިބްރާހީމްގެފާނުގެ މައްޗަށް ފިނި، ސަލާމަތްތެރި އެއްޗެއްކަމުގައި ވިއެވެ. އަހަރުމެންނަށް އަލިފާނުން ގެއްލުންވާ ފަދައިން އިބްރާހީމްގެފާނަށް އެ އަލިފާނުން ގެއްލުމެއް ލިބިވަޑައިނުގެންނެވިއެވެ. ﷲ ތަޢާލާ އިބްރާހީމްގެފާނު އަލިފާނުން ސަލާމަތްކުރެއްވީތީ އެކަލޭގެފާނު އުފާކުރެއްވިއެވެ. މި މަންޒަރު އެ ރަށުގެ މީހުންނަށް ފެނުނެވެ.

މީހަކަށް އަލިފާނުން އެއްވެސް ގެއްލުމެއް ނުލިބި ހުންނަ މަންޒަރު ތިޔަކުދިންނަށް ފެނިއްޖެނަމަ އެކަމާ ޙައިރާނެއް ނުވާނެ ހެއްޔެވެ؟

އެއީ އާދައިގެ އިންސާނަކަށް ވާނޭ ކަމެއް ނޫނެވެ. އިބްރާހީމްގެފާނަށް އަލިފާނުން އެއްވެސް ގެއްލުމެއް ނުލިބި ހުންނެވި ތަން ފެނުމުން އެބައިމީހުން ވަރަށް ބޮޑަށް ޙައިރާންވިއެވެ.

_____________________________

މަޞްދަރު: قصص النبيين للأطفال

 

އިބްރާހީމްގެފާނުގެ ވާހަކަ